ފާއިތުވެގެން މިދާ ހަތަރު އަހަރުދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރު ކުއްލިގޮތަކަށްއިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖޯރޑްން އަށް ވަޑައިގެންފިއެވެ. އިސްރާއީލުގައި މައިގަނޑު ގޮތެއްގައި ކަނާތު ފިޔައަށް ނިސްބަތްކުރެވޭ ނަތަންޔާހޫގެ ސަރުކާރު މިފަހަރު އުފެދުނީއްސުރެން އަރަބި ދުނިޔެއާއިއެކު އޮންނަ ޚުތޫރަތްތެރި ގުޅުން އިތުރަށް ގޯސްވަމުންދާ އިރު ރަސްގެފާނު ޢަބްދުﷲ އާއި ބައްދަލުކުރައްވަން ނަތަންޔާހޫ މި ވަޑައިގަތީ މަސްރަހު ފިނިކުރުމުގެ ބޭނުމުގައިކަމަށް މުރާސިލުންދެކެއެވެ.
ދެބޭފުޅުންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާ ކުރައްވާނީ މުސްލިމުންނާއި އަދި ޔަހޫދީންނަށްވެސް މުގައްދިސް ބައިތުލް މަގްދިސްގެ މައްޗަށް ކަމުގައި ޖޯރޑްންގެ އޮފިޝަލުންނާއި ޙަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކުރެއެވެ.ބައިތުލް މަގްދިސްގެ މައްސަލައަކީ މުސްލިމުންނާއި ޔަހޫދީންނަށްވެސްދެކޭގޮތުގައި އެމީހުންގެ ލެއާއި ގުޅިފައިވާ މައްސަލައެކެވެ.
ޖޯރޑްންގެ ރަސްކަމުގެ ދަރުބާރުން މަޢުލޫމާތު ލިބެމުންދާ ގޮތުގައި މުސްލިމުންނަށް ބައިތުލް މަގްދިސް އަދި ( ޔަހޫދީންނަށް ޓެމްޕަލް މައުންޓުގެ )ޙުރުމަތް ކެނޑިގެންދާފަދަ ޙަރަކާތްތަކުން އެއްކިބާވެ ތިބުމަށާއި މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދިސް ބިނާއަށް އިޙްތިރާމް ކުރުމަށް ރަސްގެފާނު އަބްދުﷲ ބާރުއަޅުއްވައި ވާހަކަފުޅުވަނީ ދައްކަވާފައެވެ. ބައިތުލް މަގްދިސްގެ ޙުރުމަތް ކެނޑިދާފަދަ ގޮތަކަށް ކަންތައް ކުރުމާއި އެތަނުގައި މުސްލިމުން އަޅުކަންކުރުމަށް ހުރަސް އެޅުމަކީ އިސްލާމީ ދުނިޔެ ހަމަހިމޭނުން އޮންނާނެ ކަމެއްނޫންކަން އެނގެންޖެހޭނެ ކަމަށްވެސް އިސްރާއީލުގެ ބޮޑުވަޒީރަށް ރަސްގެފާނު އަބްދުﷲ ހަނދާންކޮށް ދެއްވިއެވެ.
ބައިތުލް މަގްދިސްގެ މަސްޖިދުލް އަގްސާއަކީ ފާއިތުވެގެން މިދާ އެތައް ޒަމާނަކުއްސުރެން ޖޯރޑްންގެ ރަސްގެފާނުގެ ޚާއްސަ ބެލެހެއްޓެވުމުގެ ދަށުގައިވާ ތަނެކެވެ. ރަސްގެފާނު ކަނޑައަޅުއްވާފައިވާ ޚާއްސަ އިމެއްގެ ދަށުން ޔަހޫދީންނާއި އަދި އެހެނިހެން ދީންތަކުގެ އަހުލުވެރިން އަޅުކަންކުރުންނޫން ބޭނުންތަކުގައި އަދި ބައެއް ވަގުތުތަކުގައި މަސްޖިދުލް އަގްސާއަށް ޒިޔާރަތްކުރުން އޮންނަނީ ހުއްދަ ކުރެވިފައެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ އިސްރާއީލު ސަރުކާރުންނެވެ.
އެހެންނަމަވެސް ޔަހޫދީންނަށްވެސް އެތަނުގައި އަޅުކަން ކުރުމުގެ ޙައްގު އޮންނަން ޖެހޭނަކަމަށް އިސްރާއީލުން ގެންދަނީ އަޑުއުފުލަމުންނެވެ. އަދި މިފަހުން އައި ހައްދުފަހަނަޅާފައިވާ ޔަހޫދީން ބައިވެރިވާ ސަރުކާރުން ގެންދަނީ ހައްދުފަހަނަޅާ ދިއުމުގެ ގިނަ ޙަރަކާތްތަކެއް އެމުގައްދަސް ސަރަޙައްދުގައި ހިންގަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އިސްރާއީލުގެ ބޮޑު ވަޒީރަށް ރަސްގެފާނު އަބްދުﷲ ވިދާޅުވީ އެ މުގައްދަސް ސަރަޙައްދުގައި ޔަހޫދީން ހިންގަމުންގެންދާ އުދުވާންތައް ވަގުތުން ހުއްޓުވުމަށެވެ. އެހެންނޫނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ސުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް އަނެއްކާވެސް އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
ރަސްގެފާނު އަބްދުﷲ ގެ ވާހަކަ ފުޅުގައި ނަތަންޔާހޫއަށް އިތުރަށް ހަނދާން ކޮށްދެއްވީ ދެ ދައުލަތުގެ ސިޔާސަތު ނޫން އެހެން އެއްވެސް ހުށައެޅުމަކާއި ދޭތެރޭ ޖޯރޑުން ޚިޔާލުވެސް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސަރުކާރުން ޢިއުލާން ކުރަމުންގެންދަނީ ފަލަސްތީނުގެ ބިމެއް ނޯންނާނެ ކަމަށާއި އެ މުޅި ސަރަޙައްދަކީ ޔަހޫދީންގެ ވާރުތައެއްކަމުގައެވެ.
ނަތަންޔާހޫގެ އޮފީހުން ހާމަކުރާ ގޮތުގައި ދެބޭފުޅުންގެ ވާހަކަތައް ބިނާކުރެއްވީ ސަރަޙައްދުގެ ސުލްޙައާއި ޖޯރޑްނާއާއެކު ކުރެވޭ ވިޔަފާރީގެ މައްޗަށެވެ. 1994 ވަނައަހަރު އިސްރާއީލާއި ޖޯރޑްންގެ ގުޅުން ގާއިމްކުރަން ކުރެވެނު މުޢާހަދާއަކީ މި ދެގައުމުގެ ދެމެދުގައި ސުލްޙަވެރިކަން ގާއިމް ކުރުމަށްޓަކައި ކުރެވުނު ހިތް ދަތި އެކަމަކު ނުކޮށް ދޫކޮށްލެވެން ނެތް އެއްބަސްވުމެކެވެ.
ނަމަވެސް އަލަށް އެކުލަވާލެވުނު އިސްރާއީލު ސަރުކާރުގެ ފަރާތުން ޖޯޑަންއަށްކަނޑައަޅުއްވާފައި ހުންނަ ސަފީރު މަސްޖިދުލް އަގްސާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ދެފަހަރު ޖޯރޑްންގެ ޚާރިޖިއްޔާއަށް ހާޒިރު ކުރެވިއްޖެއެވެ. އަދި މަސްޖިދުލް އަގްސާގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ޖޯރޑަން ސަފީރު އެ މިސްކިތަށް ވަޑައިގަތުމަށް ހުރަސްއެޅުމަކީ އެ މިސްކިތުގެ ކަސްޓޯޑިއަންގެ ޙައިސިއްޔަތުން ބަލާގަނެވޭނެ ކަމެއް ނޫންކަން ސަފީރަށް އަންގާދިން ކަމަށް ޖޯރޑްންގެ ސަރުކާރުން ހާމަކުރެއެވެ.
ނަތަންޔާހޫ ތަކްރާރުކޮށް ރަސްގެފާނު އަބްދުﷲ އަށް ދަންނަވަމުން ގެންދެވީ ބައިތުލް މަގްދިސްގެ މައްސަލާގައި މިހާރު އެއްބަސްވެފައިވާ އެއްބަސްވުމާއި ދޭތެރޭ އިސްރާއިލުގެ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމަށެވެ.
އެހެންނަމަވެސް އިސްރާޢީލުގައި އަލަށް އައްޔަން ކުރެވުނު ހަރުކަށި ފިކުރުގެ މިނިސްޓަރު މަސްޖިދުލް އަގްސާއަށް ވަޑައިގަތުމުން މުޅި އިސްލާމީ ދުނިޔެއިން އެކަންވަނީ ކޮށް ނުރުހުން ފާޅުކޮށްފައެވެ.