ކުރޫޒް ލައިން ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފިއެވެ.
އެމްޕީއެލްގެ ޗެއާމަން، ކެޕްޓަން މުހައްމަދު ޝަރީފް ’ރާއްޖެޓީވީ’ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ ކައިރިން އެކި ގައުމުތަކުން ދަތުރުކުރާ ގިނަ އަދަދެއްގެ ކުރޫޒް ތައް ދަތުރުކުރަމުން އަންނަ ކަމަށާ އެ ދަތުރުތަކުގެ ޝެޑިއުލްހގައި އައްޑޫ ސިޓީއަށް މަޑުކޮށްފިނަމަ އެކަމަކީ ބޮޑު ފައިދާ ތަކެއް ވާނެ ކަމެއް ކަމަށެވެ.
އެހެންކަމުން އެ ދަތުރުތަކުގެ ޝެޑިއުލް އިން އައްޑޫ ސިޓީ ހިމެނުމަށް އައްޑޫ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ ކްރޫޒާ ކުންފުންޏަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެމްޕީއެލް އިން ނަގަމުން އައި ޕައިލޮޓޭޖް ފީތައް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ބޮޑު ކުރުމާ ގުޅިގެން ކުރޫޒް ލައިނާތައް ރާއްޖެ އައުން ހުއްޓާލާފައިވާ ކަމަށް ބުނެ ޝިޕިން ކުންފުނިތަކުން މިދިޔަ އަހަރު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ގަޑިއިރަކަށް ނަގަމުން އައި 16,330.52 ރުފިޔާ، އެމްޕީއެލްއިން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ފީވަނީ 74,458.56 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަންޖެހެއެވެ.
ނަމަވެސް ޝިޕިން ކުންފުނިތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު އެމްޕީއެލްއިން ވަނީ ޕައިލޮޓޭޖް ފީ ކުޑަކުރަން ނިންމާފައެވެ.
ކްރޫޒް ލައިނާތައް ވެފައިވަނީ ރާއްޖެއަށް ބޮޑު ފައިދާ އެއް ކުރުވާ އެއް ވަސީލަތަށެވެ. ކުރޫ ލައިނާތަކަށް ތަކަށް ނަގާ ފީ ބޮޑުކުރުމުގެ ކުރިން އަހަރެއްގެ މަށްޗަށް 60000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވެއެވެ.