ޕީޕީއެމް “ފަޅައިލަން“ އެތެރޭން ކުރާ މަސައްކަތަކަށް ވެސް ބޭރުން ކުރާ މަސައްކަތަކަށް ވެސް ޖާގައެއް ނުދޭނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތުގައި އަދުރޭ ވިދާޅުވީ މި ދުވަސްވަރަކީ ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލަޝްކަރުގެ ހިތްވަރު ފެނުމުން ވާދަވެރިންގެ ހިތަށް ކެތްނުވެގެން ޓީމު ބައިބައި ކުރުމުގެ މަސައްކަތް ރޭވުންތެރިކަމާއެކީގަ ކުރަމުން ގެންދާ ކަމަށެވެ
“އަޅުގަނޑުމެންގެ ވާދަވެރިން އަޅުގަނޑުމެންގެ ލަޝްކަރު ބަދަހިވަމުން އަންނަ ތަން ފެނިފަ އަޅުގަނޑުމެންގެ ހިތްވަރު ފެނިފަ އަޅުގަނޑުމެންގެ ޓީމުން ރައީސް ޔާމީނާ އެކީގަ މިކުރާ މަަސައްކަތް ފެނިފަ އަޅުގަނޑުމެންގެ ޓީމު ބައިބައި ކުރުމުގެ މަސައްކަތް ރޭވުންތެރިކަމާއެކީގަ ކުރަމުން ގެންދާނެކަން ތިޔަބޭފުޅުން ގަބޫލުފުޅުުރައްވަންވާނެ. އެކަމަށް ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ޖާގަދެއްވައިގެން ނުވާނެ.“
އަދުރޭ ވިދާޅުވީ ފިތުނަ އުފެދޭ ވާހަކަތައް ދައްކައިގެން ޕީޕީއެމް “ފަޅައިލަން“ އެތެރޭން ކުރާ މަސައްކަތަކަށް ވެސް ބޭރުން ކުރާ މަސައްކަތަކަށް ވެސް ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ މީހުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށް ކެރިހުރެގެން މި ދަންނަވަނީ އަޅުގަނޑުމެންގެ ލީޑާޝިޕްގެތެރޭގަ ވެރިކަން ބޭނުންވެގެން އުޅޭ މީހުންނެއް ނެތް. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގަ ވެރިކަން ހޯދަން އުޅޭ މީހަކު ނެތް. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގަ ވެރިކަން ހޯދަން އުޅޭ މީހަކު ނެތް. ތަކުރާރުކޮށްލީ ސަބަބެއް އޮވެގެން. ތަކުރާރުކޮށްލީ ބޭނުމެއް އޮވެގެން. އަޅުގަނޑުމެންނަށް ލިބެމުންދާ މަޢުލޫމާތާއި ކަން ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް އެނގޭތީ. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގަ މި ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ މީހުން.“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ވެރިކަން ކުރެއްވޭނެ ދެވަނަ ބޭފުޅަކު ނެތްކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނާއެކު މި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަން ކަމަށާއި މި ޤައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރެވޭނީ ރައީސް ޔާމީނަށް ކަމަށާއި އިގުތިސާދު ވެސް ކޮޅަށްޖެހޭނީ ރައީސް ޔާމީނަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ މަހުގެ 25 ގައެވެ. ރައީސް ޔާމީނަށް ހަރާމް ޙުކުމެއް ކޮށްގެން ނުޙައްޤުން ޖަލަށް ގެންދިޔަތާ 21 ދުވަސްވެއްޖެކަން ފާހަގަކުރައްވައި އަދުރޭ ވަނީ 21 ދުވަސްވީއިރު ވެސް ކެނޑިނޭޅި ސަޕޯޓަރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ލީޑާޝިޕްގެ ފަރާތުން އައްސަރިބަހާއި ސާބަސް ދެއްވައިފައެވެ.