ގއ ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ކޮވިޑް-19 އަށް ޕޮޒިޓިވް އުމުރުން ދުވަސްވީ މީހާ އެ ރަށަށް އަރުވަން ދެކޮޅު ހެދި މިހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެރަށު ކައުންސިލުން ގޮވާލައިފި އެވެ.
އަތޮޅުކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގދ ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާ ވިލިގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމާއި ދެކޮޅަށް މަދު ބަޔަކު ނިކުމެ ހިންގާފައިވާ އަމަލަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށެވެ.
“ މިއަދު ވިލިގިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބު އަދި ލާއިންސާނީ އަމަލު ކުއްވެރިކޮށް މި ކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އެމީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.“ ރޭ އެ އިދާރާއިން ނެރުުނު ނޫސް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނީ އެރަށުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީން ހުވަދު އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވެން ޖެހޭނެކަމަށާއި އިއްޔެ އެރަށަށް ގެންދިޔަ އުމުރުން ދުވަސްވީ ބަލިމީހާ އަށް އެރަށުން އެ ފެސިލިޓީގައި ފަރުވާ ދެވެންޖެހޭނެކަން ގަބޫލް ކުރާކަމަށެވެ.
ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ގެންދިޔަ މީހާ އަކީ “ ދެރަހަ“ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. އެ ބޯޓްގައި މަސަކަތްކުރާ ބިދޭސީއެއް ވެސް މިހާރުވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.