ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ޝަރީފްގެ މައްސަލައިގައި ވިދާޅުވީ ދިރިހުރުމުގެ ޙައްޤަކީ އިސްލާމްދީނާއި ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަމަވެސް ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުންނުދާ ކަމަށާއި މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަ ކުރާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށް ވެސް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވިއެވެ.
ޝަރީފްގެ މައްސަލައިގައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ގެއްލިފައިވާ އއ.މަތިވެރި/ރިވެލި ޙަސަން ޢަލީއާއި މިމަހުގެ 4 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ސ.މަރަދޫ/ގަސްކަރަ މުޙައްމަދު އާސިރު އިސްމާޢީލާބެހޭ އެއްވެސް ޚަބަރެއްނުވާއިރު, އާސިރު އެންމެ ފަހުން ފެނުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެކި ޑިޕާޓްމަންޓަތަކުގެ ސީސީޓީވީ ފުޓޭޖްތައް މިހާތަނަށް ހޯދާފައިނުވާކަން ފާހަގަކުރައްވައިފައެވެ.
“ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި އޭނާ ހޯދުމަށް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ޤަބޫލު ނުކުރެވޭތީއާއި މިފަދަ ސީރިއަސް މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޚާއްސަކޮށް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލިބެންހުރި ހުރިހާ ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ނުހިފޭކަމާއި ނިޒާމުގެ ތެރެއިން ލިބެން ހުންނަ ހެއްކާއި ޤަރީނާ ހޯދުމުގައި ސަރުކާރުން ޢަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށް ޤަބޫލު ކުރެވޭތީވެ….“ މައްސަލައިގައި ވެއެވެ.
އެހެންކަމުން އާސިރު ޙަސަން ޢަލީއާއި އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މިފަދަ ހުރިހާ ފަރާތްތައް ހޯދުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް އެފަދަ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް ރައްޔިތުންގެ އިތުބާރު ލިބޭފަދަ ހަރުދަނާ ދެފުށް ފެންނަތޮތަކަށް ކަންކަން ކުރުމަށް ޝަރީފްގެ މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވިއެވެ.
ނަމަވެސް އާދަމް ޝަރީފްގެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަކަމަށް 29 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.