މިއަދަކީ ދިވެހިންގެ ނަސްރުގެ ދުވަހެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މިދުވަހުގެ ހަނދާންތަކާއެކު މިނިވަންކަމުގެ މަތިވެރިކަން ކޮންމެ ދިވެއްސަކުވެސް އިޙްސާސް ކުރާނެއެވެ. ހަމަ އެއާއެކު މިއަދުގެ ދުނިޔޭގައި އިންސާނީ ކަރާމާތާއި މިނިވަންކަން ތަރުޖަމާ ކުރެވިގެންދާ ގޮތާއި ދޭތެރޭ އަދި އެއްފަހަރު ވިސްނާ ފިކުރު ކޮށްލުން ރަނގަޅުވާނެއެވެ.
މިނިވަން ކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އަސާސީ ޙައްގެއް ކަމަށާއި އަޅުވެތިކަން އެއްވެސް ޒަމާނެއްގައި ހިތުންރުހިގެން އިންސާނުން ގަބޫލު ނުކުރާނެކަން ތާރީޚުގެ ސަފްޙާތަކުން ވަރަށް ސާފުކޮށް އެނގޭނެއެވެ. މިޒަމާނުގައި މިކަމަށް އެންމެބޮޑަށް ވަކާލާތު ކުރަމުން ގެންދަނީ މިހާރުވެސް ބައެއް އިންސާނުންނަކީ އަޅުންކަމުގައި ދެކި އަދި ބައެއް އިންސާނުންނަކީ އިންސާނީ ކަރާމަތުންވެސް މަޙްރޫމް ކުރެވިފައިތިބެންޖެހޭ ބަޔަކު ކަމުގައި ދެކިގެންއުޅޭ ގިނަ ގައުމުތަކުންނެވެ. މިއީ އަޅުގަނޑުމެން އެތައްފަހަރަކު ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. ހެޔޮ އެދެނީ ކާކުތޯ ދެނެގަތުމަށްޓަކައެވެ.
އެމެރިކާގެ ގާނޫނު އަސާސީގައި އިންސާނުން އަޅުވެތިކުރުން މަނާކުރިތާ 157 އަހަރު ވީއިރުވެސް ކުށްވެރިންނަށް ދެވޭ އަދަބެއްގެ ގޮތުން އަޅުންކަމުގައި ބެލުން މިހާރުވެސް ގާނޫނީ ގޮތުން ހުއްދައެވެ. ނޮވެމްބަރު 8 ވަނަ ދުވަހު ބޭއްވޭ އިންތިޚާބުގައި އަލަބާމާއާއި ލޫޒިޔާނާ އަދި އޮރެގޯން އާއި ޓެނެސީ އާއި ވަރމައުންޓުގެ ވޯޓުލުމުގައި މި އިސްތިސްނާ އާމެދު ފައިސަލާކުރެވި އެ ސްޓޭޓްތަކުގެ ގާނޫނު އަސާސީ އިސްލާޙް ކުރެވިގެންދާނެކަމަށް ބެލެވެއެވެ. އެކަމަކު ވޯޓުން ކާމިޔާބު ކުރެވުނަސް މިއީ އެއްދުވަހަކުން ދެ ދުވަހަކުން ކުރެވޭނެ ކަމެއްނޫނެވެ. އެތައް ހުރަސްތަކެއް ގިރާކުރަން ޖެހޭނެއެވެ.
އެމެރިކާގެ ޖަލުތަކުގައި އަށް ލައްކައަށް ވުރެން ގިނަ ގައިދީން ވަކިލާރިކޮޅެއްގެ މަހު މުސާރައަކަށް މަސައްކަތް ކުރަން ޖެހޭއިރު އަނެއް ބަޔަކަށް މަޖްބޫރުކޮށްފައިވަނީ އެއްވެސް އުޖޫރައަކާނުލައި މަސައްކަތް ކުރުމަށެވެ. އެމެރިކާ ހަތް ސްޓޭޓެއްގައި ގައިދީން ލައްވާ މަސައްކަތް ކުރުވުމަށް އެއްވެސް އުޖޫރައެއް ދޭކަށް ނުޖެހެއެވެ. އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ބައެއް ޖަމާއަތްތަކުން މިއީ އެމެރިކާގައި ކަޅު ނަސްލުގެ މީހުން ނިކަމެތިކުރުމުގެ މަގްސަދުގައި ގާނޫނު އަސާސީގެ ކަނޑައެޅުމެއް ކަމަށް ބުނެ ފާޑު ކިޔައި ނުރުހުން ފާޅުކުރަމުން ގެންދާއިރު އަނެއްބަޔަކު ބުނަމުންގެންދަނީ މިފަދަ ބަދަލެއް ގާނޫނު އަސާސީ އަށް ގެނެއްސިނަމަ ކުށްކުރުން އިތުރުވެގެން ދިއުމާއި އަދި ގައިދީންނަށް އެކަށީގެންވާ މުސާރައެއް ދީފިނަމަ އަތްނުފޯރާ ހިސާބަށް ޚަރަދުތައް މައްޗަށް އަރާނެކަމުގައެވެ.
ކެލިފޯރނިޔާފަދަ ބައެއް ސްޓޭޓްތަކުގެ ގަވަރނަރުން ދެކޭގޮތުގައި އެމެރިކާގެ ގާނޫނުން މަސައްކަތު މީހަކަށް އެންމެ މަދުން ގަޑިއަކު ފަނަރަ ޑޮލަރު ދޭން މަޖުބޫރު ކުރާއިރު ގައިދީންނަށް އެވަރުގެ އުޖޫރައެއް ދޭންޖެހިއްޖެނަމަ އެއީ ކުރެވިދާނެ ޚަރަދަކަށް ނުވާނެއެވެ. މިސަބަބާއިހުރެ މީގެކުރިން މި އިސްތިސްނާ ގާނޫނު އަސާސީން އުނިކުރަން ކުރެވުނު މަސައްކަތްވެސް ވަނީ ނާކާމިޔާބު ވެފައެވެ.
އުމުރުގެ 25 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނވަންވެގެން ޖަލުންނިކުންނައިރު އަންނައިރު ނަސީބު ރަނގަޅުމީހަކަށް މިހާރުގެ ޙާލަތުގައި ސަތޭކައެއްހާ ޑޮލަރު ގެޔަށް ގެންނަން ލިބިދާނެކަމަށް ބައެއްމީހުން ބުނެފައި ވެއެވެ.
މިހާރުވެސް އެމެރިކާގެ ތިރީހަކަށް ސްޓޭޓުގައި ބޮޑެތި ބައެއް ކުންފުނިތަކުގައި ވަކިލާރިކޮޅެއްގެ މުސާރައެއް ދީގެން ނުވަތަ އެއްވެސް އުޖޫރައެއް ނުދީ ގައިދީން ލައްވާ މަސައްކަތް ކުރުވައިގެން ބޮޑެތި ފައިދާތަކެއް ނަގަމުން ގެން ދެއެވެ. އެފަދަ ކުންފުނި ތަކުގެ ތެރޭގައި މަޝްހޫރު އެމެރިކަން އެކްސްޕްރެސް އާއި ފެޑެކްސް އާއި ޕެޕްސިކޯއާއި އެޕަލްވެސް ހިމެނެއެވެ. މީގެ އިތުރުން ގޮތްނޭންގި ފެތުރެމުންދާ އަލިފާން ނިއްވުމުގައިވެސް ގިނަ އަދަދެއްގެ ގައިދީން ބޭނުން ކުރެވެއެވެ.
ގާނުނު އަސާސީގައި އޮންނަ އިސްތިސްނާގެ މާއްދާ ބައެއް ސްޓޭޓްތަކުގައި އުވާލުމާ ގުޅިގެން ނެބްރަސްކާގެ ޖަލެއްގައި ގައިދީންނަށް މިހާރު ހަފްތާއަކު ތިރީހަކަށް ޑޮލަރ ލިބޭކަމަށް ނިއުޔޯރކް ޓައިމްސް އިން ބުނެއެވެ.
ނުބައި ޙުކުމެއްގައި ލޫޒިޔާނާގައި ޖަލަށްލެވުނު މިސްޓަރ ޑޭވިސް ކިޔާމީހަކު ބުނިގޮތުގައި އިސްތިސްނާގެ މާއްދާ އުވާލެވިއްޖެނަމަ ޖަލުތަކުގައި ގިނަދުވަސްތަކެއް ވާންދެން މީހުން ގައިދު ކުރުމަށްވެސް ނިމުމެއް އަންނާނެއެވެ. އަހަރެން ގަބޫލުކުރާގޮތުގައި އެއްވެސް އިންސާނަކީ ގަނެވިއްކާ މުދަލަކަށް ވެގެންނުވާނެއެވެ. އިންސާނަކަށްވީތީ އޭނާއަށް ލިބެންޖެހޭ ކަރާމާތާއި އަގު ވަޒަން ކުރެވެން ޖެހޭނެއެވެ. އެ އިންސާނާއަކީ ގައުމުގެ ހަމަހަމަ ހިއްސާދާރެކެވެ. އޭނާއަކީ ގައުމުގެ އަޅެއް ނޫނެވެ.
ރާއްޖޭގެ ނަސްރުގެ މިދުވަހަކީ ވެރިކަމާއި ޙަވާލުކުރެވިފައިވާ ވެރިމީހާ ޓުވިޓްެއެއް ފޮނުވާލައިގެން ނިންމާލެވޭވަރަށް ވުރެ ފައުޅުކަން ބޮޑުގޮތެއްގައި ފާހަގަ ކުރަންޖެހޭ ހިތާމަވެރި ދުވަހެއްކަމުގައި ދެކެމެވެ.
ދިވެހި މި އިސްލާމީ ވަތަން ފުރިހަމަ މިނިވަންކަމުގައި އަބަދުމެ ލައްވާށިއެވެ. ޚާއިނުންގެ ނުބައި ރޭވުންތަށް ނެތިކުރައްވާށިއެވެ. އާމީން!
One Response
ހުޅަނގުގެ ގައުމުތަކަކީ އެމީހުންނަށް ބާރު ލިބުނީއްސުރެން ދެފުށްދެގޮތް މުނާފިގުންތަކެއް. ބަސްބުނެހަދާނީ ކަންތައްކުރަން ބޭނުންވާ ގޮތާ ދިމާ އިދިކޮޅަށް. އެމީހުންކުރި ކަމެއްގެ ނުބައި ނަތީޖާ ފެނިއްޖެނަމަ އެހެންމީހުންލައްވާ އެކަން އަދި މާބޮޑަށްކުރުވާނެ.