ޞާލިޙަކަށް ވެސް ނަޝީދަކަށް ވެސް ރައްޔިތުން އެދޭ ވެރިކަމެއް ނުކޮށްދެވޭނެ: އިބްރާ

Facebook
Twitter
WhatsApp
WhatsApp Image 2023-01-24 at 20.11.18

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިޔަސް, ރައީސް މުޙައްމަދު ނަޝީދު ވިޔަސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކޮށްދެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި, ރައީސް ނަޝީދު ކެމްޕޭން ކުރައްވަމުންދާއިރު ރައީސް ޞާލިޙް ވިދާޅުވަނީ ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ އެމަނިކުފާނަށް އިތުރު ދައުރެއް ލިބިގެން ކަމަށެވެ. ނަޝީދު ވިދާޅުވަމުންދަނީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ކަންކަން ގޯހުންގޯހަށް ދާނެ ކަމަށާއި ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރެއްވޭނީ އެމަނިކުފާނަށް ކަމަށެވެ.

ސަންދާނަށް ދެއްވި އިންޓަވިއުއެއްގައި އިބްރާ ވިދާޅުވީ ކަންތައްތައް ކޮށްދިނުމޭ ބުނާ ވާހަކައަކީ ރައީސް މައުމޫނު އިރުގައި ވެސް ދެކޮޅު ހަދާ ވާހަކައެއް ކަމަށާއި ސަރުކާރު ހިންގަން ތިބޭ މީހުންގެ އަމިއްލަ މުދަލުން ކުރިކަމެއް ނޯންނާނެ ކަމަށެވެ.

”ކަންތައްތައް ކޮށްދިނުމޭ ބުނާ ވާހަކައަކީ މައުމޫނު އިރުގަ ވެސް އަޅުގަނޑުމެން ދެކޮޅު ހަދާ ވާހަކައެއް އެއީ. ސަރުކާރުން ކޮށްދޭ ކޮންކަމެއްތަ އޮންނާނީ ސަރުކާރު ހިންގަން ތިބޭ މީހުންގެ އަމިއްލަ މުދަލުން ކުރިކަމެއް އޮންނާނެތަ.”

އިބްރާ ވިދާޅުވީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކަމަކީ ވަކި މީހަކު ހުރީމަކާ ނުވަތަ ނެތީމަކާ ވާ ކަމެއް ނޫން ކަމަށެވެ.

އިބްރާ ވިދާޅުވީ ނަޝީދަށް ވެރިކަން ލިބިވަޑައިގަތަސް ރައީސް ޞާލިޙަށް ލިބިވަޑައިގަތަސް ކުރެއްވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.

”ހަމަ މިދިޔަ ފަސް އަހަރު މިދާ ގޮތަށް. މީގެ އެންމެ ބޮޑު މައްސަލައަކީ ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ގާއިމުކުރުމާއި ޤާނޫނުގެ ވެރިކަމެއް ހިންގުން.”

އިބްރާ ވިދާޅުވީ އެއް ގޮތަކަށް ވެސް އެކަމެއް ނުވި ކަމަށާއި ފެންނަނީ ދިމާ އިދިކޮޅަށް ކަންކަންދާ ކަމަށް ކަމަށެވެ. އަދި ދައުލަތުގެ ކޮންމެ ވަޒީރަކު ކޮންމެފަދަ ކަމެއް ކުރެއްވި ނަމަވެސް ޖަވާބުދާރީއެއް ނުކުރެވޭ ކަމަށެވެ.

”ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއޭ ފަސް އަހަރު. މި ޤާނޫނުއަސާސީ އައިފަހުން ރައީސް ޞާލިޙަށްވުރެ ބާރުގަދަކޮށް ރައްޔިތުން ވެރިކަން ހަވާލުކުރިވެރިއެއް ނެތް. ފުރަތަމަ ގާތްގަނޑަކަށް %60 ގެ އަޣުލަބިއްޔަތުން ރައްޔިތުން ވެރިކަމަށް އިންތިޚާބުކުރީ.” އިބްރާ ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ރައްޔިތުން ދިން ކަމަށާއި އެވަރުގެ ބާރެއް އޮވެގެން ޖުޑިޝަރީ ވެސް އިސްލާހު ނުކުރެވުނު ކަމަށާއި ސަރުކާރުން ކުރާ ކަންކަން އަދުލުވެރިކަމާއެކު ނުކުރެވުނު ކަމަށާއި މިނިސްޓްރީތަކުން ވެސް ޤާނޫނަކަށް ގަވާއިދަކަށް ބޮލެއް ނުލަނބައި ކަންކަން ކުރަމުންދާ ކަންތައްތަކުގެ ޝަކުވާ ހުށަހެޅިޔަސް އެކަމެއް ނުބެލޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

‘ދެން ކޮންކަމެއް ބަދަލުކުރާ ވާހަކަ އެ ދައްކަނީ. މިވަރުގެ ބާރުދީފަ އެ ކަންކަން ނުކުރީމާ ދެން ފަސް އަހަރު ދިނަސް ކޮންކަމެއް ވާނީ.”

ނަޝީދަށް ޢިޝާރަތް ކުރައްވައި އިބްރާ ވިދާޅުވީ ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކަންތައްތައް ދާނީ ކުރިން ދިޔަ ގޮތަށް ކަމަށެވެ.

”ފެންނަން އެހުރީ. އޭރު ދިޔަ ގޮތަށް ދާނީ.”

އިބްރާ ވިދާޅުވީ އާަސަންދަ ފެށީ ވެސް ނަޝީދެއް ނޫން ކަމަށާއި އެއީ އޮޅުވައިލުމެއް ކަމަށާއި ”ނަމެއް” ހަދައިލެވިދާނެ ކަމަށެވެ.

އިބްރާ ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ ”އާ މީހަކު އައިސްގެން” ނެވެ. އެމްޑީޕީތެރޭގައި އެފަދަ ފާހަގަކުރެވޭ ބޭފުޅަކު ހުންނެވި ތޯ ސުވާލު ދެންނެވުމުން އިބްރާ ސާފު ޖަވާބެއް ނުދެއްވައެވެ.

”މީހުން ތިބޭނެ ދޯ.” އިބްރާ ވިދާޅުވިއެވެ.

2 Responses

  1. ކޮންމެމީހަކު ވެރިކަމަށް އަޔަސް ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި ސަލާމަތީ ބާރުތަކުގެ ވެރިޔަކީ އޭނާ ކަމަށް ދެކެންޏާ އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެއެވެ. އެއީ ފިރުއައުނު ކަހަލަ ޖައްބާރުންގެ ވިސްނުމެވެ.
    ބައިނަލް އަގްވާމީ މީޑިއާގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އެމެރިކާގެ ދަރަނި ބޮޑުވެގެން ދިޔަވާހަކައެވެ. އެ ކަމާގުޅިގެން އެ ކަރައިގެ ރައްޔިތުންގެ މަޖިލީހުން ބުނަނީ ކޮންމެގޮތެއް ހަދާފައިވެސް ސަރުކާރުން އެ ދަރަނިތައް އަދާކުރަން ޖެހޭނެކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. ވެރިކަން ލިބުނަކަސް ހިތަށް އެރިގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުވާލާފައި ބަޗައިގެން ނުދެވޭނެއެވެ.
    ދެން އަޅުގަނޑުމެންގެ ކަންތައްތައް ދާގޮތަށް ވިސްނާލާ ބަލާށެވެ.
    މިއީ އެންމެ މިސާލެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް