ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދޭ: ރައީސް

Loading

Facebook
Twitter
WhatsApp

ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މިޖުތަމައަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ ދެ ވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖުތަމައު އިސްލާހުކުރުމުގެ މަތިވެރި މަގުސަދުގައި ކުރާ މަސައްކަތެއް ކަމުގައެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ޖަލު ވާންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކުން، ދެނެގަނެވިފައިވާކަމަށެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް