އިންޑިއާއަށް ގޮސް އުޅެނިކޮށް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ފުރައްސާރަ ކުރައްވައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޢަބްދުއްޞަމަދަށް ފުރައްސާރަ ކުރައްވައި މާރިޔާ ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
އިންޑިއާއިން ޑީޕޯޓުކޮށްލުމުން ރާއްޖެ ވަޑައިގެން ޢަބްދުއްޞަމަދު ވަނީ އޭނާއަށް އެ ޤައުމުގައި ދިމާވި ކަންކަމުގެ ވާހަކަ ހިއްސާ ކުރައްވައިފައެވެ. ޢަބްދުއްޞަމަދުގެ ތަޖުރިބާތައް ހިއްސާކުރެއްވީ ކީރިތި ކުރައްވަމުންނެވެ.
އޭނާއަކީ ސަލާމަތީ ޚިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި, ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.
“ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން, ހެހެ, މި ވަރުގެ މީހުން ނުކުމެ މި އުޅެނީ.“ ސަމަދުބެއަށް ފުރައްސާރަކުރައްވައި މާރިޔާ ވިދާޅުވިއެވެ.
ޙުސައިން މިއަދު ހުށަހެޅުއްވި މައްސަލައިގައި ވަނީ ޢަބްދުއްޞަމަދާމެދު މާރިޔާ ގެންގުޅުއްވީ ދަށު ދަރަޖައިގެ ބަސްމަގެއްކަބް ފާހަގަ ކުރައްވައިފައެވެ.
މާރިޔާއަކީ މީގެކުރިން ވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ “ފިނދަނަތަކެއް“ ކަމަށް ސިފަކުރައްވާފައިވާ ބޭފުޅެއް ކަމަށާއި, އޭނާއަކީ ޢާންމު ގޮތެއްގައި ފުލުހުންނާއި ސިފައިންނަށް ބަދުބަސް ވިދާޅުވާ ބޭފުޅެއްކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
“މިފަދަ ބޭފުޅަކު މި މަޤާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ނުކުރާ މިންވަރު ހާމަވާ ކަމަކަށްވާތީއާއި ވަކި ޤައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ ޤައުމަށް ސަނާ ކިޔައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭ ކަމަކަށްނުވާތީއާއި ޢަބްދުއްޞަމަދަށް މަލާމަތްކޮށް ޖޯކު ޖައްސަވައި ދިފާޢީ ވަޒީރު ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މާފަށް އެދުމަށާއި އަދި މިފަދަ މަޤާމެއްގައި ހުންނަވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ.“
ނަމަވެސް މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަކަމަށް 31 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.