ޑްރަގް އެތެރެކުރާ ބިދޭސީން ވަގުތުން ފޮނުވައިލެވޭ ގޮތަށް އޮތް މާއްދާ އުވައިލަން ގޮވާލައި މައްސަލައެއް

Loading

February 12, 2023
profile
Facebook
Twitter
WhatsApp

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް އެކުލަވާލައިފައިވާ މާއްދާ އުވައިލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތަކީ ”މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން ކަމަށެވެ.

އެ ގޮތުން ދިވެހި ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ, އެ ޖީލު ހަލާކުވެ ނެތިދިއުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމާއި, މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި, އެ ފަރާތްތަކަށް އަދަބު ދެވޭނޭ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެ ސިޔާސަތު ތަންފީޒުކުރަން ވޭތުވެދިޔަ ތަނުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯތަކުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ނަމަވެސް ޕާޓީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް

ސަރުކާރުން މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާއެކު ބިރެއް ނެތި އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި 

އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށް ޙަސަން ވިދާޅުވިއެވެ. 

އެ ގަވާއިދަކީ ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން

އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދުގެ ނަމުގައި 26 ޖެނުއަރީ 2023

ވަނަ ދުވަހު ޝާއިއުކޮށްފައިވާ ގަވާއިދެވެ. 

އެ ގަވާއިދު ޝާއިއުކޮށްފައިވަނިކޮށް 6 ފެބްރުއަރީ 2023 ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި, އޭނާ އެތެރެކުރި 2.6 ކިލޯގެ (މަގުމަތީ އަގުގައި 6.5 މިލިއަން ރުފިޔާގެ އަގުހުރި) މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް ކަމަށާއި އެ ގެނައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ބުނެފައެވެ. އަދި އޭނާ ފޮނުވައިލީ އެ ގަވާއިދުގެ ދަށުންނެވެ.

ޙަސަން ވިދާޅުވީ އެ ގަވާއިދު މިހާރު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. އަދި ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރިކުރުމަށް މަގުފަހިވެފައިވާ ކަމަށާއި, މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކުން ރާއްޖެއަކީ އެވިޔަފާރީގެ މަންޒިލަކަށް ހަދައި ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ޙަސަން ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް އަދި އެ މަސްތުވާތަކެއްޗެއްގެ ބާވަތަށް ބަލައި އެންމެ ބޮޑު އަދަބުގެ ގޮތުގައި 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ސަރުކާރަށް ގޮވައިލެއްވީ ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދުގައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް