ސަބަބުތަކަކީ ކަމެއް ހާސިލް ކުރަން މުހިންމު ކަމެއް ނޫންކަން ދުށުމީ ސިކުޑީގެ އުނިކަމެއް: ޚުތުބާ

Loading

Facebook
Twitter
WhatsApp

ސަބަބުތަކުގައި ހިފުމަކީ މާތްﷲ އަށް ކިޔަމަން ތެރިކަން އަދާކޮށް އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލް ކުރުމުގައި މުހިންމު ކަމެއް ނޫންކަމުގައި ދުށުމީ ސިކުޑީގެ އުނިކަމެއްކަމަށް ޚުތުބާގައި ބުނެފި އެވެ.

ހައްގުގޮތުގައި ﷲ އަށް ވަކީލުކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މާތްﷲ ކާއިނާތުގެ ކަންކަން ރާއްވަވައި ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތަށް ކަމަށާ ކޮންމެ ކަމެއް ވުމަށްޓަކައި ވެސް އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތަކެއް ވާކަމަށެވެ.

“ އެ ސަބަބުތަކުގައި ހިފުމަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެއް. އަދި އެސަބަބުތަކަކީ ކަމެއް ހާސިލް ކުރުމުގައި މުހިންމުކަމެއްނޫންކަމުގައި ދުށުމަކީ އުނިކަމެއް. އަދި އިސްލާމްދީނަށް ގޮވާލާ ގޮތެއްވެސް ނޫން.“  ޚުތުބާގައި ބުންޏެވެ.

އަދި ހަމަ އެއާއެކު، ހަމައެކަނި ސަބަބުތަކަށް ބަރޯސާ ވުމަކީ އިސްލާމީ އަގީދާ ފުށުއަރާކަމެއްކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަބަބު ތަކުގައި ހިފުމާއެކު މާތް ﷲ އަށް ބަރޯސާ ވުމަށް ވެސް ޚުތުބާގައި ގޮވާލެއްވި އެވެ.

މިއަދުގެ ޚުތުބާގައިވަނީ ހަމައެކަނި ސަބަބުތަކަށް ބަރޯސާ ނުވެ، ސަބަބުތަކުހިފުމާއެކު މާތްﷲ އަށް އުންމީދު ކޮށް އެކަލާނގެއަށް ފުރިހަމައަށް ރުޖޫއަ ވުމަށް ވެސް ނަސޭހަތް ތެރިވެފަ އެވެ.

”އެހެންކަމުން އަޅާގެ މަށްޗަށް އޮތީ ސަބަބުތަކުގައި ހިފައި ﷲ ތަޢާލާ އަށް ބަރޯސާވުން. އެހެނީ ހަގީގަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ ރަސްކަލާނގެ އަށް ބަރޯސާވުން “ ޚުރުބާގައި ބުންޏެވެ.

“ ރަަމަލުބެލުމާއި، އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލު ތަކުން ދުރުވެ އެއްކިބާވުން. އަދި ﷲ ތަޢާލާ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ގަބޫލްކުރުން.“ ޚުތުބާގައި ބުނެއެވެ.

އަދި އެއްވެސް ހާލަތެއްގައި މާތްﷲ އަށް ޝަރީކު ނުކުރުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ޚުތުބާގައި ވަނީ ސަބަބުތަކުގައި  ހިފުމާއެކު ﷲ އަށް ވަކީލު ކުރުުމުގެ ހެޔޮނަތީޖާ ބަޔާންކުރައްވަމުން މާތް ނަބިއްޔާގެ ހަދީސް އިން އެކަން ސާބިތުކޮށް ބަޔާންކޮށްދީފަ އެވެ.

“ މާތް ނަބިއްޔާ ހަދީސް ކުރެއްވި. މާތްﷲ އަށް ވަކީލުކުރުން ހައްގުގޮތުގައި ތިޔަބައި މީހުން އެކަނލާންގެއަށް ވަކީލު ކޮށްފިނަމަ ދޫނި ސޫފާސޫޕަށް ރިޒުގު ދެއްވާފަދައިން އެެކަނލާނގެ ތިޔަބައިމީހުންނަށް ރިޒްގް ދެއްވާނެތެވެ. އެސޮރުމެން ހެނދުނު އުދުހިގެން ދަނީ ހުސްބަނޑާ. އަދި ހަވީރު އެސޮރުމެން ނިދާތަނަަށް އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.“

މަދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިއަސް އަދި ދުނިޔެމަތީ ކިތަންމެ ހިތްދަތިކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ އެމީހަކަށް އެކަނލާގެ ފުދިގެންވާނެކަން ހަނދާންކޮށްދެމުން ޚުތުބާގައިވަނީ ހައްގު ގޮތުގައި އެކަލާނގެއަށް ވަކީލުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

Loading

One Response

  1. ޚުތުބާތަށް ބަރާބަރު. ދިވެހި މުސްލިމުންގެ އުޅުން ގޮހީ. ގަބޫލުކުރެވޭގޮތްވެސް މާގޯހެއްނޫނެވެ. ޢަމަލުތަށް ގޯހީ. މީހަކަށް ރިޝްވަތުދިނުމާއި ރިޝްވަތު ހިފުންވެސް ގޯސްކަން އެބަދަނެތެވެ. ނަމަވެސް ނަމާދަށް ދާމަގުމަތީގައިވެސް 500 ރުފިޔާއަށް ވޯޓެއްވިއްކާލައިފަނެއެވެ. ދެން ހަމަ ނަމާދުވެސް ކޮށްލާނެއެވެ. ވީމާ ކުޑަކުޑަ ބަދަލެއް އަޚުލާގަށް ގެނެވެނިކޮށް ވަރަށް ރަނގަޅުބަޔަކަށް ދިވެހިން ވާނެއެވެ. އަލްޙަމްދުﷲ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް