ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.
އެމްއެންޑީއެފްން ބުނީ އެ ދޯންޏަކީ ހަ މީހުންނާއެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އިންޖީނު ހުއްޓި އޮޔާދާ ދޯންޏެއް ކަމަށާ މި ދޯނި ހުއްޓުނުއިރު ދަތުރުކުރަމުންދިޔައީ ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.
”ހައިރާތު“ ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:01 ހާއިރުކަމަށް އެންއެންޑީއެފްން ބުނެއެވެ.
އެމްއެންޑީއެފްން ބުނީ އެ ދޯނި ހުއްޓުނުއިރު އެ ވަގުތު އެ ހިސާބުން ދަތުރުކުރި ”ދަ ފިއުލް 08“ ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ކަނޑުގަދަކަމުން ނުދުއްވޭކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށްވެސް ލިބިފައިވުމުން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ”ހަކުރާ“ ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިކކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ދޯނީގެ ވެރިފަރާތާ ގުޅިގެން، އެ ދޯނި ކަފުޖެހުމަށް ކާށިދޫން މިއަދު 14:00 ހާއިރު ވަނީ އިތުރު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލާފައިކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ އެލާޓްވެސް ނެރެފައެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ވ އަތޮޅުން ފެށިގެން ގއ އަތޮޅަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އެ އިދާރާއިން ހާމަކުރާގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ފުލުހުން ވެސް ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.