ޓޯކިޔޯއިން ބޭރުގައި ދިރިއުޅުން ބަދަލުކުރާ ނަމަ ކޮންމެ ކުޑަކުއްޖަކަށް އެއްމިލިއަން :

Loading

January 3, 2023
profile
Facebook
Twitter
WhatsApp


ދުނިޔޭގައި އެންމެބޮޑަށް ތަރައްގީވެފައިވާ އެއްގައުމަކީ ޝައްކެއްވެސް ނެތްގޮތުގައި ޖަޕާނެވެ. ހުރިހާ ރޮނގަކުންނެވެ. އެ ގައުމުގެ ވެރިރަށް ޓޯކިޔޯގެ އާބާދީ އިތުރުވަމުން ދާތީ އެކަމަށް ރަނގަޅު ޙައްލެއް ގެނައުމުގެ ބޭނުމުގައި ޓޯކިޔޯއިން ބޭރަށް ދިރިއުޅުން ބަދަލުކުރާ ކޮންމެ އާއިލާއެއްގައި ހިމެނޭ ކޮންމެ ކުޑަކުއްޖަކަށް އެއް މިލިއަން ޔެން ދޭގޮތަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ. 

ޖަޕާނުގެ 125.7 މިލިއަންމީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 35 މިލިއަން މީހުން ދިރިއުޅެނީ ޓޯކިޔޯއާއި ކައިރީ ސަރަޙައްދު ތަކުގައެވެ. ޖަޕާން ސަރުކާރުން މި ފިޔަވަޅުގެ ވަރަށް މުހިންމު އެއް ބޭނުމަކީ ރައްޔިތުން އެއްތަނަކަށް ތޮއްޖެއްސުމުން މެދުވެރިވާ ނުރަނގަޅު އެތައް ކަމެއް ހުއްޓުވުމާއި ނުރައްކާތެރި ގުދުރަތީ ޙާދިސާތަކުގައި ގިނަބަޔަކު އެއްތަނެއްގައި ތިބުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމެވެ. 

ޖަޕާނުގެ މޫސުމީ އިދާރާއިން އިންޒާރު ދީފައިވާގޮތުގައި ކުރިއަށް އޮތް ތިރީހަކަށް އަހަރުދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ބާރުގަދަ ބިންހެލުންތަކެއް އައުމުގެ ފުރުސަތު 47 އިން ސައްތަ އަށް މިހާރު ވަނީ އިތުރު ވެފައެވެ. މިސަބަބު ތަކަށްޓަކައި ޖަޕާނު ސަރުކާރުން މިގޮތަށް އިންތިޒާމު ހަމަޖައްސައި ޢިއުލާން ކުރީކަމަށް ބުނެފައި ވެއެވެ. ޓޯކިޔޯއިން އެހެން ތަންތަނަށް ބަދަލު ވާން ބޭނުން ފަރާތްތަކުން ފަރުބަދަމަތީ ސަރަޙައްދުތަކާއި އަދި ލޯކަލް ގަވަރމެންޓުތައް ހިންގާ ޓައުންތަކަށްވެސް ބަދަލު ވެވިދާނެއެވެ. 

ސަރުކާރުގެ މި ނިންމުމާގުޅިގެން 1300 މުނިސިޕަލްޓީ އަކުން މިކަންތައް ތަރައްގީކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެކަމަކު ޓޯކިޔޯ ނޫން އެހެން އަވަށެއްގައި ވަޒަންވެރި ވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ ހަމައެކަނި 2381 ޢާއިލާއަކުންނެވެ. 

މިއެހީލިބުމަށް ޖަޕާނު ސަރުކާރުން ޝަރުތެއް ކަނޑައޅާފައިވެއެވެ. އެއީ ޓޯކިޔޯއިން ބޭރުގައި ވަޒީފާއެއް އަދާކުރުމާއިއެކު ފަސް އަހަރުދުވަހުގެ މުއްދަތަށް އެ ތަނެއްގައި ދިރިއުޅުމެވެ. މިޝަރުތު ފުރިހަމަ ނުކުރެވޭ ފަރާތްތަކުން އެ ފައިސާ އަނބުރާ ސަރުކާރަށް ދައްކަން ޖެހެއެވެ.                               

ޖަޕާނު ސަރުކާރުން ދެވަނަ ކެޕިޓަލް ސިޓީއެއްގެ ގޮތުގައި އޮސާކާ ތަރައްގީ ކުރުމުގެ ހުށައެޅުމަކަށް 2011 ވަނައަހަރު މަސައްކަތްވަނީ ފަށާފައެވެ.  އަދި 2019 ވަނަ އަހަރު ކަސްޓަމަރ އެފެއަރޒް އޭޖެންސީ ޝިކޯކު ޖަޒީރާއަށް ވަނީ ބަދަލުކޮށްފައެވެ.                                                 

ޖަޕާނުގެ ބޮޑެތި ޝަހަރުތަކުގައި ބައިބޯގިނަވެ ތޮއްޖެހުމުގެ މައްސަލަ ކިތަންމެ ބޮޑުވެފައި އޮތަސް އަދިވެސް ޖަޕާނުގައި ކުދިންއުފަންވާ މިންވަރު އުޅެނީ ވަރަށް ދަށުގައެވެ. 2022 ވަނައަހަރު އުފަންވީ ހަމައެކަނި އަށްލައްކައެއްހާ ކުދިންނެވެ. މިއީ މީގެ ކުރީ އަހަރަށްވުރެންވެސް މަދު އަދަދެކެވެ. އިތުރު ކުދިން ހޯދުން ޝައުގުވެރި ކުރުވުމުގެ ގޮތުން ފައިސާގެ އެހީވެސް ލިބޭގޮތަށް ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ.

އެހެންނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް މާބޮޑޭ އިގްތިސާދީ ޙާލަތޭ އަދި އެންމެފަހުން މީހަކާ އިދެފިނަމަ އަމިއްލަ މިނިވަންކަންވެސް ނޯންނާނެއޭ ކިޔައި ޒުވާނުން ގެންދަނީ މީހުންނާއި ނުއިނުމަށް ބަހަނާ ދައްކަމުންނެވެ.މީހަކާއި ނުއިނެއްކަމަކު އަންހެނެއްގެ ވިއްޔާ ބޯއި ފްރެންޑެއް ހުރެއެވެ. އަދި ފިރިހެނެއްގެ ވިއްޔާ ގާރލްފްރެންޑެއް ހުރެއެވެ. އެއްދާން ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނަކަށް ބުނެއެވެ.                  

ކޮންމެ ގައުމެއްގައިވެސް އެބަޔަކު ދަމަހައްޓަން ބޭނުންވާ އާދަކާދަތަކެއް އޮންނާނެއެވެ. ޖަޕާނުގެ އެއްރަށުން އަނެއްރަށަށް ހިޖުރަކުރާމީހުން ލޯބީގެ ސިޓި ލިޔަންޖެހޭނީ އަތުންނެވެ. ކޮމްޕިއުޓަރުން ނުވަތަ ޓައިޕްރައިޓަރު ބޭނުންކޮށްގެން ލިޔާ ލޯބީގެ ސިޓީ ބަލައެއް ނުގަންނާނެއެވެ. ނަމަވެސް ޖަޕާނުގެ ގިނަ ފިރިހެނުންނަށް އުމުރުން ވިހި އަހަރު ވުމަށްފަހުގައި ނޫނީ މީހަކާ ހިތާވެގެން އެކަނި ބައްދަލުވުމަކަށް ނުދެވޭނެއެވެ.  މިއީއާދަކާދައެކެވެ. ވީމާ އެނޫން ގޮތްގޮތަށްވެސް ކަންކަން ހިނގާނެކަން ކަށަވަރެވެ.                                          

ޖަޕާނަކަސް ކޮރެއާއަކަސް ހުޅަނގަކަސް އިރުމައްޗަކަސް ގައުމުތައް ތަރައްގީ ކުރުމުގައި ފެންނަނީ ހަމަ މި މަންޒަރެވެ. ހުރިހާމީހުން އެއްތަނަކަށް ފުނިޖެއްސުމުގެ ބަދަލުގައި އެހެން ސަރަހައްދު ތަކުގައިވެސް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ވަސީލަތްތައް ގާއިމު ކުރުމަށްފަހު އެތަންތަނަށް މީހުން ބަދަލުވުމަށް ބާރު އަޅަނީއެވެ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ ބޭފުޅުން ކިޔެވިފޮތުގައި މިއޮންނަނީ މުޅި ގައުމުގެ ހުރިހާ ރައްޔިތުން މާލޭ ސަރަޙައްދަށް ޖަމާކުރުމެވެ. ބަލިވިޔަސް އެންމެން އެކުގައި ބަލިވާންވީއެވެ. މަރުވާންވެސް އެންމެން އެކުގައި މަރުވާންވީކަހަލައެވެ.                                                             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް