ޕާކިސްތާނުގެ މޮޑެލް ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލި ޙާދިސާއާއި ގުޅިގެން ހައްޔަރު ކުރެވުނު ކަރާޗީގެ އޭރުގެ ފުލުހުންގެ ވަރަށް ސީނިއަރ ބޭފުޅަކުކަމުގައިވާ ރާއޯ އަންވަރާއި އަދި އިތުރު 17 މީހަކު މި ޖެނުއަރީ މަހުގެ 23 ވަނަދުވަހު ކޯޓުން މިނިވަން ކޮށްފިއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންނެވެ.
ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލެވުނީ މިލިޓެންޓުން ފިލާތިބޭ ތަނެއް ފާސްކުރަން ފުލުހުން ޙަރަކާތްތެރި ވުމުގެ ތެރޭގައި 2018 ޖެނުއަރީ 16 ވަނަދުވަހުއެވެ. މި ޙާދިސާއާއި ގުޅިގެން ނަޖީބުﷲ ނިސްބަތްކުރެވޭ ވަޒީރިސްތާނުގެ މަހްސޫދު ދަރިކޮޅުގެ އެތައްހާސްބަޔަކު އިންސާނީ ޙައްގުތަކަށް ވަކާލާތު ކުރާ މީހުންނާ ގުޅިގެން އިސްލާމް އާބާދާއި އެހެނިހެން ޝަހަރުތަކުގެ މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ހެދިއެވެ.
އަންވަރަކީ އޭރު ކަރާޗީގެ ފުލުހުންގެ ވެރިޔާއެވެ. ނަޖީބުﷲ މަރާލި ޙާދިސާއާއި ގުޅުންހުރި އެހެން މީހުންތައް ހައްޔަރު ކުރެވުނީ 2019 ވަނަ އަހަރުގައެވެ. އަދި އެހުރިހާ މީހުންވެސް ގާނޫނުގެ ކުރިމައްޗަށް ގެނެވުނެވެ.
މިޙާދިސާގެ ތަޙްގީގުގައި ނަޖީބުﷲގެ އުފަން ރަށަކީ ދެކުނު ވަޒީރިސްތާނުގެ ސަރަޙައްދުކަމާއި އަދި އެއީ ތާލިބާނުންގެ ބާރު ގަދަކޮށްފައިއޮތް ސަރަޙައްދެއްކަން ފާހަގަ ކުރެވުނެވެ.
ނަޖީބުﷲގެ ވަކީލު ޖަބްރާން ނާސިރު ބުނިގޮތުގައި އަންވަރާއި އެހެންމީހުން މިނިވަން ވެގެންދިޔައީ އެކަށީގެންވާ ހެކި ސާބިތު ނުކުރެވުމުންނެވެ. އެހެންނަމަވެސް އެ ޢާއިލާއާއި މަޝްވަރާ ކުރުމަށްފަހު މަތީ މަރުޙަލާގެ ކޯޓަށް ދިއުމާމެދު ގޮތެއް ނިންމާނެއެވެ. ނަޖީބުﷲގެ އާއިލާއިން ތުޙުމަތު ކުރާގޮތުގައި އޭނާ މަރާލުމުގެ އެތައް ދުވަހެއް ކުރިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ބަޑި ޖެހުމުގެ ހާދިސާގައި މަރުވީ ކަމަށްބުނެ ފުލުހުން ހަދަނީ ދޮގު ކަމަށެވެ.
ކަރާޗީގެ ފުލުހުންގެ ވެރިޔަކަށް އަންވަރު ހުރި ދުވަސްވަރުގައި ގިނަ އަދަދެއްގެ މިލިޓެންޓުން ހައްޔަރުކުރިއެވެ. އޭނާގެ ޚިދުމަތަށް ރިޢާޔަތްކޮށް މައްސަލަ ނިމެންދެން ވަޒީފާއަށް ނިކުތުން މަނާކުރުމާއިއެކު ރަށުންބޭރަށް ދިއުން ވެސް މަނާކޮށްފައި ބެހެއްޓީއެވެ. ހޯމަދުވަހު ކޯޓުން މިނިވަން ކުރުމާއި ގުޅިގެން އަންވަރު ބުނީ އިންސާފު ލިބިއްޖެ ކަމަށާއި އަލުން ވަޒީފާ ދިނުމަށް އެދޭނެކަމަށެވެ.