ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް، ލ. ގަމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިމަހުގެ 11-12 އަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ހިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވެފައެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ވަނީ ގަމުގައި ކުރިޔަށްގެންގޮސްފައެވެ.

މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިޔަށް ގެންދިޔައެވެ. އަދި ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބޭއްވެވިއެވެ. މިގޮތުން، މި ސެޝަންތަކުގައި މަޝްވަރާކުރެވުނު މައުލޫޢުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު ވަނީ މަޝްވަރާކުރައްވާފައެވެ.

ކައުސިލްތަކަށް މާލީގޮތުންނާއި އަދި، ޤާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވާފައި ވަނީ، 15 ޑިސެންބަރު 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

Loading

One Response

  1. ކޮމަންޑޫ އިންތިޚަބުގައި ވީ ވަޢުދު ފުއްދަވައިފިތަ؟ 2018ގއި އެމްއެމޕީއާރސީގެ ބޮޑު ޚިޔާނާތް ބަލާ އެފައިސާ ރިކަވަކުރަން ވީ ވަޢުދު ފުއްދައިފިތަ؟ 2018 ގައި ވީ ވަޢުދު ތަކުން ކިތައް ވަޢުދު ފުއްދައިތަ؟ އަދިވެސް ހަމަ އަރާހާ ރަށަކަށް ވަޢުދު ބޮޑި. ކިހާ ދެރަކަމެއް! އެހެނަސް އިމްރާން ބުނަނީ މީނަގެ ވެރިކަމުގެ ތަންފީޒްތަށް ރަސޫލާގެ ވެރިކަމެކޭ އެއްވަރޯ؟ ހެޔޮވާނީ ކިހިނެއްތޯއެވެ. ވީމާ މިވެރިން ދައްކާ ވާހަކަވެސް އަޑުނީހިއްޔާ ފާފަވެރި ނުވެ ހުރެވުން ދުރުވާނެކަމަށް ދެކެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް