މެކްސިކޯގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި ނަން މަޝްހޫރު ’ޑްރަގް ލޯޑް‘ އެއް ކަމަށްވާ ރަފަޔެލް ކޭރޯ ކުއިންޓޭރޯ ހައްޔަރު ކުރުމަށް އެ ގައުމުގެ ނޭވީން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 14 މީހުން މަރުވެއްޖެ އެވެ.
މި މީހުން މަރުވެފައި ވަނީ މި އޮޕަރޭޝަންގައި ބޭނުންކުރި ހެލިކޮޕްޓަރު ވެއްޓި އޭގައި އަލިފާން ރޯވުމުގެ ސަބަަބުންނެވެ. ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބުގެ ތަފްސީލް އެގައުމުން ވަނީ ސިއްރުކޮށްފައެވެ. ބުނެފައިވާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ދިމާވި ”އެކްސިޑެންޓެއްގެ“ ސަބަބުންނެވެ. ވެއްޓިފައިވާ ހެލިކޮޕްޓަރަކީ ނޭވީ ބްލެކްހޯކް ނަމަކަށް ކިޔާ އަސްކަރީ އުޅަނދެކެވެ.
މެކްސިކޯގެ ރައީސް، އެންޑްރިއާސް މެނުއެލް ލޯޕޭޒްއޮބްރޭޑޯ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔުއްވައި ހިތާމަފާޅުކުރައްވާފައެވެ.
ޑްރަގް ލޯޑް- ކޭރޯ ކުއިންޓެރޯ ވަނީ 1985 ވަނަ އަހަރު އެމެރިކާގެ އޭޖެންޓެއް ކަމަށްވާ ކެމަރޭނާ ނުވަތަ އާންމު ނަމުންނަމަ ކީކީ މަރާލާފައެވެ. އޭނާ މަރާލި މައްސަލައިގާ ދެ ގައުމުގެ ގުޅުމަށް ބޮޑެތި އަސަރުތަކެއް އެ ދުވަސްވަރު ކޮށްފައިވެއެވެ. އޭގެ ފަހުން މެކްސިކޯ ސަރުކާރުން ކޭރޯ ހައްޔަރުކޮށް ޖަލަށް ގެންދިޔައެވެ. ނަމަވެސް އޭނާ ވަނީ ޖަލުން ފިލައި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންގޮސްފައެވެ.
އޭގެ ދިހަވަރަކަށް އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު މެކްސިކޯގެ ސަރުކާރުން ހިންގި އޮޕަރޭޝަންގައި އޭނާ މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މީހުން މަދު ހިސާބުގަނޑެއްގައި ފިލައި އުޅެނިކޮށެވެ. އޭނާ ފިލައި އުޅެނިކޮށް ހޯދާފައި ވަނީ މަސްތުވާތަކެތި އަތުލައިގަތުމަށް ޓްރެއިން ކޮށްފައިވާ ’މެކްސް‘ ކިޔާ ކުއްތާއެކެވެ.