ތުންބުރިކާޅަށް ލިބިދޭ އިއްޒަތާއި ގަދަރު 

Facebook
Twitter
WhatsApp
406030C0-46BD-4B1B-9484-3B729EAB6873

ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެން ވެރިކަން ކުރެވެމުން އަންނަނީ އަޖައިބެއް ކަހަލަ ގޮތަކަށެވެ.  ކުރީގެ މާޒީގައި ދަތުރުވަރިއެއްގައި އަންނަމީހުންވެސް ރާއްޖޭގެ ވެރިކަމުގެ އެންމެ އުސް މަގާމުތައް ފުރުއްވާފައި ހުރިކަމަށް ވެއެވެ. އަދި ބައެއް ދަތުރުވެރިންނަކީ ވަލީވެރިން ކަމުގައި ގަބޫލުކޮށް ރައްޔިތުންގެ މެދުގައި ޚާއްސަ މަގާމެއް ލިބިފައިވާ މީހުންވެސް ތިބިކަމަށްވެއެވެ. އޭރުގެ ހާލަތަށް ބަލާއިރު މިއީ އަޖައިބު ކުރުވަނިވި ހާލަތެކޭވެސް ނުބުނެވޭނެއެވެ. 

އޭރުގެ ދިވެހިންނަކީ ގައުމުގެ އަސްދަނޑިން ބޭރު ދެކިފައިވާ ބައެއް ނޫނެވެ. މިއަށްވުރެން ތަފްސީލުކޮށް ބުނާނަމަ ދިރިއުޅޭ ރަށުގެ ކަނޑުއޮޅިން ބޭރަށް ގޮސްއުޅޭނެ ވަސީލަތެއްވެސް ލިބިފައެއް ނުވެއެވެ. މިފަދަ ޒަމާނެއްގައި ރައްޔިތުންނަށް ވިސްނާދީފައި އޮންނަނީ ރައްޔިތުންނަކީ ވެރިންގެ ޚާދިމުންކަމަށާއި ވެރިންނަށް ކިޔަމަންވާން ޖެހޭނެ ކަމުގައެވެ. ވެރިޔަކަށް ހުންނަ މީހާ ނުރުހިއްޖެނަމަ ބޮޑު ކުށްވެރިއަކަށްވެ އަނބިދަރިންނާ ދުރު އެހެން ރަށަކަށް އަރުވާލެވޭނެއެވެ. މިއީ އެޒަމާނުގައި ވަރަށް ބޮޑު އަދަބަކެވެ. ކުށްވެރިއެއްގެ ސިއްކަ ޖެހުމުން މުޖުތަމައުގައި އެމީހާ ބަލާގަތުމަށްއުޒުރުވެރިވާތީއެވެ.             

އެއްވެސް  ހާލަތެއް ދާއިމަށް އެއްގޮތެއްގައި ނޯންނާނެއޭ ބުނާ އުސޫލުން ދިވެހިންގެ ހާލަތު ވެސް ދިޔައީ މަޑުމަޑުން ބަދަލު ވަމުންނެވެ. ނަމަވެސް ވެރިކަމުގެ ފަރާތަށް އޮންނަ ބިރު ފިލައިގެން ދާގޮތެއް ނުވެއެވެ. އެކަން އަށަގެންފައި އޮތީ އުފެދުމުގެ ބައެކޭ ވެސް ބުނެވިދާނެ ވަރަކަށެވެ.ރައްޔިތުންގެ މެދުގައި އެ ބިރުވެރިކަން ދެމެހެއްޓުމަށް ޓަކައި ވެރިކަމުގެ ފަރާތުން އެކި ދުވަސްވަރު އެކި ބަސްތައް ހުރީ ބޭނުން ކޮށްފައެވެ. 

އެންމެ އާންމުކޮށް ބޭނުން ކުރަމުން ގެންގޮސްފައިވަނީ ރައްޔިތުންގެ “ކިޔަމަންތެރިކަން ” މިބަހެވެ. ވިސްނާދޭން ބޭނުން ވަނީ ކިޔަމަންތެރިކަން އަދާ ނުކޮށްފިނަމަ ދާންޖެހޭނެ ތަނަކީ ހުރަގެ ކަމުގައެވެ. އިންސާނަކަށް ވީތީ ލިބިދީފައި އޮތް ހަމައެކަނީ ހައްގަކީ ވެރިކަމުގެ ފަރާތުން އަންގާ ކޮންމެ އެންގުމަކަށް ކިޔަމަންވުން ކަހަލައެވެ. 

ރުހުނަސް ނުރުހުނަށް އެހެންގޮތެއް ނޯވެއެވެ. ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހުނު ޚިދުމަތެއްވެސް ނޯންނަކަހަލައެވެ!ކެއިންބުއިމާ އުނުއަނދެވޭގޮތެއް ހޯދުމަކީ ތިމަތިމާމެންގެ މަސްއޫލިއްޔަތެކެވެ.  ބޭސްފަރުވާއަކީ އިރެއްގައި ދިވެހިން އަޑުއަހާއުޅުނު ވާހަކައެއްނޫނެވެ. ބަލިވުމުން ދިއުން އާދަވެފައި އޮތީ ކޮންމެވެސް ފަނޑިތަ ވެރިއެއްގެ ގާތަށެވެ.              

ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއެކު ދިވެހިރާއްޖެ އަށްވެސް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ހެޔޮ ބަދަލު ތަކެއްވެސް އައިކަމަށް ގަބޫލުކުރަންޖެހެއެވެ. ރައްޔިތުންނަށް ޓަކައި ވެރިކަމުގެ ފަރާތުންވެސް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރިކަމަށް ދެކެން ފެށި ދުވަސްތަކެއް އަތުވެއްޖެއެވެ. އެކަމަކުވެސް ވެރިކަމުގެ ފަރާތަށް އޮންނަ ބިރުވެރިކަން ހަމައެގޮތުގައި ދެމިއޮތެވެ. އަދި ރައްޔިތުންނަކީ ވެރިންގެ ޚާދިމުން ކަމުގައިވެސް ދެމިތިބެން ޖެހުމަކަށްވެސް ބަދަލެއް ނާދެއެވެ.               

1940 ގެ އަހަރުތަކުގައި ފެށިގެންދިޔަ ދެވަނަ ބޮޑު ހަނގުރާއިގެ ދުވަސްވަރު ރާއްޖެތެރޭގެ ގިނަ ރަށްތަކުގައި ބަޑުހައި ހޫނުކަން އާންމުވެ މަގޫފަތް ނޫން އެހެން އެއްޗެއް ކާންނުލިބި އެތައް ދުވަހެއް ހޭދަވެގެން ދިޔައެވެ. އަމިއްލަ ރުކުން ކާއްޓެއް  އެޅުންވެސް އޮންނަނީ މަނާކޮށްފައެވެ. ބިންމައްޗަށް ވެއްޓިފައި އޮންނަ ކާއްޓެއްވެސް ގެންދަން ޖެހެނީ ރަށު އޮފީހަށެވެ. ގެންދާ ކޮންމެ ހަތަރު ކާށިން އެއްކާށި ލިބޭނެއެވެ.                                            

ދުވަސްތައް ފާއިތުވަމުންގޮސް ވެރިމީހާ މިސްރުގައި ހުންނަވައިގެން އަމްރު މައުރޫފް ހިންގަވަން ފެށި ޒަމާނަކާ ވެސް ކުރިމަތިލާން ޖެހުނެވެ. ކޮންމެ އަހަރަކު ޙައްޖަށްދާ ނަވެއްގައި ފޮނުއްވާ ފަތްކޮޅަކީ ކުރިއަށް އޮތް އަހަރުގެ ރިޔާސީ ބަޔާނެވެ. ބައިތުލްމާލުގެ ބޮޑު ބައެއް އެބޭފުޅާ މިސްރުގައި ހުރުމަށްޓަކައި ހޭދަކުރަން ޖެހުނުކަން ތާރީޚުން އެނގެއެވެ.  އަމިއްލަ ރުށްގަހަށްވެސް ތިމާގެ ބާރު ނުހިނގާ ފަދައިން ބައިތުލް މާލުގައި ރައްޔިތުންގެ ޙިއްސާއެއް އޮތްކަމަކަށް ނުވެއެވެ.

މިއަލިއަޅުވުނީ އެވޭލާ ދިވެހި ވެރިންގެ ކުރިމަތީގައި ރައްޔިތުމީހާގެ މަގާމާއި ރައްޔިތުންގެ ޙާލު އެދުވަސްވަރު ހުރި ގޮތުގެ ކުރު ޚުލާސާއެކެވެ. އޭރުވެސް އަދި މިހާރުވެސް ކަންތައް ހިނގަނީ ވެރިމަކުގެ ފަރާތުން ބޭނުންވާ ގޮތަކަށެވެ. ރައްޔިތުންނަކީ ހަމައެކަނި ވޯޓުދޭން ތިބޭ ބައެއް ކަހަލައެވެ. ދުވަސްތައް ފާއިތުވަމުންގޮސް ވެރިންނަށް ތިބޭ ބަޔަކީ ރައްޔިތުންގެ ޚާދިމުން ކަމުގައި ދުލުކޮޅުން ނަމަވެސް ގޮވަން ޖެހޭ ހާލަތަކަށް ޒަމާނާއެކު ދިވެހިންގެ ކަންތައްތައްވެސް ބަދަލުވާން ފެށިތަން ފެނުނެވެ.

ގާނޫނީ ވެރިކަމެއް ގެންނާން މަޖުބޫރު ކުރުވައިފިއެވެ. ގާނޫނު ހަދާ މަޖިލީހަށް ރައްޔިތުންގެ މަޖިލީހެކޭ ކިޔަން ފަށައިފިއެވެ. އެތަނުގައި ކޮންމެ އަތޮޅަކުން ދެމީހަކު ތިބޭ އިރު ވެރިކަމުގައި ހުންނަމީހާ އަށެއްކަ މެމްބަރުން ތިބެން ޖެހެއެވެ. އެވަރުންވެސް އަތޮޅުތަކުން ހޮވަންޖެހެނީ ވެރިމީހާގެ ތާއީދު އޮންނަމީހުންނެވެ. އެކަމަކު އެއީ ރައްޔިތުންގެ މަޖިލީހެކެވެ. އެތަނުން ނެރޭ އަމުރު ތަކަކީ ރައްޔިތުންގެ ނަމުގައިނެރޭ އަމުރު ތަކަކަށްވާތީ މުޅި ރައްޔިތުންގެ މައްޗަށް އެ އަމުރުތައް ހިނގުން ލާޒިމްކުރެއެވެ.  އަދި އެގާނޫނުގައި އޮނަނަ ވަރަށް ޚާއްސަ މާއްދާއެއްގެ ދަށުން މުޅި ރައްޔިތުން އަބަދުވެސް ތިބެންޖެހެނީ ކުއްވެރިވެދާނެ ކަމުގެ ބިރެއްގައި ސިހިސިހިއެވެ. ވެރިމީހާގެ ހެޔޮފުޅުކަމުން ކުށަށް އަދަބު ނުދީ ބަހައްޓަނީއެވެ. ބުނެ އުޅެނީ ކޮންމެ ދިވެއްސަކީ ކުށްވެރިއެއް ނޫންކަން އެމީހާ ސާބިތު ކޮށްދިނުމާއި ހަމަޔަށް ގާނޫނުގެ ކުރިމަތީގައި ކުށްވެރިއެކެވެ. މިހެންނެވެ. ރާއްޖޭގައި އެޒަމާން ދެކެފައިވާ ރައްޔަތުން މަދެއް ނުވާނެއެވެ.                                                             

އެފްރިކާގެ ގައުމުތަކުން އިންސާނުން ވަގަށް ނަގައިގެން އަޅުންގެ ގޮތުގައި ގަނެ ވިއްކާ ހަދަމުންދިޔަ ބަޔަކު ތަހްޒީބާއި އިންސާނީ ހަމަހަމަކަމަށް ވަކާލާތުކުރަން ތަޢާރުފް ކުރި ވެރިކަމުގެ މޮޅުނިޒާމު އެންމެ ފަހުން ޖޫންޖުލައިގެ ވިއްސާރައާއި ހުޅަނގުން ޖެހެމުންދިޔަ ބާރު ވަޔާއިއެކު ދިވެހިންނާވެސް ކުރިމަތި ލައިފިއެވެ. ފޮނި އުންމީދުތަކެއް ގެނެސް ދެމުންނެވެ. ވެރިކަމަކީ ރައްޔިތުންނަށް ޓަކައި ރައްޔިތުން އުފައްދާ އެއްޗަކަށް ކިޔާ ނަމެއްކަން ކަށަވަރުކޮށް ދެމުންނެވެ. މި އަންނަން އުޅޭ ހެޔޮ ބަދަލަށްޓަކައި ދިވެހިން ތިބީ މަރުޙަބާ ކިޔާ ވަރަށް އުފަލުންނެވެ.                                     

ކޮންމެ އަކަސް ރައްޔިތުން ރައްޔިތުން ނަށްޓަކައި އުފައްދާ ވެރިކަން ކުރަންޖެހޭގޮތުގެ ގާނޫނު އަސާސީއެއް އެ ހަރަކާތުގައި އިސްކޮށް އުޅުއްވިބޭފުޅުންގެ ގޭދޮށު ކުދިންކޮޅެއް ލައްވާ އެކުލަވާލައިފިއެވެ. އެއަށްފަހު އެ ގާނޫނު އަސާސީގައި މަޖިލީހުގެ ސިއްކަ ޖަހަންޖެހޭތީ މަޖިލީހަށް ހުށަހެޅިއެވެ. ދެން ކަންތައް ވެގެން ދިޔަގޮތަކީ މަޖިލީހުގެ ރިއާސަތުގައި އިންނެވި ބޭފުޅާގެ އުނދަގުލާހެދި އެކަން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. 

ނަތީޖާއެއްގެ ގޮތުން އެބޭފުޅާ ގޮނޑިން ބޭލުމަށްފަހު ހަމައެކަނި ” މަޖިލީސް ފެށުނީ، ތިޔަ މާއްދާ ފާސްވެއްޖެ، މަޖިލީސް ނިމުނީ” ފަދަ ގޮތަކަށް މަޖިލީސްކުރިއަށް ގެންގޮސް  ގާނޫނު އަސާސީ ފާސްކޮށް ނިންމާލައިފިއެވެ.ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނަމަވެސް ވަރަށް އަވަސް ސްޕީޑެއްގައި ގެންގޮސް ގާނޫނުގައި ކުރިން އޮންނަ އެންމެން ކުށްވެރިވާންޖެހޭ ޚާއްސަމާއްދާމިފަހަރު އުވާލެވިއްޖެއެވެ. ޝުކުރުވުން ޙައްގުވާން ޖެހޭ ކަމެކެވެ.                                                                    

އަލަށް ތަޢާރުފް ކުރެވުނު ޑިމޮކްރެސީ އޭ ކިޔުނު މޮޅު ވެރިކަމުގެ ނިޒާމުގައި ސިޔާސީ ޕާރޓީތައް އުފެދި މިނިވަންކަމާއެކު ވޯޓުލުމުގެ އިޚްތިޔާރުވެސްރައްޔިތުންނަށް ލިބިދީފިއެވެ. އަދި ވެރިކަން ތަޢާރުފް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެންފިވެސް މެއެވެ.

ރައްޔިތުންގެ މޫނުމަތިން ހިނިތުން ފާޅުވިކަން ޔަގީންނެވެ. ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ޓަކައި ވެރިކަމެއް އުފައްދަން ރައްޔިތުންނަށް ލިބުނު ފުރުސަތުގެ ހެޔޮ ނަތީޖާ ފެނުނީކަމަށް ގަބޫލު ކުރެވިގެނެވެ.

ރައްޔިތުން ހުވަފެނުންވެސް ނުދެކޭ ފަދަ ރަނގަޅު ބަދަލުތަކެއް އައުމުގެ ކޮޅުމަތި ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެން ހިނގައްޖެއެވެ. ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންވެސް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ހަމަޖެހިއްޖެއެވެ. އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ކޮންމެ މަހަކު ލިބޭގޮތަށް ދައުލަތުން ހަމަޖައްސާ ދީފިއެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި ޝުކުރުވެރިވުން ދައުލަތުގެ އިސްވެރިންނަށް އޮހެމުންދާތަން ފެނުނެވެ.                                                  

އަލަށް ތަޢާރުފް ކުރެވުނު ވެރިކަމަށް ދެ އަހަރުވެސް ނުވަނީސް މި ހެޔޮ ނިޒާމަށް ވަކާލާތުކުރި މީހުންގެ އަސްލު ބޭނުމަކީ ކޮބައިކަން ރައްޔިތުންސުވާލު އުފަށްދަން ފަށައިފިއެވެ. ކުރިން އަޑުވެސް ނާހާ އެކިއެކި ނަންނަމުގައި ސިޔާސީ މަގާމުތައް އުފައްދައި ދައުލަތަށް ލިބޭ އާމްދަނީ ބޮޑު ހިއްސާއެއް އެމީހުންގެ މުސާރައަށް ހޭދަކުރަން ޖެހިއްޖެއެވެ. 

ނުރަނގަޅު ގޮތުގައި ހިނގާކަންތައްތައް އިސްލާހުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މަޖިލީހުގެ މެމްބަރުންގެ އަދަދު ގިނަވެ ދައުލަތުގެ މާލިއްޔަތަށް ނުކަތާވަރުގެ ބޮޑު މުސާރައަކާއި އިނާޔަތްތަކެއް ލިބޭގޮތަށް އަމިއްލައަށް އެމީހުން އެމީހުނަށް މަންފާލިބޭގޮތަށް ގާނޫނެއް ހަދައިފިއެވެ. 

އާންމު ރައްޔިތުމީހާއަށް  ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހިލޭ ބޭސްފަރުވާކުރެވެން އޮތަސް މަޖިލީހުގެ މެމްބަރުންނާއި އަނބިދަރިންވެސް ހިމެނޭގޮތުގައި ދައުލަތުގެ ޚަރަދުގައި ތަރައްގީވެފައިވާ ބައެއް ގައުމު ތަކުންވެސް ބޭސްފަރުވާ ކުރެވޭނެގޮތަށް ގާނުނު ހަދައިފިއެވެ. އަދި މަޖިލީހުގައި ހޭދަކުރި ދައުރުގެ ނިސްބަތުން މުޅިއުމުރަށް މުސާރައިގެ ބައެއް ލިބިލިބި ހުންނަގޮތަށް ގާނޫނު ހަދައިފިއެވެ. 

ކަންތައްތައް ރަނގަޅު ކުރަންތިބި މީހުން އަނގަ ބަންދުކޮށް ވަރުގަދައަށްއަލުން ޓޭޕް އަޅައިފިއޭ ބުނެވިދާނެއެވެ. ދެން ފެނިގެންދިޔައީ އަނެއްކާވެސް ވެރިންނަށް ތިބި މީހުން ބޭނުން ގޮތަކަށް ގާނޫނު މާނަކޮށްގެން ވެރިކަން ހިންގަން ފެށިތަނެވެ. ދައުލަތުގެ މިލްކިއްޔާތުން ވައްކަން ކުރުމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވަމުން ދާންފެށީއެވެ. 

ހެޔޮމަގަށް މަގުދައްކަން ތިބިމީހުން ތިބީ ފުދިފައެވެ. ފުދިފާތިބި ބޮޑުންގެ ތެރެއިން ގިނަމީހުންނަކީ ދައުލަތުން އިރެއްގައި ލިބުނު މަންފާތަކުން މުއްސަދިވެ އެ މުއްސަދިކަން އަންނަ އެމީހުންގެ ދަރިންގެ ދަރީންނަށް ލިބޭނެގޮތް ހަމަޖައްސައިގެން ތިބި މީހުނެވެ. އެ މަހުޖަނުންނަށް ކޮންމެ ސަރުކާރެއް އޮވެ ކޮންމެ ނިކަމެތިގޮތެއް ރައްޔަތުމީހާއަށް ވަމުންދިއުމަކީ މާބޮޑަށް ވިސްނަންވެސް ޖެހޭނޭކަމެއް ނޫނެވެ. 

ގެނެވުނު ޑިމޮކްރެސީއިން ސިޔާސީ ޕާރޓީގެ ތެރެއިން ނޫނީ ރައްޔިތަކަށް އެއްވެސް ޚިދުމަތެއް ދައުލަތް ހިންގުމަށް ޙަވާލުކުރެވޭ ސަރުކާރަކުން ލިބިދާނެ މަގުތައް ބަންދު ވަމުންދާތަން ފެންނަން ފަށައިފިއެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު ސިޔާސީ ޕާރޓީ ތަކުގައި ބައިވެރިވާން ބޭނުން ނުވިޔަސްސިޔާސީ ޕާރޓީތަކުގެ ނުފޫޒުން ސަލާމަތް ވެވޭނެ ގޮތެއް ރައްޔިތުންނަށްފެންނާކަށްނެތެވެ. 

މުޅިގައުމުމިއޮތީ ސިޔާސީ ޕާރޓީ ތަކުން ހިސޯރުކޮށްފައޭ ބުނެވިދާނެއެވެ. އެންމެފަހުން މިހާރު ރައްޔިތުންނާއި ކުރިމަތިލާން ޖެހިފައިމިއޮތީ ވެރިކަމުގެ ނިޒާމުގެ މައްސަލައާއެވެ. ރައްޔިތުން ހޮވާ ވެރިއެއްގެ ބަދަލުގައި މަޖިލީހުން ހޮވާމީހަކު ވެރިކަން ކުރާގޮތަށް ގާނޫނު ބަދަލުކުރުމަށް ވަކާލާތު ކުރުމުގެ އަޑު ގަދަވެއްޖެއެވެ. ނަމުގައި ރައްޔިތުންގެ ވެރިކަމެއް، އެކަމަކު ގައުމުގެ ވަލިއްޔުލް އަމްރު ޚިޔާރުކުރުމުގެ ފުރުސަތުންވެސް ރައްޔިތުން ބަރީއަ ކުރެވެނީއެވެ. މަޖިލީހުގައި ތިބި ބާރުގަދަ ސާޅިހަކަށް މީހުން ބޭނުން ގޮތަކަށް ބޭނުން މީހަކު ވެރިޔަކަށް ހެދުމުގެ ފުރުސަތު ހުޅުވެނީއެވެ. މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބު ކޮށްފައިތިބި ބައެކޭބުނެ އަޑު އުފުލާއިރު އެއިން މެމްބަރަކު އިންތިޚާބު ވެފައި އޮތީ ވޯޓުލީ ރައްޔިތުންގެ ކިތަކެއް އިންސައްތަ ރުހުން ލިބިގެންތޯ ވިސްނާކަށް ބޭނުމެއް ނުވެއެވެ.                                    

މިހާރު ހިނގަމުންމިދާ ސިޔާސީ ދަޅަދެއްކުން ތަކާއިމެދު ރައްޔިތުން ވިސްނަން އެބަޖެހެއެވެ. މާޒީ ކުރިއަށްވުރެވެސް ނުބައިކޮށް އެނބުރި އަތުވެދާނެ ކަމުގެ ބިރަށްޓަކައެވެ. ގައުމުގެ ދަރަނި ބޮޑުވެ އަޅުވެތިކަން އެނބުރި އަތުވެދާނެ ކަމަށް ޓަކައެވެ.  އާސަންދައިން ރައްޔިތުންނަށް ރާއްޖޭގައި ހިލޭ ބޭސްފަރުވާ ލިބިދޭއިރު ބޮޑުންނަށާއި އެމީހުންގެ އާއިލާއަށް ލިބޭ އާސަންދައިގެ ތެރޭގައި ރާއްޖެއިން ބޭރުގެ ގައުމުތައްވެސް ހިމެނެއެވެ. 

ދުވަސްވީމީހުން ނަށާއި އެކަނިވެރި މައިންނަށް ކޮންމެ މަހަކު ފައިސާގެ އިނާޔަތެއް ފޯރުކޮށްދޭއިރު ދައުލަތުގެ ބޮޑެތި މުސާރަތައް ކަނޑައެޅިފައިވާ ވަޒީފާތަކަކީ ހަމައެކަނި ސިޔާސީ ޕާރޓީ ތަކާ ގުޅިފައިވާ ބޮޑެތިމީހުންނާ ގުޅިފައިތިބޭ ބަޔަކަށް ޚާއްސަ ކުރެވިފައިވާ އެއްޗަކަށް ދެނެތިބެން ޖެހެއެވެ.އެންމެ ކުޑަމިނުން ސިވިލް ސަރވިސް ގެ ވަޒީފާއެއްވެސް ސިޔާސީ ބޮޑެއްގެ ޝިފާރިޝް ނެތި ލިބޭނެ މަގު މިވަނީ ބަންދުވެފައެވެ.

އެކިއެކި ނަންނަމުގައި ތަޢާރުފް ކުރެވެމުންދާ ޓެކްސްތަކާހެދި ކުދި ވިޔާފާރިތަކަށް މަގުބަންދުވާން ފަށައިފިއެވެ. ދިވެހިން ދުވަހަކުވެސް ހީނުކުރާ ވަރަށް ވައްކަން ކުރުމާއި ފޭރުމާއި މީހުންމެރުމާއި ދީނުގައި މަނާކުރައްވާފައިވާ ބޮޑެތި ފާހިޝް ކަންތައްތައް އާންމު ކުރުވައިފިއެވެ. ފުރިހަމައަށް ގާނޫނު ތަންފީޒުކުރެވޭ ގޮތެއް ނުފެނެއެވެ. ގާނޫނީ އިމަކީވެސް އެ ގާނޫނު ރައްދުވާ ފަރާތުގެ ހައިބަތާ އެއްގޮތް ވާާގޮތުގެ މަތިން ތަރުޖަމާކުރެވޭ އެއްޗަކަށް ވެއްޖެއެވެ.

ދެން ކުރުކޮށް ބުނެވޭނީ ކުރީ ޒަމާނުގައިވެސް ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ވެރިންގެ ހެޔޮފުޅު ކަމުން ކުރާކަމެކޭ ބުނުން އިއާދަވެއްޖެއެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުން ކަމުގައި ވިޔަސް މެއެވެ. މިހާރު ތަޢާރުފް ކުރެވިފައިވާ މޮޅު ވެރިކަމުގެ ނިޒާމުގައިވެސް ވެރިކަން ހިންގަން ބޭނުންވަނީ ހަމަ ކުރީގެ ބީދައިންކަން ދިވެހި ރައްޔިތުންނަށް އެނގިއްޖެއެވެ. ނަމުންތަފާތު ކަމުން އެއްގޮތެކެވެ. ނަތީޖާ ކުރިއަށްވުރެވެސް ރައްޔަތުންނަށް ބުރަބޮޑުވެ ތަކުލީފަކަށް ވެއްޖެއެވެ. 

އެކަމަކު ކުރެވޭނެ ރައްޔަތުމީހާ އަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަހަލައެވެ. އަނެއްކާވެސް ކުރިމަތިވެދާނެ ބިރުވެރިކަމާއި ހުރެއެވެ. ފެންފޯއް ރުކުގެ ކަންތައް ވީގޮތް ވެދާނެތީއެވެ. ނުފޫޒަގަދަ ބާރުގަދަ މީހާއަށް ހުރިހާގޮތަކުންވެސް މޮޅުގޮތެވެ. އަލަށް މިކުރެވުނު ތަޖުރިބާއިންވެސް ރައްޔިތުންނަށް ލިބިދީފައިވަނީ ހަމަ ތުންބުރި ކާޅުގެ މަގާމެވެ. ރަށަށް އަރުވަންޏާ ކާޅަށްވެސް ލިބޭނެއެވެ. ކާޅު ކައިފާ ބާކީ ހުރިއެއްޗެއް ތުންބުރި ކާޅަށްވެސް ލިބޭނެއެވެ.

އަސްލުވެސް ދުނިޔެ ކާނީ މަކަރާއި ޖަހައިގެނެވެ! އެއީ ތެދެއްކަން ގަބޫލުކޮށްފީމެވެ.                    

3 Responses

  1. ސަންދާނުން ފެންނަ ބިން ހައިދަރުގެ ލިއުންތަކުގައި ރާއްޖޭގެ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދޭން މަސައްކަތް ކުރައްވާފައިވާތީ ފެނެއެވެ. ހިތާމައަކީ މި ހާލަތުން އަރާގަނެ ރައްޔިތުންނަށް ހެޔޮގޮތުގައި ކަންތައް ކޮށްދޭނެ ސަރުކާރެއް އިންތިޚާބު ކުރުމަށް ރައްޔިތުންގެ ނުކުޅެދުން ހައްތާވެސް ބޮޑުވަމުން ދާތަން ފެނުމެވެ. ލިއުމުގައި ބުނެފައިވާފަދައިން ސިޔާސީ ޕާރޓީ ތަކުގެ ހިސޯރުން މި ގައުމު މިނިވަން ކުރަން އެބަޖެހެއެވެ.

  2. Zތިޔައީ ވަރަށް ބޮޑު ތެދު ވާހަކަ ފުޅެއް.

    ބާރުވެރިކަން ލިބުމުން ރައްޔިތުންގެ މަތިން ހަނދާނެއް ނުހުރޭ ސަލާންޖަހައިގެން ވޯޓް ހޯދިކަމެއް. އަނެއްކާވެސް ވޯޓްކައިރިވާއިރަށް ބޮލަށް ޗިޕްޖަހަން އަންނަނީ ކޮންމެ މީހަކުވެސް. އެމީހަކު ކުރިމަތިލާ މަޤާމަކަށް ދެވުނީމަ އަވަސްވެގަންނަނީ، އެޓެކްސް މިޓެކްސް ކިޔާފައި ރައްޔިތުންގެ ދިޔަފެލާލަން.

    އިންސާފުގެ ދާއިރާއަށް ބެލިއަސް ފެންނަނީ މުޅިންހެންވެސް، ސިޔާސީ ކުށްކުރާމީހުނާއި ފުންނާބު އުސް ވިޔަފާރިވެރިންގެ މައްސަލަތައް ފަދަ މައްސަލަތައް ހުކުރެއް ބަންދެއް ބެލުމެއް ނެތި އަވަސް އަވަހަށް ބަލައި ނިންމަމުންދާ ތަން. ފަޤީރު ދެރަ ނިކަމެތިންގެ މައްސަލަތައް ފުނިޖެހި ނުބެލި އެތަކެއް މަސްތަކަކާއި އަހަރުތަކެއް ވަންދެން ކަމާއިބެހޭ އިދާރާތަކުގައި ހުންނަކަން. މިއީ ހިތާމަކުރަންޖެހޭ ކަމެެއް. މިކަމަށް ހައްލެއް ގެނެވެން އޮތީ ދަންފަޅި ބަހައިގެން އެފަދަ އިދާރާތއް ހިންގައިގެން ކަމަށް ވާނަމަ އެއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް..

    މިދެންނެވި ގޮތަށް ކަންތައް އޮންނާތީ ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ބޭރުގެ އެތައް ކުންފުނިތަކާއި ފަރުދުންނަށް ރާއްޖޭގައި އިންސާފު ނުލިބި އެތައްބަޔެއްގެ ޝިކާރައަކަށް ވެފައިވެސް ވެއެވެ. ސިންގަޕޫރުގައި އަމަލުކުރާޤާނޫން ތަކުން އިންވެސްޓަރުންނާއި ދެރަ ނިކަމެތިންގެ މައްސަލަތަކަށް. އިންސާފުވެރި އަވަސް ހައްލު ލިބޭތީ އިންވެސްޓަރުންގެ އިތުބާރު އޮވެއެވެ. ވުމާއެކު އިންވެސްޜުންނާއި ނިކަމެތީންގެ މަތިން ޤައުމުގެ ވެރިން ހަނދާން ކުރަންޖެހޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

  3. އާދެ! އަބަދުވެސް ރައްޔަތުންގެ ޙާލަކީ ތިއީއެވެ. ވެރިކަމުގެ ފަރާތުން ބޭނުންގޮތަކަށް ނެށުމެވެ. ނުނަށަންޏާ ދެން އޭނާގެ ތިކިޔާ ވެރީންގެ އަޅަކަށްވެގެން ނުވަތަ އެޅިހާ ބަތަކަށް ރިހަ ވެގެން އުޅުމެވެ. މިޒަމާނަކީ އޮޅުވާލުމާއި މަކަރާއި ޙީލަތުން ރައްޔަތުންގެ ބޯކާލައިގެން ވެރީން ވެރިކަމުގެ ނާޗަރަންގީ ކުޅޭ ޒަމާނެވެ. އެގޮތުން ރައްޔަތުން އަތުން ނަގާ ޓެކްސްތަކުން ރައްޔަތުމީހާއަށް 20% ދީފާ އަނެއް 80% އެވެރީންގެ ލައްޒަތަށް މަޖަލަށް އުފަލަށް ތަޅާ ބުރުވަނީއެވެ. އެހެނަސް އަހަރެމެނަށް އަންގަދީފާ މިވަނީ ވެރީންގެ ހެޔޮފުޅުކަމުން އާސަންދަ، ބޭސްފަރުވާ، ސްކޫލު ފޮތް، މިފަދަ ކަންކަމެވެ. ވެނުމަސް ވެނަށް ކާންދިނުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް