މާމަގެ ލާރިފުޅިން އެއް ރުފިޔާ ނެގުމުން، ބަރަހަނާކޮށް އެލުވީ ގަހެއްގައި

Loading

Facebook
Twitter
WhatsApp

އެއީ، 2003ގެ ކުރީ ކޮޅެވެ. އެއިރު، ހަސަން އުމަރު (އަސްލު ނަމެއް ނޫން)ގެ އުމުރުން އެންމެ ހަތް އަހަރެވެ. އެއިރު ރަށްފުށުގެ ދިރިއުޅުން އޮންނަ ގޮތުން، ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނަކީ ފިރިހެން ކުދިން ފުޓުބޯޅަ ކުޅެން ދަނޑަށް ދާ ދުވަހެވެ. ހުސްފަޔާ، ހަސްފަސްވެފައި އޮންނަ ބޯޅައެއްގައި ހިރަފުހުން ފުރިފައިވާ ދަނޑުގައި ކުޅުމަކީ ހަސަންވެސް ކޮންމެ ހުކުރެއްގައި ކުރާ ކަމެކެވެ.

އެއް ދުވަހެއްގައި ކުޅެ ނިންމާފައި، ހަސަންއާއި އޭނާގެ ރަށްޓެހިން ތިބީ ވަރުބަލި ފިލުވާލުމަށް ރަށުގެ އަތިރިމަތީގައި ހަދާފައި ހުރި ހަޓެއްގައި ހުރި ޖޯލިތަކެއްގައެވެ. އެ ދުވަހު، ދެއްކީ، ކޮންމެ ކުއްޖަކު ޗަންދާއެއް ލައިގެން ލޮލީ ގަންނަ ވާހަކައެވެ. ރަށުން ލޮލީއެއް ލިބެނީ ބައި ރުފިޔާއަށެވެ. އެހެންވެ، ކޮންމެ ކުއްޖަކު ބައި ރުފިޔާ ދީގެން ލޮލީ ގަންނަން ހަމަޖެހުނެވެ. ނުލިބޭ ކުދިންނަށް ލިބުނު ކުދިން ދީގެން ރުފިޔާ އެއްކުރުމުގެ މަސައްކަތް ފެށިއެވެ.

ހަސަންވެސް ދިޔައީ އޭނާ ހޯދަން ޖެހޭ އެއްް ރުފިޔާ ހޯދުމަށް ގެއަށެވެ. ނަމަވެސް އެއިރު، ގޭގައި މީހެއް ނެތުމުން ރުފިޔާއެއް ލިބޭނެ ގޮތެއް ނުވިއެވެ. އެނބުރި ދާން އުޅެފައި ހަސަން ނިންމީ، މާމަގެ ވަކި ރުފިޔާ ދަޅުން ރުފިޔާއެއް ނެގުމަށެވެ. މާމަ ގެންގުޅޭ ވަކި ރުފިޔާ ދަޅު އޮންނަނީ މާމަ ނިދާ އެނދުގެ ބޯލާން ކޮޅުގައެވެ. އެހެންވެ ދެކޮޅު ބަލައިި މީހެއް ފެންނާން ނެތުމުން ވަކި ރުފިޔާ ދަޅުން ރުފިޔާއެއް ނަގައި ޖީބަށް ލިތަނާ، ގެއަށް އައިސް ވަނީ މާމައެވެ. ”މިހިރެ ފެންނަ ހައި*“ ކިޔާ ހަސަނާ ދިމާލަށް މާމަ އައުގުރާނަ ގޮވަން ފެށިއެވެ.

ހަސަނުގެ ބޮލުގައި މާމަ އެޅުވީ ”ވައްކަމުގެ“ ތުހުމަތެވެ. މާމަ އަޑުގަދަ ކުރަން ފެށުމުން މާމަގެ ދަރީންނާއި ގޭގައި އުޅޭ އެހެން މީހުން އިސާހިތަކު އެތަނަށް އެއްވިއެވެ. އެއިރު، މާމަ ހުރީ ހަސަނުގެ އަތުގެ މުލަށްދަނޑީގައި ބާރަށް ހިފަހަށްޓައިގެންނެވެ. އެއިރުވެސް ހަސަނާ ދިމާލަށް މާމަ ދިޔައީ އެއްޗެހި ކިޔަމުންނެވެ.

”ދެން އެތަނަށް އައީ ތުއްތުންބެ. ތުއްތުންބެއަކީ ވަރަށް ރުޅިގަދަ މީހެއް. ހަމަ އެތަނަށް އައި ގޮތަށް އަހަރެން ދަމާފައި ގެންދިޔައީ ގޭގެ ބިއްދޮށު ފަރާތަށް. ދެން ބިއްދޮށު ފަރާތުގައި އިންނާނެ ވަރަށް ބޮޑު ކަނަމަދު ގަހެއް. ދެން އަހަރެން ބަރަހަނާކޮށްފައި ބޯކޮޅު ވަތަށް އެ ގަހުގައި އަހަރެން އެލުވީ. ދެން އަހަރެންގެ ހުރިހާ ރަށްޓެހިންނަށް ގޮވައިި އަހަރެންނަށް މަލާމަތް ކުރަން ގެނައީ. އެހެން އަހަރެން އޮތިން ގަޑިއެއްހާއިރު“ ހަސަން ”ސަންދާނަށް“ ބުންޏެވެ.

ހަސަން ބުނި ގޮތުގައި، އޭނާއަށް މަލާމަތްކުރަން ވަރަށް ގިނަ ކުދިން ދެ ނާށި ހިފައިގެން އައިސް އެކިއެކި އަޑުތައް ލެއްވިއެވެ. ފޯނު އެހާ ގިނައިން ގެންގުޅޭ ޒަމާނަކަށް ނުވާތީ ފޮޓޯއެއް ނުނަގައެވެ. އެއީ ހަސަނުގެ ނަސީބެވެ.

ހަސަނު ބުނި ގޮތުގައި ކުޑައިރު އޭނާއަށް އެކި ކަހަލަގެ އަނިޔާ އާއިލާގެ ފަރާތުން ކުރިމަތިވެފައިވެއެވެ. މިހާރު ހަސަނަކީ 24 އަހަރުގެ ޒުވާނެވެ. ނަމަވެސް އެ ހަނދާންތައް އަދިވެސް ހަސަނުގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ.

Loading

4 Responses

  1. މާމައާއި ތުއްތުންބެ ކުރީ ވަރަށް ގޯސް ކަމެކެވެ. އެއްގޮތަކަށްވެސް ކޮށްގެން ނުވާނެކަމެކެވެ. ނަސޭހަތްދީގެން ހެޔޮގޮތް އޮޅުންފިލުވާ ދިންނަމަ ކިހާ ރަނގަޅުހެއްޔެވެ. ކޮންމެއަކަސް އެ ހާދިސާ ހަސަނުގެ ސިކުނޑީގައި ހަރުލާފައިހުރުމުން ހަސަނުގެ ފަރާތުން ދެވަނަފަހަރަށް އެކަހަލަ ކަމެއް މެދުވެރިއެއްނުވާނެއެވެ. އަދި ހަސަނުގެ ދަރިންނަށްވެސް ވައްކަމާދުރުވެތިބުމަށް ބާރު އަޅާނެކަމަށް އުންމީދު ކުރަމެވެ. އިސްލާހުގެ މަގު އެތައްގޮތަކަށް ހުޅުވިގެން ހިގައިދާނެއެވެ.

  2. އެއް ރުފިޔާ އެކޭ އެއް މިލިޔަނެކޭ ވައްކަމުގެ ގޮތުގައި ބަލާއިރު ވަރަށް ގޯސްކަމެކެވެ. ކުޑައިރުއްސުރެ ވައްކަން ހުށްޓުވަން ޖެހެއެވެ. އެނޫނީ ބޮޑުވެ ޗާންސެއް ލިބިއްޖެއްޔާ ރާއްޖާގައި މިއުޅޭ ގިނަ މީހުންހެން މެގާ ވައްކަން ކުރާނެއެވެ. ވަައްކަން ކުރެވޭނެ އެހެން ގޮތެއް ނެތިއްޔާ މާމަގެ ފައްޓަރުބައިވެސް ވަގަށް ވިއްކާލާނެއެވެ. ތިދިން އަދަބަށް ތަރުޙީބު ދިނީޔަކީނޫނެވެ. ބުނެދީގެން ނުހުއްޓުވައިފިނަމަ އަދަބެއްވެސް ދޭންޖެހެނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް