ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާކުރަނީ

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ސަރުކާރާ އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ތާއިދުކުރާ މީހުން އެ ގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް މައްޗަށް އެއްވެ، އެ ގައުމުގެ ބޮޑުވަޒީރު ހަސީނާ މަގާމުން އިސްތިއުފާ ދިނުމަށާއި އައު އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. 

މުޒާހަރާގެ ބައިވެރިން ވަނީ އިއްޔެ އެގައުމުގެ ވެރި ރަށުގެ ގޮލާޕްބާގް ސްޕޯޓްސް ގްރައުންޑަށް އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ފެށިފައި ވަނީ ބީއެންޕީގެ ހެޑްކުއާޓާސްއަށް މިދިޔަ އަންގާރަދުވަހު ސިފައިން ވަދެ ރެއިޑް ކުރި ފަހުންނެވެ. މި ރެއިޑްގައި އެކަކު މަރުވެ އެތައް ބައެއް ޒަހަމްވިއެވެ.

އެކި ހިސާބުތަކުން ކަރަންޓުކެނޑުމާއި ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ އެގައުމުގައި ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި ވަރަށް ބޮޑުވެފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ މި ކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އަޑުއުފުލަމުންނެވެ. 

ބީއެންޕީގެ އޮފިޝަލެއް ބޭރުގެ ނޫހަކަށް މައުލުމާތު ދެމުން ބުނި ގޮތުގައި އިއްޔެގެ މުޒާހަރާގައި 200000 މީހުން ބައިވެރިވިއެވެ. ނަމަވެސް ދާކާގެ މެޓްރޯޕޮލިޓިއަން ޕޮލިސް އިން ބުނެފައިވާ ގޮތުގައި އެސަރަހައްދަށް އެންމެ ގިނަވެގެންވެސް އެއްވެ ތިބެވޭނީ 30000 މީހުންނަށެވެ.

މުޒާހަރާތަކުގައި އެއްވެސް މީހަކަށް އަދި މިހާތަނަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު ސްވެޓް ޓީމްތަކާއި ކައުންޓާ ޓެރެރިސަމް ޔުނިޓްސް ތިބީ ތައްޔާރަށެވެ. މީގެއިތުރުން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެ ސަރަހައްދައް ވަދެވެން ހުންނަ މަގުތަކުގައި ޗެކްޕޮއިންޓުތައް ގާއިމްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް