ކޮންމެވެސް ބަޔަކު ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިފި ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޤާސިމް މިއަދު ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ގަވާއިދެއް ނުހެދޭ ތަނުގައި އޭގެއިތުރުން ކުރާ ޢަމުރަކަށް ތަބާވާކަށް ވެސް ނުޖެހޭނެ ކަމަށެވެ. ކޮންމެ ވެރިއަކު ކުރިޔަސް އެފަދަ ޢަމުރަކަށް ތަބާވާކަށް ނުޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
“އެހެންވީމަ މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް. ކޮންމެ ވެސް ދިމާއަކުން ކޮންމެ ވެސް ބަޔަކު މި އުޅެނީ ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިގެންކަން ނުވަތަ ޤާނޫނުތަކުގެ ބާރުކަނޑުވާލައިގެންކަން.“
ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު ގެޒެޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގައެވެ.
އެއީ “ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ އެވެ.
އެ ގަވާއިދުގެ ދަށުން ދާދިފަހުން ވަނީ ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރި އަންހެނަކު ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފައެވެ. އެހެންވެ ޙަސަން މައްސަލަ ހުށަހެޅުއްވީ އެ ގަވާއިދުގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވައިލައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވަނީ އެ މައްސަލައަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެކަން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.