ސްރީލަންކާ އަށް މެދުވެރި ބޮޑުތަދުން ސަލާމަތް ވުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން އެ ގައުމުން ނިންމައިފިއެވެ. ސަރުކާރުގެ ސްޕޯކްސްޕަރސަން އަދި މީޑިއާއާއި ބެހޭ ވަޒީރު ބަންދުއްލާ ގުނަވަރްދަނާ ވިދާޅުވީ ކޮންމެ މިނިސްޓްރީއަކުން ހުށައަޅާ ބަޖެޓުން 5 އިންސައްތަ އުނިކުރާނެކަމަށާއި މިއީ ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމުގައެވެ.
ސްރީލަންކާގެ ޕާރލަމެންޓުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ނެގެހެއްޓުމަށާއި ސަބްސިޑީ ދެމުންގެންދާ މިންވަރު ކުޑަކުރުމަށް ބާރު އަޅަމުން 5.82 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. އަދި ބައިނަލް އަގްވާމީ މާލީ އިދާރާއިން ދީފައިވާ ލަފާގެ މައްޗަށް ބިނާކޮށް ޓެކްސް އިތުރުކުރުމަށްވެސް އެ ބަޖެޓުގައި ގޮވާލާފައި ވެއެވެ.
ސަރުކާރަށް އޮބިނޯންނަ ވަރަށް ދަރަނިވެރި ވުމާއި ކޯވިޑް19 ގެ ބަލިމަޑުކަން މެދުވެރި ވުމުން ގައުމުގެ އިގްތިސާދު އިނދަޖެހި ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސް މުޅިގައުމުން ހުސްވެ އެންމެފަހުން ބޮޑުސިޔާސީ މައްސަލަގަނޑެއް އުފެދި ރައީސް ގޮޓަބާޔާވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ. އޭގެފަހުން ވަޑައިގެންނެވި ރައީސްގެ ރޭވުންތެރިކަމުން މިހާރު އެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އޮތީ ލިބިފައެވެ.
ގުނަވަރްދަނާ ވިދާޅުވިގޮތުގައި އެ ގައުމުގެ އިގްތިސާދު 2022 ވަނައަހަރު އުޅުނީ ނެގެޓިވް 7 އިން ސައްތައިގައެވެ. މިސަބަބަށްޓަކައި މިއަހަރު ޓެކްސްއަށް ލިބޭނެ މިންވަރު ވަރަށްބޮޑަށް މަދުވާނެކަމަށެވެ. އަދި ދައުލަތުގެ ޚަޒާނާގައި އާންމު ޚިދުމަތުގައި އުޅޭ މުއައްޒިފުންނަށް މުސާރަދެވޭނެ ފަދައެއްވެސް ނެތަކަމަށެވެ. އަދި އާންމު ޚިދުމަތުގައި އުޅޭ 1.6 މިލިއަން މީހުންގެ ވަޒީފާ ވެސް މިވަނީ މަދުކުރަން ޖެހިފައެވެ.
ސްރީލަންކާގެ ދަރަނީގެ ތެރެއިން މިހާރު ދައްކަންޖެހޭ 7 ބިލިއަން އެމެރިކާ ޑޮލަރުވެސް އަދި މިހާތަނަށް ދެއްކޭނެ މަގެއް ފެންނާކަށް ނެތެވެ. އެ ގައުމުގެ ދަރަނީގެ އަދަދަކީ މިހާރު 51 ބިލިއަން އެމެރިކާޑޮލަރެވެ

މިދަރަނިތައް އަދާކުރުމަށް ކޮންމެވެސް ލުޔެއް ހޯދަން ކުރަމުން ގެންދާ މަސައްކަތުގައި ދަރަނި ދިން ފަރާތްތަކުން ދަރަނި އަދާކުރުމަށް ލުއިއެހެންގޮތެއް ހަމަޖައްސާދިނުން ޝަރުތުކޮށް ބައިނަލް އަގްވާމީ މާލީ އިދާރާއިން ހަތަރު އަހަރު ދުވަހަށް ބަހާލައިގެން 2.9 ބިލިއަން އެމެރިކާ ޑޮލަރ ހޯދުމުގެ ވާހަކަތައް ކުރިއަށް އެބަދެއެވެ. އަލިމަގެއް ފެންނާނެކަމުގެ އުންމީދުގައެވެ.