ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ރައްދު ދެއްވައިފިއެވެ.
އަދުރޭ ވިދާޅުވީ މި ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށާއި ރައީސް ޔާމީނަށް ޤައުމުގައި ތިބި ޣައްދާރުންނެއް އޯކޭއެއްނޫން ކަމަށެވެ.
“ރައީސް ޔާމީން ނޫޅުއްވާ ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް. އެކަމެއް ދުވަހަކު ވެސް ނުކުރައްވާނެ. ޔާމީންއަކަށް ޤައުމުގެ ޣައްދާރުން އޯކޭއެއްނޫން.“
އަދުރޭ ވިދާޅުވި ގޮތުގައި ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޞާލިޙެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅަށް ރައްދު ދެއްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ޣައްދާރުންނާ ވާހަކަފުޅެއް ނުދައްކަވާނެ ކަމަށާއި އެކަމަށް އެއްވެސް ޝައުގެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.
“ރައީސް ޔާމިން އޮތީ ޖަލުގެ އޮފިޝަލުންނަށް ވެސް ދަންނަވާފައި ޣައްދާރުންގެ މީހެއް ފޮނުވައިގެން ބައްދަލުކުރަން އަންނަ މީހަކާ ވެސް އެ މަނިކުފާނު ބައްދަލު ނުކުރައްވާނެ ކަމަށް. އަދި އެވފުރުސަތު ވެސް ނުދެއްވުމަށް. ރައީސް ޔާމީނާ ވާހަކަ ދެއްކުމުގެ ޝައުގު ގެންގުޅުއްވިޔަސް ރައީސް ޔާމިންގެ ލިސްޓަކު މަނިކުފާނެއް ނެތް. ވެރީ ސޮރީ“ ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ރައީސް ޞާލިޙް ވިދާޅުވީ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.