ޙަރާމް ކަންކަމަށް އަރައިގަންނަ މީހުން ތަޙުގީގުގެ ކުރިމައްޗަށް ޙާޒިރު ކުރެވެން ވާނެ

Loading

Facebook
Twitter
WhatsApp

އިސްލާމީ އުންމަތެއްގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރި ކުރުމަކީ ވެރިކަމުގެ ބާރުގެ ތެރެއިން އަދާ ކުރަންޖެހޭ ދީނީވާޖިބެކެވެ.ކުށަށް އަރައިގަންނަ މީހާއަކީ ވެރިކަމުގެ ބާރާއި އަދި ޢާއިލީގޮތުން ގުޅިފައިއޮންނަ އޮތުމެއްގެ ސަބަބުން ތަފާތުކުރުން ޙަރާމްވާނެ ބޮޑު ނާއިނސާފެކެވެ. ޢަދުލު އިންޞާފު ގާއިމް ނުކުރާނަމަ އެގައުމެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ.

އެއްދަހަކު ޢަލީގެ ފާނުގެ ދަގަނޑު ދަހަނާކޮޅެއް ޔަހޫދީއެއްގެ އަތުންފެނިވަޑައި ގަތުމުން ޢަލީގެފާނު އެދަހަނާކޮޅު ހޯއްދަވުމަށްޓަކާ ފަނޑިޔާރުގެ އަށް ވަޑައި ގަތެވެ. އެ ދަގަނޑު ދަހަނާ ގެންގުޅުނު މީހާ އާއި ޢަލީގެ ފާނާއި ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. 

ދަހަނާކޮޅު ގެންގުޅުނު މީހާ ބުނީ އެދަހަނާއަކީ އޭނާގެ ދަހަނާ ކޮޅެއް ކަމުގައެވެ. ޢަލީގެ ފާނު ރައްދުގައި ވިދާޅުވީ އެމީހާއެހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި އެދަހަނާ ކޮޅަކީ ޢަލީގެ ފާނުގެ ދަހަނާކޮޅެއް ކަމުގައެވެ. ފަނޑިޔާރު މަނިކުފާނު ވިދާޅުވިއެވެ.އެދަހަނާ ކޮޅަކީ ޢަލީގެ ފާނުގެ ދަހަނާ ކޮޅެއްކަން ޝަރީޢަރަށް ސާބިތު ކޮށް ދެއްވާށެވެ. 

ޢަލީގެ ފާނަށް އެދަހަނާ ކޮޅަކީ އެކަލޭގެ ފާނުގެ ދަހަނާ ކޮޅެއްކަން ސާބިތުކޮށް ނުދެވުނެވެ. އެޝަރީޢަތް ނިމިގެން ދިޔައީ ދަހަނާކޮޅު ގެންގުޅުނު ޔަހޫދީ މީހާގެ ކޮޅަށެވެ. ޝަރީޢަތަކީ ބޭރުފުށަށް ކުރެވޭ އެއްޗެކެވެ. ޙުކުމް ކުރެވެނީ ހެއްކާއި ގަރީނާގެ މައްޗަށެވެ. 

އެހެނަސް އެމީހާ ޝަރީޢަތުގެ މަޖިލީހުން ނުކުމެ އެދަހަނާކޮޅު ޢަލީގެ ފާނަށް ދެއްވާފައި ދެންނެވީ އެގޮތަށް ޝަރީއަތުގެ މަޖިލީހުގައި ދޮގުހެދީ އިންޞާފު ގާއިމް ކުރުމުގައި ޢަދުލުވެރިކަން ހުރި މިންވަރެއް ބެލުމަށް ކަމަށާއި އޭނާއަށް ދޮގު ހެދުނީތީ މާފުކޮށް ދެއްވުމަށެވެ. އިސްލާމްދީނު ގައި އަދުލު އިންސާފު ގާއިމުކުރުމުގެ ފުރިހަކަން އެ ޔަހޫދީމީހާ ފެނި އޭނާ އިސްލާމްވުމުގެ ސަބަބެއްކަމުގައި ވެގެންދިޔައެވެ.

      ކޮންމެއަކަސް އިސްލާމަކު ދީނުގައި ހައްދު ކަނޑައެޅިފައިވާކުށެއް ކޮށްފި ކަމަށް، މީހެއްގެ މައްޗަށް ތުޙުމަތު ކުރެވިއްޖެނަމަ އެ ތުޙުމަތުގެ ދޮގުތެދު ދެނެގަތުމަށްޓަކައި އެކަމެއް ތަޙުގީގު ކުރަން ޖެހޭނެއެވެ. ސާބިތުވުމާއި ނުވުމަކީ މުޅީން އެހެން ކަމެކެވެ. ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ސާބިތުވާން ޖެހޭނެ މައްސަލައަކަށްނުވެ ހިނގައިދާނެއެވެ.

     ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ ދީނުގައި ހައްދު ކަނޑައަޅުއްވާފައިވާ ކުށެއްކުރިކަމަށް މުސްލިމެއްގެ މައްޗަށް ތުމަތުކޮށް އެވާހަކަ ދެކެވެމުންދާނަމަ އިސްލާމީ ޝަރީޢަތުގެ ކުރިމައްޗަށް އެވާހަކަ ދެއްކިމީހަކު އަވަހަށް ޙާޒިރުކޮށް އިންސާފު ގާއިމް ކުރެވެންޖެހޭނެއެވެ. އިސްލާމީ ޝަރީޢަތާ ޚިލާފް ނުވާގޮތަށް ދިވެހިރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ފަދައިން އެމީހާ ދެއްކި ވާހަކަ ސާބިތު ކޮށްދޭން ޖެހޭނެއެވެ.

އެއްވެސް މީހެއްގެ އަގުވައްޓާލުމަށްޓަކައި ކޮންމެ ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ނޯންނާނެކަމާއި ދެއްކި ވާހަކަ ސާބިތުކޮށް ދެވިއްޖެނަމަ ތުހުމަތު ކުރެވުނުމީހާއަށް ގާނުނުގެ ދަށުން އަދަބުލިބެން ޖެހޭނެކަން ހާމަކޮށްދޭން ޖެހޭނެއެވެ. ކުރެވުނު ތުހުމަތު ޝަރީޢަތަށް ސާބިތު ކޮށްދިނުމަކީ އެވާހަކަ ދެއްކި މީހާގެ މަސްއޫލިއްޔަތެކެވެ. ތުހުމަތު ރައްދު ކުރެވުނުމީހާގެ ޒިންމާއެއްނޫން ކަންވެސް ހަނދާން ކުރަން ޖެހޭނެއެވެ.  

     އިސްލާމީ އުންމަތެއްގެ ހަމަޖެހުން ގާއިމްކުރުމަށްޓަކާ ޢަދުލު އިންޞާފްއަކީ އެންމެން ހަމަހަމަ ވާގޮތަށް ގާއިމް ކުރަން ޖެހޭ ކަމެކެވެ. އިސްމީހަކަށް ވީތީ މޮޅު ގޮތެއް އަދި ދެރަމީހަކަށް ވީތީ ދެރަގޮތެއް ވެގެން ނުވާނޭކަން ކުރިން އަލިއަޅުވާލެވުނު ޢަލީގެ ފާނުންގެ ސްޓޯރީއިން އެނގިގެން ހިގައްޖެއެވެ. އެހެނީ، އިސްލާމް ދީނުގައި އިންސާފުގެ ކުރިމަތީގައި ކަޅެއް ދޮނެއް އަދި މޮޅެއްދެރައަކަށް ބެލުމެއް ނޯންނަކަން އެންމެންވެސް ދެނެގަތުމަށްޓަކައެވެ.

އެވޭލާ ޒަމާނުއްސުރެ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ފެންނަމުންދިޔަ އިންސާފުގެ ތަފާތުކުރުން ނުފެންނާނޭ ދުވަކަށް ރައްޔިތުން ކުރަމުން އަންނަ އިންތިޒާރަށް މާތްﷲ ހެގޮތް މިންވަރު ކުރެއްވުން އެއީ އަޅުގަނޑުގެ ދުޢާއެވެ.

    ބޮޑުންގެ ޢާއިލާތަކަށް ލިބެމުންދިޔަ ޝަރުޢީ ޚާއްސަ ރައްކާތެރިކަން ނިމި އެންމެނަށް ހަމަހަމަ ކަމާއެކު އިންޞާފް ލިބިދާނެކަމުގެ ކޮންމެވެސް ވަރެއްގެ ނިޝާންތަކެއް ފެންނަންފެށުމުން ބޮޑުންގެ ޢާއިލާތައް ރަތަށް އަރަނީ ކުރިން އޮތް ޝަރުޢީ ޙިމާޔަތް ގެއްލިދާނެތީ ކަމުގައި ވެސް ވެދާނެއެވެ.

    ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުމަތުގައި މިފަހަކަށް އައިސް ހައްޔަރު ކުރެވޭ މީހުންގެ މައްސަލަތައް ތަޙުގީގުކުރެވެމުންދާ މަރުޙަލާގައި އެކަމުގެ ހަގީގަތް ފަނޑިޔާރުމީހާއަށް ރަނގަޅަށް ދެނެގަނެވޭފަދަ މިންވަރަކަށް އޮޅުންފިލަން ޖެހޭނެކަން ވިސްނަން ޖެހޭނެއެވެ. އެހެންނޫންނަމަ ހުކުމް ކުރުމުގައި އިންސާފު ގާއިމް ނުކުރެވުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެތީއެވެ.

ވަރަށް ކައިރި މާޒީ އަކާ ޖެހެންދެންވެސް ރާއްޖޭގައި ތަޙުގީގުގެ މަރުޙަލާގައި ކަންތައް ވެގެންދިޔައީ ތުހުމަތު ކުރެވުނު މީހާއަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ލިބިފައި ނެތް ވެއްޓެއްގައެވެ. ތަޙުގީގު ކުރަން އިންނަ މީހަކަށް ލިބިފައިއޮންނަ މައުލޫމާތެއްގެ މައްޗަށް މުޅި ތަޙުގީގުނިމި ފަނޑިޔާރުގެއިން އެ ތަޙުގީގުގެ މައްޗަށް ޙުކުމް ކުރެވިގެން ދިޔައީއެވެ. 

ޝަރީއަތުގެ މަޖިލީހުގައިވެސް ދިފާއުގައި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބެއެވެ. އެހެންނަމަވެސް މިއީ ހަމައެކަނި ނިކަމެތިންނަށް އިންސާފު ލިބިގެންދާގޮތެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނަކަށް ވީތީ ލިބިފައިވާ ޙައްގެއް ކަމަށް ވަކާލާތުކުރުން މުޅިދުނިޔޭގައިވެސް އިތުރުވަމުންދާ ދުވަސްވަރެއްގައި އަދި އެއްޖިންސުން ކައިވެނިކުރުންވެސް ބައެއް ގައުމުތަކުގެ ގާނޫނުގައި ހުއްދަ ކުރެވެމުން ދާއިރު އަދި އަނބިންނާއެކު ރޭކުރުން އެހެންމީހަކަށް ބަދަލު ކުރުމަކީވެސް އިޚްތިޔާރީ ކަމަކަށް ބެލެވެމުންދާއިރު ދިވެހިންގެ މުޖުތަމާ މިނުރައްކާތެރި ނުފޫޒުގެ ދަށުވިޔަ ނުދީ ރައްކާތެރިކުރުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އެފަދަމީހުން މުޖުތަމާގެ ތެރެއަށް ދޫކުރެވިފައި ނެތުމެވެ. 

މާޒީގެ ތާރީޚުން އެނގޭފަދައިން ތުޙުމަތު ކުރެވޭ މީހާ ކުށްވެރިކުރުމާއި ނުކުރުން ތަޙުގީގުކުރާ މީހާގެ ގަލަމުގެ ތުނޑަށް ލިބިދެވިއްޖެނަމަ އިންސާފު ގާއިމް ނުކުރެވޭނެތީއެވެ. ކުރީގައިރާއްޖޭގެ ރަސްރަސްކަލުންގެ ޒަމާނުގައި ހިނގާފައިވާއެއްޖިންސުން ގުޅުން ހިނގުމުގެ ބައެއް މައްސަލަތައް ނިމިގެންގޮސްފައިވަނީ ހަމައެކަނި ނިކަމެތިމާހާ ކުށްވެރިވެފައި  ބޮޑުމީހާގެ އެއްވެސް ކުށެއް ސާބިތު ނުވާކަމަށެވެ. މިފަދަ ކަންކަން މިދެންނެވި މަގުން ހިންގާފައިވާކަން ރާއްޖޭގެ ތާރީޚުން އެނގެން އެބަ އޮތެވެ.

ރާއްޖޭގެ ނޫސްތަކުން މިހާރުވެސް ފާހަގަކުރެވުންދާ އެއްކަމަކީ މިހާރު އުފެދިގެން އުޅޭ ޖިންސީ ވަޙުޝީ ގުޅުންތަކުގެ ތަޙްގީގުގައި ވެސް ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުޙުމަތުތަކެވެ. މިހާރު ފެންނަލިއުންތަކާއި މަންޒަރުތަކަށް ބަލާއިރު ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހެޔޮ ބަދަލެއް އަތުވެދާނެކަން ގަބޫލުކުރަން ހަމަ ދަތީއެވެ. 

     ޢަދުލުއިންޞާފު ގާއިމްކުރުމުގައި ވަކިބަޔަކު ސަލާމަތް ކުރުމުގެ އާދަ ޝަރުޢީ ނިޒާމުގެ ތެރޭގައި މިހާރުވެސް ނެތެކޭ ނުބުނެވޭނެއެވެ. ބައެއް ފަނޑިޔާރުންނާމެދު ތުޙުމަތު ތަކެއްވެސް ކުރެވެމުން ދާތީއެވެ. ތަޙުގީގީ އިދާރާތަކުންނާއި ފަނޑިޔާރުން މައްސަލަ ތައް ބައްލަވާ ނިންމުމުގައި ﷲ އަށް ބިރުވެތިވެ ހަމަހަމަ ކަމާއެކު އިންޞާފު ގާއިމް ކުރުމަށް ގޮވާލަމެވެ. އެއްވެސް ފަރާތަކުން ޒާތީ ގޮތުން ބަދަލު ނުހިފުމަށާއި އަދުލު އިންސާފު ގާއިމް ކުރެވޭނެ ދުވަހާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކޮށް މައްސަލަތައްނިންމެވުމުގައި ޢަދުލުވެރި ވުމަށްވެސް ގޮވާލަމެވެ.

މިލިއުމުގައި ބޭނުން ކުރެވިފައިވާ ބައެއް ބަސްބަހަކީ އެންމެ އެކަށީގެންވާ ބަސްކަމުގައި ނުވެދާނެއެވެ. އެހެންކަމަށްވާނަމަކިއުންތެރިންގެ ކިބައިން މަޢާފް އެދެމެވެ.

Loading

One Response

  1. ފުލުހުންގެ އޮފީހުގައި ތަހްގީގު ކުރަން އިންނަވާ ބޭފުޅަކަށް ލިބިފައި އޮތް މައުލޫމާތެއްގެ މައްޗަށް ތަހްގީގުނިމި ހުކުމްކުރެވިގެން ދިއުމަކީ ހިތާމަ ހުރި ކަމެކެވެ. މިހާރު މިވާގޮތަކީ ވަކީލުން މެދުވެރިކޮށްގެން ކުށްވެރިން ކުށުން ބަރީއަވުމުގެ ފުރުސަތު އުފެއްދެނީއެވެ. މިއީވެސް ހިތާމަކުރަން ޖެހޭ ޙާލަތެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް