އެމެރިކާގެ އިންޒާރު ސަޢޫދީ އެރޭބިޔާއަށް 

Loading

October 12, 2022
profile
Facebook
Twitter
WhatsApp

މިދިޔަ ހަފްތާގައި އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ނިންމުމާގުޅިގެން އެނިންމުމުގެ ހިތިރަހަ ސަޢޫދީ އެރޭބިޔާއިން އުފުލަން ޖައްސާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސީ. އެން. އެން.އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެއްޖެއެވެ. 

އެ ބަސްދީ ގަތުމުގައި މިއީ ސަޢޫދީ އެރޭބިޔާ އާއިއެކު އޮންނަގުޅުން ދެވަނަ ވިސްނުމަކަށް ދާންވީ ވަގުތު ތޯ ސުވާލު ކުރުމުން ރައީސް ބައިޑަން ވިދާޅުވީ ’ އާއެކޭ ’ އެވެ. އަހަރެން ހިތުގައި އޮތް އެއްޗަކާ ބެހޭގޮތުން ނުވަތަ އަހަރެން އަޅާނެ ފިޔަވަޅަކާބެހޭ ގޮތުން މިހާރު އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެ ނިންމުމުގެ ހިތިރަހަ ސަޢޫދީއަށް ދައްކާނަމެވެ. 

ރައީސް ބައިޑަން އެ އިޝާރާތް ކުރެއްވީ މިޑްޓާރމްގެ އިންތިޚާބަށްފަހު ކޮންގްރެސްގެ ޖަލްސާތައް އަލުން ފެށުމުން ސަޢޫދީގެ ނިންމުމާމެދު އެމެރިކާއިން އަޅާނެ ފިޔަވަޅަކާއިމެދު ގޮތެއް ނިންމާނެ ކަމަށެވެ. ކޮންމެއަކަސް ރައީސް ބައިޑަންގެ މިވާހަކަފުޅުން ދޭހަވާ ގޮތުގައި އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުން މިވަނީ ކުރިއަށް އޮތްތަނުގައި މަރާމާތުކުރަން އުދަނގޫ ވެދާނެ ފެންވަރަކަށް ރެނދުއަޅާފައި ކަމަށް ބެލެވެއެވެ.  

ކެޕިޓަލް ހިލް ގައި ޑިމޮކްރެޓިކް ޕާރޓީގެ އިސް ބޭފުޅުންވެސް ސަޢޫދީ އެރޭބިޔާގެ ނިންމުމާދޭތެރޭ ނުރުހުން ފާޅުކޮށް އެނިންމުމަކީ ޔޫކްރެއިން ހަނގުރާމާގައި ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ތެޔޮ އުފައްދާ ރަޝިޔާއަށް މާލީގޮތުން އެހީތެރިވުމަށް ސަޢޫދީ ވަލީ އަޙުދު އެޅުއްވި ފިޔަވަޅެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ ހަކަތައިގެ މައްސަލާގައި ސަޢޫދީ އެރޭބިޔާއިން ރަޝިޔާގެ ކޮޅަށް ޖެހުމުގެ ސަބަބުން އެމެރިކާއިން ސަޢޫދީ އެރޭބިޔާއާ ދޭތެރޭ ގެންގުޅޭ ގުޅުން ތަކާއިމެދު ވިސްނުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ. 

ޑިމޮކްރެޓިކް ޗެއަރމަން އޮފް ފޮރިން ރިލޭޝަން ކޮމިޓީ  ސެނެޓަރ ބޮބް މެނެންޑެޒް ބައިޑަން އެޑްމިނިސްޓްރޭޝަނަށް ގޮވާލެއްވީ ހަމަވަގުތުން ސަޢޫދީ އެރޭބިޔާއާއިއެކު އޮންނަ ސަލާމަތީ އެއްބަސްވުމާއި ހަތިޔާރު ވިއްކުން އަދި އެމެރިކާގެ މަސްލަޙަތަށްޓަކައި ކޮންމެހެން މުހިންމު ގުޅުންތައް ފްރީޒްކުރުމަށެވެ.                                                            

އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 2 މިލިއަން ފީފާ މަދުކުރާނެ ކަމަށް ނިންމީ ޔޫކްރެއިން ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމަށް ރައީސް ޕޫޓިން ވިދާޅުވިތަނާއެވެ.            

ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ރައީސްޕޫޓިން ވިދާޅުވެފައި ވަނިކޮށް ޑިމޮކްރެޓިކް ޕާރޓީގެ އިންތިޚާބަށް ފައިސާ ހޯދުމުގެބޭނުމުގައި މިދިޔަ ހަފްތާގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސް ބައިޑަން ވިދާޅުވީ 1962 ވަނައަހަރުގެ ކިއުބާ މިސައިލްތަކާއި ގުޅިގެން އުފެދުނު ހަމަނުޖެހުމަށްފަހު މިއީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެކަމަށް ބެލެވޭ ފުރަތަމަ ފަހަރު ކަމުގައެވެ. 

ރަޝިޔާއިން ދީފާނެ ފަނާކުރަނިވި ހަތިޔާރުގެ ޙަމަލާއަކަށް އެމެރިކާއިން ކޮންގޮތަކަށް ރައްދު ދީފާނެތޯ ސީ. އެން. އެން. އިން ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ އެކަމާ ބެހޭގޮތުން އަޅަންޖެހިދާނެ ފިޔަވަޅުތަކާބެހޭގޮތުން ދިފާއީ ވުޒާރާއިން ވާހަކަ ދައްކާފައިވާ ކަމަށެވެ. 

އެކަމަކު އެވާހަކަތަކާ ބެހޭ ގޮތުން އަހަރެން، މިހާރު އެއްވެސް ކަމެއް ހާމަކުރާކަށް ބޭނުމެއް ނޫނެވެ. ރައީސް ޕޫޓިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އެކަމަކު އެގޮތަށް ވާހަކަ ދެއްކުމަކީ އޭނާކޮށްގެންވާނެ ކަމެއް ނޫނެވެ.                                                  

އޯޕެކް (ޕްލަސް) އިން ތެޔޮ އުފެއްދުން މަދުކުރަން ނިންމިފަހުން އެމިރޭޓްސްގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވެސް ވަނީ ސެންޓް ޕީޓާރސްބާރގްގައި ދާދި މިދާކަށް ދުވަހުރައީސް ޕޫޓިންއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

އެމެރިކާއިން މިގޮތައް ބަސްމަގުހުންނައިރު އެގެންބޭނުންވާ އެއް ޙަގީގަތަކީ މިހާތަނަށް އެންމެ ފަނާކުރަނިވި ހަތީޔާރު ބޭނުންކޮށްގެން އެންމެ އަނިޔާވެރިކަން އެހެން ގައުމުތަކަށް ކޮށްފައިވާ ގައުމަކީ އެމެރިކާ ކަމެވެ. ޖަޕާނަށް ނިއުކުލިއަރ ޙަމަލަ ދިނުމާއި ވިއެޓްނާމު ހަނގުރާމަޔާއި ދާދިފަހުން މެދުއިރުމަތީގެ ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް ދީފައިވާ ފަނާކުރަނިވި ޙަމަލާތަށް ހަނދާން ނެތިއެއް ނުދޭމެއެވެ.                                                    

Loading

2 Responses

  1. ކުރީ ޒަމާނުގައި އުޅުއްވި ވެރިންނާއި މިހާރުގެ ވެރިންގެ ވިސްނުން ތަފާތު ވާނެއެވެ. އިންޑިއާއާއި އިންޑޮނޭޝިޔާ އަދި އެފްރިކާގެގައުމުތަކަށް އަރާގަނެ އެ ގައުމުތަކުން މީހުންގެ ކަރުގައި ހިލިހިލާޖަހައިގެން ގެންދިއައިރުވެސް ކުރެވޭނެ ކަމެއް ނެތިފާ ތިބީއެވެ. މިހާރަކު އެހެންނަކުން ނުގެންދެވޭނެއެވެ. އެކަމަކު އެމީހުންގެ ސިކުނޑިން އެވިސްނުން ފޮހެނުލެވިގެން އުޅޭތީ އެހެން ސިފަސިފައިގާވެސް އަޅުވެތިކުރެވޭތޯ ބަލާނެއެވެ. އިންޒާރު ދީގެންނާއި ބިރުދައްކައިގެން ވެސް މެއެވެ.

  2. މުހަންމަދަށް ބިރެއް ނުދެއްކޭނެ. ރަނގަޅަސް ނުރަނގަޅަސް އޭނާ ކަންތައްކުރާނީ އޭނާއަށް ފެންނަ ގޮތަކަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް