ހަގީގީ ހާދިސާ: ކިޔެވުން ހަލާކުކޮށްލަން ސިހުރު ހެދީ އާއިލާގެ ތެރެއިން، އަދިވެސް ވޭނުގައި!

Loading

Facebook
Twitter
WhatsApp

ސާނަވީ ދައުރުގެ އެންމެ ފަހު އަހަރެވެ. އަހަރެންގެ މުޅި ފޯކަސް ބެހެއްޓީ ކިޔެވުމަށެވެ. އެއް ކްލާހެއްގައި ތިބި ކުދިންނާ ވާދަކޮށް ކްލާހުގެ އެއްވަނަ ހޯދުމަކީ އަބަދުވެސް އަހަރެން އެންމެ ގަދައަޅައި މަސައްކަތް ކުރާ ކަންތަކެވެ. ގިނަ ފަހަރު ކްލާހުން އެންމެ ރަނގަޅު ނަތީޖާ ލިބޭނީވެސް އަހަންނަށެވެ. އެކަމާ އެހެން ބައެއް ކުދިން އަހަރެންނާ ހަަސަދަވެރިވެއެވެ. ޓީޗަރުން ”ފޭވާ“ ކޮށްދޭ ކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އަޅުވައެވެ.

ދުވަސްތައް ގުނަމުން ގޮސް، އޯލެވެލް އިމްތިހާނުގެ ދުވަސްވަރާވެސް ބައްދަލުވެއްޖެއެވެ. އޯލެވެލް އިމްތިހާނުގެ ދުވަސްވަރު، ގިނައިން އަހަރެން މަސްއޫލުވެ އުޅުނީ ކިޔެވުމަށެވެ. އެކަމުގެ ނަތީޖާއަކީ އޯލެވެލްއިންވެސް މުޅި ސްކޫލުން އެންމެ ރަނގަޅު ދަރިވަރަކަށް އަހަރެންވުމެވެ. އަދި ގައުމީ ފެންވަރުގައިވެސް ދެވަނަގައި އަހަރެންގެ ނަން ހިމެނުމެވެ. މިއީ، މިފަދަ ޝަރަފެއް އަހަރެންގެ ސްކޫލަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އޯލެވެލްގެ ރަނގަޅު ނަތީޖާއަށް ފަހު އަހަރެން ގަސްތުކޮށްގެން ހުރީ މާލެއަށް ބަދަލުވުމަށެވެ. އަދި މާލޭގައި ކޯހެއް ފުރިހަމަ ކުރުމަށްފަހު ސްކޮލާޝިޕަށް އެޕްލައިކޮށް ލިބިއްޖެނަމަ ރާއްޖެއިން ބޭރަށް ދާށެވެ. އެ އުންމީދުގައި އަހަރެން މާލެ ބަދަލުވެ، ވިލާ ކޮލެޖުގެ ކޯހެއްގައި ބައިވެރިވީމެވެ. އަހަރެން ކިޔެވީ މެނޭޖުމެންޓްގެ ކޯހެވެ. ކޯހަށް ފަހު، އަހަރެން ސްކޮލާޝިޕަށް އެޕްލައިކޮށް އެ ފުރުސަތުވެސް ލިބުނެވެ. އަދި މެލޭޝިއާއިން ކިޔެވުމުގެ ފުރުސަތު ލިބި އެ ގައުމަށް އަހަރެން ބަދަލުވީމެވެ.

މެލޭޝިޔާގައި އަހަރެން ކިޔަވަމުން އައީ ކޯޕަރޭޓް ކޮމިޔުނިކޭޝަންގެ ޑިގްރީ ކޯހެވެ. އެތައް ސަތޭކަ ދަރިވަރުންނަށް އެ ކޯސް އަހަންނާއެކު ހަދާއިރު، އަހަރެންގެ ބެޗުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދަމުން އައީ އަހަންނެވެ. ކޮލެޖު ބަންދު ތަކުގައި އަހަރެން ރާއްޖެ އަންނަމެވެ. އެހެން އައި ފަހަރެއްގައި އަހަރެން ހުންނަން ޖެހުނީ އާއިލީ އެހެން މީހެެއްގެ ގޭގައެވެ. އެ މީހާގެ ދަރިޔަކު އަހަރެންނާ އެއް ކިލާހެއްގައި ކިޔަވައެވެ. އަދި ބައެއް ފަހަރު އަހަރެންނާ އޭނާގެ ދަރިއާ އަޅައިވެސް ކިޔާނެއެވެ. އަހަރެން ކިޔެވުމަށް މޮޅު ވާހަކަ ދައްކާނެއެވެ. އެކަމުގެ ސަބަބުތައް އޮޅުން ފިލުވާނެއެވެ. ނަމަވެސް ނަގަން އުޅޭ ބިޔަ ރާޅުގެ ހިލަމެއްވެސް އެއިރު ނެތެވެ.

ކޮލެޖު ބަންދަށް ފަހު އަހަރެން އެނބުރި މެލޭޝިއާއަށް ދިޔައީމެވެ. ރާއްޖޭގެ ފަސްގަނޑު ދޫކުރި ފަހުން އަހަރެންނަށް ޒާތެއްގެ ގޮތްތަކެއް ވާން ފެށިއެވެ. ނޭވާ ހާސްވެ ހޮޑުލެވި، ކަރަށް ބާރުވާ ގޮތްވިއެވެ. އެހެންވެ، މެލޭޝިޔާގައި އަހަރެން ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރުން ވިދާޅުވީ، މާ ބޮޑުކަމެއް ނޫޅޭ ކަމަށެވެ. ނަމަވެސް ދުވަސްކޮޅު ކޮޅުން އަހަރެންނަށް އެހެންވެއެވެ. ބައެއް ފަހަރު އަނބުރަންވެސް އަނބުރައެވެ. އެންމެ ފަހުން އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުވެ ކިޔެވުން މެދުކަނޑާލަން ޖެހުނެވެ. ހޮސްޕިޓަލުގައި އެނދުމަތިވެ ފަރުވާކުރަން ޖެހުނެވެ. ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހާލަތު ދިޔައީ ދަށްވަމުންނެވެ. ޑޮކްޓަރުންނަށްވެސް އަހަރެންގެ ހާލަތު ބަޔާންކުރަން ދަށްޗެވެ. ޑޮކްޓަރުންދިން ބޭސްތަކާއި ޖެހި އިންޖެކްޝަންތައް ޖެހުމުން އަހަރެންގެ ހާލަތު ބޮޑަށް ގޯސްވިއެވެ.

ޑޮކްޓަރީ ބޭހުން އަހަރެންގެ ބަލިމަޑުކަން ރަނގަޅު ނުވުމުން، އެކުވެރިއެއްގެ ލަފާގެ މަތިން އަހަރެން ނިންމީ ރުގްޔާ ކުރުމަށެވެ. އެހެންވެ ރުގްޔާ ކުރާ މީހަކު ގެނެސް ރުގްޔާ ކުރީމެވެ. އެ މީހާ އަހަރެން ކައިރީ ބުނީ އަހަރެންނަށް ސިހުރު ޖެހިފައިވާ ކަމަށެވެ. އެއީ ކިޔެވުން ހަލާލުކޮށްލަން ހަދާފައި ހުރި ސިހުރެއް ކަމަށާއި ސިހުރުގެ ބާރު ގަދަވަމުން އަންނަ ކަމަށެވެ. އަދި ސިހުރުން ސަލާމަތްވިޔަސް ބަލިމަޑުކަން ޒަމާންތަކަކަށް ތަހައްމަލު ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ރުގްޔާ ކުރާ މީހާގެ އިރުޝާދުގެ މަތިން ރުގްޔާ ކުރަމުން އައިސް އަހަރެންގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. އަދި އަހަރެންނަށް ސިހުރު ހެދީ ކާކުތޯ ބެލުމަށް ކުރި މަސައްކަތުން އެއީ ކާކުކަންވެސް އެނގުނެވެ. ސިފަތައް ބަޔާންކޮށްދިނުމުން އެއީ އަހަރެން މާލޭގައި ހުރި ގޭގެ ދައްތަކަން އެނގުނެވެ. އޭނާ ކުރީ އަހަންނަށް ސިހުރު ދީފައެވެ. ކާއެއްޗަށް އަޅައިގެންނެވެ.

މިއަދު އަހަރެން ސިހުރުން ސަލާމަތްވެފައިވިޔަސް އަހަންނަށް އަދިވެސް ދުވަސްކޮޅުކޮޅުން އުނދަގޫވެއެވެ. އަމިއްލައަށް އުޅެން އުނދަގުލެވެ.

ނޯޓް: ”މިއީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާއަކަށް ލިޔެފައިވާ ލިޔުމެވެ. މި ހާދިސާގެ އަސްލު ނުގެއްލޭނެހެން އުނިއިތުރު ގެނެސްފައިވާނެއެވެ“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް