ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ޢައްބާސް ޢާދިލް ރިޒާގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޢައްބާސްގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ.
ދަޢުވާ އުފުލި ސަބަބު: 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ”ކްލަބްހައުސް“ ގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޕެޓްރޯލާއި, ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި 23 ޑިސެމްބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ.
މި ދަޢުވާ ސާބިތުވެއްޖެނަމަ ޢައްބާސްގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.