ޝަރަހައެއް: “އާދޭ އާދޭ, އެންމެން އާދޭ, އުދުހިފަ އާދޭ, ޑްރަގް އެތެރެކުރަން އުފަލުން އާދޭ“

Loading

February 14, 2023
profile
Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންމެ ހޫނުކޮށް ކުރިއަށް ދިޔައީ ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ ވާހަކައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުންނާއި, މަޖިލީހުގެ ރައީސްގެ ފެކްޝަނުގެ މެންބަރުން ދެއްކެވީ ސަރުކާރުގައި ހުރި ދޯދިޔާކަމާއި, ދޯހަޅިކަމުގެ ވާހަކައެވެ. “ކަނު ކަލޮޔަށް އިރުވާހުދު ދެއްކިހެން,“ ދެން ތިއްބެވި ބައެއް މެންބަރުން ވާހަކަ ދެއްކެވީ ޙަޤީޤަތާ ޚިލާފު ގޮތަކަށް ރައްޔިތުންނަށް ކަންކަން “ތެދު“ ކޮށްދިނުމަށެވެ.

ކޮންމެެއަކަސް ޑްރަގްގެ މައްސަލައަކީ ޤައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ދުވަހަކަށްވުރެ ދުވަހަކު މަސްތުގެ ތެރެއަށް އަދި އޭގެ ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުން އަންނަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢު ޚަރާބުވެ,  އިޖުތިމާޢީ ފޭރާން ވީދި ކުދިކުދިވެ ކަފާސްވަނީއެވެ. ރައްޔިތުން ހަފުސްވަނީއެވެ. 

“ކޮއްތަށް ދީފައި ބަނޑަށްދޭ ވަރަށް“ ވެސް ރާއްޖޭގައި ޑްރަގްގެ ބާވަތްތައް މިހާރު އެބަހުރިއެވެ. ޑްރަގްގެ ބާވަތްތައް އިތުރުވެ, “މެތު“ ހިލޭ ލިބޭ ވަރަށް އެބަހުރި ކަމަށް ސިއްހަތާބެހޭ ވަޒީރު އެ ވިދާޅުވީ ވެސް އެހެންވެގެންތާއެވެ.

ހަމައެހެންމެ ފެންނަނީ 50 ކިލޯއިން, 100 ކިލޯއިން, ބޮޑެތި ޢަދަދުތަކުން ރާއްޖެއަށް އެތެރެކުރާ ޑްރަގް އަތުލައިގަންނަ ތަނެވެ. އެކަމުގައި ޝާމިލްވާ މީހުން ހައްޔަރުކުރާ ތަނެވެ. އެހެނަސް އިސާހިތަކު ފެންނަނީ އެބަޔަކު ވީއްލިގެންދާ ތަނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައިފަހުން ޑްރަގްގެ “ބޮޑު“ ތިރީހަކަށް މައްސަލައެއް ބެލުމުގައި ތަންފީޒީ އިދާރާތައް ވަނީ ފެއިލްވެފައެވެ. އޭގެތެރެއިން 21 މައްސަލަ ފެއިލްވާން ދިމާވި ސަބަބަކީ “ޗެއިން އޮފް ކަސްޓަޑީ“ ގެ މައްސަލައެވެ. 

ފެއިލްވާ އަނެއް ސަބަބަކީ ފުލުހުންގެ ތެރޭގައި ވެސް ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގައި ވެސް ނުނިޔަތުގައި މަސައްކަތްކޮށް ޤާނޫނުތަކުން “ލޫޕް ހޯލް“ ހޯދައިގެން މަސައްކަތްކުރާ މީހުން ތިބުމެވެ. މީ އަޅުގަނޑު ބުނި އެއްޗެއް ނޫނެވެ. މީ ބަންޑާރަނައިބު ރިޝްވަތު, މާފުކުރައްވާ! ރިފްޢަތު ވިދާޅުވެފައިވާ ވާހަކައެކެވެ.

އެކަން ބާއްވާފައި ދާދިމިދާކަށް ދުވަހު ވީކަމެއްގެ ވާހަކަ ދައްކަމާ ބަހީއެވެ. ފެނިގެން ދިޔައީ ރާއްޖެ އެތެރެކުރި 2.5 ކިލޯގެ “ކޮކެއިން“ އަތުލައިގަތުމަށްފަހު, އެ ތަކެތި ގެނައި އަންހެން މީހާގެ މައްޗަށް ޤާނޫނު ނުހިންގައި, ވަގުތުން ވަގުތަށް އަނބުރާ ފޮނުވައިލި ތަނެވެ.

މޯލްޑިވްސް އިމިގުރޭޝަނުން އޭނާ ފޮނުވައިލީ މިދިޔަ ޖެނުއަރީ މަހުގައި ގެެޒެޓްކުރި, ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ގޮތުގެ މަތިންނެވެ. ނަމަވެސް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި އޮންނަނީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އެހެންކަމުން ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި, އެ ގަވާއިދު ތަންފީޒު ކުރެވޭނީ ކޮން ހަމައަކުންތޯ, މިއީ މިއަދު އުފައްދަމުންދާ ސުވާލެވެ.

މަޖިލީހުގައި އިއްޔެ ހޫނުކޮށް ބަހުސް ކުރެވުނީ އެ ގަވާއިދުގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޟުވާ ބައިތައް އުނިކުރުމަށް ގޮވައިލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވިޕެއް ވެސް ނެރުނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ވިޕު ނެރުނީ, އެ ގުރޫޕުގެ ރުުހުމާނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ޑްރަގް ޓްރެފިކް ކުރަން ސަރުކާރުން ޖާގަދެނީ ކަމަށް ޙަަސަން ލަޠީފްގެ މައްސަލައިގައި ބަޔާންކޮށްފައި އޮތުމުން ކަމަށާއި, ޤާނޫނާ ޚިލާފަށް ގަވާއިދެއް ހަދައިފިކަމުގައިވާނަމަ, ދެން އެއަށް ޗެލެންޖު ކުރެވެނީ ކޯޓުގައި ކަމަށްވާތީ ކަމަށެވެ. ނަމަވެސް ޤާނޫނާ ޚިލާފަށް ގަވާއިދެއް ހެދިފައިވާ ކަމަކަށް ޕީޖީގެ ލީޑާޝިޕުން ގަބޫލެއްނުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބަހުސްގެ ތެެރެއިން: 

މައްސަލަަށް ބަހުސްކުރައްވަމުން ޙަސަން ލަޠީފް ވިދާޅުވީ ބިދޭސީއަކު ޑްރަގް ޓްރެފިކް ކުރާކަން ކަނޑައެޅިގެން އެނގި ތިބެ, އެ އެތެރެކުރާ މީހުންގެ މައްޗަށް މިފަދަ ބާރެއް ލިބޭ ގޮތަކަށް ގަވާއިދެއް ހަދައިގެން އެ ގަވާއިދުގެ ތެރެއިން އެ މީހުން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވައިލުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރާ ގޮތެއް ނޫން ކަމަށެވެ.

“ޑްރަގް ޓްރެފިކް ކުރުމަކީ އަޅުގަނޑުމެން ބައިވެރިވެފައި ހުރި މުޢާހަދާތަކުން މަނާކުރާ ކަމެއް. އަޅުގަނޑުމެން އެއަށް ހިތްވަރު 

ލިބޭގޮތަށް އެއްވެސް ގަވާއިދެއް ހަދައިގެން ނުވާނެ. އަދި އެކަމަކީ އަޅުގަނޑުމެން މިހާރުން މިހާރަށް އުވައިލަންޖެހޭ ގަވާއިދެއް.“ ޙަސަން ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖެ ޑްރަގް ނެޓްވޯކަކަށް ނޫނީ ޑްރަގް ހަބަކަށް ހަދާކަށް ނޫން ކަމަށެވެ.

“ދުނިޔޭގެ ޤައުމުތަކުގައި އަޅުގަނޑުމެން ގޮސް ބައެއް ޤައުމުތަކުގައި ފްލައިޓުން ފައިބާއިރު ފްލައިޓުގައި ބުނޭ ޑްރަގް އެތެރެކޮށް, ޑްރަގް އެ ޤައުމަށް އެތެރެކުރުމަކީ މަރުގެ ޙުކުމް ލިބޭ ކަމެކޭ. ފްލައިޓުން ފެށިގެން ގޮވާ. މިހާރު މި ގަވާއިދު ހެދީމާ ރާއްޖެއަށް އަންނަ ފްލައިޓެއްގައި ގޮވަންޖެހޭނީ ޑޯންޓް ވޮރީ, ޔޫ ވިލް ބީ ސެންޓް ހޯމް ސޭފްލީ އޭ.“ މި ގަވާއިދެއް ހެދި ބަޔަކު ހޯދައި އެ މީހުންނަށް ފިޔަވަޅު އަޅަންޖެހޭނެކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖިނާޢީ ބޮޑު ކުށެއް ކުރުމުން ނުވަތަ ޑްރަގް ޓްރެފިކް ކުރުން 

ކަހަލަ ބޮޑު މައްސަލައެއްގައި “ބަސްޓުވީމާ“ އެ މީހާ އެހާ ފަސޭހައިން ފޮނުވައިލުމުގެ އިޚުތިޔާރެއް އިމިގްރޭޝަނަކަށް ލިބިގެން ނުވާނެ ކަމަށެވެ.

“ރާއްޖޭ ޤާނޫނުއަސާސާއާއި, ޤާނޫނުތައް ހިނގަންޖެހޭނެ.“ 

“ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވެ, އަތުލައިގަނެވިއްޖިއްޔާ އެ މައްސަލައެއްގައި ދުވަހަކު ވެސް, ދުވަހަކު ވެސް ނެތް އެ މައްސަލައިގައި ރަނގަޅަށް ތަޙްޤީޤެއް ހިންގިފައެއް, ޝަރީޢަތެއް ހިންގިފައި ކާމިޔާބު ވެފައެއް. އެހެންވީމާ މި އޯގަނައިޒްޑް ދައުލަތެއްގެ ތެރެއިން ވެސް އޯގައިނައިޒްޑް ސިފައެއްގައި ކުރާ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑަށް ހަމަ ގަބޫލު ކުރަން އެބަޖެހޭ.“ އިންތި އިތުރަށް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ގޯސް މައްޗަށް 

ގޯސް ހަދަމުން ހަދަމުން ގޮސް ކިހާ ހިސާބަކަށް ގެންދާނެ ބާވައޭ ހިތަށް އަރާ ކަމަށެވެ.

“އަޅުގަނޑުމެން ދިވެހިރާއްޖެއަށް މި ކިޔަނީ ދަ ރިބަޕްލިކް އޮފް މޯލްޑިވްސް. ދިސް އިސް ނޮޓް ދަ ބަނާނާ ރިބަޕްލިކް އޮފް މޯލްޑިވްސް. މިއީ ބަނާނާ ރިބަޕްލިކަކަށް ބަދަލުވާން އުޅޭކަމުގެ ނިޝާންތައް އަޅުގަނޑުމެންނަށް ފެންނާތީ, އަޅުގަނޑަށް ފެންނާތީ އެ ވާހަކަ ދަންނަވަން މި ޖެހެނީ.“

ޢަލީ އިތުރަށް ވިދާޅުވީ ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުމަކީ, ވިއްކަން އުޅުމަކީ ކުށެއް ކަމަށާއި, އެކަމަށް އެހީތެރިވާ މީހުން އެ ކުރަނީ ޖިނާޢީ ބޮޑު ކުށެއް ކަމަށް ޤާނޫނުގައި އޮންނަ ކަމަށެވެ.

“އެހެންނަމަވެސް ގަވާއިދެއް މި ހަދަނީ ކަންކުރަން އުޅޭ މީހަކީ ބޭރު މީހަކަށްވެފައި, އެ މީހަކު ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅޭ ކަމަށް ވާނަމަ އެ މީހަކު ފޮނުވާލެވިދާނޭ. މިއީ ކޮންކަހަލަ ގަވާއިދެއްތޯ. ކާކުތޯ މިކަން ކުރީ. މިވަރުގެ ދަށު ދަރަޖައިގެ ޢަމަލެއް, މިވަރުގެ ބޮޑު ޖަރީމާއެއް ހިންގާފައި މި ސަރުކާރުގެ އެއްވެސް މީހަކަށް, ސަރުކާރެއް އެއެއް މިއެއް ކިޔާނެ ކަމެއް ނެތް, އެއްވެސް މީހަކަށް ސަލާމަތްވެވިގެން ނުވާނެ.“ މި މައްސަލަ, ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށާއި, މި މައްސަލަ ބަލަން ފޮނުވަން ޖެހޭނީ ހަމަ ސީދާ 241 ކޮމިޓީއަށްކަން ފާހަގަކުރައްވައި ޢަލީ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދެއްކެވި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް އޮފީހުގައި ސޯޝަލް ކައުންސިލެއް އޮންނަ ކަމަށާއި, ސޯޝަލް ކައުންސިލުން ބަލާފައި ނޫނީ މިފަދަ ޚައްޞާސް ގަވާއިދުތަކެއް ނުހަދާނެ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގަވާއިދެއް އިސްލާހު ކުރާއިރުގައި އިމިގްރޭޝަނުން އަމިއްލައަކަށް މި ކަމެއް ނުނިންމާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ސޯޝަލް ކައުންސިލަށް މި މައްސަލަ ގެންދާނެ ގެޒެޓްކުރުމުގެ ކުރިން. ކީއްވެގެންތޯ ހުއްދަ ދީފައި މިއޮތީ؟ މިހާރު މިވާ ގޮތަކީ އެހެން ޢިއްޒަތްތެރި މެންބަރުން ވެސް ވިދާޅުވި ފަދައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާށޭ މި ބުނަނީ. ފަޅާއަރައިފިއްޔާ ފޮނުވައިލާނަމޭ. ފަޅާ ނާރައިފިއްޔާ ރަށަށް ވަދެ ވިޔަފާރީގެ ކަންތަކާ އުޅޭށޭ. މިއީ ނޫންތޯ މި ބުނާ ވާހަކައަކީ.“

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ޤާނޫނު އަސާސީއެއް އެބަ އޮތް ކަމަށާއި, އޭގެ ދަށުން ހެދިފައި ގާނޫނުތަކެއް އެބަހުރި ކަމަށާއި, ގަވާއިދުތަކެއް ވެސް ހެދިފައި އެބަހުރި ކަމަށެވެ.

“މިއިން އެއްވެސް އެއްޗަކަށް މި ސަރުކާރުން ބޮލެއް ނުލަނބާ. އެހެންކަމުން ދިވެހިން އުޅެންވީ ގޮތެއް ދިވެހިންނަށް ނޭނގިގެން މި އުޅެނީ. ދިވެހިރާއްޖެ އަންނަ މީހުންނަށް ކުށް ކުރުމަށް ޖާގަ އޮތް, ތަންމިނަށް ހުޅުވައިލެވިފައި އޮތް ތަނަކަށް މި ތަން ވެގެން ދިޔައީމާ މިކަން ބަލައިނުގަނެވިގެން މި އުޅެނީ.“ ސެމްބެ ވިދާޅުވިއެވެ.

މި ވާހަކަތަކުގެ ޝަރަހައެއް ކުރާނަމަ ދަންނަވަން އޮތީ, އެ ވާހަކަތަކުގެ ޝަރަހައަކީ, “އާދޭ އާދޭ, އެންމެން އާދޭ, އުދުހިފަ އާދޭ, ދިވެހިންގެ ބިމަށް ޑްރަގް އެތެެރެކުރަން އުފަލުން އާދޭ,“ މިފަދަ ލަވައެއް ހިމެނޭ “އަލްބޮމެއް“ އިބްރާހިމްގެ ބޭންޑުން ރިލީޒްކުރި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް