ދީނަށް ފުރައްސާރަކުރި ރުސްތުމް މިނިވަންވެއްޖެ

Loading

Facebook
Twitter
WhatsApp

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަންވެއްޖެއެވެ.

ރުސްތަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފު ދެމެހެއްޓުމުން ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިމަހުގެ ދިހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެ ދައުވާތަކަށް އޭނާ އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި 108 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ ބަންދުގައި ހަ މަސް ދުވަސް ހޭދަކޮށްފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 126 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބެއް ނޯންނާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި މިއަދު ވަނީ ރުސްތުމް ބަންދުގައި ހުރި މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ ހުކުމެއް ނެތްކަމަށް ބަޔާންކޮށް މަތިން ހުކުމް ކޮށްފައެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުގެ 10 ޑިސެމްބަރުގައި ގދ. ތިނަދޫންނެވެ. އޭގެ ފަހުން އޭނާ ދޫކޮށްލާފައި ހުއްޓައި އަނެއްކާވެސް ދީނަށް ފުރައްސާރަކޮށްގެން 2020 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލޭން ހައްޔަރުކުރިއެވެ.

ފުލުހުން އޭރު ބުނެފައި ވަނީ ރުސްތަމް ހައްޔަރު ކުރީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް