މިއީވެސް ހަމަ ނަމޫނާ ޑިމޮކްރެސީއެކެވެ.

Loading

Facebook
Twitter
WhatsApp

އިކްވިޓޯރިއަލް ގިނީގެ މިޚަބަރާމެދު ޝައުގުވެރިކަން އުފެދުނީ އެވެރިކަމުގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެވެމުން ދިޔަގޮތާ އަދި މިހާރު ވެރިކަން ކުރެވޭގޮތާވެސް އެއްކަހަލަ ސިފަތަކެއް ހުރީމައެވެ. ފަހަރެއްގައި އެމީހުން ދަސްކުރީ އަހަރެމެންކައިރިން ކަމަށްވެސް ވެދާނެއޭވެސް ހިތައް އަރައެވެ.                                           

އިކްވިޓޯރިއަލް ގިނީގެ ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ތިއޮޑޯރޯ އޯބިއަންގް އެންޖިއުމާ އިންތިޚާބު ކުރުމަށްޓަކައި މިދިޔަ އާދީއްތަދުވަހު ވޯޓުލުން ބާއްވައިފިއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ހުޅަނގު އެފްރިކާގެ މި ކުޑަކުޑަ ގައުމުގައި އެބޭފުޅާ ރައީސްކަން ކުރައްވާތާ މި އިންތިޚާބާއެކު 43 އަހަރު ހަމަވާނެއެވެ.          

ދޮޅުމިލިއަނެއްހާ މީހުން ދިރިއުޅޭ މި ގައުމުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވަނީ ހަތަރު ލައްކައެއްހާ މީހުންނަށެވެ. އަދި އެ ގައުމުގެ ޕާރލަމެންޓުގެ ތިރީގޭގެ 100 މެމްބަރުންނާއި ސެނޭޓްގެ 70 މެމްބަރުންގެ ތެރެއިން 55 މެމްބަރުންނާއި އަދި ރަށްފުށު ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުންވެސް ހަމައެދުވަހު ބޭއްވުނެވެ. އިންތިޚާބުގެ ނަތީޖާތަކަކީ ކުރިއްސުރެންވެސް އެނގޭ ނަތީޖާތަކެކެވެ.

80 އަހަރުގެ ރައީސް އޯބިއަންގް އެންޖިއުމާއަށް އަބަދުބެސް 90 އިންސައްތައަށްވުރެން މަތީ އަދަދަކަށް ވޯޓުލިބޭނެއެވެ. މިފަހަރުވެސް އިދިކޮޅަށް 2 ކެންޑިޑޭޓަކު ކުރިމަތިލިއަސް އޭނާގެ ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. އޭނާއަށް ތާއީދު ނުކުރާމީހުން ހައްޔަރުކޮށް އަނިޔާކުރުމަކީއިންތިޚާބު ކާމިޔާބު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވެމުންދާ ކަމެކެވެ. އޭނާގެ ފަލްސަފާ މެނުވީ ސިޔާސީ ފިކުރުގެ މިނިވަންކަމަކީ އޭނާއަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ.              

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އިންތިޚާބަށް ފާޑުކިޔައި ހަމަހަމަ އިންސާފުވެރި އިންތިޚާބކަށް މަގު ފަހިކުރުމަށް ގޮވާލުމަކީ އެންޖިއުމާއަށް އިވޭ އަޑަކަށް ނުވެއެވެ. ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަތައްވެސް އޭނާ ދޮގުކުރައްވައެވެ.                                                

1968 ވަނައަހަރު އިކްވިޓޯރިއަލް ގިނީ މިނިވަންވީ ފަހުން ވެރިކަން ކުރީ 2 ރައީސުންނެވެ. އޯބިއަންގ އެންޖިއުމާއަކީ އިކްވިޓޯރިއަލް ގިނީގެ 2 ވަނަ ރައީސެވެ. ފުރަތަމ ރައީސަކީ އޭނާގެ ބޭބެ ފްރާންސިސްކޯ މާސިއަސް އެންޖިއުމާއެވެ. އޯބިއަން އެންޖިއުމާގެ ބާރުގައި އޭނާ ބޭބެގެ ވެރިކަން ނިމުމަކަށް ގެނުވީއެވެ.           

އިންތިޚާބީ ކެމްޕޭނު ތަކުގައި ވާހަކަދައްކަވަމުން އެންޖިއުމާ ވިދާޅުވީ ހުރިހާ އިންތިޚާބެއް އެއްދުވަހަކު ބާއްވަން ނިންމީ އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައެވެ.                                  

2015 ވަނައަހަރުން ފެށިގެން އިކުވިޓޯރިއަލް ގިނީން ދުވާލަކު

160000 ފީފާ ތެޔޮ  އުފައްދައެވެ. ނަމަވެސް މިހާރު އެ އަދަދު އޮތީ ދުވާލަކު 93000 ފީފާއަށް މަދުކޮށްފައެވެ.

އިކްވިޓޯރިއަލްގިނީގެ ރައީސް ތިއޮޑޯރޯ އޯބިއަންގް އެންޖިއުމާއަކީ ކިތަންމެ ވަރަކަށް ވެރިކަމުގައި ހުންނަން ބޭނުން ބޭފުޅަކު ކަމުގައިވިޔަސް އެބޭފުޅާގެ ކޮރަޕްޝަންގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުންވެސް މިހާތަނަށް  ފެންމަތި ކޮށްފައެއް ނެތެވެ. އަދި ގައުމުގެ ޚަޒާނާއަކީ އެބޭފުޅާ އަތްބާނައިގެން ހަލުވާ އެއްޗެއް ކަމުގެ ތުހުމަތެއްވެސް ނުކުރެއެވެ. ކުރާކަށް ނުވެސް ކެރޭނެތާއެވެ؟ މިއީވެސް ނަމޫނަ ޑިމޮކްރެސީގެ ވައްތަރެއްކަމަށް ބެލެވެއެވެ.                                                                

Loading

One Response

  1. އިންތިކާބުތައް އެއްދުވަހަކު ބާއްވައިގެން ޚަރަދު ކުޑަކުރުމުގެ ވިސްނުން އަހަރެމެންނާ އެބަ ތަފާތުވޭ. އިންތިޚާބުތަކުގެ ނަތީޖާ އެނގޭތީ ކޮންމެހެން އެއަށް އަތްބާނަން ބޭނުން ނުވަނީ ކަމަށް ވެދާނެތާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް