ދާދި މިދާކަށް ދުވަހުގެ ކަމެކެވެ. އިންޑިޔާގެ ޓީވީ ބަހުސެއްގައި ވެރިކަންކުރާ ބީޖޭޕީގެ ނެޝަނަލް ސްޕޯކްސްވުމެން ނުޕުލް ޝަރުމާ އާއި ބީޖޭޕީގެ ދިއްލީގެ މީޑިއާ އޮޕަރޭޝަން ހެޑް ނަވީން ކުމާރު ޖިންދާލް މިއުންމަތުގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަޞައްލަމް އަށް ފުރައްސާރަކުރިއެވެ. މިކަމާއި ގުޅިގެން އިސްލާމީ ޤައުމުތަކުން އިންޑިޔާގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ގޮވާލާ މުޒާހަރާކޮށް އެކަން ކުއްވެރިކޮށް ބަޔާންތައް ނެރެ ގަތަރާއި ކުވައިތުން އިންޑިޔާގެ އެމްބެސެޑަރުން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުރުހުން ފާޅުކުރުމުގެ ގޮތުންދޭ ރަސްމީލިޔުން ހަވާލުކުރިއެވެ. މިއީ ޑިޕޮލޮމެޓިކް ދާއިރާގައި ނުރުހުން ފާޅުކުރުމުގެ އެންމެ މަތީ ދަރަޖައެވެ.
މިހުރިހާ ކަމެއް ހިނގަމުންދިޔައިރު މިސަރުކާރުން އެކަމާއި ގުޅިގެން ހޭ ވެސް އަހާނުލާ ހަނުހުންނަން ފެށުމުން ދީނީ ޢިލްމުވެރިން އެކަމާއި އިދިކޮޅަށް ވާހަކަ ދައްކަން ފެށިއެވެ. އިންޑިޔާއިންވެސް އެތެރޭގެ މުޒާހަރާތަކާއި ގުޅިގެން އެންމެފަހުން ކެތްނުވެގެން އެދެމީހުންގެ މައްސަލައިގެ އެފްއައިއާރު (ފަސްޓް އިންވެސްޓިގޭޝަން ރިޕޯޓް މިއީ ޕޮލިހަށް މައްސަލަ ހުށަހެޅުމަށް ދޭ ބަޔާނަށް ކިޔާނަމެއް) ރަޖިސްޓްރީ ކޮށް ވެރިކަންކުރާ ޕާޓީން އެދެމީހުން ފާޅުކުރީ ޚިޔާލަކީ އެޕާޓީގެ ޚިޔާލުނޫންކަމަށް ބުނެ ބަޔާންނެރުނު ހިސާބުން ފިނިގޮތަކަށް އެކަމާއިބެހޭ ގޮތުން މިސަރުކާރުގެ ސްޓޭންޑް ހާމަކޮށް ނިންމާލިއެވެ. އަދި އެކަން ހަދާން ނުނެތެއެވެ.
އިންޑިޔާއިން ދިވެހިންގެ ތެރެއަށް ވަދެގަތުމަށް ބޭނުންކުރާ އެންމެބޮޑު އުކުޅަކީއިންޑިޔާގެ ކަލްޗްރަލް ސެންޓަރެވެ. މިތަން މެދުވެރިކޮށް އެމީހުންގެ ދީނީ އެކިއެކި ޝިޢާރު ފާޅުކުރުމުގެ ކަންކަން ކުރުމަކީ އެތަން އުފެދުނީއްސުރެ ކުރަމުން އަންނަކަމެކެވެ. ބައެއްފަހަރު މިފަދަ ކަންތައްތަކާއި ގުޅިގެން އާންމުން ނުކުމެ ނުރުހުން ފާޅުކޮށްފައި މީގެކުރިންވެސް އެބަހުއްޓެވެ. 28 ޖުލައި 2011 ގައި ކަލްޗްރަލް ސެންޓަރ އުފެދުމާއި އެކު އެތަނުގެ ފުރަތަމަ ޑިރެކްޓަރ އަކަށް ބެހެއްޓީ އިސްލާމެކެވެ. އެކަމަކު ފެށީ ރޭވިފައިވާ ގޮތަށް ޔޯގާގެ އިންސްޓްރަކްޓަރުން އުފައްދާށެވެ. އިންޑިއަން ކަލްޗްރަލް ސެންޓަރުގެ ޔޯގާ ހަދާއިރު އަބަދުވެސް ހަރަކާތް ދަސްކޮށްދެނީ ކަސްރަތެއް ކަމަށް ވިސްނޭގޮތަށެވެ. ހެދުނުގެ ޔޯގާ ޕްރޮގްރާމް ފަށަނީ ސޫރިޔަ ނަމަސްކާރާ އިންނެވެ. ސޫރިޔަ ނަމަސްކާރާގެ 12 ހަރަކާތް އެތުރިފައިވާ ތަރުތީބުން 9 ފަހަރު ކުރުވައެވެ. އަދި އޭގެފަހުން ލޯމަރައިގެން ހުރެ ނޭވާލުމުގެ ހަރަކާތެއް ހިންގައި އަދި އެއަށްފަހު ވިސްނުމުގެ ހަރަކާތެއް ހިންގައެވެ.
އިރަށް އަޅުކަން ކުރުމަކީ ހެއްދެވި ފަރާތް ނޫން އެހެން އެއްޗިއްސަށް އަޅުކަންކުރުމުގެ ތެރޭގައި ހިމެނޭކަމެކެވެ. ސޫރިޔަ ގެ މާނައަކީ އިރު، އަދި ނަމަސްކާރާ މާނައަކީ ސަލާންކުރުމެވެ. ސޫރިޔަ ނަމަސްކާރާ އަކީ އިރަށް ސަލާމް ކުރުމެވެ. މީގަ ހިމެނޭ 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގައި ކުރާ ކަމަކީ ދެއަތްޖޯޑު ކޮށްގެން ކޮޅަށްހުރުމެވެ. މިހަރަކާތަށް ކިޔާ ނަމަކީ ޕްރަނަމާސާއެވެ. މިހަރަކާތުގައި ހުރެ ”އޯމް މިތްރާޔަ ނަމާހާ“ މިހެން ކިޔައެވެ. މިއީ ސާންސްކްރިތް ބަހެކެވެ. މާނައަކީ ”އެންމެން ލޯބިވާ އިލާހަށް ސަލާމް“ އެވެ.
ނަމާދުގައި ރުކޫޢު، ސުޖޫދު، އިޢުތިދާލު، ދެސަޖިދަ ދެމެދު އިނުންފަދަ ހަރަކާތްތަކަށް ނަންތައް ދެވިފައިވާ ފަދައިން ސޫރިޔަ ނަމްސްކާރާގައި ކުރާ ހަރަކާތްތަކަށް، ޕްރަމަނާސާ، އުދްވާ ހަސްތަސްނާ، އުއްތަނަސަނާ، އަންޖަނެޔަސަނާ، ޗަތުރަންގާ ދަންދަސަނާ ފަދަ ނަންތައް ދެވިފައިވެއެވެ. މިއިން ކޮންމެ ހަރަކާތެއްގައިވެސް ކިޔަން ވަކި ޚާއްސަ ކިޔުމެއްވެސް އޮވެއެވެ. އޭގެތެރޭގައި ”އޯމް މިތްރާޔަ ނަމާހާ“، ”އޯމް ރަވާޔެ ނަމާހާ“، ”އޯމް ސޫރުޔާޔަ ނަމާހާ“، ”އޯމް ބަނާވޭ ނަމާހާ“ އަދި ”އޯމް ކަގާޔަ ނަމާހާ“ ފަދަ ކިޔުންތައް ހިމެނެއެވެ. މިކިޔުންތަކުގެ މާނަތަކަށް ބަލާއިރު، ”އެންމެން ލޯބިވާ އިލާހަށް ސަލާމް“، ”ހުރިހާ ބަދަލެއްގެ ވެރި އިލާހަށް ސަލާމް“، ”އެންމެހައި ކަންކަން މެދުވެރިކުރައްވާ އިލާހަށް ސަލާމް“، ”އަލިކަން ގެންނަ އިލާހަށް ސަލާމް“ އަދި ”އުޑުހިންގަވާ އިލާހަށް ސަލާމް“ ފަދަ މާނަތައް ހިމެނެއެވެ.
ޔޯގާގެ ހަރަކާތްތަކުގައި ކިޔާއެއްޗެހި ނުކިޔައި ހަމައެކަނި ހަރަކާތްތައް އެކަނިކުރުމަކީ އެންމެ ރަގަޅުކަމެއް ކަމުގައި ބައެއްމީހުން ދެކުނަސް މި ހަރަކާތްތައް ފުރިހަމަވަނީ މީގައި ކިޔާ އެއްޗެހިތައް ކިޔައިގެން ކަމުގައިވާތީ މިމަސައްކަތް ފަށާބަޔަކު ފުރަތަމަ ދުވަސްކޮޅު ކިޔާއެއްޗެހި ކިޔުމަށް ބާރުނޭޅިޔަސް ފަހުން ކިޔާ އެއްޗެހިކިޔުމަށް ބާރުއެޅުކަމީ ނުވެނުދާނެ ކަމެކެވެ.
ގަލޮޅު ދަނޑުގައި ހިންގި ޔޯގާގެ ހަރަކާތް ހުއްޓުވަންޖެހެނީ ކީއްވެ؟
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ”ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.“ މިހެން ބަޔާންކޮށްފައި އޮވެފައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 94/6) ގެ 1 ވަނަ މާއްދާގައި ”ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، …. ،ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެކެވެ.“
މިފަދައިން ބަޔާންކޮށްފައި ވާތީ އިސްލާމްދީން ނޫން އެހެން ދީނެއްގެ ދީނީ ޝިޢާރު ފާޅުކަންބޮޑު ގޮތެއްގައި ފާޅުކޮށް ހެދުމަކީ ދިވެހި ސަރުކާރާއި ރައްޔިތުން އެކަން ހުއްޓުވަންޖެހޭ ކަމެކެވެ. އެހެންނަމަވެސް މިސަރުކާރަކީ އިންޑިޔާގެ އެހީއާއި މަދަދު ލިބިގެން ނޫނީ އަންނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ބައެއްކަމުގައި ނުވާތީ އިންޑިޔާއިން އިސްވެ އޮވެ ކުރާ އެއްވެސް ކަމަކަށް ޤާނޫނު ލާޒިމްކުރިޔަސް ޗުއްޕުވެސް ބުނަން ނުކެރުމަކީ ދިވެހިން އެފަދައިން ޢަމަލުކުރަންޖެހޭ ސަބަބެއް ނޫނެވެ.
ޔޯގާ ހަރަކާތް ހުއްޓުވުމުން ސަރުކާރުން ދިނީ ޢިލްމުވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރަންފެށީ ހައްދުން ނެއްޓި ޤާނޫނުތަކުގެ ބޭރުން ހިތުހުރި ގޮތަކަށެވެ. އެންމެފުރަތަމަ ހައްޔަރުކުރެވުނު ބައެއް މީހުންގެ ޝަރިޢަތެއްނެތި ބަންދައް 60 ދުވަސް ދިނުމަށްފަހު އެމީހުންގެ ފޮޓޯ އާއި ވަނަވަރު މީޑިޔާއަށް ދިނުމަކީ ބޭޒާރުކުރުމާއި އަގުވައްޓާލުމާއި ޖެއްސުންކުރުމުގެ ޢަމަލެކެވެ. މިކަން ކުރުމުގެ އަޑީގައި ހުރީ އިންޑިއަން ކަލްޗްރަލް ސެންޓަރުގެ ޑިރެކްޓަރ ތަންވީން ނަސްރީންއެވެ.
އެހެން ނަމަވެސް ރަސޫލާއަށް ފުރައްސާރަކުރީމަ ފިނިގޮތަކަށް އެކަން ނިންމާލީއެވެ. މިސަރުކާރަކީ ދީނީ ކަންކަމަށް ބާރުއަޅާ ”ސޯލިޙް“ އެއް ވެރިކަމުގައި ހުރި ސަރުކާރެއް ނަމަ ”ސްލޯ“ ކަމުން ރަސޫލާއަށް ފުރައްސާރަކުރި މީހުން މާލަހުން ކުށްވެރިކުރެވުނު ފަދައިން، އިންޑިއާގެ ދީނީ ޔޯގާ ނަމަސްކާރ ޙަރަކާތް ހުއްޓުވި މީހުނަށް ލިބޭނެ އަނިޔާއެއް ލިބި އުޅުނު ވަޒީފާތައް ގެއްލޭފަހުން އެކަން އެވީ ހީކުރިގޮތަކަށް ނޫނޭ، ދެން އަންނަ ސަރުކާރަކުން އެކަން ނުކުރާނެޔޭ އަދި އެއްފަހަރު ހޮވާލަދޭށޭ ބުނަން އަންނަން، މާކަގިނަ ދުވަހެއް ދެން ނުނަގާނެއެވެ. އަދި މިއީ ”ގުޅުން ބަދަހި“ ކުރުމުގެ އަގުނޫން ދެންކޮންއެއްޗެއްތޯއެވެ؟
One Response
ބަލިކަށި ވެރިކަމުގެ އެއްވެސް އެކްސްޕީރިއަންސްއެއް ނެތް ދުނިޔޭގެ އޮޔާއިވައި ނުދަންނަ ތަޢުލީމީ ފެންވަރުވެސް ވެރިކަމުގެ ދާއިރާއަށް ކައިރިވާން، މިފަދަ މީހުން ވެރިކަމަށް އިސްކުރީމާ ދެން ވާނެ 6އެތި މިވީ. ހާދަ ދެރައޭދޯ؟