ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން އަހުދުވެއްޖެ އެވެ.
”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން މި އަހުދުވީ މީގެ ތިން ދުވަސް ކުރީން ފެށި ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ”ދުއްޕާން“ ޖަލްސާގައެވެ. މި ޖަލްސާގައި އަހްދު އިއްވައިދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދެވެ.
މަންދޫބުން ވީ އަހުދުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނާއި ދެކޮޅަށް ފާސިގު ހެދި އުފައްދައިގެން ކަަމަށެވެ.
”ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަަންފުޅު، ވޯޓްކަރުދާސްކޮޅުގައި އޮންނާނެކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ހުރިހާ މެންބަރުންނާއި އެކު އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމަށް އަހުރެން އަހުދުވަމެވެ،“ މަންދޫބުން ވީ އަހުދުގައި ވެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވާފައިވާއިރު، އެމްއެމްޕީއާރްސީގެ މައްސަލައިގައި އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ”ހަރާން“ ހުކުމެއް ކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ. އަދި އިދިކޮޅުން އަންނަނީ ޔާމީން މިނިވަންކުރަން ގޮވާލައި ސިސްސިލާ ހިނގާލުންތަކެއް މާލޭގައި ކުރިއަށްގެންދަމުންނެވެ.