ޤާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި 106 ވަނަ މާއްދާއިން ފެށިގެން 128 ވަނަ މާއްދާގެ ނިޔަލަށް 14 ޞަފްޙާ އަށް ވުރެ އިތުރަށް ލިޔެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަ ތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ބެހޭ ވާހަަކަ ތަކެވެ. އެއީ ކީއްކުރާ ކޮން ބައެއް ކަމާއި، އިންތިޚާބު ކުރާނޭ ގޮތާއި، ބާރުތަކާއި، މަސްއޫލިއްޔަތުގެ ވާހަަކައެވެ.
މަޤާމަށް ނުކުޅެދުމާއި އިސްތިއުފާ ދިނުމާއި، ނާއިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އަކަށް ބަދަލުވާ ގޮތެވެ. އެކްސިޑެންޓުން ނުވަތަ ކާރިސާއަކުން ނަމަވެސް މި ދެ މަޤާމް އެއްފަހަރާ ހުސްވެއްޖެ ނަމަ ދެން ޢަމަލު ކުރަންޖެހޭނޭ ގޮތްތަކާއި، ވަގުތީ ގޮތުން މަޤާމާއި ޙަވާލުވުމާއި، އަލުން އިންތިޚާ ބާއްވައި އިންތިޚާބުވާ ބަޔަކު ރައީސުލްޖުމްހޫރިއްޔާ އާއި، ނާއިބު ކަމުގެ ހުވައިކޮށް މަޤާމާއި ޙަވާލުވާނެ ގޮތް ވެސް ބަޔާން ކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމާއި ޙަވާލުވާނީ ޤާނޫނު އަސާސީގެ ޖަދުވަލު 1 ގައި ބަޔާން ކޮށްފައިވާ ހުވައި ކޮށްގެންނެވެ. މި ހުވަޔަށް ބަލާއިރު ދެމީހުންގެ ހުވަޔަކީ މަޤާމުގެ ނަން ފިޔަވައި އަކުރުން އަކުރަށް އެއް ހުވައެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާޖިބާއި މަސްޢޫލިއްޔަތުގެ ތެރެއިން އޭނާގެ ނާއިބު އަދާކުރާނީ އެވަގުތު ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނާއިބާ ޙަވާލު ކުރާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާޖިބާއި މަސްޢޫލިއްޔަތުގެ ތެރެއިން އޭނާގެ ނާއިބު އަދާކުރާނީ އެވަގުތު ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނާއިބާ ޙަވާލު ކުރާ ކަމެކެވެ.
އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުން ދޭ ލިޔުމަކުން ނުވަތަ ފަތަކުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ވަކި މަސައްކަތެއް ނުވަތަ ވަކި މަސައްކަތްތަކެއް ވަކި މުއްދަަތަކަށް ނުވަތަ މަޤާމުގެ މުއްދަތަށް ވެސް ޙަވާލު ކުރެވިދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކީ އެއް ޝަރުޠު ތަކެއް ހުންނަން ޖެހޭ، އެއް ވޯޓު ކަރުދާހަކުން އިންތިޚާބުކުރާ ދެ މީހުންނެވެ.
މާނައަކީ ދެމީހުންނަށް ރައްޔިތުން ދޭ ވޯޓުގެ ޢަދަދަކީ އެއް ޢަދަދެކެވެ. އޭގެ ތެރެއިން ވަކި މީހަކަށް ތާއިދު ބޮޑު ކަމަށް ނުވަތަ ކުޑަކަމަށް ޤާނޫނީ ހަމައަކުން ނުބުނެވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކޮށްގެން ތިބި ކިތައް ރައީސުން މިހާރު ރާއްޖޭގައި އެބަތިބި ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ބައެއް މީހުން ބުނާނީ 5 ކަމުގައެވެ. އެކަމަކު 6 ކަމުގައި ބުނާނެ މީހުން ވެސް
ތިބޭނެއެވެ. ގުނާލަމާ ހިނގާށެވެ.
* ރައީސް މައުމޫނު .
* ރައީސް ނަޝީދު .
* ރައީސް ވަޙީދު .
* ރައީސް ޔާމީން .
* ރައީސް ޞާލިޙު އަދި އެންމެ ފަހުން މިހާރު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމު ނުވަތަ ރައީސް ފައިޞަލް.
މިލިސްޓުން ފެންނަ ގޮތް ބައެއް މީހުން ޤަބޫލެއް ނުކުރާނެއެވެ. އެކަމަކު މިއީ ޙަޤީޤަތެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މައުމޫނުގެ ވެރިކަން ފެށުނު ހިސާބުން މިއަދާ ހަމައަށް ސިލްސިލާ ދެމިގެން އައިސްފައިވާ ގޮތެވެ. މިގޮތުން އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވި ރައީސް ފައިޞަލް ނަސިމެވެ. އެއީ 25 ފެބްރުވަރީ 2022 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރުމަށް ފަހު އެ ހުވައި ބާޠިލު ކުރުމަށް ކުރާ އެހެން ކަމެއް ނޯވެއެވެ. ދައުރު ހަމަވިޔަސް އިސްތިއުފާ ދެއްވިޔަސް އަދި އަޒުލު ކުރިޔަސް އެ ހުވައި އެގޮތަށް އޮވެއެވެ. އެކަމަކު ޤާނޫނީ ބާރު ނެތިވެ މަޤާމުން ދުރުވުމުން ނުވަތަ ދުރުކުރުމުން ރައީސުލްޖުމްހޫރިއްޔާއޭ ނުކިޔަސް އޭނާގެ ނަން ކިޔާއިރު ނަމުގެ ކުރިއަށް ރައީސް މިހެން ކިޔައެވެ.
މާނައަކީ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ނޫނަސް އޭގެ ފަހުން ވެސް އޭނާ ޢަމަލުތައް ބަހައްޓަން ވާނީ ހުވައިގައި ބުނާ ގޮތަށް އެ ވާހަކަތަކާ އެއްގޮތަށެވެ.
ރައީސުލްޖުމްހުރިއްޔާގެ މަޤާމުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކިވަނީ ދައުރު ހަމަވީމައެވެ. ނުވަތަ އިސްތިއުފާ ދިނީމައެވެ. ނުވަތަ ޤާނޫނު އަސާސީގައި ބުނެފައިވާ ފަދައިން މަޤާމުން އަޒުލުކޮށް ވަކި ކުރީމައެވެ. ނުވަތަ މަރުވީމައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރުމުން އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކޮށްގެންހުރި މީހާގެ ޤާނޫނީ ދައުރު ނިމޭނެއެވެ. ދެން މަޤާމުގައި ހުންނާނީ އެންމެ ފަހުން ހުވައި ކުރި މީހެކެވެ. މާނައަކި ރައީސުލްޖުމްހޫރިއްޔާގެ ހުވައިކޮށްގެން އޮފީހަށްދާ ބާރުނެތް މީހަކާއި، ބާރުގަދަ މީހަކު ނުހުންނާނެއެވެ. އެހައި ތަނުން ކުރިން ހުރި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވެ ރައީސެއްގެ ލަގަބު ލިބުނީއެވެ.
ސުވާލަކީ ޤާނޫނީ ސުވާލެކެވެ. ވަރަށް މުހިންމު ސުވާލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ގަނޑިޔާރަށް އޮޅިގެން ރޯމާ ދުވާލު އެންމެން ކުރިމަތީ ކޮށްފައިވާ ކުރަން ނުޖެހޭ ކަމެއްގެ ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާ ގެ ޞިއްޙީ ޙާލު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިގެން ރައީސުލްޖުމްހޫރިއްޔާ ގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙަވާލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުމުގެ މާނައަކީ ކޮބައިތޯއެވެ؟ އިސްތިއުފާ މިބަސް ބޭނުން ނުކޮށް އިސްތިއުފާ ދިނީތޯއެވެ؟ ނުވަތަ ތަނާޒުލް ވީތޯއެވެ؟
އިސްތިއުފާ ނުދީ ނުވަތަ ވަކި ނުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެވިދާނެތޯއެވެ؟
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވަޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމް ހުސް ނުވަނީސް ކުރެވޭނޭ ހުވައެއް ނޫނެވެ. އެހެންކަމުން ޤާނޫނީ ހަމަތަކުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސުގެ ކުރިމަތީގައި އުއްތަމަ ފަނޑިޔާރު ހުވައި ލައިދީގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގައި ހުރި މީހާ ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކޮށް އެ ހުވައިގެ ލިޔުމުގައި ސޮއި ކުރުމާއެކު އޭނާ އެވީ ރައީސުލްޖުމްހޫރިއްޔާ އަަކަށެވެ. އެހިސާބުން އެހާތަނަށް އޭނާ އަދާ ކުރަމުން އައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ދައުރު ނިމުނީއެވެ. ދެން އޭނާ ކުރަން ޖެހޭނޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢައްޔަން ކުރުމާއި، ކެބިނެޓް އެކުލަވައިލުމުގެ މަސައްކަތެވެ.
ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ ރިޔާސީ ދަރުބާރުން ފެނުނީ ދެންމެ މިދެންނެވި މަންޒަރެވެ. ރައީސުލްޖުމްހޫރިއްޔާ މަސައްކަތުން ދުރުވެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ މަސައްކަތް ޙަވާލުކުރުމަށް އަންގަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދުމަށް އޭނާގެ ކުރިމަތީގައި އުއްތަމަ ފަނޑިޔާރު ހުވައި ލައިދީގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސުލްޖުމްހޫރިއްޔާ އަކަށް ބަދަލުވީއެވެ. ރައީސުލްުމްހޫރިއްޔާގެ ނާއިބުކަމުން އޭނާ އެ ވަކިވީއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި އެންމެ ފަހުން ކުރި މީހާ ހުވައިކޮށްގެން މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް އެންމެފަހުން މަޤާމުން އެއްކިބާވި ރައީސަށް ތިމަންނާ އެނބުރިއައީއޭ ދެން ހެވޭ ބުނެ އޮފީހަށް އާދެވިދާނެ ހެއްޔެވެ؟ އަދި ރައީސުލް ޖުމްހޫރިއްޔާ އަލުން އެއްވެސް އިންތިޚާބެއް، ޤާނޫނީ ޢައްޔަން ކުރުމެއް ވެސް ނެތި ކުރިން ހުރި ނާއިބު ރައީސަކީ ނާއިބު ރައީސް ކަމުގައި ހަމަޖެއްސިދާނެ ހެއްޔެވެ؟
ތެދެެކެވެ. ނުކުރަންވާ ކަމެއް ކުރީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކީ ރިޔާސީ ދައުރު ފެށުމުގައި ޤާނޫނީ ހުވައިކޮށް ކުއްލި ޙާލަތަށް އަބަދުމެ ތައްޔާރަށް ހުންނަ މީހެކެވެ. ރައިސުލްޖުމްހޫރިއްޔާ ޙަވާލުކުރާ މަސައްކަތެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކުރަން ނުޖެހޭނެއެވެ.
ޤާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ބުނާ ފަދައިން ޖަދުވަލު 1 ގައި ބަޔާން ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކޮށްގެން ވަގުތީ ގޮތުން ޙަވާލުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމާ ޙަވާލުވާ ޙާލަތުގައެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނާއިބު އެކުގައި ދަތުރުކުރާ މަތިންދާ ބޯޓެއް ވެއްޓިގެން ނުވަތަ ކަނޑު އުޅަނދެއް ފެތިގެން ނުވަތަ ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުގައި ދަތުރު ކުރާ މަތިންދާ ބޯޓެއް ވެއްޓިގެން ނުވަތަ ކަނޑު އުޅަނދެއް ފެތިގެން ނުވަތަ އެހެންވެސް ކަމެއް މެދުވެރިވެ އެ އެންމެން އެކުގައި މަރުވެގެން މަޤާމުތައް އެއްފަހަރާ ހުސްވެގެން ވަގުތީ ގޮތުން މީހަކު މަޤާމާ ޙަވާލުވާން ޖެހޭ ޙާލަތުގައެވެ.
މިއީ ވަރަށް ނާދިރު ޙާލަތެކެވެ. މިކަހަލަ ޙާލަތެއް މެދުވެރި ވުމަށްވުރެން މިކަހަލަ ޙާލަތެއް މެދުވެރި ނުވުމުގެ ފުރުޞަތު ބޮޑެވެ. އަދި މިކަހަލަ ޙާލަތެއް މެދުވެރި ވެދާނެ ފުރުޞަތު ކުޑަކުރުމަށް މިފަދަ މަޤާމު ތަކުގައި ތިބޭ މީހުން ދަތުރު ކުރަން ޖެހޭނީ ތަފާތު އުޅަނދު ތަކުގައެވެ.
ރައިސް ޞާލިޙު ސިންގަޕޫރަށް ދިޔައީ ބޭސްވެރި ފަރުވާ އަކަށެވެ. އެކަމަކު މި ފަރުވާގެ ތެރެއިން އޮޕަރޭޝަނަކަށް ހޭނައްތަން ޖެހުމާ ގުޅިގެން މަޤާމުގެ ނުކުޅެދުންތެރިކަން ރައްޔިތުންގެ މަޖިލީހަށް އެންގިއެވެ. މިހިސާބުން ރައީސުލްޖުމްހުރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ރަސްމީ ޢިއްޒަތުގައި މަޖިލީހަށް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އެންގުމަކަށް އުއްތަމަ ފަނޑިޔާރު މުޢުތަޞިމު ޢަދުނާނު ހުވައި ލައިދީގެން ނާއިބު ރައީސް ކަމުގައި ހުރި ފައިޞަލް ނަސީމު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރިއެވެ. އެހިސާބުން ރައީސުލްޖުމްހޫރިއްޔާ އަކީ އެއީއެވެ.
ހުވައި ކުރުމަށްފަހު ކުރިން މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އެނބުރި އޮފީހަށް އައިސް އަލުން މަޤާާމާއި އަމިއްލަ އަށް ޙަވާލުވެވޭނޭ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ. އަލުން އަމިއްލައަށް ރައީސުލްޖުމްހޫރިއްޔާ ކަމާ ޙަވާލުވެވޭނޭ ޤާނޫނީ ހަމައެއް ވެސް އަޅުގަނޑަކަށް ނުފެނެއެވެ.
މަސްދަރު: އަދުނާނު ޙަލީމް
2 Responses
ކަންއޮތީ ތިހެންކަން ސުޕްރީމް ކޯޓަށްވެސް އެނގޭއިރު އެބޭފުޅުންގެ އޮފް ކެނޑޭގޮތަށް ސިޔާސީ މައްކާރުވެރީންގެ ފިޔަދަށުގައި އެ ތިއްބެވެނީ ކީއްވެތޯ ސުވާލު ކުރެވެއެވެ.
މިލިއްވުމާމެދު އަޅުގަނޑު ދެކޭގޮތް ހާމަކޮށްލާން ބޭނުމެވެ. ކަމެއް ރަނގަޅުކުރުމަށްޓަކައި ތަފާތު ވިސްނުމަށް ތަރުހީބު ދިނުމަކީ ރަނގަޅު ސިފައެކެވެ.
މި ލިއުން ކިޔާލުމުން ރައީސް ސޯލިހްއަށް މެދުވެރިވި ހާލަތަކާ ގުޅިގެން އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުމަކީ ކޮށްގެން ނުވާނެކަމެކޭ ލިއުއްވާފައެއް ނެތެވެ. އެހެންވީމާ ރައީސް ސޯލިހް އަމަލު ކުރެއްވީ ރަނގަޅަށް ކަމަށް ބަލަމާ ހިނގާށެވެ.
ދެންއޮތީ ނައިބުރައީސް ފައިސަލަށް ރައީސް ކަމުގެ ހުވާ ލައިދިން މައްސަލައެވެ. އެކަން އެގޮތުގެ މަތިން ކުރެއްވީ ގާނޫނީގޮތުން އެކަން ކުރަން މަތިކުރައްވާފައިވާ ބޭފުޅުންނެވެ. އެކަންކުރީ ރައީސް ސޯލިހުގެ އެންގެވުމަކަށް ނޫންކަމުގައިބެލެވިދާނެއެވެ.
މިލިއުމުގައި ވަރަށް ބާރުއަޅުއްވާފައިވާތަން ފެނުނީ ނައިބު ރައީސް ހުވާ ކުރެއްވި ހިސާބުން ފެށިގެން ރައީސް ސޯލިހުގެ ވަޒީފާ ނިމުނީ ކަމަށެވެ. އަޅުގަނޑަކީ ގާނޫނު އެނގޭ މީހަކީމެއް ނޫނެވެ. އެކަމަކު ހަމަބުއްދީގައި ވިސްނާއިރު ރައީސް ސޯލިހް ނުކުރައްވާ ކަމަކަށް އެބޭފުޅާއަށް އަދަބު ލިބެންވީ ކީއްވެގެން ހެއްޔެވެ ؟ ހަމައެފަދައިން ނައިބް ރައީސް ފައިސަލަށް ހައްގުނޫން ފައިދާއެއް ލިބެންވީ ކީއްވެގެން ހެއްޔެވެ ؟ އަދަބު ލިބެން ޖެހޭ ކުށް ކުރި މީހުންނަށެވެ. މިހާރަކަށް އައިސް މަދުންނަމަވެސް ނުހަމަ ގޮތުގައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން އަމުރުކުރާތަންވެސް އެބަ ފެނެއެވެ. ވަޅު ނުތެޅޭނެ ކަމަށާއި ތެޅޭނީ ދާނި ކަން އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އެކަމަކު ލިއުންތެރިކަމުގައިވެސް ފާޑުކިއުމުގެ އިމެއް އޮންނާނެއެވެ.