އަންނަ ފިނިމޫސުމުގައި ހޫނުކުރުމުގެ ވަސީލަތެއް ހޯދުމަށް ޔުރަޕްގެ ގައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު ރަޝިޔާގެ ގޭސް ސްޓޯރޭޖް މިހާރުވެސް ހުރީ 91.4 އިން ސައްތަ ފުރިފައިކަމަށް ރަޝިޔާގެ ބިޔަ ގޭސް ކުންފުނި ގަޒްޕްރޯމުން ބުނެފިއެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ގޭސް ލިބުމުގައި ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.
އެނަރޖީ މޮނިޓަރުން ހާމަކުރާގޮތުގައި ޔޫރަޕްގައި ގޭހުގެ ސްޓޯރޭޖްތައްވެސްހުރީ 70 އިން ސައްތަ ފުރިފައެވެ. އެހެންނަމަވެސް އާދައިގެ ދިރިއުޅުމުގެގޭބިސީތަކުގައި ބޭނުންކުރާ ގޭހުގެ އަގު 480 ޔޫރޯއަށް އަރައިގެން ދިއުމުން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދުކަމުގައިވާ ޖަރުމަނުގެ ރައްޔިތުންވެސް މިހާރު ބަލަމުން ގެންދަނީ މިކަމަށް އެހެން ހައްލެއްފެނޭތޯއެވެ. ޖަރުމަނުގެ ގިނަ ހިސާބުގައި ޢާންމުރައްޔިތުންގެ ގޭބިސީތަކުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ފިނިމޫސުމް އަންނަންވާއިރަށް ފުދޭވަރަށް ދަރު އެއްކުރެވޭތޯއެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން ވަނީ އެގައުމުން ހުޅަނގުގެ ގައުމުތަކަށް ފޯރުކޮށެދެމުން ގެންދިޔަ ގުދުރަތީ ގޭސް ފޯރުކޮށްދިނުން ހުއްޓާލާނެކަމަށް އިންޒާރު ދީފައެވެ. ހުޅަނގުގެ ގައުމުތަކުން އިންތިހާއަށް ޖެހިލުންވަނީ ރަޝިޔާއިން ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ މިއަންނަ ފިނިމޫސުމަށް މިހާރު އަތުގައި ހުރި ގޭހުން ފުއްދާލެވިދާނެ ގޮތަކާމެދުގައެވެ. އެގޮތަށް ނުފުއްދިއްޖެ ޙާލަތުގައި ދަރު އެއީ ވަގުތީ ބަދަލެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.
ރަޝިޔާއިން މިހާރު އިންޒާރުދެމުންގެންދަނީ ޔޫރަޕްގެ ގައުމުތަކަށް ގޭސް ފޯރުކޮށްދޭ އެންމެބޮޑު ޕައިޕްލައިން މަރާމާތު ކުރުމަށްޓަކައި 3 ދުވަހަށް ބަންދުކޮށްލަން އެބަޖެހޭކަމުގައެވެ. އޭގެ ކުރިން އެހެން ޕައިޕްލައިން ތަކުން ގޭސް ފޯރުކޮށްދިނުން މިހާރު އޮތީ 20 އިން ސައްތައާއި ހަމަޔަށް ދަށްކޮށްފައެވެ. ރަޝިޔާއިން މިގޮތަށް ހެދުމުން ޔޫރަޕްގެ ގިނަގައުމުތަކަކުން މިހާރު ގެންދަނީ ވަކި ވަގުތަކަށް ކަރަންޓް ކާނޑާލުމާއި ކަރަންޓް އުފެއްދުމަށްޓަކައި ތެލުގެ ބަދަލުގައި ބޯޓުދެލި ކަހަލަ އެއްޗެހިބޭނުންކުރުމާއި އިމަރޖެންސީގައި ކަންތައްކުރަންވީގޮތް ރައްޔިތުންނަށް ކިޔާދެމުންނެވެ.
ތިމާވެއްޓާ ބެހޭ ގާނޫނުތައް މިވަގުތައް އެއްފަރާތް ކޮށްލާފައި ފަރަންސޭސި ވިލާތުންވެސް އެގައުމުގެ ހުރިހާ ނިއުކްލިއަރ ސްޓޭޝަންތައް މިހާރު ހިންގަން ފަށައިފިއެވެ. މިޙާލަތުގައި ނެދަރނޭންޑްސް ފަދަ ބައެއް ގައުމުތަކަށް ރަޝިޔާގެ ގޭސް ނުލިބިއްޖެނަމަ ދެންހެދޭނެގޮތެއް ފެންނާން ނެތުމުގެ ސަބަބުން ރަޝިޔާއާއި ދޭތެރޭ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ވަގުތީ އިސްތިސްނާއެއް ހޯދުމަށްޓަކައި ޔޫރަޕިއަންޔޫނިއަންއަށް ހަށައަޅަައި އެކަން އެގޮތަށް ހަމަޖައްސަ ދިނުމަށް އެދި އާދޭސް ކުރަނީއެވެ.
ޖަރުމަނުގައި ގޭބިސީތައް ހޫނުކުރުމަށްޓަކައި 50 އިން ސައްތައަށްވުރެން ގިނައިން ބޭނުންކުރަނީ ގޭހެވެ. 25 އިންސައްތަ ހީޓިންގ އޮއިލް ބޭނުންކުރާއިރު ދަރު ބޭނުންކުރަނީ ހަމައެކަނި 6 އިން ސައްތަ އެވެ. އެހެންނަމަވެސް ގޭހުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިއުމާއިއެކު މިއަހަރު މި އަދަދުތަކަށް ބަދަލު އަންނާނެއެވެ. ހަމަ އެއާއެކު ދަރުގެ އަގާއި އަންދާ އުނދުނުގެ އަގުވެސް މި އަންނަނީ އުފުލެމުންނާއި ބާޒާރުން ހުސްވަމުންނެވެ. އުނދުނާއި ދަރު ފޯރުކޮށްދޭ ކުންފުނިތަކަށްވެސް އެތަކެތި ބޭނުންވާވަރަށް ނުލިބުމުން މިވަނީ ކަންބޮޑުވުން ތަކާއި ކުރިމަތިލާންޖެހިފައެވެ.
ޖަރުމަނަށް ބޭނުންވާ ދަރުގެ ބޮޑުބައެއް އަބަދުވެސް ޖަރުމަނުން ލިބެން ހުރެއެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ ޕޮލޭންޑުން ދަރުގަންނަންވެސް ޖެހިފައެވެ. އަދި ދެ ގައުމުގައިވެސް އާންމު ރައްޔިތުންނަށް ދަރުލިބުން އުނދަގޫވެ ކަންބޮޑުވުން މެދުވެރިވެދާނެ ކަމަށްޓަކައި މިހާރުއްސުރެން ކޮންޓްރޯލްކޮށްގެން ދަރުވިއްކާގޮތަށް މިހާރު އޮތީ ހަމަޖައްސާފައެވެ.
ދަރަކީ އޭޝިޔާގެ ގައުމުތަކުގައި ހުންނަހެން ޔޫރަޕްގައި ވަގުތުން ލިބެން ހުންނަ އެއްޗެއްވެސް ނޫނެވެ. ދަރު ހިއްކުމަޓަކައިވެސް 6 މަސްދުވަހުގެ މުއްދަތެއް އެގައުމުތަކުގައި ނަގައެވެ. އަދި ގަސް ކެނޑުމުންނާއި ދަރު އެންދުމުން އަރާދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ތަކާމެދުވެސް ފަރުވާކުޑަކުރެވޭކަށް ނޯވެއެވެ. އެހެންވީމާ ދަރު އަންދައިގެން ހޫނުކުރުމަކީ ދާއިމީގޮތެއްގައި އެ ގައުމުތަކުގައި ކުރެވޭނެކަމެއްވެސް ނޫންމެއެވެ.
2 Responses
މިއިން އެނގޭ އެއްޗަކީކިތަންމެ ފުދުްންތެރި ގައުމެއްނަމަވެސް އެހެން ގައުމުތަކާ ގުޅިގެންނޫނީ ނުފުދޭކަމެވެ. ޖަރުމަނަކީ ޔޫރަޕްގެ އެންމެ މުއްސަނދި އަދި ފުދުންތެރި ގައުމެވެ.
އެންމެފަހުން ދަރުން ކައްކާ ކައިގެން އުޅެންވެސް ޖެހުނީތާއެވެ. ދުނިޔެއަކީ އަބަދު އެއްގޮތަކަށް އަރާމުގައި އުޅެވޭނެ ތަނެއްނޫންކަން ޔަގީނެވެ.