ވޯލްޑް ކަޕް ބަލަން ގަތަރް އަށް ފައިމަގުގައި ދާން އުޅުނު މީހެއް ހައްޔަރުކޮށްފި 

Facebook
Twitter
WhatsApp
8671B61B-0CB9-4EEC-B8CD-2B8819D3291D

ވޯލްޑް ކަޕް ފެށެންވާއިރަށް ގަތަރަށް ދިޔުމަށް ފައިމަގުގައި ދަތުރު ކުރަމުން ދިޔަ ސްޕޭންގެ މެޑްރިޑަށް ނިސްބަތްވާ ސާންޓެއޭގޯ ސާންޗެޒް ހައްޔަރުކޯށްފިއެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އީރާނުންނެވެ. 

ނޮވެމްބަރ 20 ވަނަ ދުވަހު ފެށޭ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށްޓަކައި ސާންޓެއޭގޯ މި ދަތުރު ފަށާފައިވަނީ މީގެ ދެތިން މަސް ކުރިންނެވެ. އޭނާގެ މި ދަތުރާ ބެހޭ ހުރިހާ ކަމެއް އޭނާ ދިޔައީ އިންސްޓާގްރާމްގައި ޕޯސްޓްކުރަމުންނެވެ. ވަކި ހިސާބަކުން އޭނާ ގެއްލުނުކަން މީހުންނަށް ފާހަގަވީ އޭނާގެ ޕޯސްޓްތައް ނުފެންނަން ފެށުމުންނެވެ. އޭނާ އެންމެ ފަހު ޕޯސްޓް ކޮށްފައިވާ ތާރީހަކީ އޮކްޓޯބަރު އެކެކެވެ. އަދި ހަމައެދުވަހު މަންމައަށް އޭނާ ކޮށްފައިވާ ވޮއިސް މެސެޖެއްގައި ޓެހްރާން އަށް ދިޔުމަށްފަހު ބަންދަރް އައްބާސްއަށް ގޮސް ބޯޓަކަށް އަރައިގެން ގަތަރްއަށް ދިޔުމަށް އޭނާ ގަސްތުކުރާ ވާހަކަ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އެ ދުވަހުގެ ފަހުން އޭނާ އެއްވެސް ޚަބަރެއް ނުވާކަމަށާއި ވީނުވީ ނޭންގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދިނެވެ. 

ސްޕޭންގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ އޭނާ މިހާރު ހުރީ އީރާނުގައި ހައްޔަރުކުރެވިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ. ސްޕޭނުން އީރާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އޭނާ އާއި ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާފައިވާނެކަމަށާއި އަދި މިކަމަށް އީރާނުން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށްވެސް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. 

މި ދުވަސްކޮޅަކީ އީރާނުގައި ހަމަނުޖެހުން ބޮޑު ދުވަސްކޮޅެކެވެ. 22 އަހަރުގެ މަހްސާ އަމީނީގެ މަރުގެ މައްސަލާގައި މުޒާހަރާ ކުރަމުންދާ މީހުން އެ ގައުމުގެ ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ. މިގޮތުން އިރާނުން ވަނީ އެ ގައުމުން ބޭރު 9 މީހަކު މުޒާހރާތަކާ ގުޅިގެން ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕޯލެންޑް، އިޓަލީ އަދި ފްރާންސަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް