ކޮވިޑް-19ގެ ހާލަތުގައި އެންމެބޮޑު ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުން: ޚުތުބާ

Loading

Facebook
Twitter
WhatsApp

ކޮވިޑް19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެންމެ ބޮޑު ހަތިޔާކަށް ވާންޖެހޭނީ ގަޟާގަދަތަށް އީމާންވުންކަމަށް މި އަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

މިންވަރަށް އީމާންވުން މި މައުޟޫއަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައި މިވާ ނުތައްކާތެރި ބަލިމަޑުކަމުގައި ގަޟާގަދަރަށް އީމާންވެ ކެތްތެރިވާން ޖެހޭނެކަމަށެވެ.

“ ކޮވިޑް-19ގެ ހާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން. އީމާންކަމާއި ކެތްތެރިވުމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެމަތީގައި ލިބެންއޮތް ހެވެއް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނެ. އަދި އާޚިރަތުގައި ކެތްތެރިންނަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދަރުމައާއި ސަވާބު އެއްވެސް މީހަކަށް ވަޒަނެއް ވެސް ނުކުރެވޭނެ“ ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ގަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާއެކު ކަމަށާއި، ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެކަމަށެވެ. އަދި ގަޟާގަދަރަށް އީމާންވާ މީހާއަށް ދަތި އުދަގޫކަމެއް ދިމާވުމުން ބަލިކަށިވެެން ނުދާނޭކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ.

“ މާތްﷲއީ ހުރިހާކަމެއް އައްސަވައި ބައްލަވައި ވޮޑިގެންވާ ކަނލާގެކަން އަބަދުމެ ހަދާންކުރުމަކީ ނަފްސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނޭކަމެއް. ހުރިހާކަމެއް މެދުވެރިވަނީ މާތްﷲގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތް ނުތަނަސްވެ މާޔޫސްވާކަށް ނުޖެހޭނެ. ފަހެ އީމާންކަން ހަރުދަނާވެ ތާޒާވުމަކީ ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަންލިބި އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާނޭކަމެއް.“ މިއަދުގެ ޚުތުބާގައި ވިދާޅުވި އެވެ.

އަޅުތަކުން އިމްތިހާން ކުރައްވާނެކަން އަންގަވާފައިވާ ވަހީބަސްފުޅެއް އިއްވަަވަމުން މިއަދުގެ ޚުތުބާގައި ވަނީ ގަޟާގަދަރަށް އީމާންވުމަށް އެއްމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފަ އެވެ.

“ މާތްﷲ ވަހީކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާންކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެކަމުގެ ޚަބަރު ކަލޭނގެފާނު ދެއްވާށެވެ. އެއުރެންނީ އެއުރެންނަށް މުސީބާތެއް ޖެހިއްޖެނަމަ ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ އަދި ހަމަކަށަވަރުން ތިމަންމެންނީ  އެކަލާނގެ ހަޟުތަރަށް އެބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.“ ޚުތުބާގައި ވިދާޅުވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް