އެވެރިން ގެންގުޅުއްވާ ''ފޯމިއުލާ'' ވަރަށް ސާފު

Loading

Facebook
Twitter
WhatsApp

“ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބު ކާމިޔާބުކޮށްފިން. ރިޔާސީ އެއް އިންތިޚާބު ކާމިޔާބުކޮށްފިން. އިންތިޚާބު ކާމިޔާބު ކުރާ ފޯމިއުލާ, ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު.“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީގެ މައި ހަރުގޭގައި މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ “ކުރިއަށް އިބޫ2023“ ނަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވާ ރައީސް ޞާލިޙް މީގެ ދެދުވަހެއް ކުރިން އައްޑުއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ވެސް ވަނީ އެ ވިދާޅުވާ “ފޯމިއުލާއެއްގެ“ ވާހަކަ ދައްކަވައިފައެވެ. ފަހުން ވިދާޅުވީ ރިޔާސީ އިންތިޚާބު “އެއްބުރުން“ ކާމިޔާބު ކުރައްވާނެ “ފޯމިއުލާ“ ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

“ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުވާނެ, ސަރުކާރެއް އެއްބުރުން އެކުލަވައިލެވޭވަރުގެ ނަތީޖާއެއް ކާމިޔާބު ކުރެވޭނެ ފޯމިއުލާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް.“ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތެދުފުޅެކެވެ. އެބޭފުޅުން އިންތިޚާބު ކާމިޔާބު ކުރައްވަން ގެންގުޅުއްވާ “ފޯމިއުލާ“ ވަރަށް ވެސް ސާފެވެ. ހިސާބަކަށް ނަމަވެސް އެކަން ޝަރަހަކޮށްދެވޭތޯ ބަލާ ހުށީމެވެ.

01 – މަޖިލީހުގެ މެންބަރުން “ބްލެކްމެއިލް“ ކުރެއްވުން:

މި ސަރުކާރުގެ އެއް ބައިވެރިޔާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި, އެ މަނިކުފާނުގެ މޭޒުކޮޅުގެ ވާތް ފަރާތުގެ ވަތް ގަނޑުގައި “ފައިލްކޮޅުތަކެއް“ ހުންނަ ވާހަކަ އަޑުއައްސަވާ ކަމަށް ދާދިފަހުން އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވެފައިވެއެވެ. އެއީ ވަޒީރު ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާ މިފަދަ ބޭބޭފުޅުންގެ ފައިލްކޮޅުތަކެއް ކަމަށް ވެއެވެ. އެ ފައިލްކޮޅުތައް އެ ތަނުގައި ހުންނަހައި ހިނދަކު އެއިން ވަޒީރަކަށް ނުވަތަ މެންބަރަކަށް “އަތަކަށް ޖެހިވަޑައިގަންނަވާކަށް“ ލާހިކު ކުޅަދާނައެއް ނުވާނެއެވެ. 

އެ ބޭފުޅަކު ވިދާޅުވި ގޮތުން މިހާރު ވެސް ކަންހުރީ އެފަދައިންނެވެ. ރޯޔަލް ރޭޕް ކޭހަކާއި, ހިއުމަން ޓްރެފިކިންގެ ކޭހަކާއި, އެކިއެކި ބޮޑެތި ޚިޔާނާތުގެ ކޭސްތަކުގެ ފައިލްކޮޅުތަކަކާާއި އެ ނޫން ވެސް އެފަދަ ބޮޑެތި މައްސަލަތަކާބެހޭ ފައިލްކޮޅުތަކެއް މިހާރު ވެސް އެ ވަތްގަނޑުގައި އެބަހުރިކަމަށް އެ ބޭފުޅަކު ވިދާޅުވިއެވެ.

އެ ގޮތުން ބަލާއިރު މިއަދު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ އެކި ކަންކަމުގައި އެކި މެންބަރުން “އަޅުވާފައި“ ބައިތިއްބަވައިގެން ކަމަށް ދެންނެވޭނެ ޖާގަ އެބައޮތެވެ. 

އެ ތިއްބެވީ ބްލެކްމެއިލް ކުރައްވައިފައެވެ. ރައީސް އޮފީހުން ވިދާޅުވާ ގޮތާ ޚިލާފުވެވަޑައިގެންފިނަމަ ކަންތަކާޖެހުނީއެވެ. އަނެއްކޮޅުން މައްސަލަތައް އޮތީ ޝަރީޢަތުގައެވެ. ދާއިރާގެ މަޝްރޫޢުތައް ހިނގުމާ ނުހިނގުން އޮތީ މެންބަރު އިޖާބަދެއްވާ ގޮތެއްގެ މައްޗަށެވެ. ނޫނީ މެންބަރުގެ ޢާއިލާގެ ބޭފުޅުންގެ ވަޒީފާ ވެސް ގެއްލިދާނެއެވެ.

ރައީސް ޞާލިޙް އެ ވިދާޅުވަނީ ވެސް ތެދުފުޅެކެވެ. ރައްޔިތުން މަޖިލީހުގެ އަޣްލަބިއްޔަތު އެ މަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ.  މި މޭރުމުން ބަލާއިރު އެ މެންބަރުންނާއި އެ ބޭފުޅުންގެ ވޯޓު ވެސް ދެން އެ އޮތީ ޔަޤީންވެފައިތާއެވެ.

02 – ކުންފުނިތައް ބޭނުންކުރައްވައިގެން ވަޒީފާގެ ބިރުދެއްކުން:

މިއީ އާ ވާހަކައެއް ނޫނެވެ. މި ސަރުކާރު އައިފަހުން ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ވެސް އަރަމުންދާ ވާހަކައެކެވެ. ޚާއްސަކޮށް އިންތިޚާބެއް ގާތްވެއްޖެނަމަ މި “ކުޅިގަނޑު“ އިތުރުވެގެންދެއެވެ.

ރައީސް ޞާލިޙްގެ ވާދަވެރިން ވެސް ވިދާޅުވާ ވާހަކައަކީ ސަރުކާރު ކުންފުނިތައް ބޭނުންކުރައްވައިގެން ރައީސް ޞާލިޙް ވަޒީފާގެ ބިރުދައްކަވާ ވާހަކައެވެ. އެނގި ކަށަވަރުވެފައިވާ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރު އެތައް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް އެބައިމީހުންގެ އަނބިދަރިން ހާލުގައި ޖައްސައިފިއެވެ. 

ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރާ ވާހަކައިގެ އަޑުފަށްގަނޑު އަނެއްކާވެސް ރަށުތެރޭގައި ވަނީ  ދެކެވެން ފަށައިފައެވެ. އެ ގޮތުން ވަކި ގޮތަކަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބައެއް ކުންފުނިތަކުގެ އިސްވެރިން މުވައްޒަފުންނަށް އިންޒާރު ދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

03 – ގަނެވިއްކާ އުސޫލު:

އެނގި ސާފުވެގެންދާ ގޮތުގައި ހަލަބޮލި, ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ޝަކުވާއެވެ. މި މައްސަލައަކީ އިއްޔެއަކު މިއަދަކު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ.

އެކަން ހައްލުކޮށްދެއްވުމުގެ ބަދަލުގައި އަދިވެސް އެހެރަ ބައްލަވަނީ އެކަމުން ނާޖާއިޒު ފައިދާއެއް ނެންގެވޭނެ މަގެއް އޮތްތޯއެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. 

ރައީސް ޞާލިޙްގެ ވާދަވެރިޔާ ވެސް ވިދާޅުވަނީ ސަރުކާރުން އަމާޒު ހިފާފައި ހުރީ “ގަނެ ވިއްކުމުގެ އުސޫލުން“ ސިޔާސީ ކަންކަން ހިންގުމުގެ ފަލްސަފާއަކަށް ކަމަށެވެ.

“ކަންތައްތައް ބޭނުންވާ މީހާއަށް ކަންކަން ފޯރުކޮށްނުދީ ތިމަންނާ ބޭނުންވާކަމެއް ހާސިލުކުރުމަށްޓަކައި ގަނެވިއްކާ އުސޫލުން ކަންކަމުގެ ވާހަކަ ދައްކަމުންދިއުން. ޓްރާންސެކްޝަނަލްކޮށް ސިޔާސީ ކަންކަން ގެންދިއުން. މީ އަޅުގަނޑަށް ސަރުކާރުން ވަރަށް ބޮޑަށް ފެންނަ ސިފައެއް.“ 

“މިއަދު އިންތިޚާބަށް ނުކުންނަމުން ސަރުކާރުން މާލޭގެ އެކިއެކި ގޭގެއަށް ތާއީދުކުރާ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި އަދިވެސް އެހެން ބޭފުޅުން ގޭގެއަށް ވަންނަވައި އެބަ ވިދާޅުވޭ ވޯޓު ވަކި ގޮތަކަށް ދެއްވައިިިފިއްޔާ އެ މީހުންނަށް ގޯތި ލިބޭނެކަމަށް.“ “ފިކުރެއްގެ ދިރުން“ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ ވާދަވެރިޔާ ރައީސް ނަޝީދު ވިދާޅުވީ މިހެންނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގޯތި ލިބޭނެކަމަށް ބުނެ ދައްކަވާ ވާހަކަތަކަކީ ވޯޓު ހޯދަން ދައްކާ ވަގުތީ ވާހަކަތަކެކެވެ.

“މިހާރު ސަރުކާރުން މާލޭ މީހުންގެ ވޯޓު ހޯދުމަށްޓަކައި, އެ މީހުންނަށް ގޯއްޗެއް ދޭނެކަމަށް ބުނެ އެ ދައްކަވާ ވާހަކައަކީ ވަގުތީ ވާހަކައެއް. އަޅުގަނޑަށް އެބަ އެނގޭ އެއީ އަންނަނީ އަންނަނީގައި އޮތްކަމެއް ކަން.“ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޞާލިޙްގެ ކުރީގެ މިތުރު ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު މި ދަންނަވައިލީ ކުޑަ މިންވަރެކެވެ. އަލުން ވެރިކަން ހޯއްދަވަން ބޭނުންކުރައްވާނެ “ފޯމިއުލާ“ އަދި ނިމުނީކީ ނޫނެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި, ދައުލަތުގެ ފައިސާއިން ކެމްޕޭނަށް ޚަރަދު ކުރެއްވުމާއި, ރައްޔިތުންގެ ޓެކްސް ފައިސާއިން ބައެއް މީޑިއާތައް ބައްލަވައިގަނެ ރައްޔިތުން “ވާވެއްދުމަށް“ އެކިއެކި ޕްރޮޕެގެންޑާތައް ފެތުރުމާއި މިހިރަ މިހިރަ ކަންކަމަކީ ވެސް އެ ވިދާޅުވާ “ފޯމިއުލާ“ ގެ ތެރެއިން ނެއްޓި ނުދާނޭ ކަންކަމެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް