ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމް "ޑިމޮކްރެސީ"

Facebook
Twitter
WhatsApp
No enemy No friends Political opportunists

ދިވެހިރާއްޖޭގެ ޑިމޮކްރެސީއަކީވެސް ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ޑިމޮކްރެސީއެއްގައި އެނގެންޖެހެއެވެ. ޢަދުލް އިންސާފު އެންމެނަށް ކަށަވަރު ކޮށްދޭ ވެރިކަމުގެ ނިޒާމެކޭ އެބައިމީހުން ބުނެއެވެ. ކަރަޕްޝަނާއި ފަސާދައަށް ފާރަވެރިވެއޮވެ ރައްޔަތުންގެ ކިބައިން އުފެދި ރައްޔަތުންނަށް ޚިދުމަތްކުރުމަށް އުފެއްދޭ ނިޒާމެކޭވެސް އެއުރެން ބުނެތެވެ.

މި ލިއުމަކީ މުޅިން ސަންދާނުގެ އުފެއްދުމެއް ނޫނެވެ. ލޯކަލް އަދި ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ” ކަނުބަނދެފައިވާ ޑިމޮކްރެސީ ” އިން މިލިއުމުގ ބޮޑު ބައެއް ޙިއްސާކުރެވޭތޯ ބަލާނަމެވެ. މިލިއުން ކިއުންތެރިންނާއި ހަމަޔަށް މިގެނެސް ދެނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. ހަމަގައިމުވެސް މަޢުލޫމާތު ހާމަކުރުމަކީ އެބުނާ ޑިމޮކްރެސީގެ ފުރަތަމަ ރުކުނެވެ. އަދި އިންސާނިއްޔަތަށް އެކަމުން ފައިދާ ކުރަނިވި ކަމަކަށްވެސް ވާނެތީއެވެ.

ދިވެހިންނަށް ލިބިގެން މިއުޅޭ ޑިމޮކްރެސީގެ ޙާލަތާއި ދޭތެރޭ ކޮންމެ ފަރުދަކުވެސް ވިސްނާ ފިކުރު ކުރަން ޖެހިއްޖެއެވެ. ދިވެހިރާއްޖޭގައިވެސް ޑިމޮކްރެސީ އުފަންވެ ބާރުގަދަ ވަމުންދާއިރު ޑިމޮރެސީއާއި ބެހޭ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ލިބިލިބި ހުންނަން ޖެހޭނެކަމަށް ގަބޫލުކުރެވޭތީއެވެ.

މިހާތަނަށް ސިޔާސީ އެއްވެސް ޕޯޑިމެއްގައި ޑިމޮކްރެސީގެ އެއްވެސް އުނިސިފައެއް ރައްޔިތުންނަށް އޮޅުންފިލުވާ ދީފައެއް ނެތެވެ. ރަސޫލާ ޕްރެކްޓިސް ކުރެއްވި ޙައްގުގެ ރިސަލަތް ފިޔަވާ އެހެން އެއްވެސް ސިސްޓަމެއްގައި އުނިސިފަތަކެއް ނެތިއެއް ނުދާނެ ނޫންތޯއެވެ. ހަމަގައިމުވެސް ރިޔާސީ އަދި ބަރުލަމާނީގެ ސިފަތައް އެ ޕޯޑިއަމްތަކުގައި ވަރަށް އަޑުހަރުކޮށް ކިޔާއަޑު އެބަ އިވެއެވެ.

އަޅުގަނޑު ދެކޭގޮތުގައި ޑިމޮކްރެސީއަކީ އެމް. ޑީ. ޕީ. ގޯސްކުރުމާއި ޕީ. ޕީ. އެމް. ރަނގަޅުކުރުމެއް ނޫނެވެ. އަދި ހަމައެފަދައިން ޕީ. ޕީ. އެމް. ގޯސްކޮށްފައި އެމް. ޑީ. ޕީ. ރަނގަޅު ކުރުމެއްވެސް ނޫނެވެ. އަދި ހަމައެކަނި ޑިމޮކްރެސީގައިހުރި އަވާމެންދުރުތައް ޙަގީގަތަކަށް ހަދަން އުޅުމެއްވެސް ނޫނެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަވެގެންދަނީ ޑިމޮކްރެސީ އަކީ އެއްވެސް ނުރަނގަޅު ކަމެއް އޭގައި އެކުލެވިފައި ނުވާ ވެރިކަމުގެ ނިޒާމެއްކަން ސާބިތުކޮށް ދިނުމަށްޓަކައި ދައްކަމުން ގެންދާ ވަރަށްގިނަ ބުހުތާން ދޮގު ވާކަތަކާއި ބަހަނާތަކެވެ. ދިވެހީންގެ ކުރިމަތީގައި މިއޮތީ އަނެއްކާވެސް ރިޔާސީ އިންތިޚާބެކެވެ. ދިވެހި ޑިމޮކްރެސީގެ އެންމެ ޝަރަފްވެރި މަގާމަށް ބޭފުޅަކު ހޮވުމެވެ.

އެހެންވީމާ ވޯޓު ފޮއްޓާ ހަމަޔަށް ދާއިރު މިއަދާކުރެވެނީ ކޮންފަދަ މުހިންމު ވާޖިބެއް ކަމާއި ޑިމޮކްރެސީން ދިވެހި ރައްޔިތުންނަށް ލިއްބައިދިން އެއްޗަކާއި ގެއްލުވާލި އެއްޗަކާއި ދޭތެރޭ އަދި އެއްފަހަރު ވިސްނާލުން ބުއްދިވެރި ކަމަށް ދެކެމެވެ.

މިކިޔާ ޑިމޮކްރެސީގެ ޙަގީގަތް ދެނެގަތުމަށްޓަކައި ފުރުސަތު ލިބިއްޖެނަމަ ރޯމުގެ ކޮލޯޒިއަމަށް ޒިޔާރަތް ކޮށްލުން ބޭނުންތެރިއެވެ. އެތަނަށް ވަނުމަށްޓަކައި ސެކިއުރިޓީ އާއި މިލިޓަރީ ގާރޑުން ފަހަނަޅައި ދިއުމަށްފަހު ގައުމުތަކުގައި މިހާރު ކޮޕީކުރަމުން ގެންދާ ރައްޔިތުން ކަނުބަނދެފައިވާ ޑިމޮކްރެސީގެ ވެރިކަމުގެ ނިޒާމުގެ ޙަގީގަތްތައް ކުރިމަތީގައި ހާމަވަމުން ދާނެއެވެ.

ބާރުގަދަ ބަޔަކު އަންގާ ގޮތަކަށް ވޯޓުލުން ފިޔަވައި ރައްޔިތުންގެ ބަހެއް ނޯވެއެވެ.  ވިސްނާ ފިކުރުކުރާ ބަޔަކަށް ފިލާވަޅުތަކެއް ގެނެސް ދޭނެއެވެ. ޑިކްޓޭޓަރުންގެ ބާރުގައި އަޅުވެތި ކުރަމުން ގެންދިޔަ ކަޅުނަސްލުގެ މީހުންނަށް އަނިޔާވެރި ވުމުގައި ހުރިހާ އިމެއް ގިރާކުރަމުން ދިޔަގޮތާއި އެމެރިކާގެ ތާރީޚް ފެންނާނެއެވެ.

އަހަރެމެންގެ މިއަދުގެ ޅަކުދިންނަށް ދުނިޔޭގެ ތާރީޚުން މިއަށްވުރެން އިތުރު ފިލާވަޅެއް ދަސްކޮށް ދޭކަށް ނުޖެހޭނެއެވެ. އެފިލާވަޅުތައް އެހުރީ ފޮހެވިގެން ނުދާވަރަށް ބިންވަޅުކަނޑާ ނަގާފައެވެ. ޑިމޮކްރެސީގެ ބާނީންނަކީ މި ނުބައި ސުންޕާ އަމަލުތައް ދުނިޔޭގެ ކަންކޮޅުގައި ހިންގި އަދި މިހާރުވެސް އެކިއެކި ސިފަސިފައިގައި ހިންގަމުން ގެންދާ މީހުންނެވެ.   

ކޮލޯޒިއަމްގެ މަންޒަރުތައް ސިފަކޮށްދެނީ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އަނިޔާވެރިކަން އާންމުކުރަމުން ގެންދާ ގޮތްތަކެވެ. ރައްޔިތުން ވެރިކަމުގެ ނަން ދުލުކޮޅަށް ގެންނަންވެސް ޖެހިލުންވާފަދަ އަނިވެރިކަން އާންމު ކުރަމުން ގެންދާއިރު ވެރިކަމުގެ ފަރާތުން ބުނަނީ ރައްޔިތުންދެކެވާ ލޯތްބާއި އަޅާލުން ގާއިމްކުރުމުގައި މިވަރުގެ ސަރުކާރެއް ދެކިފާ ނުވާނެކަމަށެވެ.

ޕާނެމް އެޓް ސިރިސެންސިސް ގެ ފަލްސަފާގައެވެ. ދިވެހިންގެ ތެރޭގައި މިއަށް ކިޔާނެ ތަފާތު ބަސްތައް ހުރެއެވެ.  މަޢުލޫމާތު އުނިކަމުން އެންމެ އެކަށީގެންވާ ދިވެހިބަސް ގެނެސް ނުދެވިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވުރެން މަޢުލޫމާތު މަދު ކިއުންތެރިންނަށް އެ ފަލްސަފާގައި ބުނާ އެއްޗެއްގެ ރަމްޒީ މާނައަކީ ” ކަނުބަނދެފާއޮތް މިނިވަންކަން ނުވަތަ އަޅުވެތިކަން ކަނުއަނދިރީގައި ނުވަތަ ފެންދީފާ ކަތިލުން، ނުވަތަ ހަކުރުދެންޏާ ބޮޑުބޭބެ ނުވަތަ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތުނީ “.  މިފަދަ އެތަކެއް މާނައެއް އެކުލެވިގެންވެޔޭ ބުނެލަމުން ފުއްދާލަމެވެ.

ސަބަބކީ އެބުނާއެއްޗެއްގެ މާނަ ޙާލަތާއިގުޅިގެން ވަރަށް އަވަހަށް ބަދަލުވެގެން ދާތީއެވެ. ނޫނީ އަމިއްލަ ބަހުން ބުނާއެތިވެސް އެހެންމީހަކު އޮޅުންފިލުވަ ދޭންޖެހޭ ހިސާބަށް ދާތީއެވެ. އެހެން ބަޔަކާދޭތެރޭ ވިސްނުން އެއްފަރާތް ކޮށްލާފައި ވަކި ފަރާތަކަށް ބުރަނުވެތިބެ މިފަލްސަފާ މި ދިވެހި ވެއްޓަށް ފެތޭ މިންވަރު ބަލާލަމާ ހިނގާށެވެ.

އިންތިޚާބު ކުރެވޭ ކޮންމެ މަގާމަކަށް ކުރިމަތިލާ މީހާވެސް ބޭނުންކުރާ އުކުޅަކީ ހަމަމިއީކަން ގަބޫލު ކުރެވޭނެއެވެ. ވޯޓު ހޯދަން ކުރާ ވަޢުދުތަކާއި އަޙުދުތަކާއި ރައްޔިތުންދެކެވާ ލޯބި އިންތިޚާބު ކާމިޔާބު ކުރެވޭ ހިސާބުން ހަނދާން ނެތޭނެއެވެ. އިންތިޚާބުގައި ވޯޓް ހޯދަން މީހުނާ ގުޅައިގެން ވޯޓަށް ސަލަމް ޖެހި ފޯން ނަމްބަރުވެސް އަވަހަށް ބަދަލުވެ ދެއެވެ. ދެން ގުޅާނީ ނަމްބަރު ނާރާ “ޕްރައިވެޓް” އަރާ ނަމްބަރަކުންނެވެ. މިއީ ތޯތޯ ވާހަކަ އެއް ނޫނެވެ. ތިއިން ކޮންމެ ބޭފުޅަކަށްވެސް މި ޙަގީގަތް އެއްފަހަރަށްވުރެ ގިނަފަހަރު އޮންނާނީ ދިމާވެފައެވެ.

ޕާނެމް އެޓް ސިރިސެންސިސްގެ ފަލްސަފާގައެވެ. ނޫނީ ކެޔޮގަނޑު ކަނޑާލިމާ ގަހުގެބޭނުން ނެތޭ ދިވެހިން ބުނާ ފަލްސަފާއެވެ. އެއަށް ޑިމޮކްރެސީއޭ ކިޔައި އެއީ ރައްޔަތުންނަށް އޮތް އެންމެ ހެޔޮގޮތް ކަމުގައި ގަބޫލު ކުރެވޭނެތޯއެވެ! ކިހާ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. 

ކޮލޯޒިއަމަށް ނުގޮސް މިކަން ދެނެގަނެވޭނެ ގޮތެއް ނޯންނާނެހޭ ކިއުންތެރިޔަކު ހިތަށް އަރާފާނެއެވެ. މިއަދުގެ ދުނިޔެއިން ޑިމޮކްރެސީގެ ބައެއްމިސާލު ނަގަމާހެއްޔެވެ؟

ޑިމޮކްރެސީގެ ބާނީ އަދި އިސްތިޢުމާރީންގެ ރަސްގެފާނު އިނގިރޭސި ވިލާތުން ދެކުނު އެފްރިކާގައި ހިންގި ޑިމޮކްރެސީ އަކީ ދުނިޔޭގެ ތާރީޚުގައި “އެފަދައެއްނެތް” އަނިޔާވެރި ނިޒާމެކެވެ. ގައުމުގެ އަސްލު ރައްޔިތުންގެ ކިބައިން ހުރިހާ ޙައްގެއް އޮތީ ނިގުޅައި ގެންފައެވެ.

އެމެރިކާއާއި އޮސްޓްރޭލިޔާ ފަދަ ޑިމޮކްރެސީގައި ގައުމުގެ އަސްލުރައްވެހިން ދިރިއުޅެންޖެހެނީ ތިންވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައެވެ. ނުވަތަ އެތަނުގެ ޖަންގަލީތަކުގައެވެ. މިއީވެސް ތޯތޯވާހަކަ ތަކެއްނޫނެވެ. މިއަދު ގޫގުލް ކޮށްލުމުންވެސް އެނގެން އެބައޮތެވެ.  ނަމަވެސް މާދަމާ ޑިލީޓް ކޮށްލަފާނެއެވެ. ނަމަވެސް ޙަގީގަތް ދަންނަމީހުން މަދެއްނޫނެވެ.  

ހަންގޭރީގެ ވެރީން ރައްޔަތުންނަށް ބުނެދޭ ޑިމޮކްރެސީއަކީވެސް ނަމޫނާ ޑިމޮކްރެސީ އެކެވެ. ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ވިސްނާދީފައި އޮތީ އިންސާނިއްޔަތުގެ މިނިވަންކަމަކީ އެ ގައުމުގެ ދީން ކަމުގައެވެ.  މި މުގައްދަސް ފަލްސަފާގެދަށުން 2022 އޭޕްރިލްގައި 4 ވަނަފަހަރަށް ހަންގޭރީގެ ބޮޑުވަޒީރުކަމަށް  ވިކްޓަރ އޯރބާން އިންތިޚާބު ކުރެވިއްޖެ އެވެ.

ޕާލަމެންޓުގެ އަޣްލަބިއްޔަތަކީ އޭނާއެވެ. ކޮންމެ އިންތިޚާބެއް ކައިރިވީމާ އޭނާބޭނުންވާ ގޮތަކަށް ގާނުނުތައް ބަދަލުކުރެތެވެ. އެޑިމޮކްރެސީގައި އޭނާގެ ބާރު އޮތްމިންވަރަކީ ކޯވިޑް 19 ގެ ބަލިމަޑުކަން ދުނިޔެއަށް އާންމުވެގެން ދިޔަވަގުތު ހަންގޭރީގެ ރައްޔިތުންނަށް އޭނާ ވިސްނާދިނީ ޕާލަމެންޓާއި ގާނޫނަކީ މިވަގުތަށް ބޭނުން ހިފޭނެ އެއްޗެއް ނޫންކަމެވެ. ޚަރަދު ބޮޑު ސިސްޓަމެއް ކަމުގައެވެ. ރައްޔަތުންނަށް ޚަރަދުކުޑަ ސަރުކާތެއް މި ދަތި ދަނޑިވަޅުގައި ހިންގުމުގެ މުހިންމުކަމެވެ. އާދެ! ރައްޔަތުންނަށް ޓަކައެވެ.

އެހެންކަމުން މުއްދަތެއް ނެތްގޮތުގައި ޕާލަމެންޓު އުވާލީއެވެ. ދިވެހިވެރީންގެ ތެރޭގައިވެސް މިޒާތުގެ  ޑިމޮކްރެސީ ފެންނަމުން ދެއެވެ. ވަޒީރުންގެ މަޖިލީހެއް އޮތުމުގެ ބޭނުމެއްނެތިގެން ހުރިހާ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ދުވަހެއްވެސް ދުށީމެވެ. އަދި ބޭނުންވީމާ މިތުރުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް މަޢާފުކޮށް ދިނުމުގެ ގާނޫނެއްވެސް ހަދާލެވި އަދި ތިންބާރު ވަކިކުރެވިފައިވާ ޑިމޮކްރެސީ ސިސްޓަމް ދިވެހިންގެ ދިމާކުރާތީއަށް ބަދަލުވެ މަޖިލިސްގެ ހުރިހާ ބާރުތަކެއް ރައީސްމީހާ މުށުތެރަށް ލެވި ކިބުރުވެރިކަމާއެކު އެކަން ޢިއުލާން ކުރެވިފާވެސް ވެއެވެ.

މިއީ ވެރިމީހާގެ އަތުގައި އޮތް ޑިމޮކްރެސީގެ ބާރުވެރިކަމުގެ ކުޑަވަރެއްގެ މިސާލެކެވެ. މިކަހަލަ ބައިވަރު ސިއްސުވާލުން މިކިޔޭ ޑިމޮކްރެސީގެ ތެރެއިން ވަނީ ފެނިފައެވެ. އަދި އިތުރަށް މިޑިމޮކްރެސީ ފުޅާވެގެން ދާނެއެވެ.

2010 ވަނައަހަރު ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވަނީ އިންތިޚާބެއް އެއްފަހަރު ކާމިޔާބު ކުރެވުނީމަ އެ ނިމުނީ ކަމަށެވެ. ދެން އެއަށްފަހު އިންތިޚާބެ ބޭއްވުމާއި ކާމިޔާބުކުރުމާއި މިކަންތައް އޮންނާނީ އޭނާގެ ބާރުގައެވެ. އަދި ގައުމަށް އެއްވެސް ކަހަލަ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭހިނދު ސަރުކާރެއް ގާނޫނެއް ފަނޑިޔާރުގެއެއް ބޭނުމެއް ނޯންނާނެ ކަމަށެވެ. އެކަންތައް އޭނާއަށް ބެލެހެއްޓޭނެއެވެ. ވޯޓްހޯދާނެ ގޮތް އަބަދުވެސް އޭނައަށް އެނގިވަޑައި ގަންނަވާކަމުގަޔެވެ. މިދިޔަ ހަފްތާގައި ދިވެހި ޑިމޮކްރެސީގެ ރައީސްވެސް ވަނީ ހަމަ މިފަދައިންނެވެ. ޑޮމޮކްރެސީ ރާއްޖޭގައިވެސް ފިރިފުރާ އަރައިފިހެން ހީވެއްޖެއެވެ.

ދުނިޔޭގެ އެންމެބޮޑު ޑިމޮކްރެސީ އިންޑިއާގައި ތަފާތު ދީންތަކާއި ތަފާތު ނަސްލުތަކާއިއެކު އެކުއެކީގައި އެއް އަމާޒަކަށް ދަތުރުކުރުމަކީ އެއްދުވަސްވަރެއްގައި އެ ގައުމުގެ ގާނޫނީ ތަސައްވުރެވެ. މިއަދު އެ ތަސައްވުރެ ތަރުޖަމާ ކުރަމުންދާތަން ފެންނަނީ ވެރިކަމުގެ ފަރާތުން ގާނޫނަކީ އަހަރެންނޭ ބުނާ ކަހަލަ ގޮތަކަށެވެ. އިޒްރާއީލްގައިވެސް އޮތީ ހަމަ މިފަދަ ނަލަނަލަ ޑިމޮކްރެސީއެކެވެ!       

ިމޮކްރެސީގައި ވިސްނާދޭން މަސައްކަތްކުރާ އަނެއް ފަލްސަފާއަކީ ކޮންމެ އިންސާނަކީވެސް އޭނާގެ ޖިސްމާއި ވިސްނުމާއި ފިކުރުކުރުމުގައި ފުރިހަމަ މިނިވަން ލިބިދީފައިވާ މީހެކެވެ. އެހެންވީމާ ތިމަތިމާމެންގެ މިނިވަންކަން އަނެކުންގެ މިނިވަންކަން ފެށޭ ހިސާބުން ނިމުމަކަށް އަންނާނެކަން ދެނެގަންނަން ޖެހޭނެއެވެ. ފަލްސަފާއަކީ މިއީ ނޫންތޯއެވެ؟

ބޮޑުމަންޒަރުގެ ތަޢާރަފަކީ ވެރިމީހާގެ މިނިވަންކަން ފެށޭ ހިސާބުން ރައްޔިތުންގެ މިނިވަންކަން ނިމެންޖެހޭނެއެވެ. އެ މިނިވަންކަން ތަންފީޒުކުރާނީ ވެރިންނަށް ވަފާދާރު ކަރަޕްޓް ސަރވަންޓުންނާއި ނުވިތާކަށް  ގުންޑާއިން ބޭނުންކޮށްގެނެވެ. މިއަދުގެ ދުނިޔޭގައި ޖިސްމާއި ވިސްނުމާއި ފިކުރުކުރުމުގެ މިނިވަންކަމުގެ ހައްދަކީވެސް ޑިމޮކްރެސީ ސަރުކާރުތަކުން އިންފާރު ކަނޑައަޅާފައިވާ އެއްޗަކަށް ވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއެކު ވެރިކަންކުރަނީ ޑިމޮކްރެސީ ގެ މިނިޒާމުންކަމުގައި އެމީހުންބުނެ އެކަން ބޮޑެތި ބާރުތަކުންވެސް ގަބޫލުކުރެއެވެ. އިޒްރާއީލް ގެންގުޅޭ ޑިމޮކްރެސީއަށް އެންމެ ބާރުދޭ ފަރާތަކީ އެމެރިކާއެވެ.  ލޯމަތިން ކޮންމެދުވަހަކު މި ޑިމޮކްރެސީގެ ކަނުފަރާތް ފެންނެއެވެ.

 ކުޑަދަރިފުޅަށް ކާންދޭނެ އެއްޗެއް ނުލިބިގެން ގަނަތެޅޭއިރު ޑިމޮކްރެސީއާއި ދޭތެރޭ ވިސްނާނެ ވަގުތު ރައްޔިތުމީހާއަށް ލިބޭނެ ހެއްޔެވެ. ޑިމޮކްރެސީގެ ބޭނުމަކީވެސް އެއީއެވެ. ހަކުރު ލިބޭނީ ބޮޑުބޭބެ ދިނީމައެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ބުނެއުޅޭ ފަދައިން މިވެނި ކަމެއްގައި ގުރުބާން ކުރެވޭ ކަންބަޅިއަކަށް މިވީ މިވެނި މީހެކެވެ. ވެރިކަން ދެމެހެއްޓުމަށް ޓަކައި ގުރުބާން ކުރެވޭ ކަންބަޅި ތަކަކީ ރައްޔިތުންނެވެ. 

އެމެރިކާއާއި ހުޅަނގުން ދެކޭގޮތުގައި މިފަދަ ގައުމުތަކުން އެދައްކައިދެނީ ޑިމޮކްރެސީގެ ނަމޫނާއެވެ. އަދި އެމީހުން އެގޮތަށް ބުނާތީ އަހަރެމެންގެ ބަޔަކު އެކަން އެގޮތަށް ގަބޫލުވެސް ކުރެއެވެ.

ތެދެކެވެ! ޕާނެމް އެޓް ސިރިސެންސިސްގެ ފަލްސަފާގައެވެ. ކަނުބަނދެފައިވާ އެހެނަސް މިނިވަން ޑިމޮކްރެސީގައެވެ. ޑިމޮކްރެސީ އެގޮތުގައި ދެމެހެއްޓުމަށް އެމެރިކާއާއި ހުޅަނގުން އެހީތެރިވެދޭނެއެވެ. އެހެނީ އެ ކަނު ޑިމޮކްރެސީގެ ދަށުން ގައުމުތައް އަބަދުވެސް އޮންނާނީ ހަލަބޮލިކަމެއްގެ މަތީގައެވެ. ހުރިހާގޮތަކުން އިންވެސްޓް ކޮށް ތަންދޮރު ނުދަންނަ ސްޓްރީޓް ބޯއިޒް (ވަކަރުގޭ ކުދީން) ތައް ބާރުވެރި ކުރުވާފައި ބޭތިއްބީމާ ވެރިކަމުގެ ތެރައަށް އެމީހުންގެ އެޖެންޓުން ދެމިތިބުމުގެ ފުރުސަތު ލިބިފާ އޮންނާނެއެވެ. މިއީ ހަންގޭރީގެ ބޮޑުވަޒީރުގެވެސް ފަލްސަފާއެވެ.

ކޮންމެހެން އިންތިޚާބު ބާއްވާކަށް ނުޖެހޭނެއެވެ. އަބަދުވެސް ޑިމޮކްރެސީ ތަޖުރިބާކުރާ ގައުމުތައް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވީމާ އިންތިޚާބު ބޭއްވުމުގެ ކުރިން ނަތީޖާ އެނގޭނެއެވެ.

ޢަރަބި ސްޕްރިންގް މަތިން ހަދުމަކޮށް ލައްވާށެެވެ. އަދި ހަމަ އެހެންމެ ފަލަސްތީނުގައި ބޭއްވުނު ފެއަރ އެންޑް ފްރީ އިންތިޚާބުގައި ޑިމޮކްރެސީ މާނަކުރެވިގެން ދިޔަގޮތާއި ރައްޔަތުން ހޮވާދިން ސަރުކާރު ޑިމޮކްރެސީގެ ވެރީންނަށް ކަމުދާގޮތްނުވެ ސަރުކާރެއް އެކުލެވާލިޔަވެސް ނުދީ ނަސްލީ ހަމަނުޖެހުމަކަށް ދުއްވާލީއެވެ.

 ހަމަ އެހެންމެ މިސްރުގައި އެބުނާ ޑިމޮކްރެސީގެ ދަށުން އުފެދުނު ސަރުކާރުގެ ރައީސް މިލިޓަރީ ނިކުމެ ބަޣާވާތްކޮށް  އެތައްސަތޭކަ މީހުން ޝޙީދުކޮށްލާ ވޯޓުން ހޮވުނު ރައީސް ޖަލަށްލައި ޒަހަރުދީގެން މަރާލީ އިއްޔެ ނޫންތޯއެވެ. މިއީ މި ޑިމޮކްރެސީގެ ބުނެދޭން ބޭނުންނުވާ އަނދިރި ފަރާތެވެ.

އެމެރިކާއާއި ހުޅަނގުގެ ދޮން ނަސްލުން ދުނިޔޭގައި މުޅިން އާ ސިވިލައިޒޭޝަނެއް ގާއިމްކުރަން ޖެހޭނެއެވެ. އިސްވެދެންނެވުނީ ހުޅަނގުގެ ގައުމުތަކުން އުފަންކުރުވަން ބޭނުންވާ ޑިމޮކްރެސީއެވެ. އިސްތިޢުމާރު ކުރުމާއި ޑިމޮކްރެސީ އަކީ އެއްގަހެއް ދެ ގޮފިކަމާއި މެދު މިއަދުގެ މުފައްކިރުން ސުވާލެއް ނުކުރާނެއެވެ.

ދިވެހިންގެ ބަހުން ބުނާނަމަ އެމީހުންގެ ކަށީގައި ހިފާފާހުރި އާދައެއް ނުހުއްޓުވޭނެއެވެ. ޑިމޮކްރެސީއަކީ ތަފާތު ގައުމުތަކަށް ތަފާތު ގޮތްގޮތަށް ތަޢާރުފް ކުރެވެމުންދާ ނިޒާމެކެވެ. މިނެކިރާނެ  މިންގަނޑަކީ އެމެރިކާއާއި ހުޅަނގުން ބޭނުންވާ މިންގަނޑާއި ގޮތެކެވެ.                                 

އެމެރިކާގެ ރައީސަކު ވިދާޅުވެފައިވެއެވެ. އަހަރެމެން ހިތުން އެމެރިކާއަކީ ކަނުބަނދެފައި ނުވާ ޑިމޮކްރެސީއެއް ފުރާ ފުރިހަމަވެފާ އޮތް ގައުމެކެވެ. މުޅި ދުނިޔޭގެ އެންމެންވެސް ބޭނުންވާނީ އެމެރިކާއަށް އަންނާށެވެ. މިއީ އަހަރެންމެން ވިސްނުން ކަމަށްވެފާ އަތްއުރާލައިގެން ތިބެއްޖެނަމަ އަހަރެމެންނަށް ވުރެން މޮޔަ ބަޔަކު މިދުނިޔޭގައި ނުތިބޭނެއެވެ.

ބޭނުންވަނީ އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައި ހިފޭއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ޕާނެމް އެޓް ސިރިސެންސިސް ގެ ފަލްސަފާއަކީ އެމެރިކާ ގަބޫލުކުރާ އެންމެ އަގުބޮޑު އުފެއްދުމެވެ. ރުހުމުގައިވިޔަސް ނުރުހުމުގައި ވިޔަސް އެމެރިކާއަށް ކުރުނީސްކުރުން ނޫން އެހެން ގޮތެއް އޮވެގެން ނުވާނެއެވެ. ޑިމޮކްރެސީ އަކީ އެއީއެވެ.  

4 Responses

  1. އައްޑޫގައި ތަރައްގީ ކުރުން ކެރިންގެން ނޫނީ ނުކުރެވޭނެ ކަމެކޭ އައްޑޫ ގަން ބައިނަލް އަގްވާމީ މަތިންދާ ބޯޓް ތައް އެއުޅަނދު ތައް ދުނިޔޭގެ މަންޒިލް ތަކުން ގަމަށް ދަތުރު ކުރާ ގޮތަށް ހެދޭނެއޭ އެކަން ކުރަން އައްޑޫ ވިޔަފާރިވެރިންނަށް ބިންވެސް އެއަތޮޅުން ދޭންވީއޭ ހިނގާ ނަފާ ހޯދަން މިވަތަން ގައި ހުރި އިގްތިސާދީ ފުރުސަތުން ހިފާ މަމެން އަތުގައި ނުވާނަމޭ ވަރުބަލި ހިނގާ ނަގާ ބުންވަރު ހޮވާނަމޭ އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ރައީސް އިބޫގެ ސަރުކާރަށް މާލެ އެއް ވެސް ތަރައްގީ ނުކުރެވުނޭ މާލެ ސަރަހައްދުން ކަނޑާފައި ދެވުނު އެންމެ ގޯއްޗެއް ވެސް ނެތޭ ދެން އަނެއް ކޮޅުން އައްޑޫގެ ތަރައްގީ އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތޭ މީ ދެން މަތިވަރުމަރުވެފައިވާ ސަރުކާރެކޭ ހިފާ މަމެން އަތުގައި ހިތާއި ހިތުން ގުޅިގެން މަތިވަރު އާރޯކުރަމުން އަންނަ ރަންޕިންކީ ގުޅުމަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އެންމެން އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިފާ މަމެން އަތުގައި ނުވާނަމޭ ވަރުބަލި އަންނި ހޮވާފައި ނޫނީ ހިނގާ އުޖާލާ ކުރަން އެންމެ ކަތުންގެ ދިރިއުޅުން ހިނގާ ނަގާށޭ ބުންވަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ އެކީގައި އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ކަނބުލޮމެންނޭ ގޮނޑިން ކޮއްޅަށް ތެދުވެ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. ރަނގަޅު ވާހަކައެކެވެ. އޭޝިޔާގެ ގައުމުތަކަށް ތަޢާރުފް ކޮށްދީފައި މިއޮތީ ކަނުބަދެފައި އޮތް ލާހޫރޭ ޑިމޮކްރެސީ އެކެވެ. އަޅުގަނޑުމެން ހޭވެރިކަން ވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބުންނޫންގޮތެއް ނެތެވެ. ކިތަންމެވަރަކަށް ލިއުނަސް ސްޓޭޖްތަކުން ލަވާ ހަޅޭކުގެ އަޑާ އެއްވަރެއް ނުކުރެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް