ކުޑަ އާބާދީއެއްގެ އެއްވަނަ، މިހާރު ބޭނުމީ ނަރުހަކަށްވާން!

Facebook
Twitter
WhatsApp
5f4cc06e-3e1f-4d76-a124-2398f65e3aa6

ރަށްފުށުގެ ސާދާ ދިރިއުޅުމާއި ސާނަވީ ތައުލީމުގެ ދަތުރު އުފަން ރަށް ގދ. ފިޔޮރީ ސުކޫލުން ނައުމާ ނާޝިދު، 18އ ނިންމާލީ، ރަށުގެ ފަހުރުވެެރި އެއްވަނައިގެ ގޮތުގައެވެ. ފިޔޮރީ ސްކޫލުގެ ތާރީހުގައި ރަން އަކުރުން ނައުމާގެ ނަން މިއަދު ފަވާލެވޭނެއެވެ. ނައުމާއަށްޓަކައި އެ ސްކޫލުގެ މުދައްރިސުންނާއި ވެރީން އަބަދުމެ ފަހުރުވެރިވާނެއެވެ. ފިޔޮރީ ސްކޫލުގެ ހިޔާވަހިކަމުގައި ނައުމާ ހޯދި ކާމިޔާބީއަކީ ފޮނި ކާމިޔާބީއެއް ނަމަވެސް އެ ކާމިޔާބަށް ވާސިލްވުމަށް ނައުމާކުރި ދަތުރަކީ އުނދަގޫ އަދި ދިގު ދަތުރެކެވެ. އެ ދަތުރުގައި ކިތަންމެ ފަހަރަކު އޭނާ ވެއްޓިފައި އެބަހުއްޓެވެ. ކިތަންމެ ފަހަރު މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވެސް ވެއެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ކަނޑައްތުކޮށް މިއަދު ނައުމާ އެހުރީ ރަށުގެ އެންމެ އުހުގައެވެ.

ނައުމާ، ފިޔޮރީ ސްކޫލުގެ ދޮރާށިން މިދިޔަ އަހަރު ނުކުތުމާ ހަމައަށް ނައުމާއަކީ އެ ސްކޫލުގެ ދަރިވަރުންގެ މާލިމީއެވެ. އެހެން ދަރިވަރުންނަށް ނަމޫނާ ދައްކަން ޖެހޭ ޕްރިފެކްޓެއްގެ މަގާމާއި ސްކޫލުގެ ކެޕްޓަންގެ ބުރަ މަސްއޫލިއްޔަތު އެޅިފައި އޮތީ ނައުމާގެ ކޮނޑުގައެވެ. އެ ހުރިހާ ޒިންމާއަކާއެކުވެސް ނައުމާ ވަނީ ސާނަވީ އިމްތިހާނުގައި ތަފާތު ދައްކައިފައެވެ. ހަތަރު މާއްދާއިން އޭ ސްޓާއާއި ހަތަރު މާއްދާއިން އޭ ހޯދައި، ރާއްޖޭގެ ގަދަ ދިހައެއްގެ ފަހުރުވެރި ފަސްވަނައިގެ ތެރޭގައި އެންމެ 1،500 އެއްހާ މީހުންގެ އާބާދީއަކުން ނުކުތް ނައުމާގެ ނަން ހިމެނުނެވެ.

ރަށު ފެންވަރު، އަދި ގައުމީ ފެންވަރުގައި ނައުމާ ހޯދި ކާމިޔާބީއަކީ ފާއިތުވި 12 ވަރަކަށް އަހަރު ނައުމާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަަބަދުވެސް ކްލާހުން އެއްވަނަ ހޯދުމުގެ ވަރުގަދަ އަޒުމާއެކު ނައުމާ ވަނީ އެކަން ހަގީގަތަކަށްވެސް ހަދައިފައެވެ. އެގޮތުން ފާއިތުވި ދިހަ އަހަރު ނައުމާއަކީ ކްލާހުގެ އެއްވަނައެވެ. ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައިވެސް ނައުމާ ދެއްކީ ނަމޫނާއެވެ. ބައިވެރިވި މުބާރާތްތަކުން ވަނަވަނަ ނައުމާ ހޯދިއެވެ. އެހެން ކުދިންގެ މާލިމީއަކަށްވެ ހުރެ، އެ ނަމޫނާ ކިތަންމެހާވެސް ފުރިހަމައަށް ނައުމާ ދައްކައިދިނެވެ.

“ފަރުސު ފަސް ނަމާދުކޮށްގެން ފަތިސް ނަމާދުކޮށް ނިމިގެން ފިލާވަޅި ދަސްކުރަން ފަށަނީ. އެއީ އެގަޑިއަކީ އެންމެ ހަމަހިމޭން ވަގުތަށްވާތީ. ދެން މަންމަ އަބަދުވެސް އިންނާނެ ކައިރީގައި ހިތްވަރުދޭން. ކޮންމެ ދުވަހަކުވެސް ސްކޫލު ނިންމާފައި އައިސް އެ ދުވަހެއްގެ މަސައްކަތް އެ ދުވަހު ކޮށް ނިންމުމަކީ އަޅުގަނޑު އަބަދުވެސް ގެންގުޅޭ އުސޫލެއް” ނައުމާ ބުންޏެވެ.

ނައުމާއަކީ އޭނާއަށް ނޭނގޭ އެއްޗެހި ޓީޗަރުންގެ ކައިރިން އޮޅުން ފިލުވައި އެހެން ދަރިވަރުންނަށްވެސް އެތަކެތި ފޯރުކޮށްދީފައިވާ ދަރިވަރެކެވެ. ކުޑަ ދުވަސްކޮޅަކަށް ހިސާބު މާއްދާއިން ނެގި ޓިއުޝަން ފިޔަވައި އެހެން އެއްވެސް މާއްދާއަކުން ނައުމާގެ ސާނަވީ ހަޔާތުގައި ޓިއުޝަންވެސް ނަގާފައެއް ނުވެއެވެ. އަމިއްލައަށް ކަންކަން ދަސްކުރުމަށް ހާއްސަ އިސްކަމެއްދީފައިވާ ނައުމާއަކީ ތޫނުފިލި ދަރިވަރެކެވެ. ކްލާހުގައި މަޑުމައިތިރިކޮށް އިންނަ އަދި ޓީޗަރުންދޭ ފިލާވަޅާމެދު ސަމާލުކަންދޭ ދަރިވަރެކެވެ.

ސާނަވީ ހަޔާތުގެ އެންމެ ފަހު އަހަރުގެ ދުވަސްތައް ނައުމާ ސިފަކުރީ އެންމެ އުނދަގޫ ދުވަސްތަކުގެ ގޮތުގައެވެ. ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ކިޔެވުމުގެ ފޯކަސް ގެއްލިފައި ވަނިކޮށް ބިންދާލި އަނެއް ރާޅަކީ ހިސާބު ޓީޗަރެއް ނެތި ދިއުމެވެ. އެކަން ނައުމާ ފޫބެއްދީ ގްރޫޕް ސްޓަޑީޒްއިންނެވެ.

“އޯލެވެލްއަށް ދެ ހަފްތާއަށްވެފައި އޮއްވައި ހިސާބު ޓީޗަރެއް މި ލިބުނީ. އެކަމުން ކިޔެވުމަށް އަސަރުތަކެއް ކުރި. އެކަމު ދެން ތިބިި ޓީޗަރުން ވަރަށް ގިނަ އެކްޓްރާކްލާސްތައް ނަަގައިދީ ކިޔެވުމަށް ވަރަށް ބޮޑަށް ބާރު އެޅި. އެއީ ކުރިއަށްދިއުމަށް ލިބުނު ހިތްވަރެއް” ނައުމާ ބުންޏެވެ.

ފިޔޮރީ ސްކޫލަށް ނައުމާ ދޫކޮށްލި ކާމިޔާބީގެ ތަރާނާގެ އެންމެ އިސް ދައުރެއް އަދާކުރަނީ ނައުމާގެ ލޯބިވާ މައިންބަފައިންނެވެ. އޭގެ އިތުރުން ފިޔޮރީ ސްކޫލުގެ މުޅި އާއިލާގެ ފަރާތުންނާއި ހާއްސަކޮށް އަތީފް ސާރ ގެ ފަރާތުން ލިބުނު އެއްބާރުލުން ނައުމާ ފާހަގަކުރީ ޝުކުރުވެރިކަމާއެކުގައެވެ. ކުރެވުނު މަސައްކަތާ މެދު ނައުމާ މިއަދު އެހުރީ ހިތްހަމަ ޖެހިފައެވެ. ސާނަވީ ދައުރުގައި ނައުމާ ހެއްދި ގަހުގެ ފޮނި މޭވާގެ ރަހަ އޭނާގެ އަރުތެރޭގައި މިއަދު ލައިފިއެވެ.

“އަސްލު ވަރަށް އުފާވޭ، ގިނަ ކަންކަން ސްޓްރަގަލްކޮށް މިހާ ހިސާބަށް މި އާދެވުނީ. ފަސޭހަ ޖާނީއެއް ނޫން މީ. އެކަމު ކުރެވުނު މަސައްކަތާ މެދު އުފާވޭ. އެންމެ އުފާވަނީ ސްކޫލަށް ރީތި ނަމެއް ހޯދައިދީ، މައިންބަފައިން ފަހުރުވެރިކޮށްދެވުނީމަ. އެ މީހުންގެ ހުވަފެން ހަގީގަތަށް ހަދައިދެވުނީމަ” ނައުމާ ބުންޏެވެ.

މިއަދު ނައުމާ އެހުރީ ސާނަވީ ދައުރު ނިންމައި މަތީ ސާނަވީގެ މުޅިން އާ ސޮފްހާއަކަށް ފައި ނަގައިގެންނެވެ. ނައުމާގެ އުންމީދަކީ، ސިއްހީ ދާއިރާއިން ގައުމަށް ހިދުމަތްކުރުމެވެ. ނަރުހެއްގެ ގޮތުގައި ގައުމީ ހިދުމަތަށް ނުކުތުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް