ޗެކް ރިޕަބްލިކްގެ ރައްޔަތުން އެތަނުގެ ސަރުކާރާއި އިދިކޮޅަށް މަގުތަކަށް ނިކުމެއްޖެއެވެ. ފާރ ރައިޓް އަދި ފާރ ލެފްޓަށް ނިސްބަތް ކުރެވޭ އެތައް ހާސް ބަޔަކު ޗެކް ރިޕަބްލިކްގެ ސަރުކާރާއި ޔޫރަޕިއަން ޔުނިއަން އަދި ނޭޓޯއާއި ދެކޮޅަށް ޕްރާގުގެ މަގުތަކުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ. އޭގެތެރޭގައި ޕޮޕިއުލިސްޓް ފްރީޑަމް އެންޑް ޑައިރެކްޓް ޑިމޮކްރެޓިކް ޕާރޓީއާއި ކޮމިއުނިސްޓް ޕާރޓީގެ މެމްބަރުންވެސް ހިމެނެއެވެ.
ފުލުހުން އަންދާޒާކުރާ ގޮތުގައި އެ މުޒާހަރާ ތަކުގައި ހަތްދިހަހާސް މީހުނަށްވުރެ ގިނަ ބަޔަކު ބައިވެރިވަމުން އެބަ ގެންދެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންގެންދަނީ ސެންޓްރަލް ޔޫރަޕްގެ މި ގައުމަކީ މިލިޓްރީގޮތުން ވަކި ފަރާތަކަށް ލެނބެންޖެހޭ ގައުމެއް ނޫންކަމަށާއި މި ގައުމުގެ ރައްޔިތުންނަށް ރަޝިޔާގެ ގޭސް މެދުނުކެނޑި ލިބެމުންދާން ޖެހޭނެ ކަމުގައެވެ.
އަހަރެމެންގެ މުޒާހަރާތަކުގެ މަގްސަދަކީ އިލެކްޓްރިސިޓީއާއި ގޭހުގެ މައްސަލަތައް ހައްލުކުރަން ސަރުކާރަށް ގޮވާ ބާރުއެޅުމެވެ. އިލެކްޓްރިސިޓީ އާއި ގޭސް ހެޔޮއަގެއްގައި ރައްޔިތުންނަށް ލިބިލިބި ހުންނަން ޖެހޭނެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޗެކްރިޕަބްލިކް ބައިވެރިވާކަށް ނުޖެހޭނެކަމަށެވެ.
މިގޮތަށް ދާނަމަ އަހަރެމެންގެ އިގްތިސޯދު މިއަންނަ އޯޓަމްގެ މޫސުމުގައި ފުނޑިގެން ދާނެއެވެ. މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅޭ ޖިރީ ހޭވަލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި މިހާރުގެ ބޮޑުވަޒީރަކީ ހުޅަނގަށް ބުރަވެފާ ހުންނަ މީހެއްކަމަށާއި އޭނާގެ ކޯލިޝަން ސަރުކާރު އެތައްގޮތަކުން ނުކުޅެދިފައި ވާކަމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދެއެވެ.
މުޒާހަރާތައް ފެށިފައިމިވަނީ އިތުބާރުނެތްކަމުގެ ވޯޓަކުން ސަރުކާރު ކިރިޔާ ސަލާމަތްވިތާ އެއްދުވަސް ފަހުންނެވެ. ސަރުކާރުން ބުނަނީ ކޮންމެމީހަކަށްވެސް އޭނާގެ ޝުއޫރުތައް ފާޅުކުރުމުގެ މިނިވަންކަން ލިބިފާ އޮތްނަމަވެސް މިހާރު ކުރަމުންއެގެންދާ މުޒާހަރާއަކީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތެއް ނޫނެވެ. ޗެކް ރިޕަބްލިކުން ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދާނެކަމަށެވެ. އަދި ޔޫކްރެއިންގެ ރެފިއުޖީން ނަށްވެސް މަރުޙަބާ ކިޔާނެއެވެ.
ޗެކްރިޕަބްލިކްގެ ސަރުކާރުން ގަސްދުކޮށްފައި އޮތީ ހަކަތައިގެ މައްސަލާގައި އެންމެން އެކައްޗެއްކިޔާ ގޮތަށް އެއްބަސް ވުމެއް އެކުލަވާލުމަށްޓަކައި މިއަންނަ ހަފްތާގައި ޔޫރަޕިއަން ޔުނިއަންގެ ކުއްލި ބައްދަލުވުމެއް އިންތިޒާމް ކުރުމަށެވެ. ޔޫރަޕިއަން ޔުނިއަންގެ މިދައުރުގެ ރިޔާސަތަކީ ޗެކް ރިޕަބްލިކެވެ.
ޗެކްރިޕަބްލިކްގެ މި ޙާލަތުން ހަކަތައިގެ ނުކުޅެދުން ތެރިކަމުގެ ސަބަބުން ޔޫރަޕްގެ ސިޔާސަތަށް ދިމާވެފައިވާ ގޮންޖެހުންތައް ރަނގަޅަށް އޮޅުންފިލައެވެ. ހަކަތަ ފޯރުކޮށްދިނުމަށް ސަރުކާރުތަކުން ނުކުޅެދުމާއި ހަކަތައިގެ އަގު އިންތިހާއަށް އުފުލެމުން ދިއުމުން ޔޫރަޕްގެ ގައުމުގަތަކުގައިވެސް ދާޚިލީ ހަމަނުޖެހުން ފެށުމަށް މަގުފަހިވެދާނެ ކަމަށްޓަކައި ރައްޔިތުން ތިބާ މާކުރިންވެސް ކަންބޮޑުވެފައެވެ.
ޗެކް ރިޕަބްލިކްގައިވެސް އޮންނަނީ ޕާލަމެންޓެރީ ސިސްޓަމެކެވެ. އެސިސްޓަމުގައި ގަނެގެން ނަމަވެސް ނުވަތަ ބިރުދައްކައިގެން ނަމަވެސް ޕާލިމެންޓްގައި މަޖިލިސްގެ އެންމެ ވޯޓްއެއްގެ އިތުރު ތާއިދު ލިބުނަށް ސަަރުކާރު ދެމިއޮންނާނެއެވެ. ގައުމުގެ ރައްޔަތުންގެ 75% ތާއިދުނެތަސް އެންމެރަނަގަޅެވެ.