ސްރީލަންކާއަށްދިމާވި ޙާލަތުން ދިވެހިން ލިބިގަންނަންޖެހޭ ދަރުސްތައް 

Loading

Facebook
Twitter
WhatsApp

މި ލިއުމުގެ ބޭނުމަކީ އެއްވެސް މިންވަރަކަށް ސްރީލަންކާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރުމެއް ނޫނެވެ. ހަމައެފަދައިން އެގަމުގައި ހިނގަމުންދާ ކަންތަކަށް ފާޑުކިއުމެއްވެސް ނޫނެވެ.                                          

ސްރީލަންކާއަކީ އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި އެއްގައުމެވެ. ކެއިންބުއިމާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ސިފަތަކެއް ދެ ގައުމުގެ ރައްޔިތުންގެ ކިބައިގާވެސް  ހުންނަކަން ފާހަގަކުރެވެއެވެ. ފަހުގެ ޖީލުތަކަށް ބަލާއިރު މި ގައުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރި ވަމުން ގެންދިޔަ ބޭފުޅުންގެ ތަޢުލީމީ ދުވަސްވަރުގެ ވަރަށް ބޮޑު ޙިއްސާއަކީ ސްރީ ލަންކާގެ މުދައްރިސުންނެވެ. 

އެބޭފުޅުން ތަރުބިއްޔަތު ކުރުމުގައި ސްރީލަންކާގެ މުދައްރިސުން އަދާކުރެއްވި ޚިދުމަތަށް ތައުރީފް ކުރަން ޖެހެއެވެ. އެ މުދައްރިސުންގެ ފަރާތުން ދަރިވަރުވި ދިވެހިން މިއަދުގެ ދަރިންވަރުންނަށް އުނގަންނައި ދިނުމުގެ މަގުއޮތީ ފަހިކޮށްދީފައެވެ. ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު މައިގަނޑަކީ އެގައުމެއްގައި ތައުލީމީ ދަރިކޮޅެއް ބިނާކުރުމެވެ.                                                                         

ސްރީލަންކާއަށް މިފަހުން ދިމާވެގެން އުޅޭ އިގްތިސާދީ ނުކުޅެދުންތެރި ކަމަކީ އޭގެ ސަބަބުތައް ދިރާސާކޮށްގެން ހޯދައި އެ މައްސަލަތަކުން ފުރިހަމަ ޢިބުރަތެއް ލިބިގަންނަން ޖެހޭ ކަންތައްތަކެކެވެ. މިފަދަ ޙާލަތަކަށް ގައުމުތައް ވެއްޓިގެން ދާންޖެހޭ ސަބަބު ކަމަށް ސިޔާސީ އަދި އިގްތިސާދީ ތަޖްރިބާކާރުން އެއްވެސް އިސްތިސްނާއެއް ނެތި އެއްބަސްވާ ޙަގީގަތަކީ ނުކުޅެދުންތެރި ކޮރަޕްޓް ބަޔަކު ގައުމުގެ ވެރިކަމަށް ގެނައުމެވެ. ނުކުޅެދުންތެރި ކޮރަޕްޓް މީހުން ދެނެގަންނާނީ ކިހެނެއް ހެއްޔެވެ؟ 

މިއީ ވަރަށް ގިނަ ބަޔަކު ކުރާނެ ސުވާލެކެވެ. މި ސުވާލަށް އަޅުގަނޑުވެސް ދޭން އޮތް ޖަވާބަކީ އެއީ  އެބަޔަކު ކަންތައް ކުރާގޮތް ތަޖްރިބާ ކުރެވުމާއި ހަމަޔަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. އެހެންނަމަވެސް ނުކުޅެދުންތެރި ކޮރަޕްޓް މީހުންނަށް އެ ފުރުސަތު ހަނިކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.                                             

ސްރީލަންކާގެ ޙާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކާ ދޭތެރޭ ބަހުސަކަށް ދާކަށް އަޅުގަނޑު ލިޔާކަށްނެތީމެވެ. އެކަމަކު ސްރީލަންކާއަށް މެދުވެރި ޙާލަތު އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށްވެސް މެދުވެރި ވުމަކީ ވަރަށް ގާތްކަމެކޭ ދަންނަވަން ބޭނުމެވެ. މިއީ، ރާއްޖޭގެ ކަންތައްތައް ހިނގަމުން ދާގޮތުން ދިވެހި ކޮންމެ ރައްޔިތަކުވެސް ވިސްނާ ފިކުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަވަހަށް މަގުކޮށަންވީ ވަގުތު ކަމަށްވާތީއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދައުލަތުގެ ޚަރަދު ތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއި ވެރިކަމުގައި ތިބޭބަޔަކު ބޭނުންގޮތަކަށް، ގާނޫނުތައްވެސް ބަދަލުކޮށްގެން ސަރުކާރު ހިންގަމުން ގެންދާކަމާއި ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރި ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް އިޙުމާލު ވަމުން ގެންދިއުން މިއީ ވަރަށް ފާޅުގައި ދައްކަމުން ގެންދާ ވާހަކަތަކެކެވެ. 

އެހެނަސް އެ ވާހަކަ ތަކަށް ޢަމަލީ ސިފައެއް ގެންނަން ކުރާ މަސައްކަތެއް ނުފެނެއެވެ. ދޭތެރެދޭތެރޭން ކޮންމެވެސް އަމިއްލަ ބޭނުންތަކެއް ފުއްދުމަށްޓަކައި ސިޔާސީ ބޭފުޅެއްގެ ފަސްބައިގާ އެލިގަނެގެން މަގުމަތީގެ އަމާންކަން ނަގާލަން އުޅޭ ބަޔަކު ނެތެއެކޭ ނޫނެވެ. ގަބޫލުކުރެވޭ ގޮތުގައި އެއީ ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރު ހިންގުން އިސްލާޙް ކުރަން ކުރެވޭ މަސައްކަތެއް ނޫނެވެ. 

ކަމެއް އިސްލާޙް ކުރަން ބޭނުންވާނަމަ އެކަމެއް ގޯސްކޮށް ދަނީ ކީއްވެގެންތޯ އެކަމަށް ހުޅުވިފައިވާ ފުރުސަތު ތަކަކީ ކޮބައިތޯ ދެނެގަތުން ބޭނުމެވެ. އެއަށްފަހު އެންމެފުރަތަމަ ހުޅުވިފައިވާ ގޯސް ފުރުސަތުތައް ނެތިކޮށްލަން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ބުނެވޭ ގޮތުގައި ރައްޔިތުންނަށްޓަކައި ރައްޔިތުން އުފައްދާފައިވާ ރައްޔިތުންގެ ސަރުކާރެކެވެ. އެހެންވީމާ އެ ސަރުކާރު އުފެއްދުމުގައި ކުރެވުނު ނުރަނގަޅު ކަންތައްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްލީމާ އެއޮތީ ނުރަނގަޅު ގޮތުގައި ކުރަމުން އައިކަންތައް ހުއްޓުމުގެ މަގު ފަހިކުރެވިފައެވެ. 

ރައްޔިތުން ކުރަން ބޭނުން ވެއްޖެ ހިނދެއްގައި މިއީ އުދނގޫ ކަމަކަށް ނުވާނެއެވެ. މަގުތަކަށް ނުކުމެ ގައުމުގެ އަމާންކަން ނަގާލައި ބައިނަލް އަގްވާމީ ނޫސްތަކުގެ ފަލަސުރުޚީ އަށް އަރާކަހަލަ ކަންތައްކުރުމުގެ ބޭނުމެއް ނެތެވެ. ގައުމުގައި ބޮޑު ހުޅުޖެހުމުގެ ބޭނުމެއްވެސް ނެތެވެ.                   

އެންމެފުރަތަމަ އަޅުގަނޑުމެންގެ ވިސްނުން ރަނގަޅުމަގަށް ސީދާ ކުރަން ބޭނުމެވެ. ސަރުކާރުގެ ވާހަކަ ދައްކާއިރު ސަރުކާރަކީ ދައުލަތް ހިންގުމަށްޓަކައި ރައްޔަތުން ވަކި މުއްދަތަކަށް އިސްކުރާ ބައެކެވެ. ދައުލަތަކީ ރައްޔަތުންނާއި އެމީހުންގެ ގައުމާއި މުދަލާއި ގައުމިއްޔަތެވެ. އެހެންވުމުން ރައްޔަތުން އުފައްދާ ސަރުކާރަކީ މުޅިރައްޔިތުން އެއްކޮށްލެވިގެން ކިޔޭނަމެކޭ ދެންނެވިދާނެއެވެ. އޭގެތެރޭން ވަކިމީހަކު ވަކިކޮށްލާފައި ވަކި ކަމެއް ކުރަން ޙަވާލުކުރުމުން އޭނާއަކީ ރައްޔިތުންނަށް ވަކިކަމެއް ކޮށްދިނުމަށްޓަކައި އައްޔަން ކުރެވުނު ނޯކަރަކުކަން ގަބޫލުކުރަން ޖެހޭނެއެވެ. 

މިކަމުގައި ރައީސެއް އެހެންމީހެއް ތަފާތެއް ނުކުރެވޭނެއެވެ. ޙަވާލުކުރެވޭ ނޯކިރީއެއްގެ ޒާތުން އެ ނޯކިރީ ފުރިހަމައަށް އަދާކުރުމަށްޓަކައި ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ތަފާތު ވެދާނެއެވެ. އެއީވެސް ރައްޔިތުންގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކަށް އެމީހުން ނިންމަންޖެހޭ ނިންމުމެކެވެ. 

މިކަންތައްތައް މި މަގުން ރާވައި ހިންގުން ކަށަވަރު ކުރުމަށްޓަކައި އަތްމަތީ ފޮތެއް ރައްޔިތުން ތައްޔާރު ކުރަން ޖެހޭނެއެވެ. އެ ފޮތުގައި ލިއެފައިއޮތް އެއްޗަކަށް އުނި އިތުރު ކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތެއްގެ މަތިންނެވެ. އެފޮތަށް ގަނޫނު އަސާސީ ކިޔަސް ނުވަތަ އެހެން ނަމެއްކިޔަސް އެއީ މައްސަލައެއް ނޫނެވެ.                           

ދިވެހިރާއްޖޭގައި މިހާތަނަށް އެތައް ގާނޫނު އަސާސީއެއް ލިއެވިއްޖެއެވެ. ދުވަސްކޮޅަކުން ވެރިމީހާއަށް އޭގައި ލިޔެވިފައިވާ އެއްޗެއް ކަމުނުދާތީ އަނެއްކާ އެބަ ބަދަލުކުރެއެވެ. ޙަގީގަތުގައި އެ ގާނޫނުއަސާސީ ކަމުދޭތޯ ނުވަތަ ނުދޭތޯ އަހަންޖެހޭނީ ރައްޔިތުން ކައިރީގައެވެ. އެހެނަސް އެއީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ލިއުނު އެއްޗެއްކަމުގައި ވާނަމައެވެ. ވަކިމީހަކަށް ފެންނަގޮތަކަށް ލިޔެފައި އެއީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމުކުރާ އެއްޗެކޭ ބުނީމާ ދެން އެވަނީ މިހާރުގެ ބަހުރުވައިން ޑިކްޓޭޓަރޝިޕްގެ ނުވަތަ ގޮށްމުށުގެ އުސޫލަކަށެވެ.                                                             

ދިވެހީންގެ މުސްތަގްބަލް ރަނގަޅު މިސްރާބަކަށް އަމާޒުކުރަން ރައްޔިތުން ބޭނުންވާނަމަ އެންމެފުރަތަމަ ރައްޔިތުން ބޭނުންވާ ކަހަލަ ގާނޫނު އަސާސީއެއް ލިޔަންވީއެވެ. އެކަމަށް މަގުފަހި ކުރަންވީއެވެ. މިހާރު މިއޮތް ގާނޫނު އަސާސީއަކީ ދިވެހިންނަށް އަދުލުއިންސާފު ގާއިމު ކޮށްދެވޭނެ ފަދަ ގޮތަކަށް ލިޔެވިފައި އޮތް އެއްޗެއްކަމުގައި ބުނެވޭކަށް ނެތެވެ. އަދި މިހާރު އެނގުނު ގޮތުގައި މި ގާނޫނު އަސާސީ އަކީ ހައެއްކަ މީހުން ބޭނުންވާ ގޮތަށް އަވަސް އަރުވާލައިގެން ވުޖޫދަށް ގެނެވުނު އެއްޗެކެވެ. ނަތީޖާއަކީ އެ ހައެއްކަ މީހުންނަށް ބޭނުންވާ ގޮތަށް ބަދަލު ކުރެވެންޖެހޭ އެއްޗަކަށް އަބަދުވެސް ވެފައިއޮތް އޮތުމެވެ. ހަމަހިލާ އެހެން ވެގެން ނުވާނެއެވެ.                        

ގާނޫނު އަސާސީ ލިއުމަކީ މަގުމަތިން ހޮވާލެވޭ އެފަދަ ކަމެއް ކުރުމުގެ އެއްވެެސްޢިލްމެއް ޙިލްމެއް ނެތް ބައެއްގެ ޚިޔާލަށް ކުރެވޭ ކަމަކަށްވެސް ވެގެންނުވާނެއެވެ. އެ ގާނޫނު އަސާސީ ލިޔާނީ ރައްޔިތުންނެވެ. މުޅިރައްޔިތުން ހުރިހާ މަސައްކަތެއް ހުއްޓާލާފައި ގާނޫނު އަސާސީ ލިޔާކަށް ނުއިށީންދެވޭނެކަން ގަބޫލުކުރަމެވެ. 

އެކަންކުރާނީ ރައްޔިތުންގެ ތެރޭން އެކަމުގެ ޢިލްމު ލިބިފައި ތިބި މީހުންނެވެ. އެމެރިކާގެ ގާނޫނު އަސާސީ ނުވަތަ އެހެން ބޭރުގައުމެއްގެ އަސާސީ ކޮޕީ ކުރާކަށް ނުޖެހެއެވެ. އެފަދަ އަސާސީތައް ބަލައި ކިޔުމުން ލިބޭ ރަނގަޅު އެއްޗެސް މި މުޖުތަމައަށް ފެތޭވަރަކަށް ބޭނުން ނުކުރާށެކޭ ނޫނެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ ގާނޫނު އަސާސީ ތައްޔާރު ކުރުމުގައި ކީރިތި ގުރުއާން އާއި ސުންނަތުން  ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ރާއްޖޭގައި ޢިލްމުވެރިން މިހާރަކު މަދެއްނޫނެވެ.

ގާނޫނު އަސާސީ ތައްޔާރު ކުރުމުގައި ދިވެހިންގެ އާދަކާދައާއި ސަގާފަތާށް ވެސް ބަލަންޖެހޭނެއެވެ. ދިވެހިންގެ ފޯރުންތެރިކަމަށް ބަލަންޖެހޭނެއެވެ. އަދި ހަމައެފަދައިން  ވަކި މީހަކަށް ޙަވާލުކުރެވޭ ނޯކިރީއެއްގައި ދެމި ހުންނައިރު އޭނާއަށް ޙައްގުވާ އިނާޔަތްތަކެއް އޮންނާނެކަމާއި އެހެނަސް އެ ނޯކިރީން ވަކި ކުރެވޭ ހިސާބުން އެ އިނާޔަތްތައްވެސް ނިމުމަކަށް އަންނާނެކަން އެނގެން ޖެހޭނެއެވެ. ގާނޫނު އަސާސީ ވާންޖެހޭނީ ދިވެހިވަންތަ ދިވެހިންގެ އެއްޗަކަށެވެ. އެއަށް އުނިއިތުރު ކުރެވޭނީވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ވިސްނުމާއި ޚިޔާލާއި އެއްގޮތަށެވެ. 

ރައްޔިތުންގެ މަޖިލީހޭ ކިޔާތަނަކަށް އެބާރު ދޫކުރިފާ އޮވެގެން ނުވާނެއެވެ. އެގޮތަށް އޮތީމާ ވަމުންދާގޮތް މިދަނީ ތަޖްރިބާ ކުރަމުންނެވެ. މިހެންލިއުނީމާ ތިޔައީ ކުރެވޭނެ ކަމެއްނޫނޭ ބުނާ ބަޔަކުވެސް ތިބޭނެއެވެ. އާއެކެވެ! ގާނޫނު އަސާސީއަކީ ބޭނުންހާ އިރަކު ބޭނުންގޮތަކަށް ބަދަލު ކުރެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. އެއަށް އުނިއިތުރު ގެނައުމަކީ އެންމެ އުނދަގޫ ކަންތައް ކަމުގައި ގަބޫލުކުރަން ޖެހޭނެއެވެ.                                                    

ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުންދާ ގާނޫނު އަސީސީގެ ދަށުން ދިވެހިންގެ ޙައްގުތައް ހަމަހަމަގޮތެއްގައި ރައްކާތެރިކޮށް ނުދޭކަން މިހާރު އެންމެނަށްވެސް އެނގިއްޖެއެވެ. އެހެންކަމުން އެ ކޮށާ މަށާ ހެދިހެދިހެން މަގު ހުޅުވިގެންދާނީ ނުކުޅެދުންތެރި ކަމާއި އަމިއްލަގޮތްތަކަށް ބާރު ހޯދުމަށެވެ. އަމުދުން އެކަހަލަ ސަގާފަތެއް މުޅި ސިޔާސީ ދާއިރާގައި ޢާންމު ވަމުންދާއިރު މިނޫން އެހެން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިދާނެކަމަށް ގަބޫލުކޮށްގެން ދެއަތް އުރާލައިގެން ތިބުން ހެޔޮނުވާނެއެވެ.                                                               

ދިވެހީންގެ ނަސީބު ރަނގަޅުކަމުން ސްރީލަންކާއަށް މެދުވެރިވި ތަދުމަޑުކަމުން ގިނަ ދަރުސްތަކެއް ލިބިގަނެވިދާނެއެވެ. އޭގެތެރޭގައި މިހާރަކަށް އައިސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ބޭނުމުގައި ވަކާލާތުކުރަމުން ގެންދާ ބަޔަކުވެސް އާންމުވެފައި ވާއިރު އެމީހުންވެސް ގައުމަށްޓަކައި ހެޔޮނިޔަތަކުން އަލުން ވިސްނާލަން ވެއްޖެއެވެ. 

އަޅުގަނޑަކީ ގާނޫނީ ތަޖްރިބާ ކާރަކީމެއް ނޫނެވެ. އެކަމަކު ތުންތުންމަތިން މީގެ ކުރިން އިވޭ އަޑުތަކުން އެނގޭ ގޮތުގައި ގާނޫނު އަސާސީ ގައި ވަކިގޮތަކަށް ކަމެއް ކަނޑައަޅާފައި އޮއްވާ އެނޫންގޮތަކަށް ބަދަލުކުރަން ވާހަކަ ދެއްކޭނީ ހަމައެކަނި މަޖިލީހުގެ ޖަލްސާތަކުގައި ކަމުގައި ދެކެމެއެވެ. އެވެސް އެކަމުގެ ރޫޙުގައި މާތް ރަސްކަލާން ގަންދީ ކޮށްގެން ތިބި ހުވަޔާއި ތިމާމެން ދައްކާ ވާހަކަޔާއި ސިއްރިޔާތުގައި ދެކެވޭ ވާކަތަކާއި ތިމާގެ ހިތުގައިވާ އެއްޗެއްވެސް ހެއްދެވިފަރާތް ދެނެވޮޑިގެން ވާނެކަން ހިތުގައި އޮވެ އެކަން ގަބޫލުކުރާ ޚާލުގައެވެ. އޭރުން މަޖިލީހުގައި ރައްޔަތުންގެ މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކޮށް ދިނުމަށް ކުރެވޭ މަސައްކަތާއި ދައްކާ ވާހަކަތަށް ޗަރުކޭހަކަށް ނުވާނެކަމަށް ގަބޫލު ކުރެވެއެވެ. 

ރައްޔަތުންގެ މަޖިލީހުގެ ބޭރުގައި އެއްވެސްމީހަކު އެވާހަކަދައްކައި އޭނާގެ ޚިޔާލު އޭނާއާއި އޭނާގެ ފެކަޝަން އަށް ފައިދާތަކެއް ހޯދުމަށް، ރައްޔިތުންނަށް ވިއްކަން އުޅުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމެވެ. އަދި އެމީހަކު ޖަވާބުދާރީ ކުރެވެން ވާނެއެވެ. މިހާރު އޮންނަގޮތުން ނުވަތަ ޢަމަލުތައް ފެންނަގޮތުން  އަޅުގަނޑަކަށް ނޭނގެއޭ ބުނެ ”މިނިވަން“ ކަމުގެ ތެރޭގައި އެމީހަކު ބޭނުންކަމެއް ކުރުމާއި ބޭނުންވާހަކައެއް ދެއްކުންވެސް މިއޮތީ އާންމު ވެފައެވެ. 

އަދި އެންމެ ކަންބޮޑުވާން ޖެހުނީ މަޖިލީސްގެ ރިޔާސަތުން ރައްޔަތުންގެ މެމްބަރުން ރައްޔަތުންގެ މަޖިލީހުގައި ތެދުބަހުން ވާހަކަ ދައްކަން ނުޖޭހެކަމަށް ބުނީމައެވެ. ވަރަށްވެސް ލަދުވެތި ޢަމަލެވެ. އެފަދަ ކަންކަމީ އިސްލާމް ދީނާއި ގައުމިއްޔަތަށް ދެވޭ ޙަމަލާއެވެ.                                               ސްރީލަންކާގައި ހިނގާދިޔަ އަދި ހިނގަމުންދާ ކަންތަކަށް ބަލާލަމާތޯއެވެ؟ އެގައުމުގެ އިގްތިސާދީ ޙާލަތު ދަށަށްގޮސް ރައްޔިތުން ބަނޑަށްޖެހި އެންމެ އަސާސީ ބޭނުންތައްވެސް ލިބިގަނެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި މަގުތަކަށް ނިކުމެ ސަރުކާރުގެ އެންމެ ހައިބަތުހުރި އިމާރާތްތަކަށް ވަދެގަނެ ބައެއް އިމާރާތްތައް ރޯކޮށްލާ ހިސާބަށް ދިއުމުން ސަރުކާރު ފާޑަކަށް އިސްތިއުފާދީ، ބައެއް ވެރިން ގައުމުން ފިލައިގެންގޮސް އަނެއްބަޔަކު ރަށުބަންދުގައި ބަންދުކުރެވުނުތަން ފެނުނެވެ. 

އެހާހިސާބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުން އެގައުމުގައި ކުރިން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ޕްރައި މިނިސްޓަރު ރަނިލް އަށްމަޖިލީހުގެ އަޣްލަބިއްޔަތުގެ ނުހަމަ ގޮތުގައި ބޭނުންކޮށްގެން މަޖިލީހުން ގޮނޑިއެއް ދިނުމަށްފަހު އަދި އޭނާ ބޭރުކުރަން ރައްޔިތުން ގޮވަގޮވާ އޭނާގެ ގެވެސް ރޯކޮށްލާފަ ވަނިކޮށް އެ ބަރުލަމާނީ ސިސްޓަމުގެ ތެރެއިން ބޮޑުވަޒީކަންވެސް ދިނީއެވެ. އެ ބޭފުޅަކީ މިހާރު ހިނގަމުންދާ ރައްޔަތުންގެ މަޖިލީހަށް ކުރިމަތިލުމުން ގޮނޑިއެއްވެސް ކާމިޔާނުކުރެވި، ރައްޔަތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ބޭފުޅެކެވެ. ދެން ޕްރެޝަރ ބޮޑުވެ ޕްރައިމިނިސްޓަރު ކަމުން އިސްތިޢުފާދެއްވުމަށް ފަހު ހަފްތާއެއް ނުވަނީސް އެގަމުގެ ފިލަން ދުވާ ރައިސް ގޯޓާ އާއި ގާތް އެއްބަސްވުމެއް ދަށުން ހަމަ އެ މަޖިލީހުން ވަގުރީ ރައިސް އަކަށް ހޮވުނީއެވެ.

އެހެނަސް ދެން ވީގޮތްވެސް ބައްލަވާށެވެ. ރައީސް ގޯޓާ ފިލައިގެން ރާއްޖޭގައި ޙިމާޔަތް ހޯދައިގެން ހުރުމަށްފަހު ސިންގަޕޫރަށް ސަލާމަތުން ގޮސް ރައީސް ކަމުން އިސްތިޢުފާ ދިނީއެވެ. އަދި އެއަށްފަހު ފިލި ރައިސް ގޯޓާގެ ޕާޓީގެ އެނހީގައި، އިއްޔެ އެންމެ ފަހުން މަޖިލީހުގެ ތެރޭގައި ރައީސަކު ހޮވަން ނެގުނު ވޯޓުން މަޖިލީހުގެ މެމްބަރުން ރުހުން ގަނެގެން ކާމިޔާބު ކުރައްވައި  ރަނިލް މިހާރު އެހުންނެވީ ގައުމުގެ ރައީސްގެ މަގާމަށް އައްޔަން ކޮށްފައެވެ. 

އާދެ! ރަނިލް އަކީ މިއަދު ލަންކާގެ ރައީސް އެވެ. ރައްޔިތުން އެތިބީ މަގުމަތީގައި އަދިވެސް އޭނާ ބޭރުކުރަން ގޮވަގޮވައެވެ. ބަރުލަމާނީ ނިޒާމްގެ ޙާލަކީ މިއީއެވެ. 

މަޖިލީހުގައިތިބޭ ބާރުގަދަ މީސްކޮޅެއް، މިރާއްޖޭގައިނަމަ ސާޅިހަކަށް މީހުން ބޭނުންގޮތަކަށް ބޭނުން ކަމެއްކުރުމުގެ ފުރސަތު ބަރުލަމާނީ ކަރަޕް ސިސްޓަމުން އޮންނަނީ، ލަންކާގައި ވެފައިވާގޮތަށް ތަންމިނަށް ހުޅުވިފައެވެ.

ރައްޔިތުމީހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މިއަށް ރައްދު ދޭންބޭނުން ވާމީހަކު ބުނެފާނެއެވެ. ޔޫކޭ ނުވަތަ އެމެރިކާގައިވެސް އޮންނަނީ މިކަހަލަ ވެރިކަމެކެވެ. ވިސްނާ ފިކުރުކުރުން ހުއްޓެވެ. މިއީ ހަތަރު ލައްކަ މީހުންގެ އާބާދީއެކެވެ. އިންޓެނޭަޝަނަލް ބޮޑު ކުންފުންޏެއްގެ މުޢައްޒިފުންގެ ޢަދަދަށްވުރެވެސް ކިތަންމެ ތަނެއް މަދު ޢަދަދެކެވެ. 

ގައުމަށް ގެނެވުނު ޑިމޮކްރެސީވެސް މިވަނީ ކުރިއަށްވުރެވެސް ޑިކްޓޭޓަރ ޝިޕްއަކަށް ބަދަލުވެފައެވެ. ސަބަބަކީ މަޖިލިސް ވަކި މީހެއްގެ ނުވަތަ ބައެއް ފުލް ކޮންޓްރޯގެ ދަށަށްް ގަނެލެވިފައި ވުމެވެ. މެމްބަރުންނަށް ފައިދާއެއް ލިބިދިނުމުން އޭނާގެ ވޯޓް،ބޮސް ބޭނުންފުޅުވާ ކަމަކަށް ވިއްކާލާތީއެވެ. 

އެމެރިކާ! އެމެރިކާއިން ހީރޯޝީމާއަށް އެޓޮމިކް ބޮންވެސް އެޅިއެވެ. އިރާގްވެސް ސުންނާފަތި ކޮށްލީއެވެ. ބޭނުން ދިމާލަކަށް ބޭނުންވީމާ ޙަމަލަދެނީއެވެ. އ.ދ. އެއްގެބޭނުމެއްވެސް ނުހިފައެވެ. ދެން އަހަރެމެން ބުނަންވީ އަހަރެމެންގެ ވެރިން ހަވަރުތިނަދޫވެސް ފަޅުކޮށްލި ކަމަށާއި ދަންޑަހެލު ކިޔާ އެންމެ ފިރިހެނަކު މަސްއޮޑިއެއްގެ ކުނބުން ތަޅާ ޕޯޗުގީޒުންގެ އެއޮއްބޮޑު ލަޝްކަރުގެ ފަތަޙަވެސް ކުރެއްވީ ނޫންހެއްޔެވެ؟                                                  

ގަބޫލު ކުރައްވާށެވެ! ދިވެހި ހަރު ބަހެއްގައި ބުނެފައިވާ ފަދައިން އެ ކަކުންޏެއް ހޮރު ކޮންނާނީ އެ ކަކުންޔެއްގެ ވަރުންނެވެ. ދިވެހިންގެ މައްޗަށް އެމެރިކާ ސްޓައިލްގެ ގާނޫނު އަސާސީއެއް ތަންފީޒު ކުރަން ހުވަފެން ދެކޭކަށް ނުވާނެއެވެ. 

ދިވެހިންނަކީ އެއިރެއްގައި ވެރިކަމުގައި ތިބި ރައްޔަތުންގެ ނޯކަރުންނަށްވެސް އެމީހުންގެ ފެންވަރު އޮޅޭވަރަށް ކިޔަމަންތެރިކަން އަދާކުރާ ބައެކެވެ. މާޒީގައިވެސް އަދި މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. އެހެންނަމަވެސް މިހާރު އެކަން އެގޮތަށް ދެމެހެއްޓޭކަށް ނެތްކަން ގަބޫލު ކުރެވިއްޖެކަމަށް ފެނެއެވެ. 

ގަބޫލުކުރަން ޖަހޭ ޙަގީގަތަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމަކީ ވަރަށް ނުރައްކާތެރި ނިޒާމެއްކަން ލަންކާގެ ނިޒާމުން ޝައްކެއްނެތި ކަށަވަރު ވެއްޖެކަމެވެ. ލަންކާގެ ޙާލަތު ރަނގަޅުވުން އެއީ ކޮންމެ ދިވެއްސެއްގެ އެންމެބޮޑު އެދުމާއި ދުޢާއެވެ. 

ހަމަ އެހެންމެ ލަންކާ އެނިކަމެތި ޚާލަތަށް ދިޔަގޮތާއި ކުޅުނު ސިޔާސީ ޗައްކަރުން ދިވެހިން ވަރަށް ރަނގަޅަށް ޢިބުރަތް ޙާސިލުކުރަން ޖެހޭނެއެވެ. އަދި މި ދައުލަތް ހިންގުމާއި ޙަވާލުކޮށްފައިވާ، ނަމުން ސޯލިޙުން ނަށްވެސް، ލަންކާއަށް ދިމާވިފަދަގޮތަކަށް ދިވެހިރާއްޖެ ބަނގުރޫޓް ކޮށްލުމަށް ޗާންސް ދެވިގެން ނުވާނެއެވެ.

Loading

2 Responses

  1. ހަމަ ވަރަށް ހެޔޮ ބަސްކޮޅެކެވެ. ދިވެހިރާއްޖެ ދެކެ ލޯބިވާ ވެރިޔަކު ދެން ލިބޭނެ ހެއްޔެވެ؟ ރައީސް އަކު ހޮވުމަށް ރައްޔަތުންވެސް ވޯޓް ދޭން ބޭނުންވަނީ އޭނަޔަށް ނުވަތަ އޭނަގެ ޢާއިލާއަށް ގޯއްޗެއް ނުވަތަ ފްލެޓެއްދޭނެ މީހާ އަށެވެ. އެ ހެޔޮ ވެރިކަމުގެ އެއްވެސް ރޮނގެއްގައި ހޭކިލާފައި ނެތް މީހަކަށްވިޔަސް. މި ނުރަނގަޅު ގޮތްތަކުން ސަލާމަތެއް ލިބޭނީ ރައްޔަތުންގެ މަމްދޫބުކަމަށް ޢިލްމީ ގާބިލު މީހުން ރައްޔަތުން ހޮވައިގެންެވެ. އެގޮތަށް ވާނީވެސް މެމްބަރުކަމަށް ކުރިމަތި ލުމުގަޔާއި ރައިސް ކަމަށް ކުރިމަތިލުމުގައިވެސް ޝަރުތަކެއް ގާނޫނުގައި ކަނޑަ އެޅިގެނެވެ. އެނޫނީ ބޭހޮއްކޮވެސް ފައިސާ ދީގެން ކުޑަ އާބާދީއެއް އޮތް ތަނަކުން ގޮނޑިއެއް ގަނެލައިގެން މަޖިލީހުގެ ތިބުނި ޗަރުކޭހުގައި ބައިވެރިވެވޭނެއެވެ. ދެން އޭނާ ވޯޓު ގަންނަން ޚަރަދުކުރި ފައިސާގެ 10 ގުނަ މަޖިލީހުގެ ވޯޓް ވިއްކައިގެން ވެރިމީހާ އަތުން ހޯދާނެއެވެ. ފެންނަ މަންޒަރުވަރަށް ސާފެވެ. ބަލަމާ ހިނގާ 2023 އާއި 2024 ގައި ބަދަލެއް އަންނާނެތޯ؟؟

  2. ވަރަށް ރަނގަޅު ލިއުމެކެވެ. ތުންތުންމަތިންވެސް ހުރިހާރައްޔިތުންނާހަމަޔަށް މިވާހަކަ ގެންދަން އެބަޖެހެއެވެ. ރައްޔިތުން ބަޑަށްޖެހި ވޮށް އަނދިރީގައި ދިރިއުޅެންޖެހުނީމާ އަހާ ސަހަރޯއޭ ! މިއޮއްދިމާވި ގޮތެއްތާއޭ ގޮވަންޖެހޭ ހިސާބަށް ދިޔަ ނުދޭށެވެ. ރާއްޖެ ބަޑަށް ޖެހޭނީ މުޅި ދުނިޔެ ބަނޑަށް ޖެހުނީމާއޭ ސިފަކުރެވޭގޮތަކަށް މާލީ ވަޒީރު ވިދާޅުވިކަމަށް ނޫސްތަކުން ކިއިފައިވާ ހަނދާން ވެއެވެ. އެކަމަކު ރާއްޖޭގެ ވަލިއްޔުލް އަމްރު އިންޒާރު ދެއްވިކަމަށް ނޫސްތަކުން ފެނުނީ ބޮޑުވެގެންވާ ތަދުމަޑުކަމެއް ކުރިމަތިވަމުން އަންނަ ކަމުގައެވެ. މިއޮތީ ދެބޭފުޅުން ތަފާތު ވެފައެވެ. ދެން ހަދާނީ ކިހެނެއް ހެއްޔެވެ ؟ ހަމަހިމޭން ވެއްޓެއްގައި އިށީންދެލައިގެން އިނދެ ތިމަތިމާމެންގެ ވިސްނުމާ ފިކުރު ބޭނުންކޮށްގެން ހަގީގަތް ދެނެ ގަންނާށެވެ. އުނދަގޫކަމަކަށް ނުވާނެއެވެ. ކޮންމެ ގޮތެއްގައިވެސް ދިވެހިން ބަނގުރޫޓު ވިޔަ ނުދޭށެވެ. އެކަން ކުރެވޭނީ ރައްޔިތުންނަށެވެ. ސިޔާސީ މީހުން ކުރާނެކަން ގަބޫލުކުރަން ހެޔޮ ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް