ދުނިޔޭގައި ދިރިއުޅެމުން ގެންދާ އިންސާނުންނާއި އަދިވެސް އެހެނިހެން މަޚްލޫގުންނާއި އެއްޗެހީގެ ދެމިތިބުމާމެދު ގޮތްކިޔައި ޝަރުތު ކަނޑައެޅުން މިއީ އިއްޔެއްކު މިއަދަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. ބާރުގަދަ ފަރާތްތަކުން މިގޮތަށް ކަންތައް ކުރަމުން ގެންދިއުން އެއީ މި ބިންމަތީގައި އަބަދުވެސް ކަންތައް ހިނގަމުން އައި އުސޫލުކަމުގައި ދެބަސްވެވޭކަށް ނެތެވެ. ކުރިއަށް އޮތް ތަނުގައި މިކަންތައް ހިނގަމުންދާނީ މިނޫން އެހެން ގޮތަކަށޭ ބުނެވޭކަށްވެސް ނޯންނާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޒީ ޖިންޕިން އެމެރިކާގެ ރައީސް ބައިޑަންއަށް ފޯނު ކުރައްވާފައި ޓައިވާނުގެ ކަންތައްތަކުގައި އަލިފާނާ ނުކުޅެން އިންޒާރު ދެއްވައިފިއެވެ. ޗައިނާގެ ބައެއްކަމަށް އެގައުމުންދެކޭ ޓައިވާނަށް އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ކުރައްވަން ގަސްދުކުރައްވާފައިވާ ދަތުރާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މިހާރު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ.
ދެ ރައީސުން ގެ ފޯނުކޯލް 2 ގަޑި 17 މިނިޓަށް ދިގުދެމިގެން ދިޔައިރު ކޯވިޑްގެ ބަލިމަޑުކަމާއި ވިޔަފާރިއާ ބެހޭގޮތުންވެސް ވާހަކަ ދެއްކެވިއެވެ. ނަމަވެސް މުޅި ކޯލް ބިނާވެފައިއޮތީ މައިގަނޑު ގޮތެއްގައި ޓައިވާނުގެ މައްސަލައަށެވެ. އަދި ޗައިނާގެ ގައުމިއްޔަތާއި ސަރަހައްދު ހިމާޔަތް ކޮށް ބެލެހެއްޓުމަކީ 1.4 ބިލިއަނަށްވުރެން ބޮޑު ޗައިނާގެ އާބާދީން އެންމެ އިސްކަންދޭނެ މައްސަލަކަމުގައިވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ. “ އެހެންވީމާ އަލިފާނާ ކުޅޭ ބަޔަކު ނެތިގެންދާނެއެވެ. އެމެރިކާއިން ދެލޯ ހުޅުވައިގެން ތިބޭނެކަމަށް އުންމީދުކުރަމެވެ. ”
ޗައިނާއިން ބުނާގޮތުގައި މިއީ ބައިޑަން ރައީސް ކަމާ ޙަވާލުވެ ވަޑައިގެންފަހުން ޒީ ކުރެއްވި ފަސްވަނަ ފޯންކޯލެވެ. ކޮންމެ ކޯލެއްވެސްބިނާވެފައި އޮތީ އޭގެ އަމާޒުގައި ބަސްމަގު ވަރުގަދަ ވެފައި ގޮތްދޫނުކުރުމުގެ މައްޗަށެވެ. އެންމެފަހުން މިދިޔަ މާރޗްމަހު ޒީކުރެއްވިކޯލްގައި ޓައިވާނުގެ މައްސަލައަށް ރަނގަޅު ޙައްލު ނުލިބިއްޖެނަމަ ދެ ގައުމުގެގުޅުމަށް ބޮޑެތި ނޭދެވޭ ގޮތްތަކެއް މެދުވެރި ވެދާނެ ކަމަށް އިންޒާރު ދެއްވިއެވެ.
ދެ ރައީސުންގެ ފޯންކޯލާ ބެހޭގޮތުން ވައިޓް ހައުސް އިންބުނަނީ ޓައިވާނުގެ މައްސަލާގައި އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ޗައިނާއިން އަމިއްލައަށް އެކަމުގައި ގޮތެއް ނިންމުމަށާއި ޓައިވާން ކަނޑުއޮޅީގެ ސުލްޙަ މަސަލަސް ކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކަށް އެމެރިކާ ދެކޮޅު ހަދާނެކަމުގައެވެ.
އެމެރިކާއިން ޓައިވާނާއެކު އެއްވެސް ރަސްމީ ޙައިސިއްޔަތެއް ނެތްކަމަށާއި އެމެރިކާއިންވެސް ގަބޫލުކުރަނީ ސިޔާސީގޮތުން ޗައިނާއިން ތަޢާރުފްކޮށްފައިވާ “ އެއް ޗައިނާގެ ސިޔާސަތު ކަމަށެވެ ”.އެހެންނަމަވެސް ކޮންގްރެސްގެ ނިންމުމެއް އޮތުމުގެ ސަބަބުން ޓައިވާން ދިފާއުކުރުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި ނުރަސްމީ ސިފައެއްގައި ގުޅުން ގާއިމްކޮށްފާ އޮންނަން ޖެހެއެވެ.
ނޭންސީ ގެ ދަތުރުފުޅުގެ ސަބަބުން މެދުވެރިވެދާނެ ނުރައްކާތަކެއް ހުރެދާނެ ކަމަށްޓަކައި ވައިޓްހައުސްއާއި އެމެރިކާގެ ސަލާމަތާބެހޭ އިދާރާތަކުން ވިސްނާދެވޭތޯ މަސައްކަތް ކުރަމުން ގެންދާއިރު ނޭންސީޓައިވާނަށް ވަޑައިގެންފިނަމަ އެއީ ފާއިތުވެގެން މިދާ 25 ވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ މަޖިލީހުގެ ރައީސަކު ޓައިވާނަށް ވަޑައިގަންނަވާ ފުރަތަމަފަހަރު ކަމުގައިވާނެއެވެ. އަދި ނޮވެމްބަރު ގައި އޮންނަ މެދުތެރޭ އިންތިޚާބުގައި ރިޕަބްލިކަނުންނަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެ ކަން އެނގޭތީ 82 އަހަރުގެ ތަޖްރިބާކާރު ނޭންސީ ބޭނުންވަނީ ރިޓަޔާރ ކުރެއްވުމުގެ ކުރިން އޭނާއަކީ ޓައިވާނަށްޓަކައި ގުރުބާނީ ތަކެއްވެފައިވާ މީހެއްގެ ޝަރަފްވެރި މަގާމް ޙާސިލުކުރުމަށެވެ. މިމައްސަލާގައި ރިޕޯރޓަރުންނަށް ބައިޑަން ވިދާޅުވީ އެމެރިކާގެ މިލިޓްރީންދެކޭގޮތުގައިވެސް ނޭންސީ މިދަތުރުފުޅު ކުރުން ރަނގަޅެއްނޫނެވެ.
މިލިޓްރީ ތަޖުރިބާކާރުން ދެކޭގޮތުގައި މިއަހަރު މިހާތަނަށްވެސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބައެއް ގައުމުތަކާއި ޗައިނާއާދޭތެރޭ މިލިޓްރީ ކުރިމަތިލުންތަކެއް ހިނގާފައިވުމާއި އަދި ކިރިޔަކިރިޔާ ނުޖެހޭ ހިސާބުން މިލިޓްރީ ފްލައިޓްތައްވެސް އުދުހިފައިވުމާއި އަދިމިނޫނަސް ކަނޑާއި ވައިގެ މަގުން ބައެއް ހުރަސްތައް މެދުވެރިކޮށްފައި ވާތީ މިކަންކަމާއިމެދު ވިސްނާލަން ޖެހެއެވެ. އަދި ދެކުނު ޗައިނާ ފޯރަމްގައި ވާހަކަ ދައްކަމުން އެމެރިކާގެ ދިފާއީ ވަޒީރުގެ އެސިސްޓެންޓް އެލީ ރަޓްނަރ ވިދާޅުވެފައިވަނީ ޗައިނާގެ މިލިޓްރީ ބާރު ގަދަކުރުމަށްޓަކައި ޗައިނާއިން އޮތީ ހުރިހާ އިންތަކެއް ފަހަނަޅާ ދިއުމަށްވެސް ތައްޔާރަށް ކަމުގައެވެ. އަދި މިހާރަކަށް އައިސް ޓައިވާނާ ބެހޭގޮތުން ޗައިނާގެ ބަސްމަގުވެސް މާބޮޑަށް ހަރުކަށިވެ ޓައިވާނުން އަމިއްލައަށް ކަނޑައަޅާފައިވާ އެގައުމުގެ ވައިގެ ސަރަހައްދަށް ޗައިނާގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނުމާއި އަދި މިހާރު ރަޝިޔާ –ޔޫކްރެއިން ހަނގުރާމަފެށުމާއެކު އިހުނަށްވުރެވެސް މިކަންތައް ބޮޑުވަމުންދާކަން ފާހަގަކޮށް އެމެރިކާއާއި އޭޝިޔާގެ އޮފިޝަލުންގެ ކަންބޮޑުވުން ތައްވެސް ހުރިކަމުގައެވެ.

ދެ ގައުމުގެ އެތެރޭގެ ކަންތައް ހިނގަމުންދާ ގޮތުންވެސް މަސްރަހްދަނީ އިތުރަށް ހޫނުވަމުންނެވެ. ބައިޑަންގެ ތާއީދުވެސް 40 އިންސައްތައަށް ދަށްވެފައިވާއިރު އަދި ޗައިނާގެ ކޮމިއުނިސްޓް ޕާރޓިގެ އަހަރީ ބައްދަލުވުން ޗައިނާގެ ބެއިދައިހޭގެ ގޮނޑުދޮށު ރިސޯރޓެއްގައި ބޭއްވުމުގެ އިންތިޒާމްތައް ކުރެވިގެންދާ ވަގުތެއްގައި އަދި އެއީ ޒީ ތިންވަނަ ދައުރރު ފެށުން ފާހަގަ ކުރުންވެސް ހިމެނޭ ބައްދަލުވުމެއްކަމުން އެދުވަސްވަރާ ދިމާކޮށް ނޭންސީ ޓައިވާނަށް ދިއުމުން މަސްރަޙު އިތުރަށް ގޮސްވެގެންދާނެއެވެ. ޗައިނާ ރައްޔިތުންގެ މިނިވަންކަމު ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުން ވެސް އޮންނަނީ އޯގަސްޓް މަހުގައެވެ.
މިމަހުގެ ކުރީކޮޅު ޗައިނާގެ ޚާރިއްޔާއިން ބުނެފައިވަނީ ނޭންސީ ޓައިވާނަށް ވަޑައިގެންފިނަމަ އެކަމަށް ބާރުހުރި ރައްދެއް ދޭނެކަމުގައެވެ.
ހަމަ މިމޭރުމުން ޗައިނާގެ ސިފައިންވެސް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ދިފާޢީ ވުޒާރާގެ ސްޕޯކްސް ޕަރސަންގެ ވާހަކަ ވިދާޅުވެފައި ވެއެވެ. މި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޔޫރޭޝިއާ ގުރޫޕް ޕޮލިޓިކަލް ރިސްކް ކޮންސަލްޓޭންސީ އިން ބުނަނީ 1995-1996 ގައި ހިންގި ތިންވަނަ ޓައިވާން ކަނޑުއޮޅީގެ މައްސަލަފަދަ ޙަރަކާތްތަކެއް ހިނގައިނޭންސީ ދަތުރުކުރައްވާ މަތިންދާބޯޓު ކައިރިން ޗައިނާ ސިފައިންގެ ބޯޓުތަކުން އުދުހުމާއި އޭނާގެ ދަތުރާ ދިމާކޮށް ޓައިވާނުގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ޗައިނާއިން ކަނޑައެޅުމާއި މިސައިލް ޓެސްޓުކުރުން ފަދަ ކަންތައް ކޮށްފާނެކަމަށް ބެލެވެއެވެ.
މިކަމާ ގުޅިގެން އެމެރިކާއިންވެސް ބުނަމުންގެންދަނީ އެމެރިކާގެ މިލިޓްރީގެ ބާރުތަކުން އިންޑޯ ޕެސިފިކް ސަރަޙައްދަށް އިތުރު ބާރުވެރިކަން ފޮނުވާނެކަމުގައެވެ.
އަސްލު ސަރުކާރަކީ ކޮބައިކަމާ ދޭތެރޭ ތަފާތު ތަކެއް ހުރިނަމަވެސް ބެއިޖިންގް އާއި 1992 ގައި އޮތް ޓައިޕޭ ސަރުކާރުން އެއްޗައިނާގެ އެއްބަސްވުން ގާއިމް ކުރިތާ މިއަންނަ ހަފްތާގައި 30 އަހަރު ފުރޭނެއެވެ. އޭރު ޓައިވާނުގައި އޮތް ނޭޝަނަލިސްޓް ސަރުކާރުން އޭރު ބޭއްވުނު ޚިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ ގަބޫލުކުރި ނަމަވެސް ފަހުން އައި ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާރޓީން އެ ނަތީޖާ ގަބޫލެއް ނުކުރެއެވެ.
ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައި އޮތް ރަސްމިއްޔާތެއްގައި ޗައިނާގެ ޕޮލިޓްބުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެމްބަރ ވާންގް ޔަންގް ވިދާޅުވެފައިވަނީ ޗައިނާއިން އަބަދުވެސް ބޭނުންވަނީ އެކުވެރިކަމާއެކު ޓައިވާންއަކީ ޗައިނާގެ ބައެއްކަމުގައި ހެދުމަށެވެ. އަދި އެމެރިކާގެ ނަންނުބުނެ ބޭރުމީހުންނަށް އިތުބާރު ނުކުރަންވެސް އެދިވަޑައިގަތެވެ.
ވާންގް ޔަންގް އަކީ ކޮމިއުނިސްޓް ޕާރޓީގެ ހަތަރުވަނައަށް އެންމެ ބާރުގަދަ ބޭފުޅާއެވެ. އަދި ޓައިވާނާބެހޭ ކަންތައްތަކުގައި އެންމެ އިސްމީހާވެސް މެއެވެ. ޔަންގް ގެ ވާހަކައިގާ ނޭންސީގެ ދަތުރާބެހޭގޮތުން މާގިނަ ވާހަކަތަކެއް ހާމަ ނުކުރެއްވިނަމަވެސް އެދަތުރުގެ ސަބަބުން ޗައިނާއާއި އެމެރިކާ ކޯޅުންގަނޑެއްގެ ތެރެއަށް ހިނގައިދާނެކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް ޗައިނާގެ ސެންކްޝަން ލިސްޓަށް ނޭންސީ އައުމާއި އަދި ނޮވެމްބަރ 15 ން 16 އަށް އިންޑޮނޭޝިޔާގެ ބާލީގައި އޮންނަޖީ 20 ގެ ސަމިޓްގެ ހަވާސާގައި ބައިޑަން އާއިއެކު ޒީ ބައްދަލުނުކުރެއްވުން ވަރަށް ގާތް ކަމަށް ބެލެވެއެވެ.
ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ފެށުނީއްސުރެން އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ ޑިމޮކްރެސީ އާއި ގަދަބާރުން ކުރަމުންގެންދާ ވެރިކަމުގެ ތަފާތު ދުނިޔެއަށް ހާމަކުރަން މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު ޗައިނާއިން ގެންދަނީ “ ވެސްޓް ވާރސަސް ރެސްޓް “ ގެ މޮޓޯގެ ދަށުން އެފްރިކާއާއި ސެންޓްރަލް ޔޫރަޕް އަދި ދެކުނު އެމެރިކާއާއިއެކު ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ.
ދެ ރައީސުންގެ ވާހަކަ ފުޅުގައި ތިމާވެއްޓާއި ދުނިޔެއަށް ދިމާވަމުންދާ ސިއްހީ ގޮންޖެހުންތަކާބެހޭ މައްސަލައަށް މާބޮޑަށް އަލިއަޅުވާ ނުލެއްވިނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި ދެގައުމުގެ ވިޔަފާރިއާގުޅޭ ޓެކްސް ބޮޑުކުރުމަށް އަލިއަޅުވާލިއެވެ. އަދި ބައެއް މުޙައްލިލުން ދެކޭގޮތުގައި ކުރިއަށް އޮތް ތަނުގައި މިކަމަށް ހެޔޮ ބަދަލެއްވެސް އަތުވެދާނެއެވެ.
ދެ ރައީސުންގެ ވާހަކަ ފުޅު ކިތަންމެ ހަރުކަށިކަން ފާހަގަކުރެވުނު ނަމަވެސް އަރިއަޅާލައިގެން ދާއިރު ހިފާއްޓަން އޮތް އަސާގަނޑު “ ހަލާކުގެ ތެރެއަށް ވެއްޓިނުގަނެ ކުރާނެކަމެއްކުރުން “ މި ފަލްސަފާއާއި ދުރަށް ގޮސް ހަލާކުގެ ތެރެއަށް ވެއްޓިގަންނަން އެއިން އެއްވެސް ބޭފުޅަކު ބޭނުން ނުވާކަން ހާމަވެގެން ދިޔައެވެ.
2 Responses
ވަރަށް ޢިބްރަތްތެރި ލިއުމެއް. ސަންދާނު ނޫހަކީ ބޭކާރު ވާހަކަ ނުލިއެ. ވަކި އަތަކަށް ނުޖެހޭ ހަމައެކަނި ނޫހޭ ބުނެވޭނީ.. އަބަދުވެސް ސަންދާނުގެ ލިޔުންތައް ކިޔާހިތްވޭ.
ކިތަންމެ ރުޅިއަޔަސް އަދި ބަސްމަގު ކިތަންމެ ހަރިކަށިނަމަވެސް ތިޔަ ބޭފުޅުން ކުރައްވާ ފައިސަލާއަކުން މުޅި އިންސާނިއްޔަތަށް ލިބިދާނެ ގެއްލުމަކާމެދު އެތައްފަހަރަކު ވިސްނަވާނެ ކަމަށް އުންމީދުކުރަމެވެ. ލަތީފް ވިދާޅުވެފައިވާ ފަދައިން ސަންދާނުގެ ވަރަށް ގިނަ ލިއުންތަކުން އަޅުގަނޑުމެންނަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ހުރެއެވެ. ބޮޑެތި ބާރުތަކުން ކުރާ ކަންތަކާމެދު އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. އެކަމަކު މައުލޫމާތު އެނގުމުން ހޭލުންތެރިކަން އިތުރުވާނެއެވެ