ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިލައްވައިފި

Loading

Facebook
Twitter
WhatsApp
ރައީސް ސޯލިހު އަދި ރައީސް ނަޝީދު-- ފޮޓޯ: ވަން އޮންލައިން

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވައިފިއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ.

އެކަމާ ގުޅޭ ގޮތުން ”ރާއްޖެ ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުގެ ވެރިކަމުގައި ހަތަރު އަހަރު ފުރިހަމަ މިވަނީ ވައުދުތައް ފުއްދުމުގައި. ނިޒާމުގައި އޮތް މައްސަލައެއް ކަމަކަށް މުޅިއަކުން ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ އިލްތިމާސަކީ ކޮންގްރެސް އަށް ހުށަހަޅައިގެން ވޯޓަކަށް ދިޔުމުގެ ބަދަލުގައި މިހާރު މި (ގަރާރު) ވިތުޑްރޯ ކުރެއްވުން،“ ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ބަރުލަމާނީއާ ދެކޮޅުކަން ހާމަކުރެއްވިއިރު އެމަނިކުފާނަކީ މީގެ ކުރިން ބަރުލަމާނީއަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެގޮތުން އެގޮތުން 2007 ވަނަ އަހަރު އޮތް ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި އެ ނިޒާމަށް އެމްޑީޕީން ކެމްޕެއިން ކުރިއެވެ. އޭގެ ތެރޭގައި ރައީސް ސޯލިހުވެސް ހިމެނިވަޑައިގަންނަވައެވ. އެކަމަކު އެ ފަހަރު ކާމިޔާބުލިބުނީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު އިސްކޮށް ހުންނެވި ޑީއާރްޕީ އިން ތާއީދުކުރި ރިޔާސީ ނިޒާމަށެވެ.

ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުން ބުއްދިވެރިނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެއެވެ. އަދި 2024 ގެ މަޖިލިސް އިންތިހާބު އަންނަންވާއިރަށް ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވިއެވެ.

Loading

One Response

  1. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެއެވެ. ދެން ކޮން ގަރާރެއް.. ކޮން ރައްޔިތުންގެ ވޯޓެއް ؟ އެބޭފުޅާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ބޭފުޅާއަކީ މިރާއްޖޭގެ މުޅި ރައްޔިތުންހެނ ހީވަނީ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް