ގާނާގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި ކުންފުނިތަކުން އިންވެސްޓް ކުރަން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކޮށްދިނުމަށްޓަކައި ދިވެހި ކުންފުނިތަކުން އެ ގައުމުގައި އިންވެސްޓް ކޮށްދިނުމަށް ގާނާ ސަރުކާރުން އެދިއްޖެ އެވެ.

ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވުމަށްފަހު މިއަދު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ކުވާކޫ ވިދާޅުވީ ގާނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއް ކަމަށެވެ.

ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވާ އެ ގައުމުގައި ދިވެހި ކުންފުނިތަކުން އިންވެސްޓް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ގައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ގާނާގެ ހުށަހެޅުން ގަބޫލުކުރައްވާ އެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދާ ސިނާއަތަކަށް ހެދުމަށް ކަމަށެވެ.

ރާއްޖެއާއި ގާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 އޮގަސްޓް 1989 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް