ސަބަބުވެރި އިންސާނެއްގެ ސަބަބުވެރި ޙުކުމް!

Loading

February 18, 2023
profile
Facebook
Twitter
WhatsApp


ކުރިސްޓްމަސް ދުވަހަކީ ބުނެއުޅޭގޮތުން ނަމަ 25 ޑިސެމްބަރު ދުވަހެވެ. ނިމިދިޔަ ކްރިސްޓްމަސް ދުވަހަކީ ތާރީޚީ ދުވަހެކެވެ. ރާއްޖޭގެ ގިނަ ޖަޒީރާ ރެސޯޓްތަކުގައި ދިޔައީ ކުރިސްމަސް ރެއަށް ތައްޔާރުވަމުންނެވެ. ހަމަ އެހާ ހައްސާސް ގޮތެއްގައި ސަބަބުވެރި އިންސާނަކު ގެންދެވީ އެތައް ރެއެއްގެ ނިދި ނަންގަވާލައި އަވަހާރަފުޅު ލެއްޕެވުމެއް ނެތި ވަރަށް ބުރަކޮށެވެ. 

އަދި ޢާއިލާގެ ވަރަށް މަދު ބަޔަކަށް ކްރިސްޓްމަސްގެ ފަހުން ވެދާނެ ގޮތަކާއިމެދު ވާހަކަ ދައްކަވައި އޮށްދާ ހިއްލުމުގައެވެ. ނިދާ ކޮޓަރީގައި 18 ބީޓީޔޫގެ އެއަރކޮންޑިޝަނެއް ހުރި ނަމަވެސް އެ ސަބަބުވެރި އިންސާނާގެ އޮށްދާ ހިއްލުމެއް މުޅިޔަކުން ނުދިޔައެވެ.

ވާނީވެސް އެހެންތާއެވެ. އެކަން ނުވަތަ ސަބަބުވެރި އިންސާނާގެ އެ ޙާލަތުޕަބްލިކަށް ތިލަވާ ގޮތް ދިމާވީ އެ ދުވަހުގެ މެންދުރުފަހުންނެވެ. އާދެ! އެ އޮށްދާ ހިއްލި އިންސާނާގެ ސަބަބުވެރި ޙުކުމަކުން ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމް 11 އަހަރަށް ހުރަގެއަށް ލުމަށް ޙުކުމް ކުރައްވައި, 5 މިލިޔަން ޑޮލަރުގެ ޖޫރިމަނާ ކުރެއްވުމަކުންނެވެ. 

އެއީ ސަބަބުވެރި ވިސްނުމަކުން ވިސްނަވައި ނިންމެވި ގޮތެއް ކަމަށް އެ ފަނޑިޔާރު މަނިކުފާނު (ގާޒީ) ވިދާޅުވުމުން ދެން ވަރަށް ގިނަ ޖޯލިތަކާއި ފިނިއަށިތަކާއި މައިޒާންތަކުގައި މި ގާޒީއެއްގެ ހުޝިޔާރުކަމާއި ޢިލްމީ ހުނަރާއި ބެހޭގޮތުން ބަހުސްތައް ފެށުނެވެ.

މީގެ ކުރިން ވެސް ލައްކަ ގިނަ މީހުންގެ މައްޗަށް ލައްކަ ގިނަ ޙުކުމް ކުރައްވާފައިވެއެވެ. ނަމަވެސް ޔާމީނަށް ކުރެވުނު މި ޙުކުމަކީ ދިވެހި ފަނޑިޔާރު ގެއަކުން ފުރަތަމަ ފަހަރަށް ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނެވުމަށްފަހު ކުރެވުނު ފުރަތަމަ ޙުކުމެވެ. ކުރިސްޓްމަސް ދުވަހަށް ތައްޔާރު ކުރެއްވި މި ޙުކުމަކީ ދިވެހި އެތަކެއް ވަކީލުންވެސް ސިއްސުވައިލި ޙުކުމެވެ.

އެހެން ނުވާނީ ކީއްވެތޯއެވެ! ޝަރީޢަތެއް ނިމި ދެން އޮންނާނީ ޙުކުމް އިއްވެވުން ކަމަށް ވިދާޅުވެ, އަދި 30 ދުވަހުގެ ތެރޭގައި ޙުކުމް އިއްވަވާނެކަން ވެސް އަންގަވާފައި ވުމާއެކު ޔަގީނުންވެސް ފަނޑިޔާރު މަނިކުފާނު އޮންނާނީ ޙުކުމް ލިޔުއްވައި ތައްޔާރު ކުރައްވާފައި ކަމަށް ބެލެވޭތީއެވެ.

ނަމަވެސް މާލޭ ތެރެއިން ދެން އިވިގެންދިޔައީ ޝަރީޢަތަށް ދެ ޚަސްމުން ހާޒިރު ކުރެއްވުމަށްފަހު, ގާޒީ ގެއްލުނު ކަމުގެ އަޑުތަކެވެ. އެހެނީ 3 ގަޑިއިރު ވީއިރުވެސް ޝަރީޢަތުގެ އަޑު އެހުން ނުފެށުނީ ގާޒީ ޣައިބުވެވަޑައިގެން އުޅުއްވާތީއެވެ. މިހެން ދިމާވީމާ ފާޑުފާޑުގެ ވާހަކަތައް ވެސް ވިހާނެތާއެވެ.

ބައެއް ރިވާތަކުގައި ވާ ގޮތުން ގާޒީ ހުންނެވީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުގައެވެ. ހޮޅުއަށިތަކުގައި ވެސް އެ ވާހަކަ ދެކެވެން ފެށިއެވެ. ގާޒީ ޢުމްރާއަކަށް ފުރާވަޑައިގަތީއޭ ވެސް ބައެއް ޖަގަހަތަކުގައި ކިޔަމުން ދިޔައެވެ. އެހެންކަމުން ދެން ވާނީ ކިހިނެއްތޯ ވެސް ޔާމީނުދެކެ ލޯބިވާ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ!

ޔާމީނުގެ ޝަރީޢަތަކީ ޓީވީ އިން ލައިވް ކުރަމުންދާ ޝަރީޢަތަކަށް ވުމުން ކުރިސްޓްމަސް ދުވަހެއް ކަމަކު ޓީވީއިން ލައިވު ކުރާނެ ނޫންހޭ, ބައެއް މަސްދޯނިތަކުގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. މި ޒަމާނަކީ ފޯނުން އެފްބީގެ ޒަރީޢާއިން ލައިވް ޕްރޮގްރާމުތައް ބެލޭ ޒަމާން ކަމުން ގިނަ ބައެއްގެ ވިންދު އަވަސްވާން ފެށިއެވެ.

ކޮންމެޔަކަސް ސަބަބުވެރި ގާޒީ (ފަނޑިޔާރު މަނިކުފާނު) 3 ގަޑިއެއްހާއިރު ފަހުން ފެނިއްޖެއެވެ. އެހެން ދުވަހާ ޚިލާފަށް ފަނޑިޔާރު މަނިކުފާނުގެ މޫނުފުޅުމަތީ ކުލަވަރު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައެވެ. ވާނީވެސް އެހެންތާއެވެ! 18 ބީޓީޔޫގެ އެއަރ ކޮންޑިޝަން ޖައްސަވައިގެން ވެސް ފުރިހަމަ ނިދި ލިބިވަޑައި ނުގަންނަވާތާ ތިން ހަތަރު ރެޔެއްވެއްޖެއެވެ. 

ތިން ހަތަރު ފަހަރަށްވުރެ ގިނައިން ލިޔުއްވި ޙުކުމަށް ސަބަބުވެރި ބަދަލުތަކެއް ގެންނަސްގެން ފުރިހަމަ ކުރުމުގެ ބުރަ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަށް ބަޔަކު ބުނެތެވެ.

މި ޙުކުމަށް ބަލައިލުމުން ވިސްނުނު އެއްކަމަކީ ސަބަބުވެރި އިންސާނެއްގެ މުހިންމުކަމެވެ. ސަބަބުވެރި އިންސާނެއްގެ ބޭނުންކޮށްގެން ލައްކަ ގިނަކަންކަން ކުރެވި ލައްކަ ގިނަ ކަންކަމަށް ޙައްލުވެސް ހޯދައި ދެވިދާނޭ ކަމެެވެ.

އެ ގޮތުން ހޮޅުއަށިތަކުންނާއި ބައެއް މީޑިޔާތަކުން ޚަބަރު ލިބުނު ގޮތުގައި 2013 ވަނަ އަހަރު ލ.ގަމުގައި ނިޒާރު ކިޔާ މީހަކު މަރައިލެވުނެވެ. އޭނާ މަރައިލީ ހަތަރު މީހުންވެގެން އޭނާ ސައިކަލެއްގައި ދަނިކޮށް ހަމަލާ ދީގެންނެވެ. ނިޒާރުގެ ތިން އެކުވެރިޔަކަށް އެ މަންޒަރު ފެނުނެވެ. އެ މަރުގެ މައްސަލާގައި ބަޔަކު ހައްޔަރު ވެސް ކުރިއެވެ. އޭގެތެރެއިން ގިނަ މީހުން ފުލުހުންގެ ތަޙުގީގުގައި ކުށަށް އިޢުތިރާފު ވެސް ވިއެވެ. އަދި ޙަމަލާ ދިންގޮތާއި އެ ޖަރީމާ ހިންގިގޮތް ކިޔައިވެސްދިނެވެ. އޭގެތެރެއިން 18 އަހަރު ނުފުރޭ ކުއްޖާގެ މައްޗަށް ހެކިންގެ ހެކިބަހާއެކު ކުށް ސާބިތުވެ ޙުކުމް ވެސް ވަނީ ކުރެވިފައެވެ.

ނަމަވެސް ދެން ބާކީ ތިބި މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓްގައި ދިގުލައިގެން ގޮސް އެތަކެއް އަހަރެއް އެކަމުގައި ހޭދަވިއެވެ.

އެ މުއްދަތުގެ ތެރޭގައި ހެކިވެރީންނަށް އިންޒާރުދީ އަދި އެ ހެކިވެރީންގެ މުދަލަށް ގެއްލުންދީ ހެކިވެރީންނަށް މަރުގެ އިންޒާރުދީ ޙަމަލާވެސް ދިނެވެ. އެކަން ޕޮލިހަށް ރިޕޯޓް ވެސް ކުރެވުނެވެ. ނަމަވެސް އެކަމަށް އަޅައިނުލެވުމުގެ ނަތީޖާއެއްގެ ގޮތުން ކްރިމިނަލް ކޯޓުން ހެކިންގެ ހެކިބަސް ނަގާ ހިސާބަށް ދިޔައިރު ނިޒާރަށް ޙަމަލާ ދިންކަން ދަންނަ މީހަކު ހުރިކަމަކަށް ވެސް ނުވިއެވެ.

އެންމެން ވެސް ބުނެފައިވަނީ ޙަމަލާދިން ބަޔަކު ނޭނގޭ ކަމަށެވެ. މައްސަލަ ނިންމިއިރު ތަޙުގީގަށް އެމީހުން ދީފައިވާ ބަޔާނަކަށް އެއްވެސް ބުރަދަނެއް ދީފައެއް ނުވެއެވެ. ޖުވެނައިލް ކޯޓުން ކުރި ޙުކުމަކަށްވެސް ރިޢާޔަތް ކޮށްފައެއް ނުވެއެވެ. ހެކިވެރީންނަށް ދެއްކި ބިރާއި މުދަލަށް ދިން ގެއްލުމާއި މަރުގެ އިންޒާރަކީ މައްސަލަ ބެއްލެވި ގާޒީ ދެނެވަޑައިގެން ހުންނެވި ކަމަކަށްވެސް ނުވިއެވެ.

އެހެންނަމަވެސް މައްސަލަ ނިންމެވިއިރު ސަބަބުވެރި އިންސާނަކު ފަނޑިޔާރު މަނިކުފާނަކަށް އިންނެވި ނަމަ ކިހާރަނގަޅުވީސްތޯއެވެ. އެހެންނަމަ ނިޒާރުގެ ޢާއިލާއަށް އިންސާފު ލިބުނީސްކަމަށް ބެލެވެއެވެ. މިކަހަލަ ކިތަންމެ މައްސަލައެކެވެ.

މާލޭގެ މަގުމަތިން ފުލުހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ޒުވާނެކެވެ. އެ މީހުންގެ މައްޗަށް ދަޢުވާ އުފުލުުމުން އެމީހުން ބުނެފައިވަނީ އެއީ އެމީހުންގެ އަތަށް ކޮންމެވެސް ބަޔަކު ދިން ފޮށިގަނޑުތަކެއް ކަމަށެވެ.

ފޮށިގަނޑު ދިން މީހަކުގެ ނަން ވެސް އެމީހުންނަކަށް ނޭނގޭ ކަމަށެވެ. އެތަކެއް ދުވަހަކު ޝަރީޢަތް ކުރިޔަށް ގެންގޮސް 3 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ މީހުނަށް ފޮށިގަނޑު ދިން މީހުންގެ ނަން ހަނދާންވެއްޖެއެވެ.

އެ ފޮށިގަނޑު ދިނީ އެ ދެ ޒުވާނުންނާއި އެއް ރަށެއްގެ މީހެއް ކަމަށެވެ. ނަމަވެސް ފާއިތުވެ ބުނެވިދިޔަ 3 އަހަރުގެ ތެރޭގައި ވެސް އެމީހާގެ ނަމެއް މި ދެޒުވާނުންނަކަށް އެނގޭ ކަމަކަށް ނުވިއެވެ. 

އެއަށްވުރެ އަޖައިބުވާން ޖެހުނު ސަބަބަކީ އެ ބުނާ މީހާއަކީ މަސްތުވާތަކެތި ދިރުވާލައިގެން ޓްރެފިކިން ކުރަނިކޮށް އަތުލައިގަނެވިގެން އޭރު ދަޢުވާ ވެސް އުފުލާފައިވާ ޑްރަގްގެ ބޮޑެއް ކަމެވެ. އޭނާހުރީ ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ބޮލުގައި އެޅިފައެވެ.

ކޯޓުން ނިންމެވީ ފޮށިގަނޑުދިން މީހަކީ އެ ބުނާ ޢުމުރުދުވަހުގެ ޖަލުގެ ޙުކުމް ބޮލުގައި އެޅިފާ ހުރި މީހާ ކަމަށެވެ. އަދި އެމީހުނަށް ކުރިން އެމީހުންގެ ރަށުގެ އެމީހާގެ ނަން ނޭނގުކަމަކީ އެމީހުން ޖިނާޢީ ޢަދުލުއިންސާފުގެ ނާޖާއިޒު ފައިދާއެއް ހޯދަން ކުރިކަމަކަށްވެސް ނުވިއެވެ.

މި ޙުކުމްގައި ވެސް އެދުވަހު ސަބަބުވެރި އިންސާނަކު ފަނޑިޔާރު މަނިކުފާނަކަށް އިންނެވިނަމަ ކިހާ ރަނގަޅުވީސްތޯއެވެ؟ އެހެންނަމަ ބޭނުންވާ އިންސާފު ލިބުނީސްތާއެވެ. 

އެހެންނާފަހެ، މަސްތުވާ ތަކެތި ޙަވާލުކުރި އެމީހުންގެ ރަށުގެ ފްރެންޑް މީހާގެ ނަން އެތަކެއް އަހަރުތަކެއް ފަހުން ހަނދާން ވުމާއި އަދި އޭނައަކީ ޢުމުރުދުވަހުގެ ޖަލު ޙުކުމް އިއްވަންވެފައި ހުރި މީހެއްކަން ފާހަގަ ކުރުމަށްފަހު އެކަމަށް ރިޔާޢަތްކުރުމާއެކު އެ ދިފާޢީ ހެކި ބާތިލު ކޮށްލީއެވެ. މިފަދަ ކިތަންމެ މައްސަލައެއް ރާއްޖޭގެ ނުތާހިރު ޝަރުޢީ ނިޒާމުން ފެންނަން އެބައޮތެވެ.

ރެޑްހޭންޑްކޮށް ހިފޭ މަސްތުވާތަކެތީގެ ކުށްވެރީން ސާބިތު ހެކި ނެތިގެންކަމަށް ބުނެ މިނިވަން ވެގެންދަނީ ޗޭންއޮފް ކަސްޓަޑީ ލިޔުންނެތިގެން ކަމަށް ނިންމާފައިވަނީ މަދެއްކޮށެއް ނޫނެވެ.

މަރުގެ މައްސަލަތަކުން ސަލާމަތްވަނީ ގާނޫނީ އިންޒާރު ދިނުންފަދަ ކުދިކުދިކުށް ފުލުހުން ހަދައިގެންނެވެ. ސުވާލަކީ ފުލުންގެ އިދާރާ 50 އަހަރުފުރި މިހާރުދެން ކިރިޔާ ކަމެއްވާއިރަށް އެފް.ބީ.އާއި. އާއި އިންޑިޔާގެ ރޯ ބޭނުންކުރެވޭވަރަށް އިންޓަރނޭޝަނަލް އިންޓެލިޖެންސްގެ ނެޓްވޯކަށް ލާމެހިފާއިވާއިރު މިފަދަ ކުދިކުދި ގޯސްތަށް ހެދި ނުވަތަ ހަދައިގެން ބޮޑެތި ކްރިމިނަލް މީހުންނަށް ސަލާމަތްވެވެނީ ކިއްވެތޯއެވެ.

ކަސްޓަޑީ އޮފް ޗެއިންގައި އެފަދަ ކުށެއް ނެތިއްޔާ ސަބަބުވެރި އިންސާނާ ފަނޑިޔާރު މަނިކުފާނު ސަބަބުވެރި ޙުކުމެއްދަށުން ކުށް ދެއަތަށްވެސްސާބިތުކޮށްލަ ދެއްވުމަކީ މިހާރު ޢަދުލުއިންސާފު ޒަމާނީ ފެންވަރު އާ އުސްމިނަކަށް ގެންދެވިފައި ވުމެވެ. މިހާރުގެ ވެރިކަމުން ރައްޔަތުންނަށް ކަށަވަރުކޮށްދޭން ވެފައިވާ ވަޢުދަކީ ޢަދުލް އިންސާފްގެ ނިޒާމް ފުރިހަމަކޮށް ދެއްވުމެވެ. ދެކެބާލާށެވެ! 2023 ގެ ރިޔާސީ އިންތިޚާބު ކޮންމެގޮތަކުންވެސް ކާމިޔާބުކޮށް ވެރިކަމުގައި ތިބުމަށްޓަކާ މިހާރު އެގެންދަވަނީ ހަމަ އެފަދަ ދޮގު ވަޢުދުތަައް އިއްވަމުންނެވެ. 

ކުރީގެ ރައީސް ޔާމީނަށް ކުރެވިގެން އެދިޔަ ޙުކުމަކީ ސަބަބުވެރި ވިސްނުމަކުން ވިސްނަވައި ނިންމެވި ނިންމުމެއް ކަމަށް މައްސަލައިގެ ނިޔާ އެއްވެވި ފަނޑިޔާރު މަނިކުފާނު (ގާޒީ) ޝަކީލު ވަނީ ވިދާޅުވެފައެވެ.

Loading

3 Responses

  1. ޙުކުމް އިއްވާފައި އެކަމުގައި އުޅުނު ކުދިންކޮޅާއިއެކު ސަބަބުވެރި އިންސާނާ ދިޔައީ ހަމަރަނަގަޅައްވެސް އުމްރާއަކަށެވެ. ސަބަބުވެރި އިންސާނާ ވަނީ އެކަން ކުރުމަށްފަހު ޙަރާމް ޙުކުމަކަށް ވެދާނެތީ ސަބަބުވެރި ވިސްނުމަކުން ވިސްނާއި ޢުމްރާ ދަތުރު ރެޑީ ކޮށްފައެވެ. ދެން އެ ކަމުގައި ފޯނުން ގުޅައި ސަބަބުވެރި އިންސާނާޔާއަށް ބާރުލިބިދީ އިނާޔަތްތަށް ރައްޔަތުންްގެ ޓެކްސްފައިސާއިން ބޮޑުކޮށްލިބިދޭ އުޅުނު ގްރޫޕާއިއެކު އަސްލުވެސް ކަނޑާލީ ޢުމްރާއަކަށެވެ. ދެން ފުއްސެވީޔޯލައެވެ. ދެން އެނބުރިއައިސް ރޯގާ ރަނގަޅުވުމުން ޔާމީނުގެ ޝަރިޢަތް ހައިކޯޓަށް ވެއްދި ބަލަން ފަށާއި އިރަށް ހައިކޯޓްގެ ފަނޑިޔާރަކަށް ވުމަށް މިހާރު އެވަނީ އެޕްލައި ކޮށްފައެވެ. އަލިއްޕެގެ ދޯސްތެއް ބުނަނީ ޝަކީލް ބާކީވިޔަކަ ނުދޭނެކަމަށެވެ. އެހެނީ ޝަކީލު ވަރަށްވެސް ހެޔޮވިސްނޭކަމަށެވެ. މިފަދަ ސަބަބުވެރި ވިސްނުންތެރީން މަދު ކުރައްވާށިއެވެ. އާމީން!

  2. 02 ފާސިޤުންގެ ހެކިބަސް އިސްލާމީ ޝަރީޢަތަކުން ސައްޙަ ތެދުވެރި ހެކި ކަމަށް އެއްވެސް ގޮތަކަށް ބަލައެއް ނުގަންނާނެ! އެދުވަހު ޙުކުމް ކުރި ގާޒީ އިންނެވީ ބޭރު، ބާރުގަދަ ނުފޫޒަކުން، ސަބަބުވެރި ޥެފައި!
    މިހެންވެ، ރައްޔިތުން މިއަދު ގޮވަނީ، ”ޙަރާމް ޙުކުމް ބާތިލު ކުރޭ“!

Leave a Reply to އައްޑު އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް