ޤާނޫނާ ޚިލާފަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ކުޅުދުއްފުށީ ބަނދަރުން ޑިއުޓީ މާފްކޮށް މުދާ ދޫކުރާ ކަމުގެ ޝަކުވާތަށް ވަަރަށް ގިނަވެއްޖެއެވެ. އެގޮތުން ވަކިފަރާތްތަކެއް ކަސްޓަމުގެ ކަރަޕް މުއައްޒިފުންނަށް ރިޝްވަތުދީގެން ހިންގޭ މިފަދަ ކަރަޕްޝަން ހުށްޓުވޭގޮތް ވަނީ ނުވެފައެވެ. މި ޝަކުވާތަކަކީ ކަމިޝަނަރ އޮފް ކަސްޓަމްސް ޢަބުދުއްލާ ޝަރީފް އަށް ވެސް މިހާރަކު ސިއްރެއްް ނޫނެވެ. ނަމަވެސް މައްސަލަބަލައި ފިޔަވަޅު އެޅުން ލަސްވާ ސަބަބެއް ނޭގެއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާއެކު، މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ މުދަލަށް %50 ޑިއުޓީ މާފްކޮށްދެވެއެވެ.
މީގެ މައިގަނޑު މަގްސަދަކީ އެ ސަރަޙައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު މި މަގްސަދު ޙާސިލު ނުވާކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެއެވެ. ސަބަބަކީ ބޯޓު މާލެއަށް އައުމުން، ބޮޑެތި ދޯނިފަހަރުގައި ކޮންޓެއިނަރުތައް އެ ބަނދަރުތަކަށް ގެންގޮސް ޑިއުޓީ އިނާޔަތް ހޯދައިގެން މުދާ ގެންދިޔަ ދޯނީގައި އަނބުރާ ހަމަ އެމުދާމާލެއަށް ގެންނާތީއެވެ. އެ ބަނދަރުގައި މުދަލާގުޅޭ އެއްވެސް ޙަރަކާތެއްވެސް ނުހިންގައެވެ. އަދި މާލޭ ބަދަރުން ދޯންޏައް އަރުވައިގެން އެ ބަދަރުތަކަށް ގެންދިޔަ މުދާ އެ ބަނދަރަށް ނުވެސް ނުބާލައެވެ. ރައްޔިތުންނަށް މުދާ ލިބޭ އަގުވެސް ހެވެއްނުވިއެވެ. ނަމަވެސް ބޮޑު ފައިދާއެއް މިހޯދަނީ ކަރަޕް އޮފުސަރުންނާއި ގުޅިގެން އެ އޮޕަރޭޝަން ހިންގާ ވިޔާފާރިވެރީންނެވެ.
މިކަންތަކަށް ޙައްލެއް ގެނައުމަށްޓަކާ ގާނޫނަށް ގެނައި 17 ވަނަ އިސްލާޙުގައި ބުނެފައިވަނީ، ސަރަޙައްދީ ބަނދަރުތަކަށް ގެންދާ މުދަލުގެ އިމްޕޯޓް ޑިއުޓީ %50 މަޢާފުކޮށްދެވޭނީ އެ ސަރަޙައްދީ ބަނދަރެއް ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ އެ ސަރަޙައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ ތަކެއްޗަށް ކަމުގައެވެ. އެހެންކަމުން ބަނދަރަށް ނުބާލާ މުދަލަށް މި އިނާޔަތް ދެވޭނޭ އެއްވެސް ގޮތެއް ނެތެވެ.
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ގެންދާ މިފަދަ މުދާ، އެތަނުގައި ހުރި ކެރޭނުގެ މައްސަލަ ޖެހިގެން މިވަގުތު ބަނދަރަށް ނުބެލޭ ކަމަށާއި، ނަމަވެސް ނަހަމަ ގޮތުގައި ޑިއުޓީ އިނާޔަތް ހޯދުމުގެ ބޭނުމުގައި ބަރާބަރަށް މާލެއިން ކޮންޓެއިނަރުތަކުގައި މުދާ ގެންދާ ކަމަށް ކުޅުދުއްފުށީ ބަނދަރުގެ އޮފިޝަލަކު ސަންދާނަށް މަޢުލޫމާތު ދީފައިވެއެވެ.
މި ކަރަޕް އޮޕަރޭޝަންގެ ސަބަބުން މުދާ ބަނދަރަށް ބޭލުމަށް ކޮންޓެއިނަރަކަށް ޚަރަދު ކުރަންޖެހޭ ގާތްގަނޑަކަށް 20 ހާހަށްވުރެ ގިނަ ރުފިޔާ އެފަރާތްތަކަށް ކަޓުވާލެވޭނެ ކަމަށާއި ގިނައިން ގެންދަނީ ސައިކަލް ކަމުގައިވެސް އެ އޮފިޝަލު ފާހަގަކުރިއެވެ. އަދި މިއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް އެފަރާތްތަކަށް ނަހަމަގޮތުގައި ގުޅިގެން ފައިދާ ނަގައި ދިނުމަށް އެނގިތިބެގެން ހިންގާ ކަރަޕްޝަނުގެ ޢަމަލެއް ކަމަށްވެސް އެ އޮފިޝަލު ފާހަގަކުރިއެވެ.
އެއްވެސް ޙާލަތެއްގައި އެ ބަނދަރަށް މުދަލެއް ނުބާލައި، އެ މުދަލަށް ޑިއުޓީ އިނާޔަތް ދެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށާއި، ނަމަވެސް ކުޅުދުއްފުށީ ކަސްޓަމްސްގެ ޑައިރެކްޓަރޭޓް ހެޑް އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު މަސީހު ވިދާޅުބަސްފުޅު އިިއްވަވާތީވެ، ޤާނޫނާ ޚިލާފަށް ކުޅުދުއްފުށީ ކަސްޓަމްސްގެ މުވައްޒަފުން އެ އިނާޔަތް ދެމުންދާ ކަމަށް ކަސްޓަމްސްގެ އޮފިޝަލަކުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މަސީޙު އެގޮތަށް ވިދާޅުވަނީ ކޮމިޝަނަރ ޖެނެރަލްގެ އެންގެވުމަށް ކަމަށް މަސީޙު ވިދާޅުވާ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
މި ހުރިހާ އެންގުމެއްވެސް އަންގަނީ ފޯނުން ކަމަށްވެފައި، އެއިން ކަމެއް ލިޔުމުން ފެންނަން ނެތުމުން ކޮމިޝަނަރ ޖެނެރަލް އަދި މަސީޙުވެސް އެކަމުގެ ޒިންމާ ފަހުން ނުނަންގަވާނޭ ކަމުގެ ބިރު އޮތް ކަމަށާއި، އާޚިރުގައި އެކަމުގެ ޒިންމާ ޢާންމު މުވައްޒަފުންގެ ބޮލުގައި އަޅުވަފާނެތީ ކުޅުދުއްފުށީ ކަސްޓަމްސްގެ މުވައްޒަފުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
2 Responses
މިއީ ލަންކާއަށް ކިޔަވަން ފޮނުވީމަ ވިޔަފާރިވެރިން އަތުން ކަޓުނަގައިގެން ސެޓްފިކެޓް ބައްލަވައިގެން ބޭފުޅެއް. މިހާރު އެކޮށްދެއްވާ ކަމަކީ އެކަމުގެ އަގު އަދާކޮށްދެއްވަނީ……. ރައީސް ސާލިހު އަށާއި މިނިސްޓަރ މާރިޔޯއަށް ބައިއަޅާ އެހެންވެ އެމީހުން ތިބީ އޯކޭ ވެފާ.
ޚަބަރު ލިއުއްވާއިރު ގާނޫނުގައި އޮތްގޮތް ނުލިއުއްވިއްޔާ މާރަނގަޅުވާނެއެވެ. ގާނޫނުގައި އޮންނާނީ ކަންތައްކުރަންޖެހޭގޮތް ލިއެފައެވެ. އެއީ ރައްޔިތުންގެ މަސްލަހަތަށްޓަކައެވެ. ބަލާނީވެސް އެގޮތަށް ކުރެވޭތޯއެވެ. ބައެއްފަހަރު އެގޮތަށް ކުރުން އުނދަގޫވާތީ ކުޑަކޮށް މަގުން އެއްފަރާތް ވެލަނީއެވެ. އެކަމުން ރައްޔިތުންނަށް ލިބެނީ ކޮންގެއްލުމެއްހެއްޔެވެ..ކޮންމެވެސް ބަޔަކަށް ހައްގުނޫން ފައިދާތަކެއް ލިބިދޭކަމަށް ބުނެވިދާނެއެވެ. ހަމައެގޮތަށް ގާނޫނުގައި އޮތްގޮތަށް ކަންތައް ކޮށްގެން ސަރުކާރަށް އެ ފައިސާ ލިބުނީމާ ހައްގު ނޫން ފައިދާކުރާނެ ބަޔަކު ނުތިބޭނެ ހެއްޔެވެ. ގާނޫނުގައި ލިއެފައި އޮންނަ އެއްޗަކުން ކޮރަޕްޝަނެއް ނުހުއްޓުވޭ ނެއެވެ. ބައިވަރު އެހެންގޮތްތައް އެބަހުއްޓެވެ. އެކަމަކު އެގޮތްތައް ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ.