ސައިންސުގެ ސަފްޙާތަކުން ކިއުންތެރިންނަށް

Loading

Facebook
Twitter
WhatsApp
world news earth science maldives

ސައިންސުގެ ސަފްޙާތަކުން މި ލިއުން ގެނެސްދިނުމުގެ ބޭނުމަކީ ކިއުންތެރިންގެ ދަރިންގެ ތެރެއިން ސައިންސުގެ މާއްދާތައް ކިޔަވާ ކުދިންނަށް ދުނިޔެއާބެހޭ ގޮތުން އިތުރު މަޢެލޫމާތު ގެނެސް ދިނުމެވެ. އަޅުގަނޑުމެން އަބަދުވެސް ބުނާގޮތުގެމަތިން މި ލިއުމުގައި ހިމެނޭ މަޢެލޫމާތު ތަކަކީ އެތައްބަޔަކަށް އެނގޭ އަދި ކީރިތި ގުރުއާނާއި ސުންނަތާއި ސައެންސުގެ ހޯދުންތަކުން އެނގޭ މޢުުލޫމާތު ތަކަށް ވެދާނެއެވެ. ނަމަވެސް މިލިޔުމުންވެސް ކިއުންތެރިންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ފައިދާ ކޮށްފިނަމަ އަޅުގަނޑުގެ މަގްސަދު ޙާސިލުވީއެވެ.  

ޔުނިވަރސިޓީ އޮފް ޓެނެސީގެ ޕްލެނެޓަރީ ސައެންސުގެ ތަޖްރިބާކާރު ސިޗުން ހުއަންގް މިމަހުގެ 23 ވަނަ ދުވަހު ދެއްވި ފިލާވަޅު ޚާއްސަ ކުރައްވާފައި ވަނީ “ ދުނިޔޭގެ ބިމުގެ އަޑީގައި އިރުގެ ހޫނުކަމާއި އެއްވަރުގެ ގަދަ ހޫނުކަމެއް އެތައް ބިލިއަން އަހަރަކަށް ދެމިގެންދާގޮތުގައި ހުރުމުގެ ސިއްރަކީ ކޮބާހެއްޔެވެ ”. މި މައްޟޫއަށެވެ.

މި ސުރުޚީ ފެނުމުން އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ސާޅީހަކަށް އަހަރުދުވަހުގެ ކުރިން އަޅުގަނޑުގެ އުސްތާޒު ދެއްވި ފިލާވަޅެއްގައި ހަމަ މިސުރުޚީ ބޭނުންފުޅު ކުރައްވާފައި އޮތުމެވެ.  

މި ސުރުޚީ އަޅުގަނޑަށް ފާހަގަ ކުރެވުނު ސަބަބަކީވެސް މިއީއެވެ. އެދުވަހު އަޅުގަނޑުގެ އުސްތާޒު މަސައްކަތް ކުރެއްވީ ކީރިތި ގުރުއާނާއި ސައެންސުގެ އަލީގައި ކޮންމެވެސް ވަރަކަށް މިކަން އަޅުގަނޑަށް އޮޅުންފިލުވައި ދިނުމަށެވެ. އެ ދުވަހު އެބޭފުޅާ އަޅުގަނޑަށް ދަސްކޮށް ދެއްވި ފިލާވަޅު ހިތުގައި ބިންވަޅުނެގިފާ އެބަހުއްޓެވެ. މިއަދު އަޅުގަނޑުގެ އުސްތާޒުއަރިހަށް ދެވޭކަށް ނެތެވެ. 

އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވަމެވެ. ކީރިތި ގުރުއާނުގެ އަލީގައި މި މައުޟޫއަށް އެއްޗެއް ލިޔުމުގެ ޢިލްމާއި ގާބިލުކަން ފުރިހަަމަޔަށް އަޅުގަނޑުގެ ކިބައިގާ ނެތުމާއިއެކު ސައެންސުގެ ރޮނގުންތަޖްރިބާތަކެއް ލިބިވަޑައިގެން ހުންނެވި ސިޗުން ހުއަންގް ބުނެފައިވާ އެއްޗެއް ކިއުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މަސައްކަތްކުރަން ހިތަށް އެރީއެވެ. 

ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ހާމަވެފައިވާ މަޢުލޫމާތާއި މި ލިއުމުގައި ފުށޫ އެރުމެއް ނުވަތަ އެއްބަސްނުވާ ކަމެއް ހުރިނަމަ އެކަމެއް މިއަށްވުރެ ފުރިހަމަކޮށް އެނގިވަޑައިގަންނަވާ ޢިލްމްވެރިޔަކު އެކަން އަޅުގަނޑާއި އަދި ކިއުންތެރިންނަށް އޮޅުން ފިލުވާ ދިނުމަކީ އަޅުގަނޑުގެ އެދުމެކެވެ.                                    

އަހަރެމެންގެ ދުނިޔެ އުފައްދަވާފައިވާ ގޮތް އެންމެރަނގަޅަށް ސިފަކޮށްދެވޭނީ ފިޔާ އެއްގެ މިސާލުންނެވެ. ފިޔާ ފަށަލަ އެކުލެވިފައވާ ގޮތަށް ފަށަލައަކަށްފަހު ފަށަލައެއްގެ މިސާލުގައޭ ބުނެވިދާނެއެވެ. ސިޗުން ހުއަންގް ގެ ފިލާވަޅު ފައްޓަވަމުން ވިދާޅުވިއެވެ.                                                        

އެންމެ މަތީގައި އެވަނީ އަހަރެމެން ދިރިއުޅޭ ފަށަލައެވެ. އެއަށްފަހު އާންމު ގޮތެއްގައި ހިލައިގެ ފަށަލައެކެވެ. އެއަށްވުރެން ފުނަށް ދެވުމުން އެންމެ ފުނުގައި މެދަށް އޮންނަ ފަށަލައިގެ ބޭރުކައިރި އުފައްދަވާފައި ވަނީ ދިޔާކޮށްހުރި ވިރިކެކޭ ދަގަނޑުންނެވެ. އަދި ދުނިޔޭގެ ބިމުގެ އެންމެ އެތެރޭގެ މެދުގައި ހުރީ ހަރު ދަގަނޑެވެ. އެއީ ގާތްގަނޑަކަށް ހަނދުގެ ސަތަހައިގެ 70 އިން ސައްތަ ވަރުގެ އޭރިއާއެކެވެ. ފުނަށް އެތެރެ ވެވުނުވަރަކުން ހޫނު ގަދަވާނެއެވެ. އޭގެ ބައެއް ހިސާބުތަކުގައި އިރުގެ ސަތަހައާއި އެއްވަރުގެ ހޫނުކަމެއް ހުންނާނެއެވެ.                     

ދުނިޔޭގެ އެތެރެ އޮތްގޮތެއް ދަސްކުރުމަށްޓަކައި އަހަރެން ބޭނުންމިކުރަނީ އިންސާނާގެ ހަށިގަނޑުގެ އެތެރެ ދެނެގަތުމަށްޓަކައި ބޭސްވެރިކަމުގެ ޑަކްޓަރުން ބޭނުންކުރާކަހަލަ ފަލްސަފާއެކެވެ. އިންސާނާގެ ހަށިގަނޑުގެ އެތެރެ ދެނެގަތުމަށްޓަކައި ޑޮކްޓަރުން ބޭނުންކުރަނީ އަލްޓްރާ ސައުންޑްވޭވްސް ތަކެކެވެ. އެއަށް ޑޮކްޓަރުން ދީފައިވާ ނަމަކީ ސޯނޯގްރަފީ އެވެ. ދުނިޔޭގެ އެތެރެ ދެނެގަތުމަށްޓަކައި ސައެންސްވެރިން ބޭނުންކުރަނީ ސިސްމިކް ވޭވްސްގެ ޒަރީޢާއެވެ.                                                              

ދުނިޔޭގެ ސަތަހުގައި ގޮނޑުތަކާއި ވިނައާއި ވެއްޔާ މިކަހަލަ އެތައް އެއްޗެއް ފެންނާންހުރެއެވެ. ސިސްމިކްގެ ލޮޅުމުން ދެނެގަންނަނީ އޭގެ އަޑީގައި ހުރި ކުދިބޮޑު ހިލައާއި މިކަހަލަ އެއްޗެއްސެވެ. މިއީ ފިޔާގެ މިސާލުން ތޮށީގެ ދެވަނަ ފަށަލާގައި ހިމެނޭ އެއްޗެއްސެވެ. އެތަކެތި ވިހި ތިރީސް ކިލޯމީޓަރަށް އަޑިއަށް ހިގައިދާނެއެވެ. އެއަށްފަހު މެންޓްލް ( ފަރުދާއޭ ކިއުނު ފަށަލަ ) ގެ ފަށަލައިގާ އޮޔާ ދިއުމެއްގެތެރޭގައިދެމިއޮވެދާނެއެވެ.

މެންޓްލް ނުވަތަ ފަރުދާއޭ މިކިއުނު ފަށަލަ ތޮށިގަނޑުގެ ފަށަލައާއި އެކުގައި ޙަރަކާތްތެރިވަމުން ގެންދާނެއެވެ. މި ފަށަލައިގެ ބޯމިނަކީ އެވްރެޖް ގޮތެއްގައި 100 ކިލޯމީޓަރެވެ. މިފަށަލައަށް އެއްކޮށް ލިތޯސްފިއަރ އެވެ ކިޔެއެވެ. ލިތޯސްފިއަރ އެކުލެވިގެންވަނީ ބިޔަ އެތައް ބްލޮކެއްގެ މައްޗަށެވެ. 

މި ބްލޮކްތަކަށް ކިޔަނީ ޕްލޭޓެވެ. މިސާލަކަށް ޕެސިފިކް ކަނޑުގެ މުޅި ސަރަޙައްދު ހިމެނޭގޮތުގައި އޮންނަ ޕެސިފިކް ޕްލޭޓް އަދި ނޯތު އެމެރިކާގެ މުޅި ސަރަޙައްދު ހިމެނޭ ގޮތުގައި އޮންނަ ނޯތު އެމެރިކާ ޕްލޭޓް އެވެ. މިޕްލޭޓްތަކުން ދުނިޔޭގެ ސަތަޙަ ޕަޒްލް ގޭމެއްގައި އެތިކޮޅުތައް ހަމަޖެހޭކަހަލަ ގޮތަށް އޮންނަނީ ސެޓްވެފައެވެ. 

މި ޕްލޭޓްތަކަކީ ހުއްޓިފާހުންނަ އެއްޗެހިތަކެއް ނޫނެވެ. ބައެއްފަހަރު އެތައް އަހަރު ދުވަހެއްގެ ތެރޭގައި އިންޗިއެއްގެ ބައިކުޅަ ބައިވެސް ހެލިފެލި ވެދާނެއެވެ. އަދި ބައެއްފަހަރު އެއަށްވުރެން ބޮޑަށްވެސް ހެލިފެލި ވެދާނެއެވެ. މިބާވަތުގެ ހެލިފެލިވުން އަންނާނީ ކުއްލިއަކަށެވެ. 

ނަތިޖާއަކަށް ވެގެންދާނީ އަލިފާން ފަރުބަދަ ގޮވުމާއި ބިންހެލުން އައުމެވެ. ޕްލޭޓުގަކުގެ މި ހެލިފެލިވުމަކީ ދުނިޔޭގައި ދިރިތިބުމަށް ބޭނުންވާ ނިޒާމެކެވެ. ހެލިފެލިވަމުންދާ ޕްލޭޓްތަކުގެ ސަބަބުން ތިމާވެއްޓަށް ބަދަލު އައިސް ދިރިތިބުން އެބަދަލުވުން ތަކަށް ހޭނެއެވެ.                                                      

ޕްލޭޓްތަކުގެ ހެފެލިވުމަށް ހޫނު ބޭނުންވެއެވެ. ދުނިޔޭގައި ފުން މިނަށް ދެވޭ މިންވަރަކުން ހޫނު ގަދަވަމުންދަނީ މިހެން ވެގެންނެވެ. ކުރިން މިބުނި ޕްލޭޓް ތަކުގެ ދަށްފަރާތުގެ ފިނިހޫނުމިނަކީ ސެންޓިގްރޭޑުން 1300 ދަރަޖަ ސެލްސިއަސް އެވެ. މެންޓަލް ގެ ސަރަޙައްދުން ދުނިޔޭގެ އެންމެ ފުންމިން ފެށޭ ހިސާބަށް ދެވޭ އިރު ( އެއީ ގާތްގަނޑަކަށް 2900 ކިލޯމީޓަރ) ފިނިހޫނުމިނަކީ ގާތްގަނޑަކަށް ސެންޓިގްރޭޑުން 2700 ދަރަޖަ ސެލްސިއަސް އެވެ. އަދި ދުނިޔޭގެ ފުންމިނުގެ މެދު ފެށޭ ހިސާބުން މެދާ ދެމެދުގެ ސަރަޙައްދުގެ ފިނިހޫނުމިނަކީ  ސެންޓިގްރޭޑުން 6000 ދަރަޖަ ސެލްސިއަސް އެވެ. 

އެއީ އިރުގެ ސަތަޙަ އާއި އެއްވަރުގެ ހޫނު މިނެކެވެ. މިފަދަ ހޫނުމިނެއްގައި ޑައިމަންޑް ފަދަ ހަރު މައުދަން ތައްވެސް ވިރުވާލައި ގޭހަށް ވެގެން ދާނެއެވެ. މިފަދަ ގަދަ ހޫނެއް އަންނަނީ ކޮންތާކުން ހެއްޔެވެ؟ ހަމަގައިމުވެސް އެއީ އިރުން ފޯރުކޮށްދޭ ހޫނެއް ނޫނެވެ. 

އިރުގެ ހޫނު ދުނިޔޭގެ ތެރެއަށް އެތައް މޭލެއްގެ އަޑިޔަށް ފޯރާފާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން މީގައި ދެގޮތަކަށް ވިސްނިދާނެއެވެ. ފުރަތަމަ ގޮތަކީ 4.5 ބިލިއަން އަހަރު ކުރިން ދުނިޔެ އުފަންވިއިރު ލިބިފައިވާ ހޫނު ކަމެކެވެ. ދުނިޔެ އުފެދިފައިވަނީ ސޯލާ ނެބިއުލާ ގެ ވަސީލަތުން ކަމަށް ބެލެވެއެވެ. 

އެއީ ގޭހުން އުފެދިފައިވާ ބިޔަ ވިލާތައް އެކަތި އަނެކައްޗަށް ފުށޫއަރާ އެކްސިޑެންޓް ވަމުންދިއުން އެތައް މިލިއަން އަހަރަކަށް ދެމިގެންދިޔުމުގެ ސަބަބުންނެވެ. މިފުށޫއެރުން ތަކާއި އެކްސިޑެންޓު ތަކުގެ ސަބަބުން މުޅިދުނިޔެ އެކުގައި ވިރިގެން ހިގައިދާފަދަ ގަދަފަދަ ހޫނެއް އުފެއްދިއެވެ. މީގެ ތެރެއިން ބައެއް ހޫނު ޖައްވު ތެރެއަށް ގެއްލިގެން ދިޔައިރު އަނެއްބައި މިއަދާ ހަމަޔަށްވެސް ދުނިޔޭގެ ބިމުގެ އަޑީގައި ތަޅުލެވިފައި ހުރީއެވެ. މިކަންތައްގަނޑަށް ސައެންސުގެ ބަހުރުވައިން ޕްލެނެޓެސްޓިމަލްސް އޭ ކިޔައެވެ.           

ދެވަނަ ވިސްނުމަކީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެމުންދާ އަނދާ ހުލިވަމުންދާ ރޭޑިއޯއެކްޓިވް އައިސޯޓޯޕްސް އެވެ. މިކަން ދެނެގަތުމުގެ ގޮތުން ޢާއިލާއެއްގެ މިސާލު ނަގަމާހެއްޔެވެ؟ އާއިލާގެ މެމްބަރުންނަކީ އައިސޯޓޮޕްސް އެވެ. ކޮންމެ މެމްބަރެއްގެ ކިބައިގާވެސް އެކުލެވިގެންވަނީ އެއް އަދަދެއްގެ ޕްރޮޓޯންސް އެވެ. އެކަމަކު އެކިމީހުންގެ ކިބައިގާ ހުންނަ ނިއުޓްރޯންގެ އަދަދު ތަފާތެވެ.                                           

ރޭޑިއޯއެކްޓިވް އައިސޯޓޯޕްސް އަކީ އެއްމިނެއްގައި ހިފޭއްޓިފައި ހުންން ނިޒާމެއް ނޫނެވެ. އެއިން އަބަދާއަބަދު ހަކަތަ ބޭރުކުރަމުން ގެންދާނެއެވެ. ދުނިޔެ ހޫނުކޮށްބެހެއްޓުމަށްޓަކައި ބޭރުކުރާ ހަކަތައިގެ މައިގަނޑު ހަތަރު ބާވަތަކީ ޕޮޓޭސިއަމް-40 އާއި ތޯރިއަމް-232 އާއި ޔުރޭނިއަމް-235 އަދި ޔުރޭނިއަމް -238 އެވެ.

މީގެ ތެރެއިން ޔުރޭނިއަމް-235 އާއި ޕޮޓޭސިއަމް-40 މިހާރު ހުސްވާން ކައިވެފައިވީނަމަވެސް އެތައް ބިލިއަން އަހަރަކަށް ބޭނުނ ްކުރެވޭނެ ޔުރޭނިއަމް-238 އާއި  ތޯރިއަމް-232 ހުރުމުން ދުނިޔެ ހޫނުކުރުމުގައި ބިރެއް އޮތްކަމަކަށް ނުބެލެވެއެވެ.                                                             

ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކުގެ ފިއުލްގެ ގޮތުގައި ބޭނުންކުރަނީ ޔުރޭނިއަމް-235 އެވެ.                 

ދުނިޔޭގެ އެންމެ ފުންމިނުން ( ކޯރ އިން ) އަދި މެންޓަލްގެ ހޫނާއިއެކު މި ބުނެވުނު ހަކަތައިން ދޫކުރާ ހޫނުގެ ސަބަބުން ދުނިޔޭގެ ބިމުގެ ފަށަލަތައް ޙަރަކާތް ކުރެއެވެ. މިޙަރަކާތް ނެތި ހިގައްޖެނަމަ ދުނިޔޭގައި ދިރިނުތިބެވޭނެއެވެ.  ޕްލޭޓްތަކުގެ ޙަރަކާތުގެ ސަބަބުން ފާއިތުވެގެން މިދާ ޒަމާންތަކުގައި އިތުރު ބިންތަކާއި ކަނޑުތަކާއި އަދި ޖައްވަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިކަންތައް މިގޮތުގެ މަތިން ނުހިނގާނަމަ ދުނިޔެ މާބޮޑަށް ފިނިވެ ދިރިއުޅުން އެކަށީގެން ނުވާތަނަކަށް ވެދާނެއެވެ.                                         

ސައެންސްވެރިން ކަމުގައިވާ ޒިއާއޯޑޯންގާ ސޯންގާއި ޝީ ޔަންގް އޭ. އެފް. ޕީ. އަށްވިދާޅުވަނީ ދުނިޔޭގެ ކޯރ ( އެންމެ ފުނުގެ މެދު ) އެނބުރުން މިހާރު ވަނީ ހުއްޓިފައި ނުވަތަ އެނބުރޭ ގޮތް ބަދަލު ވެފައެވެ.

ދުނިޔޭގެ ކޯރގެ ބޭރު ފަށަލަ އުފެދިފައި ވަނީ ވިރިވިރިހުންނަ ދިޔާ މަޢުދަނަކުންނެވެ. އެކަމަކު އެންމެ އެތެރޭގެމެދު އުފެދިފައި ހުންނަނީ ހަރު މަޢުދަނަކުންނެވެ. އެއީ ގާތްގަނޑަކަށް ހަނދުގެ %70 ސައިޒުގެ އޭރިއާއެކެވެ. ސައިންސުން އެނގިފައިވާ ގޮތުގައި އުތުރު ޕޯލުން ބަލާއިރު ފެންނާނީ އެހެން ޕްލެނެޓްތަކެކޭ އެއްފަދައިން ދުނިޔޭގެ އެންމެ އެތެރޭގެ މެދުވެސް ކަނާތުން ވާތަށް އެނބުރޭތަނެވެ.

 އެހެންނަމަވެސް ފާއިތުވެގެން މިދާ 60 އަހަރުގެ ހޯދުންތަކުން ލިބިފައިވާ ފިލާވަޅުތަކުގެ އަލީގައި 2009 ވަނަ އަހަރު މި އެނބުރުން ހުއްޓުމަކަށް އައިސް މިހާރު ވާތުން ކަނާތަށްއެނބުރެން ފަށައިފައިވާކަމަށް ޕީކިންގް ޔުނިވަރސިޓީން ޔަގީންކުރެއެވެ.  

އަހަރެމެންނަށް ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ އެނބުރުން އެންމެ ވައްތަރުވާނީ އުނދޯއްޔެއް ހެއްލުމާއެވެ. ސައެންސުވެރިން ކަމުގައިވާ ޒިއާއޯޑޯންގާ ސޯންގާއި ޝީޔަންގް ކިޔާދިނެވެ. ކޮންމެ އަތަކަށް ދިއުމަށް 70 ވަރަކަށް އަހަރު ނަގާކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. 

މިއީ 1970 ގެ އަހަރުތަކުގައި ފެށުނު ބުރު 2009 ގައި އެއްކޮޅަށްގޮސް ނިމި އަނެއްބުރުގެ ފެށުމެވެ. މި ބުރު ނިމޭނީ 2040 ގެ މެދެއްހާ ތަނުގައިކަމަށް ލަފާކުރެވެއެވެ.                      

ދުނިޔޭގެ ކޯރގެ ބޭރު ފަށަލައާއި ބެހޭ  މަޢުލޫމާތު ހޯދުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ. އެއީ ގާތްގަނޑަކަށް 2890 ކިލޯމީޓަރުގެ ފުންމިނެވެ. އަދި އޭގެ ބޭރު ފަށަލަ އުފެދިފައިވަނީ ވިރިވިރި ހުރި ދަނގަޑާއި ނިކެލް އިން ކަމަށް ދިރާސާތަކުން އެނގޭއިރު އަދި އެންމެ އެތެރޭ ފަށަލަ އުފެދިފައިވަނީ ދުނިޔޭގެ ސަތަޙައިން ފެށިގެން ގާތްގަނޑަކަށް 5000 ކިލޯ މީޓަރުގެ ފުންމިނުގައެވެ. އަދި އެ ބައި އުފެދިފައި ވަނީ ހަރު ދަނގަޑާއި ނިކެލް އިންނެވެ. އެ ފަށަލަ އިންނަނީ ވިރިވިރިހުރި ދިޔާފަށަލައިގެ ތެރެއަށް ފެތިފައެވެ. އެނގިފައިވާ ގޮތުގައި މި ބައިތައްވެސް އެނބުރެމުން ދަނީ ދުނިޔޭގެ އެހެން ފަށަލަތަކާއި އެއްގޮތަށެވެ.                          

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް