ފުރޮޅުލީ ގޮނޑިން ބިޔަ ރާޅުތަކުގެ ތެރެޔަށް، ކާއިފްގެ އުންމީދު ރާއްޖެ ފަހުރުވެރިކުރުމާ ދިމާލަށް!

Loading

Facebook
Twitter
WhatsApp

މޫދަކީ، މުއްޔަށް އުފަން ކާއިފް އަހުމަދު، 34އގެ އެންމެ ގާތް އެކުވެރިޔާއެވެ. ރާއްޖޭގެ ރީތި ފަރުތަކަކީ، ކާއިފްގެ ހިތް އެތަނަށް ދޫވެފައިވާ ތަންތަނެވެ. ބިޔަ ރާޅުތަކަކީ އެންމެ ކުޑައިރުއްސުރެ ކާއިފްއަށް ފަރިތަ އެއްޗެކެވެ. ރާޅުތައް މަތީގައި އުދުހި އުޅުމަކީ، ކާއިފް ސްކޫލު ދައުރުން ފެށިގެން ކުރާ ކަމެކެވެ. ކާއިފް ވަނީ އެތައް ގެސްޓުންނަކަށް ރާއްޖޭގެ ކަނޑުއަޑީގެ ޖާދޫ ދައްކައިފައެވެ. އެތައް ޑައިވްއެއް އޭނާ ކޮށްފައިވެއެވެ. ނަމަވެސް، މީގެ 11 ވަރަކަށް އަހަރު ކުރިން ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ކާއިފްގެ ހަޔާތް ބަނަވެގެން ދިޔައެވެ. އެންމެ ޒުވާން ދުވަސްވަރު ފުރޮޅުލީ ގޮނޑީގެ އަޅަކަށްވާން ހާލަތު ނިޔާކުރިއެވެ.

އެކުވެރިންތަކަކާއެކު ފީނަންވެގެން ޅ އަތޮޅުގެ މެދެއްހާ ހިސާބުގައި އުޅުމުގެ ތެރޭގައި ކާއިފްގެ އުނަގަނޑުން ތިރިން އެއްކޮށް ވާގިގޮސް، ނުކުޅެދޭ މީހަކަށް ބަދަލުވީއެވެ. ކާއިފް ބުނި ގޮތުގައި އޭނާގެ އުނަގަނޑުން ތިރިން ވާގި ދިޔައީ 45 މިނެޓުގެ ދެ ޑައިވްކުރުމަށް ފަހު ދޯންޏަށް އަރައި އިންދައެވެ.

”އެ ދުވަހު ފުރަތަމަ ޑައިވިން ނިންމާ، ދެވަނަ ޑައިވިންނަށް ފައިބާ ގާތްގަނޑަކަށް 45 މިނެޓު ވަރުގެ ޑައިވްއެއް ކޮށްފައި ދޯންޏަށް އަރައި، ކޮފީއެއް ގިރައިގެން ދޯނީގެ ފަހަތުކޮޅުގައި އިށީނދެ އިންދާ ލޯމައްޗަށް އަނދިރިވީ. ދެން އެ ދުވަހު އެނގޭ ޑައިވްކުރިއިރުވެސް ޔޫރިން ޕާސްނުކުރެވޭ ކަން. ދެން އެހާ ހިސާބުން ރަށްޓެހި ކުއްޖެއްގެ ކައިރީގައި ބުނިން ލޯމައްޗަށް އަނދިރިވި ވާހަކައާއި ޔޫރިން ޕާސްކުރަން ބޭނުންވާ ވާހަކަ. ދެން އޭނާގެ އެހީގައި ދޯނީގެ ފަހަތުކޮޅަށް ގޮސް ޔޫރިން ޕާސް ކުރަން އުޅެއުޅެ ޔޫރިން ޕާސް ނުކުރެވުނީމަ އަޅުގަނޑު ބުނިން ދެން އޯކޭ އޭ ކުޑަކޮށް ޖައްސާލާނީއޭ. ދެން ގޮސް ދޯނީގެ ގެގަނޑުތެރެޔަށް ވަދެ ޖައްސައިލައިގެން އޮވެފައި ލޯމައްޗަށް ކުޑަކޮށް އަލިވީމަ ތެދުވަންވެގެން މަސައްކަތްކުރިއިރު އުނަގަނޑުން ތިރި އޮތީ އެއްކޮށް ވާގި ގޮސްފައި. އެހާ ހިސާބުން ފައިކޮޅެއް މަސައްކަތެއް ނުކުރޭ“ ކާއިފް ކިޔަދިނެވެ.

ކާއިފް ފުރަތަމަ ހީކުރީ އެއީ ޑީކޮމްޕްރެޝަން މައްސަލައެއް ކަމަށެވެ. އެހެންވެ، ޑީކޮމްޕްރެޝަން ލެވެލްއަށް ފައިބައި ރަނގަޅުވޭތޯ މަސައްކަތް ކުރުމުންވެސް ލުޔެއް ނުލިބުނެވެ. އެހެންވެ، ދެން ކާއިފް މަސައްކަތް ކުރީ ބަޑޮހުގައި ހުންނަ ޑީކޯ ޗެމްބަރަށް ދިއުމަށެވެ. ނަމަވެސް މޫސުން ތަން ނުދިނުމުން އެއިރު އެކަންވެސް ކާމިޔާބެއް ނުވިއެވެ. ޑީކޮމްޕްރެޝަން ވުމަށް މެދުވެރިވަނީ ފީނަން ގޮސް އުޅުމުގެ ތެރޭ މާ އަވަހަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރުމުގައި މައްސަލަ ދިމާވެ، ގޭސް ބޮކިތައް އުފެދެއެވެ.

ކާއިފް އިތުރު ފަރުވާއަށް ގެނައީ މާލެއަށެވެ. މާލޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު، ޑޮކްޓަރުން ވަނީ ކާއިފްއަށް ހިނގޭނެ ކަމުގެ އުންމީދު ކަނޑައިލައިފައެވެ. ނަމަވެސް އެހާހިސާބުންވެސް ކާއިފް އުންމީދު ކަނޑައެއް ނުލައެވެ. އައިޖީއެމްއެޗުން ފަރުވާކުރުމަށް ފަހު ބަޑޮހު ޗެމްބަރަށްވެސް ކާއިފް ލިއެވެ. ނުވަ ދުވަހަށް ފަހުވެސް ކާއިފްގެ ހާލަތު ރަނގަޅެއް ނުވިއެވެ.

”ބަޑޮހުގައި އޭރު ހުރި ޑޮކްޓަރު ބުނީ އިންޑިއާއަށް ގޮސް ރަނގަޅު ޑޮކްޓަރަކަށް ދައްކަން. ތިމަންނަމެންނަށް ހީވަނީ މައިބަނދައިގެ މައްސަލައެއް ޖެހިގެން ނާރެއް ފިތިގެންނޭ ތިއުޅެނީ. ދެން ބަޑޮހު ޓްރީޓްމަންޓަށް ފަހު މާލޭގައި ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު ރަށަށް އައިސް ދެން ދިޔައީ އިންޑިއާއަށް. ދެން އެކޮޅުން ދެއްކި ޑޮކްޓަރު ބުނީ މައިބަދައިގެ އެންމެ ތިރީ ހަ ބަނދަ އެނބުރިފައޭ. އެއިރުވެސް އަމިއްލައަށް އެއްފުށުން އަނެއް ފުށަށް ނުވެސް ޖެހެވޭ. އެހެން މީހެއްގެ އެހީއެއްގައި އުޅެން ޖެހެނީ“ ކާއިފް ބުންޏެވެ.

އިންޑިއާއިން ފަރުވާކުރުމަށް ފަހު އެނބުރި ރާއްޖެ އައިސް ފިޒިއޯތެރެޕީ ހަދަން ފެށުމުން ކާއިފްގެ ހާލަތު ކުޑަކޮށް ރަނގަޅުވިއެވެ. އެއަށް ފަހު، ދެވަނަ ފަހަރަށް އިންޑިއާއަށްގޮސްވެސް ކާއިފް ފަރުވާ ހޯދިއެވެ. ކާއިފް ބުނި ގޮތުގައި އިންޑިއާގެ ޑޮކްޓަރުން ރެކޮމެންޓް ކުރީ މޫދަށް އެރި ކަސްރަތު ކުރުމަށެވެ. އެހެންވެ، ރަށަށް އައިސް ކާއިފް ގަވައިދުން ދިޔައީ މޫދަށް އެރި ކަސްރަތުކުރަމުންނެވެ.

”އެހެންދިޔަ ދުވަހެއްގައި ރަށްޓެހި ކުއްޖަކު ބުނީ އައިސް ބޫގީއެއް ދީފައި އަލުން ރާޅަށް ދާންވީއެއްނޫންހެއްޔޭ. ހަމަ ކަސްރަތެއް ނޫން ހެއްޔޭ. އޭރުން ކަސްރަތު ލިބިފައި ހިތްހަމަ ޖެހުމެއްވެސް ލިބޭނެ ނޫންހެއްޔޭ. ދެން އެކަމާ ވަރަށް ވިސްނިން. އެއަށް ފަހު އަލުން ރާޅަށް ދާން ފެށީ“ ކާއިފް ބުންޏެވެ.

ކާއިފް ބުނި ގޮތުގައި ރާޅަށް ދިއުމުގައި އޭނާގެ ރަށްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން ރާޅާ އެޅުމަށް މޫދަށް ފޭބުމަށް އެހީވެދީ އަދި ރާޅާ އެޅުމަށް ފަހު އެނބުރި އެއްގަމަށް އަރަނީ ރަށްޓެހިންގެ އެހީއާއެކުގައެވެ،

”ފުރަތަމަ ދުވަހުވެސް ޔަގީންކަން އޮތް އަޑިއަކަށް ނުދާނެކަން. އެއީ ފަތަން އެނގޭތީ. ފުރަތަމަ ރާޅަށް ދިޔައިރު، ގެންދިޔަ މީހުންވެސް ކުޑަކޮށް ޖެހިލުންވި އަޅުގަނޑު ގެންދަން. ނަމަވެސް އެ ދުވަހުވެސް އެއްވެސް ޖެހިލުމެއް ނުވޭ. ހަމައެކަނި ޖެހިލުން ވަނީ ދިޔަވަރު ހިކި ގަޑިތަކުގައި ރާޅާ އެޅުމަށް. އެއީ ރާޅަށް ދާ ސަރަހައްދަކީ ގާ ގިނަ ސަރަަހައްދަކަށްވާތީ“ ކާއިފް ބުންޏެވެ.

ކާއިފް ބުނި ގޮތުގައި، މަދުވެގެން ހަފްތާއަކު އެއް ފަހަރު ރާޅަށް އޭނާ ދެއެވެ. އަދި މޫދުގައި ދެތިން ގަޑިއިރު ހޭދަކޮށް ބިޔަ ރާޅުތަކުގެ ތެރޭގައި ވަގުތުތައް ހޭދަކުރެއެވެ. ރާޅަށްދާން ފެށިފަހުން ކާއިފްގެ ހާލަތުވެސް މަޑުމަޑުން ރަނގަޅުވިއެވެ. އަމިއްލައަށް އުޅެވޭވަރުވިއެވެ. ފައި ހަރަކާތްކޮށް ހެދެއެވެ. އަމިއްލައަށް ތަނެއްގައި ހިފަހަށްޓައިގެން ކޮޅަށް ހުރެވެއެވެ. ކާއިފް ބުނި ގޮތުގައި އޭނާއަށް ހާލަތު ދިމާވިއިރަށްވުރެ އޭނާގެ ހާލަތު މިހާރު 70 ޕަސަންޓް ރަނގަޅެވެ. ކާއިފް އަދިވެސް އުންމީދު ކުރަނީ އާއްމު ދިރިއުޅުމެއް ލިބޭނެ ދުވަހަކަށެވެ. އެ އުންމީދުގައި ކާއިފް އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. ކާއިފްގެ އެހެން އުންމީދެއްވެސް މިހާރު އެބައޮތެވެ. އެއީ ޕެރައޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށް ރާއްޖެ ފަހުރުވެރިކޮށްދިނުމެވެ. އެ ފުރުސަތަށް ކާއިފް މިހާރުވެސް ހުރީ ފެންބޮވައިގެންފައެވެ. ކާއިފް ގަބޫލުކުރާ ގޮތުގައި ޕެރައޮލިމްޕިކްސްގައި ވާދަކޮށް ރާޅާ އެޅުމުން ރާއްޖެއަށް އޭނާއަށް ރީތި ނަން ހޯދައިދެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް