ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުންކަމަށް ރައީސް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުމާއި ތެދުވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 1 ގައި ހެދި ސަރުކާރު އޮފީސް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށްޓަކައި އިޚްލާޞްތެރިވުމާއި ތެދުވެރިވުން ކަމަށާއި, އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ފެންނަނީ ވަޒީފާތަކެއް އަދާކުރުމުގެ ނުވަތަ މަޤާމުތަކެއް ފުރުއްވުމުގެ ގޮތުގައެއް ނޫން ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް އެ މަނިކުފާނު ފާހަގަކުރެވެނީ ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ވީ އެންމެ ފުރިހަމައަކަށް އަދި އެންމެ ރަނގަޅަކަށް ޤައުމީ ރޫޙުގައި ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކާމިޔާބީގެ ފަހަތުގައި ވަރަށް ޚާއްސަ ތިން ސަބަބެއް އެބައޮތް ކަމަށާއި, އެންމެ ފުރަތަމަ ކަމަކީ އަނެކުންނަށް އިޙްތިރާމް ކުރެއްވުމުގެ ރީތި ސިފަ ކަމަށާއި, ދެވަނަ ކަމަކީ ގަޑިއަށް ފަރުވާތެރިވުމާއި, މަސައްކަތަށް ފަރުވާތެރިވުން ކަމަށާއި, ތިންވަނަ ކަމަކީ ވަޒީފާގެ އަޚުލާގަށް ދެއްވި ސަމާލުކަން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ވެރިންގެ ހިތްތަކުގައި އެ މަނިކުފާނާމެދު އިތުބާރާއި ޔަޤީންކަން އުފެދުނު މައިގަނޑު ސަބަބުތަކަކީ މިއީ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

“އަޅުގަނޑު ދެކޭގޮތުގައި މިއީ ދައުލަތުގެ ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ހަމަ ކޮންމެ މީހެއްގެ ކިބައިގައި ހަރުލަންޖެހޭ ނަމޫނާ ސިފަތަކެއް.“ ރައީސް ޞާލިޙް ވިދާޅުވިއެވެ. 

މިއަދު ހުޅުވި އޮފީހަށް ދީފައިވާ ނަމަކީ “ޢުމަރު ޒާހިރު ބިލްޑިންގ“ އެވެ. މި ޢިމާރާތުގައި ބައެއް މިނިސްޓްރީތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ: ރައީސް އޮފީސް

Loading

One Response

  1. ރައީސް އެ ފިލާވަޅު ލިބިގަތޯ؟ މަށަށްވެސް ލިޔެގެން މޮޅުވާހަކަ ދެއްކިދާނެ. ރައީސްގެ ބަސްމޮށުމާ ޢަމަލާ ސީދާ އުލްޓާކޮށް ހުންނާތީ ވަރަށް ފޫހިވޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް