ރައީސްކަން ކުރަން ދެން ބޭނުމެއްނޫން - ނަޝީދު

Loading

Facebook
Twitter
WhatsApp


މީ ކުރިން ދެ ފަހަރެއްގެ މަތިން ދެން ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނުހަނު ތާއީދުކުރައްވާ ކަމަށާއި ސަރުކާރަށް ކުޑަ ނަމަވެސް ހީނަރުކަމެއް އަންނަން އެދިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި ރާއްޖޭގެ ރައީސްކަން އިތުރަށް ކުރަން ބޭނުންފުޅު ނުވާކަމަށް ނަޝީދު އެންމެ ފަހުން ވިދާޅުވީ 16 ސެޕްޓެމްބަރު 2020 ގައެވެ.

“އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ.“ އޭރު އެމްޑީޕީން ނެރެމުން އައި “ޚަބަރު ސިޓީ“ ގައި ނަޝީދު ލިޔުއްވާފައި ވެއެވެ.

ދެން ވިދާޅުވީ “އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ ދަންނަވާނެ“ ކަމަށާއި މިހާރު ވެސް ކުރައްވަން ހުރި ކަންކަން މަދެއް ނޫން ކަމަށެވެ.

އެއަށްފަހު އެކިއެކި ޕޯޑިއަމްތަކުގައި ގެންދެވީ އެ މަނިކުފާނު އަބަދުވެސް ދައްކަވާ “ބަރުލަމާނީ“ ގެ ވާހަކަ ތިލަކުރައްވަމުންނެވެ. އެންމެފަހުން ކެތް ނުކުރެއްވެވިގެން 18 އޭޕްރީލް 2021 ގައި ބޮޑުވަޒީރުކަން “ބޭނުންފުޅުވާ“ ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަން މަޝްވަރާކުރައްވާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް މެސެޖެއް ފޮނުއްވައި ލީކު ކޮށްލެއްވިއެވެ. ނަމަވެސް އެންމެ ގާތް މިތުރު ރައީސް ޞާލިޙް ވިދާޅުވީ އެކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަނެއްކާ ވެސް އެ ވާހަކަ ނުދައްކަވައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ފެނިގެންދިޔައީ އެމްޑީޕީގެ ހަަތަރުވަނަ ކޮންގްރެސްއަށް ޤަރާރެއް ހުށަހެޅުއްވި ތަނެވެ. ނަމަވެސް އެކަމަށް ތާއީދެއް ނުލިބުމުން ޤަރާރު އަނބުރާ ގެންދެވީއެވެ.

އެއާއެކު ދެ މިތުރުންގެ ހަތުރުވެރިކަން އިތުރުވެ ޕާޓީތެރޭގައި އުފެދިފައިވާ ހައިޖާނު ބޮޑުވެގެން ދިޔައެވެ. ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ނުގެނެސް ރައީސް ޞާލިޙަށް ވެރިކަމަށް ނާދެވޭނެ ކަމަށާއި އެ މަނިކުފާނަކީ “ކުފޫ ހަމަވާ“ ބޭފުޅެއް ނޫން ކަމަށެވެ. އިތުރަށް ދެން ރައީސް ޞާލިޙާއެކު މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.

ނަމަވެސް ބަރުލަމާނީގެ ވާހަކަ ހުއްޓުމަކަށް ނާދެއެވެ. ދާދިފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ “އާސްކް ސްޕީކާ“ ހަވަނަ ޕްރޮގްރާމުގެ ބައިވެެެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ކަމަށެވެ.


“ވަޢުދު ފުއްދުމަށްފަހު ނޫނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޕްރައިމަރީއަކާ ދިމާއަށް މިސްރާބުޖެހުމަކީ ރަނގަޅުކަމެއް ނޫން.“

އެހެން ވިދާޅުވި ނަމަވެސް ސަރުކާރުން އެކަމަށްވެސް އިޖާބައެއް ނުދެއްވިއެވެ. ސަރުކާރުން ވިދާޅުވީ މެނިފެސްޓޯއަކު އެ ވާހަކައެއް ނެތް ކަމަށެވެ.

މި ނޫން އެއްވެސް ގޮތެއް ނެތް ކަމަށާއި ސިޔާސީ ހުޅުކޮޅު ކަނިވަމުން ކަނިވަމުން ގޮސް ނިވެނީހެން ހީފުޅުވާން ފެށީމާ އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ވެސް އިޢުލާނު ކުރައްވައިފިއެވެ. 

ސިޔާސީ ޙަޔާތް ފެށްޓެވި ދުވަސްވަރު ލިބިވަޑައިގަތް ކަހަލަ ތާއީދެއް މިހާރު ނެތްކަމަށާއި ވެރިކަމަށް ވަޑައިގަތުމުގެ ގޮންޖެހުން ބޮޑުކަމަށް ހީފުޅުވާތީ ދެން އެންމެފަހުން ގޯސްވީ އެމްޑީޕީގެ މެންބަރުންގެ ދަފުތަރެވެ. ވިދާޅުވީ ޕާޓީގެ ދަފުތަރު “ގަޑުބަޑުކޮށްފި“ ކަމަށެވެ.

“އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައެވެ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރިއިންތިޚާބަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.“ އިއްޔެ އާންމުކުރެއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ޞާލިޙްގެ ކޮންޓްރޯލްގެ ދަށުގައި މި ވަގުތު އޮތް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެންބަރުންގެ ދަފްތަރަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ސައްޙަ ކުރެވި ބަލަހައްޓަމުންދާ ދަފްތަރެއް ކަމަށާއި ދަފްތަރު ސައްޙަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރާ ކަމަށެވެ.

އަންނަ ޖެނުއަރީގައި 28 ގައި ރިޔާސީ ޕްރައިމަރީ ބާއްވަން ތާވަލު ކޮށްފައި ވާއިރު ނަޝީދުގެ ފެކްޝަނުން މިއަދު ވަނީ ތާއީދު ފޯމު ފުރުމުގެ ޙަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ރައީސް ޞާލިޙްކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ ކެމްޕޭނަށް ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރައްވަން ފުރުސަތު ލިބިވަޑައިގެންފައި އޮތް އޮތުމެވެ. “ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބިފައި އޮތްހެން“ ކަންކަން ކުރެއްވުމުގެ މަގުފަހިވެފައި އޮތްއިރު ރައީސް ޞާލިޙަކީ ނުފޫޒު ފޯރުވުމާއި މިފަދަ ނޭއްގާނީ ކަންކަމުން އެއްކިބާވެ ވަޑައިގަންނަވާނެ ފަދަ “ޞާލިޙް“ ބޭފުޅެއްކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

ކަންމިހެން އޮތްއިރު ނަޝީދު ދެން ޖައްސަވާނީ ކޮން “ސްޓަންޓެއް“ ބާއެވެ! “ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއްނުވާނޭ“ މުސްކުޅިން ބުނެއެވެ.

Loading

5 Responses

  1. ހަމަ އެއްވަރުގެ މީހުން. ލަނޑަޔަކަށް ދޫކުރާނެ ލަނޑައެއް ނެތެވެ. ސޯލިޙުވެސް ވިދާޅުވެފާވަނީ ދެއަހަރު ބައިވެސް ތިމަންނައަށް ދައުރު މާ ދިގުކަމަށެވެ. ނަމަވެސް ހީވޭ ކަމެއްހެން؟

  2. އަސްލު އިބޫވެސް ސްމާޓް. އަންނި ބޮލަށް އެރިގެން ވެރިކަންހޯދުމަށްފަހު އަންނިގެ ބާރު ކަނޑުވާލާ ވެރިކަމަށް ކައިރިނުވެވޭގޮތަށް އެ ސައިޒްކޮށްލީއެވެ. އަދި ކަލްޓް ހެދިގެން އުޅުއްވަނިކޮށް ޕާޓީންވެސް އަންނި ޒައިޒަށް އެ ކަނޑާލެއްވީއެވެ. ވީމާ ބެލެވޭނީ ހަމަ ސްމާޓް ކަމަށެވެ. މިޒަމާނުގައި ސްމާޓް ވުމަކީ އެކަކު އަނެކަކަށް ލަނޑު އެތެކެއް ދޮގު ހަދައިގެންވެސް އެމީހާގެ މަންޒިލް މަގުސަދު ކާމިޔާބު ކުރުމެވެ. ނޫންތޯ؟

  3. ގައުމު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީ ޒައިޒް ކުރަން ޖެހެއެވެ. އެހެނީ އެމީހުން ބޭނުންގޮތެއް ނުވެއްޖެ ނަމަ އެމީހެއްގެ އެބަޔެއްގެ އަބުރު ކަތިލާ. ޕެޓްރޯލް ބޮންއުކާ، ގައުމުގއި ހުޅުވެސް ޖެހަނެއެވެ. މިއީ މާޒީގެ ތެރެއިން ފެނިފާވާ ޙަގީގަތެވެ. މާތްﷲ ރަޙުމަތްފުޅުން އެދަނީ ޒައިޒް ވަމުންނެވެ. ދެން ނަޝީދަށް އޮތްހާވެސް ގޮތަކީ ރައީސް ޔާމީނު ފަޅިއަށް އަރއިގެން އިބޫ ބަލިކުރުމެވެ. ބެލެވެނީ ރައީސް ޔާމީނު 2023 ކާމިޔާބު ކުރައްވާނޭ ކަމަށެވެ. އެހެނީ އެމްޑީޕީ އަކީ ވަޢުދުފށްދުމަށްވުރެ ދޮގު ވަޢުދު ފޮއްޓެކެވެ. ކޮންމެވެސް ބައެއްގެ ބޮލުގައި އިލްޒާމު އަޅުވާފައި ޙަރާމުން ޙަރާމް ކަމެއް ނުކުރެވޭ ބައެކެވެ. ވިސްނުމެއް ފެންވަރެއްވެސް ނެތީއެވެ. އެހެންވީމާ އިންޑިއާ މީހުންނާ ހުރިހާކަމެއް ޙވާލުކޮށްފައި ބިރެއްނެތި މަޖާކުރުން ޢާމްކޮށް އުޅެމުން ގެންދަނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް