ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް ސިފައިން ވެއްދުމުން ޤައުމީ ސަލާމަތަށް އަބަދުވެސް ނުރައްކާވޭ!

Loading

Facebook
Twitter
WhatsApp

ދިވެހި ސިފައިން، 1892އިން ފެށިގެން މިއަދާއި ހިސާބަށް އައި މި ދިގު ޙަޔާތުގައި، އެ އަސްކަރިއްޔާގެ ތެރެއަށް ނުފޫޒު އަބަދުވެސް ވަދެފައިވަނީ ސިޔާސީ ގޮތުން ޤައުމު ހިންގުމުގައި ބަލިކަށިކަމެއް އައުމުން އޭގެ ތެރޭންނެވެ. ނުވަތަ ޤައުމު ހިންގުމުގެ ނިޒާމަށް ބަދަލެއް އަންނަ ދުވަސްވަރެއްގެ ތެރޭންނެވެ. މިގޮތުން އެތަކެއް ފަހަރު މަތީން މިދިޔަ މާޒީގައި މިކުޑަ ދިވެހިރާއްޖޭގައިވެސް ދިވެހި އަސްކަރިއްޔާ މިފަދަ ޙާލަތްތަކަށް ވެއްޓިގެން ގޮސްފައިވާކަން ތާރީޚުން އެގެން އެބައޮތެވެެ. މިފަދަ ކޮންމެ ފަހަރަކު އެ އަސްކަރިއްޔާއަށް ބަލިކަށިކަން އައިސް ނުހަނު ގެއްލުންކުރުވައެވެ. އަދި ކިއެއްތަ ސަފުތަކުގެ ބަދަހިކަން ގެއްލުވާލައެވެ. މީގެ އިތުރުން އެންމެ ކަންބޮޑުވާން ޖެހެނީ މިފަދަ ފުރުޞަތު ތަކުގެ ތެރެއަށް ބޭރުގެ ނުފޫޒަށް ޖާގަ ހުޅުވިގެންދާތީއެވެ. ވުމާއިއެކު، ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާމިފަދަ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ، މުޙިންމުކަމެއް ކަމުގައި ދެކެމެވެ.

ފުރަތަމަ ކަމަކަށް މިފަދަ ކަމެއް ފާހަގަވެގެން އައިސްފައިވަނީ ކޮންމެއަކަސް އެދުވަސްވަރުގެ ބޮޑުންގެ ޢާއިލީ ވެރިކަމުގެ ކޯޅުންތަކުގެ ތެރޭންނެވެ. 1953 ގައި ރަސްކަމެއް ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔަ ދުވަސްވަރުގައެވެ. އިންޤިލާބަކުން ފުރަތަމަ ޖުމްހޫރިއްޔަތު ބަދަލުވެގެން އައި ދުވަސްވަރުގައި މަތީ ދަރަޖާގައި ޚިދްމަތްކުރި ދެތިން މީހަކު ފިޔަވައި އޭރުތިއްބެވި ގިނަބަޔަކު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޮނުވާލިއެވެ. އަދި އެއަށްފަހު ވަޒީފާއިން ވަކިކުރީއެވެ. ދިވެހި ޖުމްހޫރިއްޔާގެ ވެރިކަން އަނެއްކާވެސް ރަސްކަމަކަށް ކުޑަދުވަސްކޮޅަކަށް ނަމަވެސް ބަދަލުކޮށްލީއެވެ. ޤާނޫނުގެ ބާރު ކެނޑިގެން ވެރިކަން ދެމެހެއްޓުމުގެ ބާރު ތަންފީޒު ނުކުރެވިދިޔައެވެ.

ކޮންމެއަކަސް އެއަށްފަހު ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ބަދަލުކޮށްލުމުގައިވެސް މިފަދަ އެތަކެއް ނުރަނގަޅު ކުޅިވަރުތައް ފެނިގެން ދިޔައެވެ. ރާއްޖޭން ބޭރުން ހަތިޔާރު ހޯދި ވާހަކައަކާއި އަދި އެވެރިކަން ބަދަލުކޮށްލުމުގައި އިސް ސިފައިންތަކެއްގެ ދައުރު އޭރުއަލަށް ޙަވާލުވި ސަރުކާރު ގެ އިސްވެރިން އެބައެއްގެ ބޭނުން ހިފި ވާހަކައަކީ ހަމަ ޙަޤީގަތެއް އޭގައި އޮތްވާހަކަ ތަކެކެވެ. އެބައެއްގެ އަމިއްލަ އިޢުތިރާފްއިންވެސް އެނގެން އޮތް ފަސްއަޅާފައި ބާއްވާފައިއޮތް ވާހަކަތަކެވެ.

މިރާއްޖެއަށް އަނދިރިކަން ގެނެސް ދިން އެންމެ ފަހުގެ ނުރައްކާތެރި ތާރީޚަކީ، 03 ނޮވެމްބަރ، 1988 ގައިވެސް މި ޙާދިސާ ހިނގުމުގެ ކުރީންވެސް ސިޔާސީ ވާދަވެރިންނާއި، އަސްކަރިއްޔާގެ އިސްމީހުނާއި ނުރަނގަޅު އިޖްތިމާޢީ ގުޅުން ބޮޑުވެ، ލިބެގެންނުވާންވީ މަޢުލޫމާތުތައް ސިޔާސީ ވާދަވެރިންނަށް ލިބުމުން އޭގެ ފުރުޞަތުގެ ބޭނުން އެ ވާދަވެރީން ހިފީއެވެ. ނަމަވެސް ފަހުން ޒާތީވުން އިސްކޮށް އެކަމާ މާބޮޑުގުޅުމެއްނެތަސް އެތަކެއް ސިފައިންތަކެއް ވަޒީފާއިންކަނޑާ ގެޔަށް ފޮނުވާލިއެވެ. ވުމާއިއެކު، އެދުވަސް ވަރުވެސް ފާހަގަ ވެގެން ދިޔައީ އަސްކަރިއްޔާގައި ތިބި އެންމެ ކަމުވޮށިވެގެން ވީގިނަބަޔަކު ސިޔާސީވުމަށް އެތެރެއިން ފުރުޞަތު ތަކެއް ހޯދަދީފައިވާތަނެވެ.އަދި މިކަމުގެތެރޭން ބަދަލު ހިފުންތަކަކަށް ފުރުޞަތު ލިބިގެން ދިޔައީއެވެ.

ކޮންމެ އަކަސް 90 ކުރީކޮޅުން ފެށިގެން އަނެއް ސިޔާސީ ކޮޅިގަނޑެއްފެށިގެން އައެވެ. އިންތިޙާބީ އަހަރުތަކުގައި ކޯސްޓްގާރޑްގެ ލޯންޗް ފަހަރުގެ ކައްޕިންނާއި އަދި އެލޯންޗްތަކަށް ރާއްޖެތެރޭން ހޮވާލެވޭ ބައެއް ފަޅުވެރިންނަކީ، ރޭގަނޑުގެ ޚާއްޞަ މުނިފޫހި ފިލުވަން އެހީތެރިވެދީ އެފަދަ ކަންކަން ހަމަޖައްސާލަދޭން ކުޅަދާނަ ބޭކަލުންނެވެ. އޭގެ ފަހަތުން އެސިފައިނަށް މަގާމުގެ ކުރިއެރުން ދޭންޖެހޭތަން އާދެއެވެ. އަދި މިކަން މިގޮތަށް ހިނގުމުން އެކަން އެނގި ދެން ތިބި ސިފައިން ތިބެން ޖެހެނީ ތުންފިއްތާލައިގެންނެވެ. އަސްކަރީ ޔުނިފޯރމް މީހުންނަށް މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމު ދިނުމާއި، ޕާލިޔަމަންޓް ގެ ގޮނޑިތައް ފުރުއްވުމަށް ފުރުޞަތު ދިނުމާއި އަދި މީގެ އިތުރުން އެބޭފުޅުންގެ ކެމްޕޭނުތަކަށް އެ ސަރަޙައްދުތަކަށް އެދުވަސްވަރަކަށް ޗުއްޓީއަކާއި ނުލައިވެސް ސިފައިން ފޮނުވުމުން، ސިޔާސީ ވުމަށް އެތަކެއް ފުރުޞަތުތަކެއް ހުޅުވިގެން ދިޔައެވެ. އަސްކަރިއްޔާގެ ބަޔަކު މިކަން ކަމުގައިވެސް ސާމިލުކުރުވާފައި ވާކަން އެގިފައިވެއެވެ.

އަސްކަރިއްޔާގެ މަގާމުގެ ކުރިއެރުން މިއަދާއި ހިސާބަށް އައިއިރު ބިނާވެފައި އޮތީވެސް މިޞްރު ގެ އަސްކަރީންގެތެރޭ މިކަންކަން ހިނގަމުން އައި ގޮތާ އެއްސިފައިގައެވެ. އެއީ ސިޔާސީ ގުޅުން ބޮޑެތި ފަރާތަތަކަށް އިސްކަންދީގެންނާއި އަދި ނަޞަބުން ބޮޑެތި ކަމަށް ދެކޭ ފަރާތްތަކާއި ގުޅުން ބޮޑު ފަރާތްތަކަށް މަގާމުގެ ކުރިއެރުން ހޯދަދިނުމުގެ މައްޗަށެވެ. އަދި ޤައުމަށް ބޭނުންތެރިގޮތަށްވުރެން ވެރިކަމުގައި ދެމިތިބޭ ބަޔަކުގެ ބޭނުމަށް ސަފުތަކުގެ ތަރުތީބު އަތުރާލަމުން އައުމެވެ. މިކަމުގައި މުވައްސަސާގެ ހަމަތަކުގެ މަތީން ސަފުތައް ބަލައިނުގަނެ ގެންދަން އުޅުމުން ސިޔާސީ ފަރާތްތަކުގެ ފަސްބައިގައި ހިފައިގެން މަގާމުގެ ކުރިއެރުން ހޯދަން ހިނގޭތޯ އެ އަސްކަރީންގެެތެރޭން ބަޔަކު އަބަދުވެސް ބަލަން ފަށައެވެ.

އަސްކަރިއްޔާގައި އެ އަސްކަރީން ދެމި ތިބޭއިރު އެ އެބައިމީހުންގެ ’އިނާޔަތްތައް‘ ހެޔޮފާލު ކުރުމަށްޓަކައި، ވިޔާފާރި ކުންފުނިހަދައިގެން ވިޔާފާރި މައި މަރުކަޒު ތެރެއަށް 1945ގައި ހުޅުވިއެވެ. އަދި 1964 ގައި ހިއްސާ ކުންފުންޏެއްގެ ގޮތުގައި ވިޔާފާރި ތެރެއަށް ވަދެގެން އައިއިރު ބޮޑެތި ކަންކަމުގެ ތެރޭން ވެސް ދަސްވީ ނަޒާހަތްތެރިކަން ގެއްލޭގޮތަށް ކަންކަން ދީލެމުން ދަމުންގޮސް އިޙްމާލު ވުމެވެ. މިއަދާއި ހިސާބަށް އައިއިރު މިކަމުގައި ޝާމިލްވެފައި ތިއްބެވީ ގާތް ބޮޑެތި ބޭފުޅުންނަށްވާތީ މިކަންކަން ބަލަން ނުކުޅެދިފައި ތިއްބަވާތަން ފެނިގެން ގޮސްފައި ވާކަމަށް ބައެއް ފަރާތްތަކުން ވިދާޅު ވަމުންދެއެވެ. މިކަމުގައި ބޭރުގެ ނުފޫޒު ވަދެ އޮތްމިންވަރުން އަދި މީގެތެރެއަށް ކުންފުނިތެރޭން ބޮޑެތި އަދި ކުދި ވިޔާފާރިތައް މެދުވެރިކޮށް ހިންގާ ޖަރީމާތައް އިސް އަސްކަރީން މީގެތެރޭ ބަނދެވި ހިނގާފައި އަދި ހިންގަމުން އަންނައައުން މިކަމުގެ ސަބަބުން ޤައުމީ ސަލާމަތައް ލިބިދޭން ޖެހޭ ރައްކާތެރިކަން ނުލިބި ޤައުމުގައިވާ ސިޔާސީ މައިދާނަށް ލިބިދޭ ލޮޅުން އަންނަނީ ވަރަށް ބާރުމިނުގައި އަރަމުންނެވެ. މި މައްސަލަތައްވެސް އަމިއްލަ މަންފާއަށް ނުބަލާން ބަހައްޓާފައިހުރީ ކަމުގައި ބެލެވިދާނެއެވެ.

ކޯސްޓްގާރޑްގެ އުފެދުމަށްފަހު އެބައިމީހުންގެ ދައުރުވެސް އެދުވަސްވަރު ފަހުން ބަދަލު ވިއެވެ. ފައްތިޔަލުގައި އަޅާ ބާއްވައިގެން ޞިއްޚީ ދާއިރާ ގެ ދައުރު އަދާ ކުރަން ޖެހުނެވެ. މިހެން އެތަކެއް އަހަރު ތަކެއްގައި ބާއްވަން ޖެހުނީ ކަނޑުމަގުން އޭރު ރޭވި ހިނގަމުންދިޔަ ވިިޔާފާރިތަކަކަށް މަދަދު ދިނުމަށެވެ. ސިއްރިޔާތުގައި ކަނޑުމަގުގެ ވިޔާފާރިތަކަށް ފުރުޞަތު ބޮޑުވެގެން ދިޔައެވެ. މި ދެންނެވި ދުވަސް ވަރު ރާއްޖޭގެ ސަރަޙައްދަށް ވަގަށް މަސްބާނަން ވަންނަ ބޯޓް ގަނޑެއްވެސް ނުހިފި އެތަކެއް އަހަރުތަކެއް ދިޔައެވެ. އަދި ކަނޑުމަގުން އެެތެރެ ކުރާ މަސްތުވާތަކެތި ގިނަވާންފެށިއެވެ. އަދި މިނޫންވެސް މިޒާތުގެ ނުރަނގަޅު ވިޔާފާރިތަކަށް މި ފުޅަނދުތަކުގެ ފަޅުވެރީން ބައިވެރިކުރުމުން އޭގެ ފަޅުވެރިން މިފަދަ ސިޔާސީ ކަންކަމުގެ ބޭރުން ޖަރީމާތަކަށް ވަންނަން ފުރުޞަތު ބޮޑުވެ އަސްކަރީންގެ އަޚްލާޤް ބަދަލުވެގެން ދިޔައެވެ.ހަމަ ސިޔާސީ ބައެއްގެ މަންފާއަށް ކަންކަން އަނބުރާލާ ގައުމީ މިޞްރާބު އެއްފަރާތްކޮށް ބޭއްވުމުގެ ސަބަބުންނެވެ.

ސިފައިން ސިޔާސީ ވުމަށް ދިމާވި އަނެއް ސަބަބަކީ މެމްބަރުންގެ ހަށިފާރަވެރިންގެ ގޮތުގައި ތިބޭގޮތަށް 2008 ގެ ޤާނޫނުން ލާޒިމް ކުރުމުންނެވެ. މެމްބަރުންގެތެރޭގައި ތިއްބަވާ ބައެއް ފޯރުންތެރި މެމްބަރުން ފޮރުވަންޖެހޭބައި ބޮޑުވެ އެކަން ރައްކާތެރިކުރުމަށް އެ ފަރާތުން ދެއްވާ ހަދިޔާތައް އަދި އެހީތަކުގެ ސަބަބުން އެމީހުންނާއި ގުޅުން އުފެދުމުންނެވެ. އަދި ދޭތެރެއަކުން އެހީ ނަގަން ދަސްވުމެވެ.އެއަސްކަރީން އެ މުވައްސަސާއަށް އަދި ޤައުމަށްއޮތް ލޯބި ގަނެލީއެވެ. ކަން މިހެން އޮތަސް އެއްބަޔަކުދެކެނީ ސިޔާސީ ކަންކަމަށް އަސްކަރީން ވަދެވުނީ ވޯޓްލާން ހުޅުވާލި ފުރުޞަތުގައި ކަމުގައެވެ. ނަމަވެސް މިކަން ޤަބޫލުކުރެވޭނީ ކިހިނެތް ހެއްޔެވެ. ދުނިޔޭގައި 195 ވަރަކަށް ޤައުމު އޮއްވާ ހަމައެކަނި ރާއްޖޭގެ ނުވަތަ ވަރަށްވެސް މަދު ގައުމެއްގެ އަސްކަރީން ސިޔާސީ ވާން ޖެހުނީ ކީއްވެ ކަމުގެ ސުވާލު އަދި ސަބަބު އެގެން އެބަޖެހެއެވެ.

ކުރިން އެއްކޮށް އޮތްނަމަވެސް އަސްކަރީންނާއި ފުލުހުންގެ އިމަށް ބަދަލު ގެނައުމުން ވަކި ދެ މުވައްސަސާއަކަށް ބޭއްވުމަށް ސިޔާސީ ގޮތުން ޖެހުނެވެ. 2003 ސެޕްޓެމްބަރ މަހު ޖަލުގައި ހިނގާ ދިޔަ ހިތާމަވެރި ޙާދިސާގައި އެދުވަހުވެސް ތިބީ ދިވެހި އަސްކަރީންނެވެ. ނަޒާހަތްތެރިކަން ގެއްލުވާލާ ޖަލު ކޮށްތައް އިސްކަން ދިނުމަށް ގަޔާވެފައި ތިބިލެއް ބޮޑުކަމުން ބޮލަށް ޖަލު ފުރާޅު ވެއްޓުނީއެވެ. އިދާރީގޮތުުންނާއި، އިންސާނިއްޔަތުކަން ފަރުވާ ކުޑަވެ ތިބީމައެވެ.

ޑިފެންސް ގެ ދަށުގައި މުސްތަޣިއްލު އަސްކަރިއްޔާއެއް ބެލެހެއްޓުމުގައި އޮންނަނީ މުސްކުޅި އިދާރީ ހިންގުމުގެ ކަންކަން ބެލެހެއްޓުމުމުގެ ހަމަތަކުންނެވެ. ދިފާޢީ ވުޒާރާއެއްގެ އޮަންނަންޖެހޭ ހައިބަތު ކުޑަކަމުގައި ދެންނެވެން އެބައޮތެވެ. ހުރިހާ ނިންމުމެއް ނިންމުމުގައި މިޒަމާނުގައި އަސްކަރިއްޔާއެއް ދަމަހައްޓާއިރު ޑިފެންސް ފަދަ މުވައްސަސާ އެއްގައި އޮންނަން ޖެހޭ ވިއުގަ ކުރެވިފައިވާ، ގުނަވަންތައް އޮވެމެ އެކަން ފުރިހަމަވެފައި ނެތުމުން ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ ކޮމާންޑާރު އިން ޗީފް ގުޅިގެން ކުއްލި ނިންމުންތައް ނިންމާލަނީއެވެ. މިހެން ބައްޓަންވެ އޮތުމުން މީގެ ތެރެއަށް ބޭރުގެ ސިޔާސީ ނުފޫޒު ވަންނަން ފަސޭހައެވެ. މީގެ އަނެއް ނުރައްކަލަކީ، މިފަދަ ޙާލަތްތަކަށް ހުށިޔާރު ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކުންވެސް މިފުރުޞަތުތަކުގެ ބޭނުން ހިފާތީއެވެ.

26 ޖޫން، 2009 ގަ މުޙައްމަދު ޝިޙާބް ’ދިވެހި ސިފައިން ސިޔާސީ ވެއްޖެ‘ މިނަމުގައި ލިޔުއްވާ އިންޓަރނެޓްގައި ޝާއިއުކޮށްފައިވާ މަޒްމޫންގައި މަޖްލިހުން ބާރުލިބިގެން ދިވެހިއަސްކަރިއްޔާއަށް ޗީފް އޮފް ޑިފެންސް ފޯރސްއަކު ހޮވަނީނަމަ ސިޔާސީ ނުފޫޒް ވަނުމަށް މަގުފަހި ވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ސިފައިންގެ ހުވާކޮށްގެން ތިބޭ އިސްއޮފިސަރުން ޕަބްލިކް ޑޮމެއިންގައި (ފިނިމައިޒާންތަކުގައި) މަޖިލީހުގެ ކަރާމަތަށް ގެއްލުންވާގޮތަށް ވާހަކަދައްކާ ހިސާބަށް ދިޔުމުން، ސިޔާސީ ނުފޫޒު ކަންކަމުގެ ތެރޭގައި ހުރި މިންވަރު ވަރަށް ފުންކޮށް ފެނިގެން ހިނގައްޖެކަމުގައި ދުށުމުގެ ޖާގަ އެބައޮތްކަމުގައި އެބޭފުޅާގެ ހިތަށް އަރާކަމުގައި އެދުވަސް ވަރު ލިއުއްވާފައި ވެއެވެ.

07 މޭ 2010 ގެ ސިޔާސީ ޕާޓީ އެއްގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެރެޔާ ދިމާކޮށް އަލިމަސް ކާނިވަލުގެ ސްޓޭޖްގައި، މައުޟޫއަށް ދެއްވި ދަރުސް އަޑުއެހުމަށް، އަސްކަރިއްޔާގެ ސީނިޔަރ އޮފިސަރުންގެ އެއްބަޔަކަށް ވަކިކަމެއް ނާންގާ އޮޅުވައިލައިގެން ގެންގޮސް ޚާޒިރުކުރުވާ ޖަލްސާގައި ބައިވެރިކުރުވުން ފަދަ ކަންކަން ހިންގާފައި ވެއެވެ.އަދި މިނޫނަސް ސިޔާސީ ޕާރޓީތަކުގެ އޮފީހުގައި ސައިފޮދު ހިއްޕެވުމާއި މިފަދަ ބައްދަލުވުންތައްވެސް އަސްކަރިީންނާއިއެކު ހިނގާފައި ވެއެވެ. 29 ޖޫން، 2010 ކެބިނެޓް އިސްތިޢުފާ ދިނުމާއި އެކު ސަރުކާރަށް ގޮންޖެހުންތަކެއްގެ ގޮތުގައި ރައްދުދިނުމުގެ ގޮތުން ޖުލައި 2010 ގައި ގޮންޖައްސަވާ ފުރުޞަތުގެ ބޭނުން ހިފާ ބައެއް ޝޭޚްއިން ގެންނަވާ ދީނީ ތަޤްރީރު ދިނުން އެ މަހު ގައި ބޭއްވެވުން މިކަމުގައި ތެރޭ ހިމެނެއެވެ. ހަމަމިގޮތަށް 23 ޑިސެމްބަރ، 2011 ގެ އިއްތިހާދު ބޭއްވި އެއްވުމަށްވެސް އަސްކަރިއްޔާ ތެރޭން ތައްޔާރުވުންތަކެއް ވެފައިވާކަމަށް ފާހަގަވެފައިވުން ހިމެނެއެވެ. މި ގޮތުން ޚާއްޞަ ޚިދުމަތްތަކުގެ ކޮމާންޑަރުން ގެ މަގާމުތައް ބަދަލުކޮށް ވަކިބަޔަކަށް މަހަކުން މަހަކަށް މަގާމުގެ ކުރިއެރުން ދެއްވާ އަދި އެތެރޭގެ މަގާމުތައް މިކަމަށް ފަހިވާނެހެން ބަދަލުކުރައްވާ ހެއްދެވިއެވެ.

މިފަހުން ބޭރުގެ ނުފޫޒު އަސްކަރިއްޔާގެ ތެރެއަށް ވަދެފައިވަނީ އަދި ވަންނަމުން ދަނީއަކީ އާދައިގެ ވަރެއްގައި ނޫނެވެ. ވަރަށްވެސް ބާރުމިނުގައެވެ. ނުތަނަވަސްވެ ތިބޭ އޮފިސަރުންގެ ކަތި ބަހަކުން އެ ބައިމީހުނަށް ނުރަނގަޅު އެތަކެއް އަސަރުތަކެއް ކުރުވަމުންނެވެ. އަދި ސިޔާސީ ގޮތުން އަރާ އުދާސްތައް ބޭރުވަމުން ދަނީ އެކި ސިފަސިފައި ގައެވެ. މުސްކުޅި ޝަޣާފަތާއި އެއްގޮތަށް އަސްކަރީ ފަންނުގެ ހަމަތަކުގެ މަތީން މަގާމުގެ ކުރިއެރުން ނުލިބޭތީ އޮނިގަނޑަށް ގެންނަންޖެހޭ ފަހި ބަދަލުތައް މިފަހުން ގެނެވުނަސް އެކަމަށް ޢަމަލުކޮށް ތަންފީޒުކުރުމުގައި ފަސްޖެހުންތައް ގެންގުޅުމުގެ ސަބަބުން އެއަސްކަރިއްޔާއަށް ލިބެމުންދާ ގެއްލުން ކުޑައެއްނޫނެވެ. އެފަދަ ކަމެއް ފާހަގަވިޔަސް އެކަން ދީލުވާލައިގެން ތިބެނީއެވެ. ތަޙްްޤީގް ކުރަން ފަސް ޖެހެނީއެވެ. އަދި މިގޮތަށް އަޅާނުލާތިބުމުގެ ސަބަބުން އަސްކަރީންގެ ބައެއްގެ އުދާސްތަކަށް ކުރިއެރުމެއް އަދި ހިތްހަމަޖެހުމެއް ހޯދާދެވޭނެކަމަކަށް ނުދެކެމެވެ.

ފުރަތަމަ ޑިމޮކްރަސީ އަށް އަހަރުވިތަނާހެން ސިޔާސީ ނުފޫޒު އެތެރެއަށް ވަދެފައިވާވަރަކީ، 28 ޖެނުއަރީ، 2010 ރޭ ގެ އޭރުގެ ސިޔާސީ ޕާރޓިއެއްގެ މުޒާހަރާ އަށް އެހީތެރިވުމުގެ ގޮތުން އަސްކަރިއްޔާގެ ތެރޭން ކަންތައްތަކެއް ފަހިކޮށްދީފައިވާކަމަށް ތުހުމަތު ކުރެވުމެވެ. އަސްކަރިއްޔާގެ ހެޑް ކްއޯރޓަރޒް މައިގޭޓަށް ބެލެހެއްޓުމަށް ސެކިޔުރިޓީގޮތުން ބަދަލުތަކެއް ގެނެސްފައި އޮތުމެވެ. ކުރީގެ ޝަގާފަތާއި ޚިލާފަށް ޑިއުޓީރޭ އޮފިސަރުން މަދުކޮށް، އެބައިމީހުން ގެޔަށް ނިދަން އެދުވަސްވަރު ފޮނުވުމާއި އަދި މިކަމަށް ފަހިވާނެހެން ބައެއް ޔުނިޓްތަކަށް ކޮމާންޑަރުން އައްޔަނުކޮށް އަދި އެރެޔަކަށް ފަހިކޮށްދިނުމާއި އަދި އެރެޔާދިމާކޮށް ކައިރީ މަރުކަޒުތަކަށް ރާއްޖެތެރެއަށް ބަޔަކު ފުރައިގެން ދިޔައީއެވެ. ހަމަމިދެންނެވި އަހަރުތެރޭގައި 14 މާރޗް، 2010 ގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ ޢަލީ ޖަލީލް ސިފައިން ގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދަން ބޭނުން ނޫން ކަމުގައި ވިދާޅުވީ އަލްމަހްރޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ’ސިފައިންގެ ބަޑި މުބާރާތް 2010‘ ފެށުމުގެ ގޮތުން ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައި ވެއެވެ.

އޭގެ ދެއަހަރު ފަހުން މިފަދަ ސިޔާސީ ނުފޫޒު އަސްކަރީން ތެރެއަށް ވަދެފައި ވާވަރު ރަމްޒުކޮށްދިން އަނެއް ދުވަހަކީ، 07 ފެބްރުއަރީ 2012 އެވެ. އަސްކަރީންގެ ސަފު ތަކުގެ ބަދަހިކަން ގެއްލުވާލާ ފޫއަޅުވާލާފައި ވެއެވެ. ތާރީޚުން ނުފެންނަވަރުގެ ހަޑި މުޑުދާރު ޢަމަލުތައް އަސްކަރީންގެ ތެރޭން ފެނި އެ ކަންކަން ހިނގާފައި އަދި ވީޑީއޯ ކުރެވިފައިވާއިރު އަދި ތުޙްމަތު ކުރެވޭ ބަޣާވާތެއް ހިނގާ އެކަން ނުބަލާން ތިބިތިބުމަކީ ރައްޔިތުންގެ ޙައްގަށް އަރައިގަތުން ނޫންހެއްޔެވެ؟ މިއިން ހިތްވަރު ލިބިގެން ސިފައިން ކުރިކަމެއްގެ ތަޙްޤީގުނުކޮށް އެކަމުގައި މަތިއަޅައި އެކަން ފޮރުވަދޭން މަސައްކަތް ކުރުމަކީ ކުށެއްކަމަކަށް ނުދެކުމުން އަސްކަރިއްޔާގައިތިބި މިފަދަ މީހުންނަށް ލިބިފައިވަނީ ކުށަށް އަރައިގަތުމުގެ ހިއްްވަރެވެ. އެ މުވައްސަސާ ސިޔާސީވުމަށް އިތުރަށް ހިއްވަރު ދިނުމެކެވެ.

ވެރިންނަށް ތިއްބަވާ ބޭފުޅުން ބޭނުންވާ ހިނދެއްގައި ރެއާއި ދުވާލު ހިދުމަތުގައި އުޅުއްވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރެވޭނެ ފުރުސަތު ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ 23 އޭޕްރިލް 2019 ވިދާޅުވެފައިވެއެވެ. އަދި އެހެންމެ ސިފައިންގެ 127ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ސިފައިން ފޯރި މަރަމުން ދިޔައީ މާޔޫސްކަމާއި ނާއުއްމީދާއި އެކުގައި ކަމަށެވެ. އަދި ވަޒީފާ ގެއްލުމުގެ ބިރުވެރިކަން އިންތިހާއަށް ސިފައިންގެ ތެރޭގައި އޮތް ކަމަށާއި އެކަންކަން މި ސަރުކާރުން ހަރުދަނާ އުޞޫލަކުން ލިޔެ ތަރުތީބު ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް ކަންކަން ގެންދަވަފައިވަނީ އެހެނެއް ނޫނެވެ. ވަކި ބައެއްގެ ވަޒީފާއަދާކުރުމުގެ ހައްގުތަކަށް ވަނީ އަރައިގެންފައެވެ.

ފަހުގެ ތާރީޚެއްގައި ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އެންމެބޮޑަށް ވަދެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުކަމަށް އޭރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވެއެވެ. އޭނާ އެހެން ވިދާޅުވީ 12 ޖުލައި 2019 ގައި ޕީއެސްއެމް ނިއުސްގެ ”އެކްސްކްލޫސިވް“ ޕްރޮގްރާމުގައި ވާހަަކަ ދައްކަވަމުންނެވެ.

03 ނޮވެންބަރ، 2019 ގައި ދިވެހި ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް ސިފައިންގެ ލީޑަޝިޕުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެފައިވެއެވެ. ސަރުކާރުގެ ފާއިތުވެގެން ދިޔަ 2 އަހަރު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ، ސިޔާސީ އެކި ނުފޫޒުން ދިވެހި ސިފައިން އެއްކިބާ ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ނޮވެމްބަރ، 2020 ގެތެރޭގައިވެސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި ސިޔާސީ ނުފޫޒުން ސިފައިން އެއްކިބާކުރަން އާ އުސޫލުތަކެއް 03 ނޮވެމްބަރ، 2021 ގައި ތައާރަފުކުރަން ޖެހުމަކީ މިހިސާބަށް ދިޔައިރު އެކަން އެތެރޭގައި އޮތްކަން ރަމްޒު ކޮށްދޭ ކަމެކެވެ.

ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ކޯލިޝަނުން ގޮވާލައިފައި ވެއެވެ. 10 އޯގަސްޓް 2021 ގައި ފުލުހުންގެތެރޭގައި އިސް މަގާމުތަކެއްގެ ވެރިން ވަކިކުރަން ނިންމި ނިންމުމާއި ގުޅިގެންނެވެ. އަދި ހަމަ މިފަދައިން ރައީސް ޔާމީންގެ އަމުރަށް، ބާރާއި ނުފޫޒު ބޭނުން ކޮށްގެން ސިޔާސީ ވެރިން ހައްޔަރުކުރި ކަމަށް ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު 10 މޭ 2022ގައި ވިދާޅުވެފައި ވެއެވެ. މިހިރީ މިކަމަށް ދެވިދާނޭ ރަނގަޅު ހެކިތަކެވެ. އެއީ އެކަމުގައި އެދުވަހު އުޅުއްވާ މިއަދު އެހެން ހިޔާވަހިކަމަކަށް ވަދެވުމުން އެވާހަކަ ވިދާޅުވާތީއެވެ.

’ފިނދަނަ‘ ތަކެއްގެ ގޮތުގައި އަސްކަރީން ސިފަކޮށް މިހާރުގެ ޑިފެންސް މިނިސްޓަރ، މާރިޔާ މީގެކުރިން ސިޔާސީ ޕޯޑިއަމްތަކުގައި 27ފެބްރުއަރީ 2012ވަނަ އަހަރު އޭރުގެ ސަރުކާރު ވެއްޓުމުން ނިކުމެ ހއ.ދިއްދޫގައި އެމްޑީޕީ އިން ބޭއްވި އެއްވުންތަކުގައި ވާހަކަ ދައްކަވަމުން ވިދާޅު ވަމުން ގޮސްފައި ވެއެވެ. އަދި 03 ނޮވެމްބަރ 1988ގައި އެ އުދުވާނު ދިފާޢުނުކޮށް ބަހަނާދައްކާ ސިފައިން ބިރުން ފިލީ ކަމަށާއި ހުރިހާ މޮޅެއް ހޯދައިދިނީ އިންޑިއާ ކަމުގައި ވިދާޅުވެފައެވެ. އަދި މިކަމަނާ ވަނީ ޤާނޫނުއަސާސީ އަށް ކޮޅުފައިން އަރުއްވާ އިއްޒަތްތެރި މަޖިލީހުގެ ކަރާމަތައް ގޮނެވެސް ޖައްސަވާފައެވެ.
މީގެ އިތުރުން އިންޑިއާ އާއިއެކު ވެފައިވާ ކ.އަތޮޅު އުތުރު ތިލަފަޅުގެ އެއްބަސް ވުމާއި އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާގެ ތަޙްޤީގުހިންގުމުގައި ފަސްޖެހިވަޑައި ގަތުމާއި، އަސްކަރިއްޔާގެ ތެރޭގައި ހުރި ކޮރަޕްޝަން މައްސަލަތައް ގާތް ރައްޓެހިންގެ އަމިއްލަ މަސްލަހަތު ހިފެހެއްޓުމަށް އިސްކަން ދިނުމުން އިޚްލާޞްތެރިކަން ގެއްލިފައިވާވުމަކީ، އެ މުވައްސަސާއަށް އިތުބާރު ގެއްލެން ދިމާވެފައިވާ ބޮޑެތި ކަންކަމެވެ. ކަން މިހެން އޮތްއިރު، ”ދިވެހި ސިފައިން ސިޔާސީ ބަޔަކަށް ހަދަން މާރިޔާ ސިޔާސީ މީހަކަށް ވިޔަސް މަސައްކަތް ކޮށްގެން ނުވާނެ. ދިވެހި ޤައުމު ބައެއްގެ އަޅުވެތި ކަމުގެ ދަށަށް ދާއިރު އަތް ޖަހަން ތިބޭ ބައެއްނޫން ސިފައިންނާއި. ސިފައިންނަކަށް ސިޔާސީ ކުލައެއް ނުބޭއްވޭނެ“ : މިހެން ރައީސް ޔާމީން މިފަހުން މާރޗް 2022 ފަހުކޮޅު ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވެއެވެ. މިނިސްޓަރ މާރިޔާ 03 ނޮވެމްބަރ،2021 މިހެން ވިދާޅުވީ، އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމް އިފްތިތާހުކުރުމަށް ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަ ފުޅެއްގައެވެ. ނަމަވެސް ރައީސް ޞޯލިޙް ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ކެމްޕޭނުތަކުގައި ސިޔާސި ބޭނުމަށް ވަޒީފާއިން ވަކި ކުރިމީހުންނަށް ވަޒީފާ އަނބުރާ އިޔާދަކޮއްދިނުމަށް ވަޢުދުވެވަޑައިގެންފައިވީނަމަވެސް އެކަމުގައި ކަންކުރެއްވީ އެވިދާޅުވިގޮތާއި ޚިލާފަށެވެ.451 އެއްހާ މައްސަލަ ބަލައިގެންފައި އެމައްސަލަތަކަށް އިތުރަށް ސިޔާސީ ނުފޫޒު ވެއްދީއެވެ.

އަސްކަރީން މަޖްލިސް ގޭގެ ސެކިޔުރިޓީއަކީ 2008 ޤާނޫނުން ލާޒިމްކޮށް ހިނގަމުން އަންނަ ކަމެކެވެ. ބޭރު ތަޙްޒީބު ޤައުމުތަކުގައި އަސްކަރިއްޔާ ތަމްޞީލް ކުރަނީ ’ސެރެމޯނިއަލް‘ ކޮށެވެ. ނުވަތަ ޓެރަރިޒަމް ގެ ބިރުވެރި ޙާލަތުގައެވެ. ނުވަތަ ފިޒިކަލް ސެކިޔުރިޓީ ބެލެހެއްޓުމުގައާއި، މަޖްލިސްގެ ކޮމެޓީގައި އަދި ޚާއްޞަ ޙާލަތްތަކުގައި އަސްކަރީން ތަމްސީލް ކުރުން ހިމެނެއެވެ. ކަންކަން މިހެން އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގުމަށް ސިފައިން އެ އިދާރާއަށް ވަދެ އޮޕަރޭޝަންތައް ހިންގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްވެސްވަނީ ވިދާޅުވެފައި ވެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ 16 ނޮވެމްބަރ، 2018ގައެވެ. މިކަމުގެ ހިތި ތަޖްރިބާ ތަކެއް ކުރައްވާފައި ހުންނަވާ ވިދާޅުވި ވާހަކަ އެކެވެ.

ދިވެހި ގައުމީ ދިފާއީ ބާރުގެ ބޮޑީގާޑުންނަކީ، ހަމައެކަނި 5 އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ގާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އިލްތިމާސްކުރައްވައިފައިވެސް އެބައޮތެވެ. މިނިސްޓަރ މާރިޔާ މިފަދައިން އިލްތިމާސްކުރެއްވީ، 21 ޖެނުއަރީ 2022ހުކުރު ދުވަހުގެ ހެނދުނު ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުން ވާ ނަމަ ސިފައިންގެ ޗީފްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީ.އެން.ސީގެ މެންބަރު އާދަމް ޝަރީފް އުމަރު 11 ޖޫން،2022 ވަނީ ގޮވާލައްވައިފިއެވެ. އަދި ހަމަ އެޔާއިއެކު ސިޔާސީ ވެރިންގެ ނުރައްކާތެރި ޕޮލިސީތައް ދިފާޢުކުރާ ބަޔަކަށް ސިފައިން ނުވުމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވެސް އޭގެ 06 އެއްކަ ދުވަސް ފަހުން ގޮވާލައްވައިފިއެވެ. މިހެން މި ބޭފުޅުން ގޮވާލެއްވީ ރައީސް ޞޯލިހްއާއި ޖުމްހޫރީ ޕާރޓީ (ޖޭޕީ) ގެ ލީޑަރގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯރސް އިންނެވިތަން ސޯޝަލް މީޑީއާގައި ފޮޓޯތަކެއް ފެތުރެމުންނެވެ. މިއީ 10 އޯގަސްޓް 2016 ގައި ޗެނަލް ސަން އެމްވީއިން ދިވެހި އަސްކަރީން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުމާއި، ސިޔާސީ ފަރާތްތަކާ އެކު އިޖްތިމާއީ އެއްވުންތަކަށް ދިއުމާއި އެފަދަ އެއްވުންތަކުގައި ބައިވެރިވުން ދިވެހި ސިފައިންނަށް މަނާކޮށްފައިވާ ކަމަށް އެނގިފައިވާކަމަށް ވާހަކަ ފެތުރިފައި ވަނިކޮށެވެ.

މިކަންކަން މިގޮތަށް ހިނގާނަމަ މިކަމުން ދުވަހަކުވެސް ދިވެހި އަސްކަރިއްޔާއަށް ސިޔާސީ ކިލަނބުން އަރައި ނުގަނެވޭނެއެވެ. އެމީހުންގެ އަޞްލު ދައުރަށް ހުރިހާ ސިޔާސީ ފަރާތްތަކުން އިޙްތިރާމް ނުކުރެވެނީ ނަމަ މިކަން ފިލާ ނުދާނެއެވެ. ޗީފް އޮފް ޑިފެންސް ފޯރސް އަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކޮށް ވަކިކުރާ މީހެއްގެގޮތުގައި އޮތްކަމުގައިވީ ނަމަވެސް އެެޤާނޫނުގެ އެމާއްދާގައި އިތުރަށް ބުނެފައިވާ ޝަރުތުތައް ފުރިހަމަނުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ބޭރުން ގެނަސް ވައްދާ މީހަކަށް ޗިީފް އޮފް ޑިފެންސްފޯސްވެ ރަހީނުކުރެވިފައިވާ ޙާލަތެއްގައި ހުންނަ މީހެއްގޮތަށް ބަހައްޓާފައި ހުންނަހާ ހިނދަކު މިކަންކަމުން އަރައެއް ނުގަނެވޭނެއެވެ. ވުމާއިއެކު، ސިޔާސީ ފަރާތްތަކުންވެސް ދިފާއީ ވުޒާރާގެ މިމުވައްސަސާއަށް އިޙްތިރާމް ކުރުންމަތީ ދެމިތިބުމަށް ގެންނަންޖެހޭ އިޞްލާޙް ނުގެންނަވާ ހަމައެކަނި ސިޔާސީ ބޭބޭފުޅުންގެ މަންފާ އަށް ކަންކުރަން އޮންނަ ތަނެއްގެ ގޮތުގައި އޮތްއޮތުން އިޞްލާޙް ނުކޮށްފިނަމަ މިކަމުން ދިވެހި ގައުމަށާއި ރައްޔިތުންނަށް މި މުވައްސަސާއިން ލިބިދޭނޭ ފައިދާއެއް ނޯންނާނެއެވެ. އަދި މަޤްޞަދު ފުރިހަމަ ނުވާނެއެވެ.

Loading

One Response

  1. ބޮޑަށް ވިސްނެނީ މިލިޓަރީއަށް ސަރުކާރު ތަކުން ބާރުފޮރުވެވެނީ ރައްޔަތުން ވެރިމީހަކަށް ކޮންމެ މީހަކުވެސް ބޮޑުވަރިހަމަ ވުމުންނެވެ. މިހެން މިދެންނެވީ އަސްލުވެސް ސަރުކާރާއި މިލިޓަރީއާއި ގުޅުން އޮންނަން ޖެހޭނެކަމަށް ވެންނާތީއެވެ. ވެރިކަމުގެ އުރަތްޕެއްނެތް ވެރިކަން އެއީ ކިހިނެއް ހިނގާ އެއްޗެއްކަން ނޭގޭ މީހުން ހޮވުނީނާ އެމީހުން ލިވާތްކޮށްފައިވެސް މަގުމަތީ ހީ ސަމާސަކޮށް ހަމަ ފުއްޕައިވާ އުޅެފާނެއެވެ. ވީމާ ކޮލިޓީ މީހުން ވެރިންނަށް ހޮވުމުގެ މުހިންމުކަން ރައްޔަތުން ދަނެ ލަދުހަޔާތް ހުންނަ އަދި އިންސާނަކަށް ވީތީ އަބުރުވެރި މީހަކު ވެރިކަމަށް ގެނެވުނީމާ އެނާގެ އަތް މިލިޓަރީއާއި ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ނުފޯރުވާނެއެވެ. މިލިޓަރީއާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެބައޮތެވެ. އެހެނީ ދައުލަތް އަމާންކަމާއިއެކު ބެލެހެއްޓުމަށްޓަކައެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް